ދިވެހި ހައްޖާޖީންތަކެއް މައްކާއަށް ދަތުރު ފެށުމަށް މަތިންދާބޯޓަކަށް އަރަނީ (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

ފުރަތަމަ ބުރުގައި 50 މީހަކު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވަން ނިންމައިފި

ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިޔުމަކީ ދާއިމީ ކަމަކަށް ހައްދަވަން ބޭނުންފުޅުވާކަން ރައީސް މުއިއްޒު މިއަދު ހާމަކުރެއްވި
5 ޑިސެމްބަރު 2023

ކޮންމެ އަހަރަކު ވެސް ސަރުކާރުން ހިލޭ ހައްޖަށް މީހުން ފޮނުވަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ ގޮތުން އަންނަ އަހަރު 50 ފަގީރުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވަން ނިންމެވިކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

އެނގުން މުހިންމު - ރައީސް ވައުދުވެ ވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ފަސް އަހަރު ތެރޭ 1،000 މީހަކު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށެވެ.

ބުނީ ކީކޭ؟ - ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަކާ ގުޅޭ މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުގެ ހަރަދުގައި މީހުން ހައްޖަށް ފޮނުވުމުގެ ވައުދު ފުއްދަވަން ނިންމަވާފައިވާ ގޮތް ހާމަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ: 

  •  ހައްޖަށް މީހުން ގެންދަން ފެށްޓުމުގެ ގޮތުން އަންނަ އަހަރު ފުރަތަމަ ފޮނުވާނީ 50 މީހުން؛ އެކި އަހަރުތަކުގައި އަދަދުތައް ތަފާތުވާނެ

  • ހައްޖަށް ފޮނުވާނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުން

  • އެކަމަށް ހާއްސަ އުސޫލެއް ހަދައި ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް ވިދާޅުވި

"ސަރުކާރުގެ ހަރަދުގައި މީހުން ހައްޖަށް ފޮނުވުމުގެ މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރާނަން. އެ އުސޫލުން ފަގީރުންގެ ދަފްތަރުން މީހުން ހޮވިގެން އަންނާނީ. އުއްމީދަކީ ފަސް އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށް މިކަން ހެދުން،" ރައީސް ވިދާޅުވި އެވެ. 

ކެބިނެޓުގެ ނިންމުންތައް އާއްމުކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިޔުމަކީ ދާއިމަށް ކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅުވާކަން ހާމަކުރެއްވި (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ - ރައީސް ވަނީ ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖަށް ދެވޭ އަގު ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވަން ވެސް ވައުދުވެ ވަޑައިގެންފަ އެވެ. 

ގުޅުންހުރި - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ އިންޓަވިއުތަކުގައި ވަނީ ފަގީރުންގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ވެސް ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިޔުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ހާމަކުރައްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް