ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ)
އަލީ ވަހީދުގެ ޓިކެޓް އަތުނުލާތީ ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އެ މިނިސްޓްރީގެ މުވައްޒަފުންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި އަލީ ވަހީދުގެ މަޖިލިސް ޓިކެޓް އެ ޕާޓީން އަތުނުލާތީ، ވާދަވެރި ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ އަލުން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގެ ވާހަކަ އަނެއްކާ ވެސް ފެންމަތިމިވީ ތަހުގީގަށް ދީފައިވާ ބަޔާންތަކެއް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ލީކުވުމާ އެކު އެވެ.
-
އެ ހެކި ބަސްތައް އަނބުރާ ގެންދިޔުމުން، (ޕީޖީގެ އޮފީހުން ވަނީ އޭރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިދިޔަ ޖޫން މަހު އަނބުރާ ގެންގޮސްފައި
އެ ބަޔާންތައް ލީކްވިއިރު ވެސް، އެކަމާ ގޫޅޭ ގޮތުން އެމްޑީޕީން އެއްޗެއް ބުނެފައި ނުވާތީ، މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ބުނީ ކީކޭ؟ - "މިފަދަ އެހެން މައްސަލައެއްގެ އެހެން ކެންޑިޑޭޓެއްގެ ޓިކެޓް އަތުލި. އެއީ ޕާޓީގެ އުސޫލާ ހިލާފުވި ކަމަށް ބުނެ. އެހެން ނަމަވެސް އަލީ ވަހީދުގެ ޖިންސީ އަނިޔާ އާއި ރޭޕްގެ ގިނަ މައްސަލަތަކެއް ކުރިން ވެސް ފެންމަތިވެ، މިހާރު ޕީޖީން އެ މައްސަލަ އަނބުރާ ގެންދަވާފައި ވަނިކޮށް، އަނެއްކާ ވެސް މިކަންތައްތައް ފެންމަތިވުމުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެން ސުވާލު އުފައްދަން ބޭނުންވޭ، އެއީ ޕާޓީގެ އުސޫލާ އެއްގޮތްވާ ކަމަކީތޯއޭ،" އަހްލާހީ މައްސަލަތަކެއްގައި އެމްޑީޕީން މަޖިލިސް ޓިކެޓް އަތުލި ކާށިދޫ ދާއިރާއަށް ވާދަ ކުރައްވާ އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލުމަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވި އެވެ.
"މިކަމާ އެމްޑީޕީން އެއްވެސް ބަހެއް ބުނެފައި ނުވޭ...އެޕާޓީގެ އަންހެނުންގެ ރޫހުން ވެސް ނެތް އެއްޗެއް ބުނެފައި."'
ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އަލީ ވަހީދު ފަދަ ސީރިޔަސް ތުހުމަތުތަކެއް ކުރެވެފައިވާ މީހަކު މަޖިލީހުގެ މެންބަރަކަށް އައުމަކީ، މަޖިލީހަށް އިންތިހާބުވާ "ކަނބަލުންނަށް ވެސް ވަރަށް ބޮޑު ނުރައްކާތެރި ކަމެއް" ކަމަށެވެ. އަދި އެއީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އަދި ހިތާމައާ އެކު ފާހަގަކޮށްލަން އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު، ހާއްސަކޮށް އަލީ ވަހީދުގެ މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެޗެއް ބުނެފައި ނުވާކަން. އަޅުގަނޑުމެން ހަމަ ސުވާލުކޮށްލަން ބޭނުންވޭ މިކަމަކީ ހަގީގަތުގައި ޕާޓީގެ އުސޫލާ އެއްގޮތްކަމަކީތޯ،" ހީނާ އަނެއްކާ ވެސް ތަކުރާރުކޮށް ސުވާލު އުފެއްދެއްވި އެވެ.
އަލީ ވަހީދުގެ މައްސަލައާ ގުޅޭގޮތުން ހީނާ ވިދާޅުވީ:
-
އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ ކޮވިޑްގެ ތެރޭ ފެންމަތިވުމުގެ ކުރިން "ވިކްޓިމްސް"، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކަންކަން ހިއްސާ ކުރެއްވުމުން އެމަނިކުފާނު ކީރިތި ކުރެއްވިކަން ނޫސްތަކުގެ ހެޑްލައިންތަކުގައި އޮތް
-
އެ މައްސަލަ ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ފެނުނީ ވީއައިޕީ ލޯންޖުގައި ފުރައިގެން ދިޔައީ؛ "ސަރުކާރުން މައްސަލަ އޮއްބާލަން ފުރުވާލީ"
-
އޭނާ ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނު ނަމަވެސް، ހާޒިރު ނުކުރެވުނު
-
އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ދެއްވި ޕްރެސްކޮންފަރެންސްގައި ވިދާޅުވީ، "ސަރުކާރުގެ ވެރިން ކޮމްޕޮރަމައިޒު ވާނެ ކަހަލަ ވާހަކަތަކެއް ތިމަންނަ އަތުގައި އެބަހުއްޓޭ
-
ސޯލިހް ޓީވީ ޕްރޮގްރާމެއްގައި އޭރު ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް ކަމަށް
-
އޭގެ ފަހުން މައްސަލާގައި ހިމެނޭ "ވިކްޓިމްސް" ބަޔާންތައް އެމީހުން އަނބުރާ ގެންދިޔަ
"މިއީ އަސްލު ކަންހިނގާފައި އޮތް ގޮތަކީ. އަޅުގަނޑު ސުވާލު އުފައްދަން ބޭނުންވަނީ އެމްޑީޕީގެ ލީޑާޝިޕް ކޮމްޕުރޮމައިޒް ވާފަދަ އެއްޗެއްހިތަކެއް ހަމަ އަލީ ވަހީދުގެ އަތްޕުޅުގައި ހުރީތޯއޭ؟ ނުނީ އެބޭފުޅުން މިކަމުގައި ބަހެއް ވިދާޅުނުވަނީ މިކަމަކީ ޕާޓީގެ އުސޫލާ އެއްގޮތް ކަންތައްތަކަކީތޯއޭ،" ހިނާ ސުވާލު އުފެއްދެއްވި އެވެ.