ބޭރުގައި ފިއްލަވައިގެން ހުންނެވުމަށް ފަހު، ދައުވާތައް އަނބުރާ ނެގުމާ އެކު އަލީ ވަހީދު މާލެ ވަޑައިގެން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އެމްޑީޕީ

އަލީ ވަހީދުގެ މައްސަލައިގައި އިތުރު ހެކި ހުރެއްޖެ ނަމަ ފިޔަވަޅު އަޅާނެ: އެމްޑީޕީ

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ޖާބިރުގެ ޓިކެޓް އަތުލި ހާލަތާއި އަލީ ވަހީދުގެ މައްސަލައިގެ ހާލަތު ތަފާތު

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިތުރު ހެކި ހުރެއްޖެ  ނަމަ، އޭނާއާ މެދު ޕާޓީން ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގެ ވާހަކަ އަނެއްކާވެސް ފެންމަތިމިވީ ތަހުގީގަށް ދީފައިވާ ބަޔާންތަކެއް މިދިޔަ މަހު ލީކުވުމާ އެކު އެވެ. އެގޮތުން:

  • ބަޔާންތައް ލީކްވެފައިވަނީ، އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެނުންގެ ހެކިބަސްތައް އަނބުރާ ގެންގޮސްފައި ވަނިކޮށް

  • އެ ބަޔާންތައް އަނބުރާ ގެންދިޔުމުން، މިދިޔަ ޖޫން މަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ނަގާފައި

ވީ ކިހިނެއް؟ - ބަޔާންތައް ލީކްވުމުން ވެސް މި މައްސަލައިގައި އެމްޑީޕީ ހަނު އޮތުމުން، ވެރިކަމުގައި އޮތް ޕީއެންސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ޕާޓީއަށް ތުހުމަތުތަކެއްކޮށްފަ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލު ކުރުމުން އެ ޕާޓީގެ މަޖިލިސް ކެމްޕެއިން ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވަނީ ޖަވާބުދެއްވާފަ އެވެ.

ބުނީ ކީކޭ؟ - "އެފަދަ [ޓިކެޓް އަތުލާނެ] ހާލަތެއް އޮވެއްޖެ ކަމަށްވާ ނަމަ އަދި މިސާލަކަށް އެ މައްސަލައިގައި އިތުރު ހެއްކެއް ހޯދި، ތަހުގީގީ އިދާރާތަކުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ނިންމައި، ތަހުގީގުކޮށް، ދައުވާ ކުރެވޭނެ އެއްވެސް ކަމެއް ފެންމަތިވެގެން އައިސްފި ނަމަ [ނުވަތަ] އަތުވެއްޖެ ހާލަތެއްގައި ދެން މި ޕާޓީން އަޅަން ޖެހޭ ފިޔަަވަޅު އަޅާނެ،" އަލީ ވަހީދުގެ ޓިކެޓް އަތުލާނެ ހާލަތެއް އެބަ އޮތް ކަމަށް އެމްޑީޕީން ގަބޫލުކުރަންތޯ ސުވާލުކުރުމުން އީސަ ވިދާޅުވި އެވެ.

ތަފްސީލު - އީސަ ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި މި މައްސަލަ ފެންމަތިވެ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިސާބަށް އެ ޝަކުވާ އައުމުން އެމަނިކުފާނު އަޅަން ޖެހޭ ފިޔަވަޅު އެޅުއްވި ކަމަށެވެ.

"އެ މައްސަލަތައް ތަހުގީގުކުރަން ތަހުގީގީ އިދާރާތަކާ ހަވާލުުކުރެއްވި. އަދި ތުހުމަތު ކުރެވުނު ފަރާތް [އަލީ ވަހީދު] ކެބިނެޓުން އެއްފަރާތް ކުރި. ނުފޫޒެއް ނެތި ތަހުގީގަށް ޖާގަ ދިނުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ކުރި،" އީސަ ވިދާޅުވި އެވެ.

މިރޭ އެމްޑީޕީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން މި ކަންބޮޑުވުން ފާޅުކުރެއްވީ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދެވެ.

އީސަ ވިދާޅުވީ ހީނާ އެ ވާހަކަ ދެއްކެވުމުން އޭނާ "ލަދުގަންނަ" ކަމަށެވެ.

"އެކަމުގައި [އަލީ ވަހީދު މައްސަލައިގައި] ދެން އެންމެ ބޮޑަށް ތުހުމަތުކުރެވުނު ބޭފުޅާ [އޭރު ޓުރިޒަމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން] މިއަދު ވެސް ހުންނެވީ، ރައީސް މުއިއްޒުގެ ކަޅު ދަބަސް ހިއްޕަވައިގެން ފަހަތްޕުޅުގައި،" އީސަ ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ކެމްޕޭން ތަރުޖަމާނު ހީނާ ވަލީދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ޕީއެންސީ)

އޭގެ އިތުރުން އީސަ ވިދާޅުވީ:

  • އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް މި ފަހުން އެ ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފެންމަތިވުމުން، "މިއަދު ވެސް ހުންނެވީ ބާރާއި ނުފޫޒާ އެކު މަގާމުގައި"

  • އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާއަކާ ވެސް ހަވާލެއް ނުކުރޭ

  • އެ މައްސަލަ ބަލަން ކުންފުނިން އެކުލަވާލި އިންޓާނަލް ކޮމިޓީ ވެސް އެކުލަވާލާފައިވަނީ ގޯސްކޮށް؛ އެ ކޮމިޓީގައި ބައްސާމްއާ ތިމާގެ ބޭފުޅަކު ހިމެނޭ

"އެހެންވީމަ ހީނާ ވަލީދަށް ދަންނަވާ، ފުރަތަމަ ގޭތެރެ، ތިބޭފުޅާގެ ގޭތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރައްވާފައި ދެން ހުރި ކަންކަން ދައްކަވާށޭ،" އީސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގޭތެރެ، އަޅުގަނޑުމެން ރަނގަޅު ކުރަން ޖެހުނު ވަގުތު ބަރާބަރަށް ރަނގަޅު ކުރީމޭ."

 ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް އަތުލިއިރު، އަލީ ވަހީދުގެ ޓިކެޓް އަތުނުލައްވަނީ ކިއްވެގެންތޯ އެ ދުވަހު ހީނާ ސުވާލު އުފެއްދެއްވި އެވެ.

އެ ސުވާލު އީސައަށް އަމާޒު ކުރުމުން ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ އާއި ޖާބިރުގެ މައްސަަލައަކީ، "ތަފާތު ދެ ހާލަތެއްގައި އޮތް ދެ ކަމެއް" ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ޖާބިރު ރަށްރަށަށް އަރާ ކުޑަކުދިންނާއި އަންހެންނުން އަދި އައިލާތައް ކުރިމަތީގައި "ރޯ އައުގުރާނަ" ގޮވާ ވީޑިއޯ މުޅި ޝޯޝަލް މިީޑިއާގައި ދިޔައީ ދައުރުވަމުން

  • ޖާބިރާ މެދު އެ ފިޔަވަޅު އެމްޑީޕީން އެޅީ، އޭނާގެ ފަރާތުން ފެންނަމުން ދިޔަ "އަހްލާގީ ގޮތުން ވަރަށް ދަށް ފެންވަރެއްގެ އަމަލުތަކުގެ ސަބަބުން"؛ އަދި އޭގެ ސަބަބުން އެމްޑީޕީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް  ވަމުންދާކަމަށް ގަބޫލުކުރެވޭތީ

"މި ޕާޓީއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް. އަދި މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުނަސް، އެއް ކަމެއްގައި [ޖާބިރު މައްސަލައިގައި] ތުހުމަތެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ފެންނަން ހުރި ހަގީގަތެއްގެ ވާހަކަ މި ދައްކަނީ. އަނެއް ކަމެއްގައި [އަލީ ވަހީދު މައްސަލައިގައި] މި ދައްކަނީ ތުހުމަތެއްގެ ވާހަކަ،" ދެ މައްސަލައިގެ ތަފާތު ދައްކަވަމުން އީސަ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް