ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ގެންދިޔުމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކާ ގުޅޭ އެއްވެސް ކަމެއް ނުފޮރުއްވާ ކަމަށް (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ސާފުވި އިންޑިއާ ސިފައިންގެ އަދަދު 89އާ ހަމައަށް ދޭ، އަދިވެސް އިތުރުވެދާނެ: ރައީސް

ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 77 މީހުން ކަމަށް. ރައީސް މިއަދު ވިދާޅުވީ އެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަށާއި ޓެކްނިކަލް ކޮމިޓީއަކުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް
5 ޑިސެމްބަރު 2023
7

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަަށާއި މިހާތަނަށް ބެލި ލިޔެކިޔުންތަކުން 77 އާއި 89އާ ދެމެދުގެ އަދަދުތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 77 އޮފިސަރުން ކަމަށެވެ. އެހެންކަމުން:

  • ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅަށް ފަހު މިދިޔަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ކެމްޕޭންގައި ވިދާޅުވި އިންޑިއާ ސިފައިންގެ އަދަދާއި އަސްލު ތިބި އަދަދުގައި ބޮޑު ފަރަގެއް ހުރީ ކީއްވެތޯ ސުވާލުކޮށްފައި 

  • އެ ސުވާލަށް އެމަނިކުފާނު ވިދާޅުވީ ރައީސް އޮފީހުން އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ހާމަކޮށްފައިވާ އަދަދު އަދި އިތުރަށް ސާފުކުރަން ޖެހޭ ކަމަށް 

ވީ ކިހިނެއް؟ - މިއަދުގެ ކެބިނެޓް ބައްދަލުވުމަށް ފަހު ރައީސް މުއިއްޒު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'ދައުރު' އިން ވަނީ މީގެ ކުރިން ރައީސް އޮފީހުން ހާމަކުރި އިންޑިއާ ސިފައިންގެ އަދަދު އިތުރަށް ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވީ ކީއްވެގެންތޯ އާއި އަސްލު އަދަދަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. 

ބުނީ ކީކޭ؟ - އެ  ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އަދިވެސް އިންޑިއާ ސިފައިންގެ އަދަދު މުޅިން ސާފުނުވާ ކަމަށާއި ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން މިހާތަނަށް ލިބުނު ލިޔުންތަކުން ފެންނަން ހުރީ އެކި ފަހަރު އެކި އަދަދުތައް ކަމަށެވެ. 

"[އިންޑިއާ ސިފައިންގެ އަދަދު] 77 އިން ގޮސް 89އާ ހަމައަށް އެބަދޭ. އެ ވެސް ސާފެއް ނުވޭ. އެއަށް ވުރެ އިތުރު ވެސް ވެދާނެ. އެހެންވީމާ އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް އެއްކޮށް ސާފުވި ކަމަކަށް ނުބެލެވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ދެންނެވީ އަޅުގަނޑު ޔަގީންކުރަން ބޭނުންވެއޭ. މިއީ މިހާތަނަށް ފެނުނު ރޭންޖް. އެކަމަކު އެއަށް ވުރެ ގިނަ ވެސް ވެދާނެ. އެހެންވީމާ އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް އެބަ ގެންދަން."

ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީއެއްގައި "މި މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ" ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ގެންދަން އެއްބަސްވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގެ ކުރިން ދެ ގައުމުގެ އެކި ފެންވަރުގެ އޮފިޝަލުންގެ މެދުގައި ބޭއްވި ބައްދަލުވުންތަކުގެ ތެރޭގައި ކަމަށެވެ. އަދި އެގޮތަށް ހަތަރު، ފަސް ބައްދަލުވުމެއް ބާއްވާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

ސަރުކާރުން އެއްވެސް ކަމެއް ނުފޮރުވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މޯދީއާ އެކު ބޭއްވެވި ބައްދަލުުކުރެއްވުމުގައި ވެސް ރާއްޖޭގެ ރައްޔިތުން ޑިމޮކްރެޓިކް އުސޫލުން ނިންމާފައިވާ ނިންމުމަށް އިންޑިއާއިން އިހުތިރާމު ކުރައްވާނޭ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި ކަމަށެވެ. އަދި ރާއްޖެއަށް ހަމަޖެހުމެއް އޮތީ ވެސް މި ސަރަހައްދުގެ ހަމަޖެހުން ކަށަވަރު ކުރެވިގެން ކަމަށް މޯދީގެ އަރިހުގައި ދެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑު [މޯދީގެ ބައްދަލުވުމުގައި] ދެންނެވިން ރާއްޖޭގެ ރައްޔިތުންގެ ސެންސިޓިވިޓީތަކެއް ކަންބޮޑުވުންތަކެއް އެބަ ހުއްޓޭ، މި ކަންކަމަށް އެޑްރެސްކުރެވިގެން އެ ކަންކަން ހައްލުވެގެން ދިޔުމަކީ އަޅުގަނޑުމެން ގައުމުގެ އެންމެން އެދޭ ގޮތަކީ. އަޅުގަނޑުމެންނަކީ އެއްވެސް ގައުމަކާ ދެކޮޅުވާ ބައެއް ނޫނޭ، ރަހުމަތްތެރި ގާތް ގުޅުން އޮންނާނޭ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލުގެ އުސޫލާއި ހަމަތަކުގެ ތެރޭ،" ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ވެރިކަމަށް އައުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ކުރި ކެމްޕޭންގެ ތެރޭގައި އެންމެ ބޮޑަށް ބުނަމުން ދިޔައީ އިންޑިއާގެ އެތައް ހާސް ސިފައިންނެއް ރާއްޖޭގައި ގާއިމްވެ ތިބި ކަމަށެވެ. 

ކޮމެންޓް (7)

ކައުންސިލް

6 ޑިސެމްބަރު 2023
ހަނިމާދޫ އަށް އަންނަ އަދި ފުރާ އިންޑިއާ ސިފައިންގެ އަދަދު އިމިގްރޭޝަނަކަށްވެސް ނޭގޭ. ދެންކިހިނެއް ސަރުކާރުގެ އިދާރާ ތަކުން އެއަދަދު ސާފުކުރާނީ.
0 0

ހަތަރެސްކަން

6 ޑިސެމްބަރު 2023
@ކައުންސިލް ހަމަ ހުރެލާފަ މޮޅު ވާހަކައެއް ހަދާލީއޭ!!!
0 0

މުޖުތާޒު

6 ޑިސެމްބަރު 2023
މިހާރު ހަބަރުއެބަލިބޭ ރާއްޖޭގަތިބި އިންޑިޔާ ސިފައިން ރާއްޖޭގަ ބޭތިއްބުމަށް އިންޑިޔާއިން މަސައްކަތް ކުރާކަމައް ރިޔާސީ ކެމްޕޭނުތެރޭގަ މަނިކުފާނު އެކިއެކި ޕޯޑިޔަމަތަކުގަ ވެރިކަމުގެ ހުވާކުރައްވާތާ ދުބަހުގެ ތެރޭގަ އިންޑިޔާ ސިފައިން ރާއްޖޭން ފޮނުވާލައްވާނެކަމައް ވިދާލުވެފަވަނީ އަދިމީގެ ފަހުނަވެސް އެކިއެކި މާލަމްތަކުގަ އެކި ޖަލްސާތަކުގަ މިވާހަކަ ތަކުރާރުކުރައްވާފަވަނީ އަޅުގަދުގެ ސުވާލަކީ އިންޑިޔާ ސިފައިން ރާއްޖޭން ފޮނުވާލެއްވުމުގެ ކަނަތަށް މިހާރު ކިހާހިސާބަކައްހިގައްޖެތޯ އަދި ބޭލޭނީކޮންއިރަކުތޯ
0 0

ތެފައާސާ.

6 ޑިސެމްބަރު 2023
އަހަރެންގެ ބައެއް ރައްޓެހިން އެބަކިޔާ ހަމަ ޔަގީނުންވެސް އިމިގްރޭޝަން ޑޭޓާބޭހުން އެނގޭނެ ނޫންހޭ ރާއްޖެ އެތެރެވީ ކިތައް ސިފައިންކަން، ދެން އޭގެއިން، ރާއްޖެއިން ބޭރުވެފައި ތިބި ސިފައިން ތިބިނަމަ އެ އަދަދެއް އުނިކޮށްލީމާ ބާކީ އަންނާނީ ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ނޫންހޭ؟ އަހަރެންގެ ވާހަކަ އަކީ ކިހިނެތްހޭ އެނގޭނީ މިތަނުގައި ތިބެ ވިހައިގެން ބޮޑުވެގެން މިލިޓަރީ ތަމްރީނުހަދައިގެން ތިބީ ކިތައް އިންޑިއާ ސިފައިންކަމެއް؟ އެހެންވީމާ ރައީސް މުއިއްޒު އެވިދާޅުވާހެން މި އަދަދު ސާފުކުރުން މިއީ ވަރަށް ބޮޑު ކަމަކަށް ވެދާނެ. ހިއެއްނުވޭ މި 5 އަހަރުން ވާނެހެނެއްވެސް.
2 0

އަލީރާޖާ

6 ޑިސެމްބަރު 2023
އެމްއެންޑީއެފް އަށް ބަރާބަރު އަދަދު ނޭނގޭ ބޭރުގެވެސް އެތެރޭގެވެސް ސިފައިންގެ އެއްވެސް ބަޔަކު ރާއްޖެއަކު ނޫޅޭނެ. ކާކު މޮޔަ ހައްދަން ދައްކާ ވާހަކައެއްތީ؟ އުތުރު ތިލަފަޅު ފުރެންދެން ހާހުން އަރާތިބި އިންޑިއާ ސިފައިން މިހާރު ހޯދާހޯދާވެސް ނުފެނުނު؟
0 0

ށަމީލު

5 ޑިސެމްބަރު 2023
އިންޑިޔާ ސިފައިން މިއީ ވައިރަހެއް، ބެކްޓީރިއާ ކަހަލަ އެއްޗަކީތަ؟
1 0

ސސގފ

5 ޑިސެމްބަރު 2023
@ށަމީލު ދުނިޔޭގެ ގައުމުތައް ބަލާބަލަ. މައުލޫމާތު އިތުރުކުރޭ. އެެިރުން އެގޭނެ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް