ރައީސް މުއިއްޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ސަރުކާރުގެ މައުލޫމާތު ނުލިބިގެން އާރުޓީއައި ލާ ހިސާބަކަށް ނުދާނެ: ރައީސް

ކުރީގެ ސަރުކާރުތަކުގައި ބައެއް މައުލޫމާތުތައް ނުދީގެން އާރުޓީއައި ހުށަހަޅައިގެން ވެސް ބައެއް މައުލޫމާތުތައް ނުދީ ހިފެހެއްޓި

މި ސަރުކާރުގެ މައުލޫމާތުތައް ނުުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ފޯމު ހުށަހަޅަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލުމާތު ހިއްސާ ކުރާނަން. އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން ދިމަލެއް ނުވާނެ...ތިބޭފުޅުން އާރުޓީއައި ލާން ޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއް ނުވޭ ލާން ޖެހޭނެހެނެއް،" މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

"ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - އެ ނުކުތާގައި ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ނަގާފައި އޮތީ "ވަރަށް ހީވާގި ޓީމެއް" ކަމަށާއި އެބޭފުޅުން ރެއާއި ދުވާލު މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ހުރިހާ ކަމެއް ވެސް ނިންމަމުންދާން. އަދި ވީހާވެސް ރައްޔިތުންނާ އެންގޭޖްވަމުން، މަޝްވަރާ ކުރަމުންދާން،" ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި 10 ކަމެއް ހާމަކުރެއްވުމަށް ފަހު ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުގެ ޓީމު، ކެބިނެޓު އަދި ކުންފުނިތަކުގެ އެމްޑީން [އާއި] ދެން ވެސް ތިއްބެވި ހުރިހާ ވެރިން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި. އެ ނޫން ގޮތަކަށް މަސައްކަތެއް ނުކުރާނެ. އަދި މަސައްކަތް ކުރާނީ ދެ ފުށް ފެންނަ ގޮތަށް،" ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން 16 ވަޒީރުން އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ފަހަތުގައި ބައެއް ވަޒީރުން (ފޮޓޯ/ރައީސް އޮފީސް)

އޭގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި:

  • ހުރިހާ މިނިސްޓްރީތަކުގައި ވެސް މީޑީއާ ޔުނިޓްތައް އުފައްދާނެ، މިހާރު ވެސް ބައެއް މިނިސްޓްރީތަކުން ވަނީ އުފައްދާފައި

  • އެ ތަންތަނުން ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ވެސް ހާމަ ކުރަމުންދާނެ

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވަރަށް އަވަހަށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މާލޭގެ އެކި ތަންތަނަށާއި ރަށްރަށަށް ވަޑައިގަންނަވާނެ އެވެ. މަސައްކަތް ކުރަން ބޭނުން ވަނީ، ރައްޔިތުންނާ ގާތުންކަން ރައީސް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރު ހަބަރުތައް ކިޔާލަން:

ފާހަގަކޮށްލެވޭ - ސަރުކާރުގެ މައުލޫމާތު ހޯދުމަށް އާރުޓީއައި ލާން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރީގެ ސަރުކާރުތަކުގައި ބައެއް ކަހަލަ މައުލޫމާތުތައް ހާމަނުކޮށްގެން އާރުޓީއައި ހުށަހަޅައިގެން ވެސް ބައެއް މައުލޫމާތުތައް ނުދީ ހިފަހައްޓާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް