ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އާސަންދައިން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖައްސަން ނިންމައިފި

މެޑިކަލް ޗެކަޕަށް އެކި އުމުރުފުރާތަކަށް އެކި ޕެކޭޖުތައް ކަނޑައަޅައި ޗެކަޕް ހެދުމަށް މީހުން ހޭލުންތެރިކުރާނެ ކަމަށް ރައީސް ވިދާޅުވި

ދަރިމައިވުމާ ގުޅޭ މައްސަލަތަކުގެ ފަރުވާ އާއި މެޑިކަލް ޗެކަޕްގެ ހިދުމަތް އާސަންދަ އިން ލިބޭ ގޮތަށް ހަމަޖައްސަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާން ކުރައްވައިފަ އެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި މެޑިކަލް ޗެކަޕް އާސަންދައިގެ ތެރޭގައި ހިމެނުމަކީ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދިނުމުގެ ފިޔަވަޅެކެވެ.

ބުނީ ކީކޭ؟ - "ހާއްސަކޮށް، ގައިންގަޔަށް ނާރާ، ވަރަށް ނުރައްކާތެރި ބަލިތައް އަޅުގަނޑުމެންގެ ތެރޭގައި އެބަ ފެތުރޭ. އެކަންކަމުން ދުރާލާ ރައްކާތެރިވުމުގެ މަގުފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް - ރައީސް ވިދާޅުވިގޮތުގައި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ގަވާއިދުން އަހަރަކު ދެ ފަހަރު އާސަންދައިގެ ޕެކޭޖުތަކެއްގެ ދަށުން އެކި ޓެސްޓުތައް ހަދައިދޭނެ އެވެ.

އެކަން ކުރާނީ:

  • ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން

  • ސަރުކާރުގެ ތަންތަނުން ލިބެން ނެތް ހިދުމަތެއް ނަމަ، އާސަންދައިގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ވެސް ޗެކަޕް ހެދޭނެ

"އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު އެއީ، ބަލި ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިކުރުން. ޕްރިވެންޓިވް ހެލްތުކެއާއަށް ވަރަށް ބޮޑު އިސްކަމެއް ދޭން ނިންމާފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެން އެންމެންނަށް ވެސް އެވެއާނެސް ޕްރޮގްރާމްތައް ވެސް ހިންގާނެ، ޗެކަޕް ހެދުމަށް ބާރުއަޅާ."

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، މެޑިކަލް ޗެކަޕް ހެދުން އާސަންދައިގެ ތެރޭގައި ހިމެނޭ ހިދުމަތެއްގެ ގޮތުގައި ހަމަޖައްސަން ނިންމެވި އިރު އެކަން މިހާރު އޮންނަނީ އެގޮތަށް ނޫން ކަމަށެވެ.

"އެހެނެއް ނޫން، މިހާރު ވެސް ބައެއް ކަންކަމުގައި ހުރޭ، ޓެސްޓުތައް ހެދެން. އެހެން ނަމަވެސް، އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ކަހަލަ ޕެކޭޖުތައް މީގެ ތެރެއަށް އަޅުގަނޑުމެން ކަނޑައަޅާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ޕެކޭޖުތައް އިއުލާން ކުރާނެ ކަމަށެވެ.

މެޑިކަލް ޗެކަޕްގެ އިތުރުން ވެސް އާސަންދައާ ގުޅޭ ދެ ކަމެއް ކެބިނެޓުން މިއަދު ނިންމި އެވެ. އެއީ:

  • އާސަންދަ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދާއިރު، އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުވާ ނަމަ މިހާރު އަތުން ކުރަންޖެހޭ ހަރަދު އާސަންދައިން ހަމަޖެހޭނެ އިންތިޒާމު ގާއިމުކުރުން؛ އެކަން ކުރާނީ ގްރޭޑުތަކަކަށް ހޮސްޕިޓަލުތައް ބަަހާލައިގެން 

  • ދަރިމާވުމާ ގުޅޭ މައްސަލަތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛ އޭގެ ތެރޭގައި އެންމެ އާންމުކޮށް ހޯދާ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ ވެސް ހިމެނޭ

މިހާރު އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ފާޓިލިޓީ ސެންޓަރު ފުޅާކޮށް، އެކަމަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަށާއި އެ ބާވަތުގެ ފަރުވާއަށް ސަރުކާރުގެ ބަޖެޓުން 30 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރުމަށް ނިންމާފައިވާކަން ވެސް ރައީސް ހާމަކުރެއްވި އެވެ.

އެނގުން މުހިންމު - މެޑިކަލް ޗެކަޕް އާއި އައިވީއެފް ފަރުވާ އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުކުރުމުގެ ހަރަދު އާސަންދައިގެ ތެރޭގައި ހިމެނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކެކެވެ.

ފަސްމަންޒަރު - ދަރިމައިވުމުގެ މައްސަލަތަކަށް އައިވީއެފްގެ ފަރުވާ ހޯދާ މީހުން ރާއްޖޭގައި ވަރަށް ގިނަ އެވެ. ނަމަވެސް، އެ ފަރުވާގެ އަގުބޮޑުކަމާ އެކު، އާސަންދައިން އެ ހަރަދު ހަމަޖައްސައިނުދޭތީ އާންމުންގެ ކަންބޮޑުވުން ބޮޑެވެ. 

މީގެ އިތުރުން، ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ސިއްހީ މާހިރުން ލަފާދިން ނަމަވެސް، އެއީ ވެސް އާސަންދައިގެ ތެރޭގައި ހިދުމަތެއް ނޫނެވެ. އަމިއްލަ ހޮސްޕިޓަލް އޭޑީކޭގައި ބޭސިކް މެޑިކަލް ޗެކަޕެއްގެ އަގު އުޅެނީ 3،500 ރުފިޔާގަ އެވެ. އަދި އަންހެންނުންގެ ޗެކަޕެއްގެ އަގަކީ 4،500 އެވެ. އައިޖީއެމްއެޗްގައި މި ހިދުމަތް ހޯދެނީ ޑޮކްޓަރަކަށް ދައްކައިގެންނެވެ. ނަމަވެސް، ޓެސްޓުތަކަށް ވަކިން ފައިސާ ނަގަ އެވެ. 

ކޮމެންޓް (1)

ޢަމިނަތު

5 ޑިސެމްބަރު 2023
ދެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތަަށް ވެސް މާލެ ގޮސް ގެން ތޯ ޓެސްޓު ހަދަން ޖެހޭނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް