ރައްޔިތުންގެ މަޖިލީހުގެ ތަޅުން

ގޮނޑި ގެއްލުން އިހްތިޔާރީވާ ގޮތަށް އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފި

މިހާރު ބިލު އޮތީ ރީކޯލް ވޯޓުވެސް ނުނަގާ ގޮތަށް؛ އެ ބާބު އެއްކޮށް ބިލުން ކޮމިޓީ މަރުހަލާގައި ވަނީ އުނިކޮށްފައި

 އެންޓި ޑިފެކްޝަން ބިލުގައި މެންބަރުކަމުގެ ގޮނޑި ގެއްލުން އިހްތިޔާރީކަމެއްގެ ގޮތުގައި ހަދައި އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި ބޮޑެތި ބަދަލުތަކާ އެކު، މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތަޅުމަށް ހުށަހެޅި އެވެ. ތަޅުމުން ފާސްކުރީ ކޮމިޓީން ނިންމާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު އެ ގޮތް ގޮތަށް ފާސް ކުރުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްވީ 33 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް ވޯޓް ދެއްވީ ހަ މެންބަރެކެވެ.

ތަފްސީލު - ބިލް މަޖިލީހަށް ހުށަހެޅި އިރު، އޭގައި ބަޔާންކޮށްފައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެވެެ. ކޮމިޓީން ބިލު ތަޅުމަށް ފާނުވި އިރު "ގޮނޑި ގެއްލޭނެ ހާލަތު"ގެ ބަދަލުގައި އެ މާއްދާގެ އަރިމަތީ ސުރުހީ ކޮމިޓީން އިސްލާހުކޮށްފައި ވަނީ މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތައް" އެގޮތަށެެވެ.

އެގޮތަށް އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އަރިމަތީ ސުރުހީގައި މެންބަރުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަމަށް ބުނެފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ހާލަތްތަކެއް ކަމުގައިވާތީ ކަމަށެވެ.

އެގޮތަށް އިސްތިއުފާ ދޭނެ ހާލަތްތަކުގެ ގޮތުގައި އޮތީ ބިލު ހުށަހެޅި އިރު ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ މައިގަނޑު ތިން ހާލަތެވެ. އެއީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން

  • 2-

    އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން

  • 3-

    އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" އެވެ. އިހްތިޔާރީ ކަމެއްގެ ގޮތުގައި އެ އިިބާރާތް ލިޔެފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ، އަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައެެއް ނުވެ އެވެ.

ދެން ބިލަށް ގެނެސްފައިވާ އިސްލާހަކީ، ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. ބިލުގެ ތިން ވަނަ މާއްދާގެ (ނ)އާ އެކު އެ މާއްދާގެ ފަހަތައް އިތުރު ކުރި ދެ އަކުރުގައި ބުނަނަނީ:

  • އިންތިހާބުވި ޕާޓީން، އެ މެންބަރުގެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް

  •  އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ

  • އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ 

ބިލު މަޖިލީހަށް ހުށަހެޅިއިރު، ޕާޓީން ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ގޮތުގައި ބަޔާންކޮށްފައި ވަނީ އެ މެންބަރު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ރީކޯލް ވޯޓެއް ނެގުމަށެވެ. އަދި އެ ހާލަތުގައި އޭނާގެ ގޮނޑި ގެއްލޭނީ އެ ވޯޓުގައި އަގުލަބިއްޔަތު މެންބަރުން އޭނާ އެ މަގާމުގައި ބަހައްޓަން ނުފެންނަ ނަމަ އެވެ. ނަމަވެސް އެ މާއްދާތައް ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.

އޭގެ އިތުރުން ރިކޯލް ވޯޓާ ގުޅޭ މުޅި ބާބު ވެސް ކޮމިޓީން ވަނީ އުނިކޮށްފަ އެވެ. އެހެން ކަމުން، ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި ރީކޯލް ވޯޓު ނުނަގާ ގޮތަށް ކޮމިޓީން އޮތީ ނިންމާފަ އެވެ. ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނީ:

  • "މި ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ރީކޯލް ވޯޓު ނުނަގައި ހާސިލުކުރެވޭނެ ގޮތަށް ބިލުގެ އެހެން މާއްދާތައް އިސްލާހުކޮށްފައި ވަތީ، މި ބާބު މި ބިލުގައި އޮތުން މުހިންމު ނޫން ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ކުރެވޭތީ"

  • އެ އިޝާރާތް ކުރި އިސްލާހުތަކަކަކީ، ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތްތަކާ ގުޅޭ މައްދާތަކެވެ.

މަޖިލީހަށް ބިލު ހުށަހެޅިއިރު، މަޖިިލީހުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލް މެންބަރުންނާއި އަންހެހުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންވެެސް، މި އުސޫލުގެ ދަށުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް ސިޓީ ކައުންސިލް މެންބަރުން ހިމަނާފައި ނުވެ އެވެ. ކޮމިޓީން ނިންމާފައި ވަނީ، މި ލިސްޓުގައި އިސްތިއުފާ ދޭނެ މީހުންގެ ތެރޭގައި ސިޓީ ކައުންސިލް މެންބަރުންވެސް ހިމެނުމަށެވެ.

އެނގުން މުހިންމު - މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކުރަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގަ އެވެ. އިންތިހާބުވާ ޕާޓީ ބަދަލު ކުރުމާއި އެ ޕާޓީއަކުން ވަކިވުމުން، ގޮނޑި ގެއްލޭނެ ކަމަކަށް އެ މައްދާގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެންޓި ޑިފެކްޝަން ބިލެއްގައި ގޮނޑި ގެއްލޭނެ ކަމަށް ބަޔާން ކުރެވޭނީ ގާނޫނުއަސާސީއަށް އެ ގޮތަށް އިސްލާހު ގެނެސްގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް