މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އެމްޑީޕީން ވަކިކުރީ ގޯސްކޮށް، އަމިއްލަ ގޮތުން ވާދަކުރާނަން: ޖާބިރު

ޖާބިރު ވިދާޅުވަނީ އެމްޑީޕީން އޭނާ ވަކިކުރި މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ދައުވާކުރައްވާނެ ކަމަށް

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުކަމުން އޭނާ ވަކިކުރީ ގޯސްކޮށް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ކާށިދު ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަހުލާގީ މައްސަލަތަކެއްގައި ޖާބިރު ޕާޓީން ވަކިކުރިކަން އެމްޑީޕީން އިއުލާން ކުރީ ރޭގަ އެވެ. މި ނިންމުން އައިސްފައި މި ވަނީ، އާދިއްތަދުވަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރައްވައި، ޓިކެޓް ވެސް ޔަގީންކުރެއްވި ފަހުންނެވެ.

ތަފްސީލު - އެ ނިންމުމާ ގުޅިގެން ޖާބިރު މިއަދު 'ދައުރު'އަށް ވިދާޅުވީ އެއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އެކަމާ ގުޅިގެން ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ވެސް ކުރައްވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒު [އިސްމާއިލް]އާ، އެ ނިންމުން ނިންމި ގައުމީ މަޖިލިސް މެންބަރުންނަށް ދައުވާ ކުރާނަން،" ޖާބިރު ވިދާޅުވި އެވެ.

" އަޅުގަނޑު ކާށިދޫ ދާއިރާއަށް ވާދަކުރާނަން. އިންތިހާބު ކާމިޔާބު ވެސް ކުރާނަން." 

'ދައުރު'އާ ވާހަކަދެއްކެވި އިރު އޭނާ އުޅުއްވަނީ ދަތުރެއް މަތީގަ އެވެ. އެހެންކަމުން މާ ގިނައިރު ވާހަކައެއް ނުދައްކަވަ އެވެ.

މިދިޔަ ޖޫން މަހު ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތްކަމުގެ ފޯމު ރައީސް ސޯލިހަށް އަރުވަނީ (ދައުރު ފޮޓޯ)

އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި އޭނާ ވަކިކުރި އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރެއްވުމެވެ.

"މިކަމަކީ މި ޕާޓީ އާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު ޖާބިރު 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި އަދި މިއަދުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިހާރު ނިމެމުންދާ 19 ވަނަ މަޖިލީހަށް 2019ގައި ޖާބިރު އިންތިހާބުވެވަޑައިގެންނެވީ، އެފަހަރު އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމާ އެކު އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

އަމިއްލަ ގޮތުން ހޮވިގެން އޭނާ ފުރަތަމަ މަސައްކަތްކުރެއްވީ އޭރު އެއްވެސް ބާރެއް ނެތް ޑީއާރުޕީ ނަގާ ކޮޅަށް ޖެއްސެވޭތޯ އެވެ. އޭގެ ފަހުން އެ ޕާޓީ އުވާލުމާ އަނެއްކާވެސް ހުންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން ޖޫން މަހު އެވެ. 

ކޮމެންޓް (1)

އަޚުލާގީ

6 ފެބްރުއަރީ 2024
ޖާބިރަކީ އެހާ އަޚުލާގީ ފެންވަރު ދައްމީހެއްކަމުގަ އަހަރެން ޤަބޫލުނުކުރަން އަހަރެންނަކީވެސް ޔޮޓްޓުވާސްގަ މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަހަރެންނަށް ފެނުނުތަނުގަ ޖާބިރަކީ އެހާއަޚުލާގީ ފެންވަރު ދައްމީހެއްނޫން
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް