ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

އެމްޑީޕީ

ޖާބިރުގެ އަހުލާގީ މައްސަލައެއްގައި އެމްޑީޕީގެ ޓިކެޓް އަތުލައި، ޕާޓީން ވެސް ވަކިކޮށްފި

އެމްޑީޕީން ބުނީ ޖާބިރުގެ އަމަލްތައް ހުރީ މުޖުތަމައުގެ އަހުލާގީ މިންގަނޑާ ހިލާފަށް ކަމަށް. އޭނާއަށް ދެން އެމްޑީޕީއަށް ވެންނެވޭނީ ގައުމީ މަޖިލިހުން ފާސްކޮށްގެން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ ޓިކެޓު ކާމިޔާބުކުރައްވާފައިވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަހުލާގީ މައްސަލަތަކެއްގައި އެ ޕާޓީން މިރޭ ވަކިކޮށް، އިންތިހާބުގެ ޓިކެޓު ވެސް އަތުލައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕްރައިމަރީގައި ޖާބިރު ވަނީ 252 ވޯޓާ އެކު ޕްރައިމަރީ ކާމިޔާބުކުރައްވައިފަ އެވެ.

އެކަމު މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޖާބިރު އެ ޕާޓީން ވަކިކޮށް، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވަން ފުރުސަތު ނުދޭން ވެސް ނިންމި ކަމަށެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި އޭނާ ވަކިކުރި އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރެއްވުމެވެ.

"މިކަމަކީ މި ޕާޓީ އާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު ޖާބިރު 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި އަދި މިއަދުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

މި ފިޔަވަޅުގެ އިތުރުން އަލުން އެމްޑީޕީއަށް ޖާބިރު ވެންނެވުމަށް ވެސް ހުރީ ދަތިތަކެކެވެ. އެގޮތުން ކަނޑައަޅާފައި ވަނީ:

  • ޖާބިރަށް އަލުން އެމްޑީޕީއަށް ވެންނެވޭނީ ގައުމީ މަޖިލިހުން ނިންމައިގެން

  • ގައުމީ މަޖިލިހުން ޖާބިރަށް އެމްޑީޕީގެ މެމްބަރުކަން ދިނަސް، އެދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތެއްގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދައެއް ނުކުރެއްވޭނެ

އެނގުން މުހިންމު - ޖާބިރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިއަ ޖޫން މަހުގެ ތެރޭގަ އެވެ. އޭނާ މިހާރުގެ މަޖިލިހަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ. 

އަހުލާގީ މައްސަލައެއްގައި އެމްޑީޕީން ޖާބިރާ ދެކޮޅަށް ފިޔަވަޅު މި އެޅީ އޭނާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި ދުވަސްވަރެއްގަ އެވެ. ބައެއް ވީޑިއޯތަކުގައި އާންމުންނާ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާތަން ފެނެ އެވެ. އަދި ވަރަށް ހުތުރު ގޮތްގޮތަށް އަތުން އިޝާރާތް ވެސް ކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް