އެމްޑީޕީގެ 'މިސްރާބު ހަމަ މަގަމަށް' މަޖިލިސް ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ސޯލިހް ވަހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
ނަމަނަމަ ޕާޓީ ބަދަލުނުކުރާތި؛ އެންޓި ޑިފެކްޝަން ބިލް ފާސްކޮށްދީ: ސޯލިހު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިނތިހާބުގައި އެމްޑީޕީގެ ޓިކެޓުގާ ވަދަކޮށްގެން ހޮވޭ ކެންޑިޑޭޓުން ޕާޓީ ބަދަލުނުކުރުމަށް އެދިވަޑައިގެން އެންޓި-ޑިފެކްޝަން ގާނޫނު މި ދައުރު ނިމުމުގެ ކުރިން ފާސްކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ސޯލިހް މިގޮތަށް ވާހަކަ ދެއްކެވީ އެމްޑީޕީގެ 'މިސްރާބު ހަމަމަގަށް' މަޖިލިސް ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ތަފްސީލު - ޕާޓީ ބަދަލުނުކުރާނެ ކަމަށް ކެންޑިޑޭޓުން ލައްވާ ﷲގަންދީ ހުވާކޮށްގެން ފެށި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ އެ ހުވާގެ މަތީގައި ކުރިއަށް އޮތް ފަސް އަހަރު އެ ކެންޑިޑޭޓުން ދެމިތިބުން ކަމަށެވެ. އެ ކެންޑިޑޭޓުން ތެރޭގައި ހުރިހާ ދާއިރާއެއްގެ ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ތިބިއިރު އެ ކެންޑިޑޭޓުންގެ ފަރާތުން ޕާޓީގެ މެންބަރުން ބޭނުންވާ ކަންކަން އެބަހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އަސާސީ ހައްގުތައް ކަށަވަރުކުރެވިފައި އޮންނަން ޖެހޭ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބުރުލެއް އަރައިގެން ނުވާނެ. އެއިން ކަމަކަށް ހުއްޓުމެއް ނުގެނެވޭނެ. ގާނޫނު މަޖިލިސް ތެރެއިން ފާސްވިޔަދީގެން ނުވާނެ، ތިބޭފުޅުން ތިއްބަވައިގެން. ނޫސްވެރިކަމުގެ މިނިވަންކަން އޮންނަން ވާނެ. ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދޭން ވާނެ. [އަދި] ޕާޓީ ދޫކޮށްފައި ނުދާނެކަމުގެ ޔަގީންކަން ތިބޭފުޅުން އަޅުގަނޑުމެންނަށް ދެއްވަން ވާނެ،" ސޯލިހު ވިދާޅުވި އެވެ.
"މިއީ، އެމްޑީޕީގެ އާންމު މެންބަރުން މިއަދު އެދޭ އެދުންތަކަކަކީ. އަޅުގަނޑުމެން ތަޖުރިބާތަކެއްކޮށްފިން، އެހެންވެ މި ވާހަކަ މި ދަންނަވަނީ."
އެއާއެކު ސޯލިހް ވިދާޅުވީ "އަޅުގަނޑަށް ޔަގީން ކުރިއަށް އޮތް ފަސް އަހަރު އެ ބޭފުޅުން އަޅުގަނޑުމެންނާ އެކު ތިއްބަވާނެ" ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އެންޓި-ޑިފެކްޝަން ގާނޫނެއް ވެސް ހުށަހަޅާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ މިހާރުގެ މަޖިލީހުން ދައުރު ނިމުމުގެ ކުރިން އެ [ބިލު] ފާސްކޮށްދިނުމަށް. ފާސްކޮށްދީ، އެ ޔަގީންކަން މެންބަރުންނަށް ހޯދައިދިނުމަށް. އެހެން ނޫނީ އަނެއްކާވެސް މި ގައުމުގެ ފުރޮޅިގެންދާނީ، މުޅިން އެހެން ދިމާލަކަށް. އަނެއްކާވެސް ދާނީ މިސްރާބު ގެއްލިގެން،" ސޯލިހު ވިދާޅުވި އެވެ.
އެ ޖަލްސާގައި ސޯލިހް ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭ އެޅުއްވި ފިޔަވަޅިތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާ އެވެ. މާހިރުން ހުށަހެޅި އަންދާޒާގައި އެތައް ބަޔަކު މަރުވާނެ ކަމަށް ލަފާކުރިއިރު، އޭރު ސަރުކާރުގެ ފުރަތަމަ ވެސް އަމާޒަކަށް ހެދީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުންކަމަށް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ:
-
ވެރިކަމުގައި ތިބޭ ބައެއްގެ އެންމެ ބޮޑު ވާޖިބަކަށް ވާން ވާނީ ރައްޔިތުންނަށް ދިމާވާ ދަތިތަކުން ސަލާމަތް ކުރުން
-
އެކަން ކުރަން ބެލިއިރު ދައުލަތުގައި ފައިސާއެއް ނެތް؛ ރިޒާވްގައި ހުރީ ދޮޅު މަސްދުވަހަށް ބޭނުންވާ ކޮއްތުގެ ފައިސާ
"އެހެން ނަމަވެސް، އެ ދުވަހު ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަޑަށް ނުޖެހި ބަރާބަރަށް ކާބޯތަކެތި އަޅުގަނޑުމެން ގެނައިން. ތެޔޮ ގެނައިން. ސިއްހީ ހިދުމަތް ފޯރުކޮށްދިނިން. އަދި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ވެސް ދައްކަމުން ގެންދިޔައިން. ދޭދޭ ގައުމުތަކާ މެދު އޮތް ގުޅުމުގެ ސަބަބުން ލޯނުތައް ފަސްކުރެވުނު،" ސޯލިހު ވިދާޅުވި އެވެ.
'މި ސަރުކާރަށް އިގްތިސާދު މެނޭޖެއް ނުވޭ'
ސޯލިހު މިދިޔަ ފަސް އަހަރު ވެރިކަންކޮށްފައި ދިޔައީ ގައުމު 'ދަރުވަލާފައި'ކަމަށް ސަރުކާރުގެ ވެރިން ބުނާ ބުނުމަށް ވެސް މިރޭ ރައްދު ދެއްވި އެވެ. އެގޮތުން އޭރު ލޯނުތައް ނަގަން ޖެހުނީ، އެ ހާލަތުގައި އެކަން ކުރަން ޖެހިގެން ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭގެ ފައިދާ ވެސް ރައްޔިތުންނަށް އޭރު ކުރިކަން ފާހަގަކުރެއްވި އެވެ.
"ވިޔަފާރިތައް ބަނގުރޫޓުނުވެ އޮތުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު. ޓުއަރިޒަމް ސެކްޓާ އެހެން ނޫން ނަމަ، ފައިދާ ލިބޭ ގޮތަކަށް ނޫން އޮންނާނީ. ކުދި ވިޔަފާރިތައް ކޮޅަށް ޖެހޭނެ ގޮތް ހޯދައިދިނިން. އެއީ ލޯނު ނަގައިގެން އަޅުގަނޑުމެން ކުރި ކަންތައް. އެއީ، އާމްދަނީ ލިބޭ އިންވެސްޓްމަންޓްތައް،" ސޯލިހު ވިދާޅުވި އެވެ.
"އެހެން ނޫން ނަމަ، މިއަދު މި ގައުމު މިހެނެއް ނޯންނާނެ."
އެއާ ވިއްދާ އެމަނިކުފާނު ވިދާޅުވީ، "ހަގީގަތުގައި މިއަދު ވެގެން މިއުޅެނީ މެނޭޖް ކުރަން ނޭނގުން" ކަމަށެވެ.
"މެނޭޖް ކުރަން ނޭނގިގެން މިއުޅެނީ،" ތަކުރާރުކޮށް ދެވަނަ ފަހަރަށް ވިދާޅުވި އެވެ.
މި ސަރުކާރުންގެ ވެރިން މުޅިން ވެސް ކިޔަމުން ދަނީ " ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު"ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ގައުމިއްޔަތުގެ ވާހަކަ ދައްކަވާތީ އެކަމަށް ވެސް ރައްދު ދެއްވި އެވެ.
"ބަލަ މިއީ، ހިނގަހިނގާ އޮތް ގައުމެކޭ. މި ރާއްޖޭގައި މީހުން ދިއުޅޭތާ 2،000 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އިސްލާމް ދީން ގަބޫލުކުރިތާ 900 އަހަރު މި ވަނީ. ގައުމިއްޔަތެއް އޮތް މިނިވަން ގައުމެއް މިއީ. އެހެން ނަމަވެސް، މިއަދު ވެރިކަމުގެ ތިއްބެވި ބޭފުޅުންނަށް ހީވަނީ މިއީ އާ ގައުމެކޭ. ގައުމިއްޔަތެއް އަލަށް ގެނެސްގެން އުޅެނީ. ބަލަ، މިވީހާ ދުވަހު މި ގައުމު ހިންގިއޭ ބަޔަކު. ހަމަ އެ ހުރިހާ ކަމެއް ބަރާބަރަށް ހިނގަމުންނޭ ދިޔައީ. އަޅުގަނޑު ދަންނަވާނީ ހަމަ ބޯހަރީއޭ، ގޮތްދޫނުކުރަނީއޭ،" ސޯލިހު ވިދާޅުވި އެވެ.