އޮގަސްޓު 21، 2023: އޭރުގެ އިދިކޮޅު ޕީޕީއެެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން: ޔާމީންއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ސުވާލުތަކަށް މިއަދު ސީދާ ޖަވާބެއް ނުދެއްވި (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ރައީސް، ޔާމީންއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވި

ޔާމީން އާއި އެމަނިކުފާނުގެ ގުޅުމާ ގުޅޭގޮތުން ކުރި އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ރައީސް މުއިއްޒު ނުދެއްވާ

ރައީސް މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި، ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ބޮޑެތި ނިންމުންތަކެއް ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލުތަކުގެ ތެރޭގައި، ރައީސް މުއިއްޒުއަށް ވޯޓުދިނީ ޔާމީން މިނިވަންކުރުމަށްޓަކައި ކަމަށް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ބުނާ ބުނުމާ މެދު ރައީސް ދެކެވަޑައިގަނަނަވާ ގޮތާއި ދެ ރައީސްގެ ގުޅުން ކެނޑުމާ ގުޅޭ ގޮތުން ކުރި ސުވާލުތައް ހިމެނެ އެވެ.

ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ސީދާ ޖަވާބު ދެއްވުމުގެ ބައްދަލުވުމުގައި ރައީސް ތަކުރާރު ކުރެއްވީ، މީގެ ދެ ދުވަސް ކުރިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ދެއްވި ޖުމްލަ ޖަވާބެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިން، ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް މި ހުރީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ސިޔާސީ ލީޑަރަކީ، ގައުމު އިސްނުކުރާ ބޭފުޅަކަށް ވާނެ ކަމަކަށް،" މީގެ ދެ ދުވަސް ކުރިން ދެއްވި ޖަވާބު ތަކުރާރުކުރައްވައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނެތް އެއްވެސް މައްސަލައެއް، އެއްވެސް ބޭފުޅަކާ އެކީ މަސައްކަތް ކުރުމުގެ. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންނަކީ އެކަތިގަނޑަކަށްވެގެން، އެކުވެރިވެގެން، ރިވެތި އުސޫލުގައި ވާހަކަ ދެކެވިގެން ކުރިއަށް ދާ ބަޔަކަށް ވާށޭ."

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެއްވެސް މީހަކާ ޒާތީ ކަމެއް ނެތް ކަމަށް ވިދާޅުވި (ފޮޓޯ/ރައީސް އޮފިސް)

ތަފްސީލު -  ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ބައްލަވަނީ ކުރިއަށް ކަމަށެވެ. އަދި ހިތުގައި އެއްވެސް މީހަކާ މެދު "ޒާތީ ކަމެއް، ހިތްހަމަނުޖެހުމެއް ވެސް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް މުހިންމު ހުރިހާ ސިޔާސީ ލީޑަރުން ވެސް ގައުމުގެ ކުރިއަށް ގެންދިޔުމުގައި. އެހެންވީމަ، އެއީ އެ ސުވާލުގެ ޖަވާބަކީ،" ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒުގެ ސަރުކާރަށް ހަފްތާއެއް ނުވަނީސް، ޔާމީން ވަނީ ޕީޕިއެމްއިން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވާ ގޮތުން، ޔާމީން އާއި ރައީސް މުއިއްޒުގެ ގުޅުން، ރައީސް ވެރިކަމަށް އިންތިހާބުވުމާ އެކު ވަނީ ކެނޑިފަ އެވެ.

ރައީސް ޔާމީންއާ ބެހޭ ގޮތުން ތި ވިދާޅުވި ވާހަކަ [އަށް އޮތް ޖަވާބަކީ]، އަޅުގަނޑަކީ އެއްވެސް އިރަކު، މިއަދާ ހަމައަށް އައި އިރު ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން.

ރައީސް މުހައްމަދު މުއިއްޒު

ޔާމީންއާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވުމުން ދެވަނަ ފުރުސަތުގައި އަނެއްކާވެސް 'ދައުރު'ން އެ ސުވާލުތައް ތަކުރާރު ކުރި އެވެ.

"ރައީސް ޔާމީންއާ ބެހޭ ގޮތުން ތި ވިދާޅުވި ވާހަކަ [އަށް އޮތް ޖަވާބަކީ]، އަޅުގަނޑަކީ އެއްވެސް އިރަކު، މިއަދާ ހަމައަށް އައި އިރު ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން. ނޯންނާނެ ދައްކާފައެއް،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ

ތިންވަނަ ފުރުސަތުގައި އެ ޖަވާބު އިތުރަށް ތިލަކޮށްދިނުމަށް އެދުމުން ރައީސް ވިދާޅުވީ:

  • "ރައީސް ޔާމީން ވެގެން ދެންނެވި ވާހަކައެއް ނޫން އެއީ [ކުރިން ދިން ޖަވާބު]. އަޅުގަނޑު ދެންނެވީ، އެއްވެސް އެހެން ބޭފުޅަކާ ބެހޭ ގޮތުން ޕާސަނަލް ލެވެލްގައި އަޅުގަނޑެއް މިހާތަނަކަށް ވެސް ނުދައްކަމެއް ނޫންހޭ އެއްވެސް ވާހަކައެއް، ދެއްތޯ؟ ދުވަހަކުވެސް ނުދައްކަމޭ، މިވެނި ބޭފުޅަކު މިހެން ވިދާޅުވިޔޭ، އަޅުގަނޑު އެ ބޭފުޅަކާ މިހެން ވާހަކަ ދެއްކީމޭ، އެހެން ވިދާޅުވިއޭ."

  • "މިހެން ގޮސް، އެއްވެސް މީހެއްގެ ވާހަކަ ދައްކާ މީހެއް ނޫން [އަޅުގަނޑަކީ]. އެހެންވެގެން [އެހެން މީހުންގެ ވާހަކަ] ނުދައްކާ ވާހަކަ މި ދެންނެވީ."

ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކައެއް ބަޔަކު ދައްކާ ނަމަ، އޭގެ ހަގީގަތް ރައްޔިތުންނަށް ސާފުވާން ޖެހޭ ނޫންތޯ އެހުމުން ވިދާޅުވީ، ކެމްޕެއިން ތެރޭގައި ވެސް އެތައް ދޮގު ވާހަކަތަކެއް އެމަނިކުފާނާ ގުޅުވައި ދައްކާފައިވާ ކަމަށެވެ. އެއަށް ވެސް ރައްދު ނުދެއްވާކަން ފާހަގަކުރެއްވި އެވެ.

"ފޮޅިފޮޅި ހަދައިގެން ވެސް ބެހި،" ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން ފަހު ބަހަކަށް ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް