މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން އަޅަން ފެންނަ ފިޔަވަޅުތަކަކީ ކޮބައި؟
އެންމެ ފަހުން ރާއްޖޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ހުޅުމާލޭގައި ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި ހިނގި ހާދިސާ އެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ހަސަން ސަމާހު، 23، ވަނީ މަރުވެފަ އެވެ. ފަހަކަށް އައިސް ހުޅުމާލެ އާއި މާލެއަކީ އެންމެ ގިނައިން އަދި އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ސަރަހައްދެވެ. މި މަހުގެ ކުރީކޮޅު މާލޭ، ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަށް ފަހު، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ސައިކަލް ދުއްވަން އިން މުހައްމަދު ލީވާން، 21، ވަނީ 8 ސެޕްޓެމްބަރުގައި މަރުވެފަ އެވެ.
ފަހަކަށް އައިސް އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގަނީ ހުޅުމާލޭގަ އެވެ. މިއީ ހުރިހާ މަގެއްގައި ތާރުއަޅައި 'ޕްލޭން' ކޮށްފައިވާ ރަށެކެވެ. ނަމަވެސް ހުޅުމާލެ އެކި ދުވަސްވަރު އެކި ގޮތްގޮތަށް ޕްލޭންކުރެވި އަދި ޕްލޭންތައް ބަދަލުވެގެން ދިޔައިރު ޓްރެފިކް މެނޭޖްމެންޓާއި މަގުމަތީގެ ރައްކާތެރިކަމަށް ކިހާވަރަކަށް ސަމާލުކަން ދެވިފައިވޭ ހެއްޔެވެ؟
-
ކުޑަ މިސާލެކެވެ. ހުޅުމާލޭ ފޭސް 2ގެ މައި ބަސް ސްޓޭންޑް ހެދިއިރު، ޓްރެފިކަށް ކުރިމަތިވާނެ މައްސަލަތައް ތަސައްވަރުކުރެވިފައެއް ނެތެވެ. ދެ ބުރި ބޮޑެތި ބަސްތައް މަޑުކުރަން މަގުގެ އެއްފަރާތުގައި ޖާގައެއް ނޯވެ އެވެ. ކޮޅަކަށް ދެ ލޭން އޮންނަ މި މަގުގެ އެއް ލޭން ބަންދުވެ ދުއްވާ މީހުންނަށް ނުރައްކާތެރި ހާލަތަކަށް ބަސް ސްޓޭންޑް ކައިރި ބަދަލުވާތަން ވަރަށް ގިނައިން ފެނެ އެވެ. މިއީ ރަނގަޅަށް ޕްލޭން ނުކުރުމުގެ ނަތީޖާ އެވެ.
🚨#Breaking: Hulhumale phase 2 Vinares Flat kairi MTCC ge double decker bahaa ithuru baheh jehi accident eh hin'gaifi
— #MvCrisis (@MvCrisis) September 9, 2024
Ithuru mauloomaathu: https://t.co/jYeym3fNIr https://t.co/Tx43FgESmy pic.twitter.com/voM5muTBGx
މަރުގެ މަގުތައް
ހުޅުމާލެ ތަރައްގީކުރަން ފެށުމުގެ ކުރިން ނުރައްކާތެރި އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައިވަނީ އައްޑު އަތޮޅު ހިތަދު އާއި ގަން ގުޅުވައިދޭ 16 ކިލޯމީޓަރުގެ ލިންކް ރޯޑްގަ އެވެ. ރަނގަޅު ފެންވަރަކަށް މަގު ހެދުމުން ބާރު ސްޕީޑުގައި ދުއްވުން އިތުރުވެ ނުރައްކާތެރި އެކްސިޑެންޓްތައް ލިންކް ރޯޑްގައި ގިނަވާން ފެށުމުން އެއީ 'މަރުގެ މަގު' ކަމަށް އެއްދުވަސްވަރަކު ނޫސްތަކުން ސިފަކުރި އެވެ. އެކަމަކު މިހާރު 'މަރުގެ މަގުތައް' ދަނީ އެހެން އަތޮޅުތަކުގައި ވެސް އިތުރުވަމުންނެވެ.
މަގުމަތީ އެކްސިޑެންޓްތަކާ ގުޅޭ
-
މިހާރު މަރުގެ މަގުތައް ހުޅުމާލެ އާއި މާލޭގައި ވެސް ގިނަ އެވެ. އަދި ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން މަގުތައް ހަދާފައިވާ ފުވައްމުލައް، ކުޅުދުއްފުށި ފަދަ ރަށްރަށުގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތައް މަދެއް ނޫނެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓާއި ބާރަށް ދުއްވުމާއި ލައިސެންސް ނެތި ދުއްވުމުގެ މައްސަލަތައް ހިނގާފައިވަނީ މާލެ އާއި ހުޅުމާލެގަ އެވެ.
-
ފުލުހުން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ދެވަނަ ކްއާޓަރުގައި ފަސް މީހުން އަދި ފަހު ކްއާޓަރުގައި އެކަކު މަރުވި އެވެ. ނުރައްކާތެރިކޮށް ދުއްވުމުގެ ހާދިސާތައް ވެސް އެންމެ ގިނައީ ދެވަނަ ކްއާޓަރުގަ އެވެ.
-
ތިރީގައި މިވަނީ ރާއްޖޭގެ މަގުމަތީގެ ޓްރެފިކް ހާލަތާއި ހިނގާ އެކްސިޑެންޓްތަކާ މެދު ކިއުންތެރިންގެ ޚިޔާލު ހޯދުމުގެ މަސައްކަތެކެވެ.
ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓްތައް ގިނަވަނީ ކީއްވެ؟
Thank you for voting Poll closes on 19 Sep 2024 12:00 AM Final Results
ފޯރަމްގެ ސުވާލު
ޓްރެފިކްގެ މައްސަލަތައް އިތުރުވެ ހިނގާ މީހުނާއި ދުއްވާ މީހުންނަށް ނުރައްކާ ބޮޑުވަމުން ދާއިރު މިކަމާ މެދު އިލްމީ ނަޒަރަކުން ވިސްނައި ދުއްވާ މީހުން ހޭލުންތެރިކުރުމަށާއި، ޓްރެފިކް މެނޭޖްކޮށް އަދި މަގުތަކުގެ ޑިޒައިން އާއި ޕްލޭން ރަނގަޅުކުރަން ޖެހޭ ނަމަ އެކަމާ މެދު ފިޔަވަޅު އެޅުން މުހިންމެވެ.
ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަގުތައް އަމާންކުރަން އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ.
ދައުރުގެ މި ފޯރަމްގެ ބޭނުމަކީ ޓްރެފިކްގެ މައްސަލަތަކާ ބެހޭ ގޮތުން ކިއުންތެރިންނަށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތެއް ދިނުމެވެ. މި ފަހަރު ޓްރެފިކްގެ މައްސަލަ އެވެ.
-
މަގުތަކުގެ ރައްކާތެރިކަން ބޮޑުކުރަން ގެންނަން ފެންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ އެވެ؟
-
ސައިކަލާއި ކާރު ދުއްވާ މީހުންނަށް، އެކަށީގެންވާ ވަރަށް އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދާއި ރައްކާތެރިކަމާ އެކު ދުއްވުމުގެ އުސޫލުތައް، އެނގޭ ހެއްޔެެވެ؟
ހިޔާލު ފޮނުވުމަށް ބާކީ
ދުވަސް
:
ގަޑި
:
މިނެޓު
ހިޔާލުތައް
އަޙްމަދު
16 ސެޕްޓެމްބަރު 2024
14:46
ހައްތަހާވެސް މައްސަލައެވެ.
(ލިޔެ ނިންމާފަ ބަލާލިއިރު ވަރަށް ދިގުވެެއްޖެ. އެކަމަކުވެސް އެއްކޮށް ކިޔާލާނެކަމަށް އުންމީދުކުރަން.)
މަގުމަތީގެ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ، ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމެވެ. އެކަމާ ދެބަސްވުމެއް ނެތެވެ. ނަމަވެސް، އެއީ ހަމައެކަނި މައްސަލަކަމަށް ބަލައިގެން ނިންމާލެވޭކަށްވެސް ނެތެވެ. ބާރަށް ދުއްވުމުގެ އިތުރުންވެސް، ޤާނޫނާއި ގަވާއިދުތަކާ ޚިލާފު އެތައް ކަމެއް މަގުމަތީގައި އެބަ ހިނގައެވެ. އަދި އޭގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށްވެސް ފުރުސަތު އެބަ އޮވެއެވެ. މިސާލަކަށް:
- ލޭނު ބަދަލުކުރާއިރު އާއި، ގޯޅި އަޅާއިރު ސިގްނަލް ލައިޓް ބޭނުން ނުކުރުން
- ހެޑް ލައިޓް ހައިބީމް ގައި ހުރުން
- ޓެއިލް ލައިޓް ނުދިއްލުން
- ޖެހިޖެހިގެން ދެ ސައިކަލުގައި، ވާހަކަ ދައްކަމުން އެއްވަރަކަށް ދުއްވާފައި ދިއުން
- ހައިވޭގައި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ މަޑުން ދުއްވުން (މަޑުން ދުއްވުމަކީވެސް ވަކި ޙާލަތެއްގައި ގެއްލުން ބޮޑު ވެދާނެ ކަމެއް)
ހައިވޭ އާއި ބްރިޖް، އަދި ހުޅުމާލޭ ބައެއް މަގު ތަކަކީވެސް މިހާރު މަލްޓިލޭން މަގުތަކެވެ. މަލްޓިލޭން މަގު ތަކުގައި ދުއްވަން ފެށިއިރު، އޭގެން މަގެއްގައި ދުއްވަން ޖެހޭ ގޮތެއް ދުއްވާ ގިނަ މީހުންނަކަށް ނޭނގެއެވެ. އެމީހުން ނެގި ލައިސެންސެއްގައި ކިޔެވި ފިލާވަޅެއްގައި އެވާހަކަ ނުވެސް ނެތެވެ. ނުވިތާކަަށް، މަލްޓިލޭން ހެދި އިރު، ފާސްޓް ލޭން، އެގްޒިޓް ލޭން، މިފަދަ ލޭން ތަކުގެ ބަދަލުގައި މިއޮތީ ކާރު ލޭނަކާއި ސައިކަލު ލޭނެކެވެ. އެހެންވީމާ މިވާގޮތަކީ، ހައިވޭއިން ދުއްވާފައިގޮސް އެއާޕޯޓަށް ނުވަދެ މާލެދާން ބޭނުންވާ ކާރުވެސް މި ވަންނަނީ އެއްކަލަ "ސައިކަލު ލޭން" އަށެވެ. އިހަށް ދުވަހު ހުޅުމާލޭގައި ރައުންޑަބަައުޓްތައް ހެދިއިރު، އޭގައިވެސް ޖެހެނީ އެ މައްސަލައެވެ. ހުރި ގޮތަށް ކުރިއަށް ދަންޏާ ރައުންޑަބައުޓްގެ އެންމެ ވާތު ލޭނުން ދާންޖެހޭއިރު، އެއީ އެއްކަލަ "ސައިކަލު ލޭން" އެވެ. އެކަމަކު، ބަސްވެސް، ކާރުވެސް، ލޮރީވެސް، ދާންޖެހޭނީ ހަމަ އެހެންނެވެ. ރައުންޑަބައުޓަކީ އޭގެ ޒާތުގައި ޓްރެފިކް މެނޭޖްކުރުމަށް ވަރަށް މޮޅު ކަމެކެވެ. އެކަމަކު، އެކަންވެސް ކޮށްފައި މިއޮތް ގޮތުން ހީވަނީ ދެން ނިކުންނަ ނަތީޖާ މާދެރަ ވެދާނެހެންނެވެ. ނުވިތާކަށް، ރައުންޑަބައުޓަށް ވަންނަ އިރުއާއި، އަދި މެދުތެރެއިންވެސް ކަފިހި ހުރަސްވެސް ބެހެއްޓީއެވެ. ރައުންޑަބައުޓެއްގެ މުޅި ބޭނުމަކީވެސް ހުއްޓާނުލާ ޓްރެފިކް ކުރިއަށް ދާނެ ގޮތަކަށް، އެއް މަގު އަނެއް މަގާ ގުޅުވުމުވެ. އެތާ މެދުގައި ކަފިހި ހުރަހަށް މަޑުކުރަން ޖެހޭނަމަ އަނެއްކާވެސް ގޯސްވީއެވެ.
ދެން އޮތީ ލައިޓްގެ ވާހަކައެވެ. ހެޑް ލައިޓާއި، ޓެއިލް ލައިޓާއި، ސިގްނަލް ލައިޓްގެ ވާހަކައެވެ. ހައިވޭއަކީ އެއާ ގުޅިފައިވާ އެހެން ގޯޅިއެއް ނުހުންނަ، ހުރި ސީދަލަށް ތެދަށް ދުއްވަން ޖެހޭ މަގެކެވެ. ވަކި ދުވެއްޔަކަށްވުރެ މަޑުން ދުއްވުން މަނާވެސް ވާނެއެވެ. ސަބަބަކީ، އެތަނުގައި، ގަވާއިދާ އެއްގޮތަށް ރަނގަޅަށް ދުއްވައިފިއްޔާ، ކަނޑައެޅިފައިވާ ބާރު މިނުގައި ދިޔަސް، އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ކުޑަވުމެވެ. އެކަމަކު، ކުޑަ ޚިލާފުވުމަކުންވެސް މުޅި އެތި ގޯސްވުމުގެ ފުރުސަތު އޮވެއެވެ. އެއް މިސާލަކީ ލޭނު ބަދަލުކުރާއިރު ސިގްނަލް ނުދިނުމެވެ. އަނެއް ކަމަކީ ސައިކަލުގެ ޓެއިލް ލައިޓް ނުދިއްލުމެވެ. ކުރިމަތީގައި ހުންނަ ސައިކަލުތައް އެންމެ ފަސޭހައިން ފާހަގަ ކުރެވޭނީ ޓެއިލް ލައިޓުންނެވެ. އެކަމަކު އެ ނެތިއްޔާ، ސައިކަލު ފާހަގަ ވާއިރު މާ ލަސްވެސް ވެދާނެއެވެ. ބާރަށް ދުއްވާ ތަނަކަށް ވީމައެވެ. އެކަމަކު، ޓެއިލް ލައިޓެއް ނުދިއްލިގެން އަދި މިހާތަނަށް މީހަކު ހުއްޓުވައިގެން ސުވާލެއް ކޮށްލިކަމެއްވެސް ނޭނގެއެވެ. ހައި ބީމްގެ ވާހަކަ ދައްކާނެ ކަމެއްވެސް ނެތެވެ. ބުނަން ހުރި ވާހަކަ މާ ގިނައީއެވެ.
ފަހު ކަމަކަށް ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގައި މި ދޫކުރާ "ލައިސަންސް" ގެ ވާހަކައެވެ. އެއް ޒަމާނެއްގައި ލަތްކެއް ޖަހާފައި ލައިސަންސް ބަހާލީއެވެ. އެކަމަކު އެކަން ހުއްޓުނުއިރުވެސް، މިއަދުވެސް ލައިސަންސަކީ މާ ތާކުންތާކު ޖެހޭގޮތަކަށް ދޫކުރާ އެއްޗެއްހެން ހިޔެއް ނުވެއެވެ. މަލްޓިލޭނާއި، ރައުންޑަބައުޓާއި، ބްރިޖާއި، ހައިވޭއާއި، އެތަކެއް ކަމެއް ބަދަލުވެގެން ދިޔައިރުވެސް، ލައިސަންސް ނަގަން ހަދާ އިމްތިހާނު އޮތީ އަދިވެސް 1980 ގެ ވާރޝަން 1.0 ގައެވެ. ދުއްވާ ޓެސްޓްގެ ހާލު އަދި އެއަށްވުރެ ދެރައެވެ. ޑްރައިވިންގ ސްކޫލް މާފިއާގެ ބެލުމުގެ ދަށުގައި އޮތް ޑްރައިވިންގ ޓެސްޓްތަކަކީވެސް، މީހާގެ ރޯޑް އެވެއަރނެސްއާއި، ސޭފްޓީ އާއި، ނޮލެޖް ޓެސްޓް ކުރެވޭގޮތަކަށް އޮތް ކަމެއް ނޫނެވެ. ނަމަކަށް ކުރާ ކަމެކެވެ. ބޮޑަށް ހީވާކަހަލަ، "ދަސްކޮށްދެނީ ދުއްވާކަށް ނޫނޭ، ދަސްކޮށްދެނީ ޓެސްޓުން ފާސްވާންށޭ". އާންމު މަގުތަކުގައި ދުއްވުމުގެ ހައްގު އެންމެންނަށްވެސް އޮންނަން ޖެހެއެވެ. އެކަމަކު، ތިމާގެ ނުފަރިތަ ކަމަކީ، ގަވާއިދުން ދުއްވާ މީހާއަށް ނުރައްކަލަކަށް ވާނަމަ، އެއީ މަައްސަލައެކެވެ. އެވަރު ވަންޏާ ލައިސަންސް ދެވިގެން ނުވާނެއެއެވެ. ކޮންމެ ކޮންމެ މީހަކަށް ލިބޭގޮތަށް އޮންނަ އެއްޗެއްނަމަ، ލައިސަންސެއް ދިނުމުގެ ބޭނުމެއް ހަގީގަތުގައި ނެތެވެ.
މިވާހަކަ ދައްކަންޏާ ދައްކާ ނުނިމޭނެއެވެ. ލައްކަ ވާހަކައެވެ. ލައްކަ އިހުމާލެވެ. ލައްކަ މައްސަލަތަކެވެ. ބާރަށް ދުއްވުމަކީ އެންމެ ބޮޑު މައްސަލައެވެ. އެކަމަކު އެއީ ހަމައެކަނި މައްސަލަކަމަށް ވިސްނާނަމަ، އެއީ އަދި ހެދޭ މާ ބޮޑު ގޯހެކެވެ.
ސަމީނު
16 ސެޕްޓެމްބަރު 2024
11:26
ބާރު ދުވެލި
ބާރަށް ދުއްވުން އެއްކޮށް މަނާ ކުރަން މަށަށް ފެންނަނީ. މަގުމަތީގައި އުޅެނިކޮށް މެޑިކަލް އެމަޖެންސީއެއް ދިމާވެގެން ހޮސްޕިޓަލަށް ދާން ކުރާ ދަތުރު ފިޔަވާ އެއްވެސް ދަތުރެއް ވަކި ވަރަކަށް ވުރެ ބާރަށް ނުދުއްވޭ ގޮތަށް ތަންފީޒު ކުރަން ފެނޭ
ކޮކީ
16 ސެޕްޓެމްބަރު 2024
11:06
ހަޤީޤަތުގައިވެސް ތީން ކިތައް މީހުންބާ އަސްލު ޓެސްޓު ހަދައިގެން ގަވައިދާ އެއްގޮތަށް ލައިސެންސް ނެގީ
ލާރިކޮޅެއް ދިނީމަ ތަތްގަނޑު ޖަހައިދިނުމުގެ ދިގުމުއްދަތުގައި ފެންނާނެ ނަތީޖާ މީ
އަޙްމަދު
އިނަމަ
ނަން ސިއްރެއް
16 ސެޕްޓެމްބަރު 2024
10:04
މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުން
- އަޅުގަނޑުގެ ނަޒަރުގައި ފުލުހުންނަށް މިހާރު ދީފައި އޮތް ބާރުތައް ރަނގަޅު ކައްނޭންގެ ދެންޔާ އަދިވެސް އިތުރު ބާރުތައް ފުލުހުންނަށް ދޭން ފެނޭ.
- ދެން ހެދިފައިވާ ޤަނޫނު ތަކަަށް ރައްޔިތުން އަހުލުވެރިވާން ޖެހޭ އަދި ޤަނޫނު ތަންފީޒް ކުރާ ފަރާތްތަކަށް އެއްބާރުލުން ދޭންޖެހޭ.
- ދުއްވާފަރާތްތަކުން މަގު ބޭނުންކުރާއިރު މަގުމަތީގައި ހެދިފައިވާ ގަވައިދުތަަކަށް އަހުލުވެރިވާންޖެހޭ.
- ލައިސެންސް ދޫކުރާއިރު މިއަށްވުރެ ހަރުކަށި އުސޫލުތައް ހެދިގެން އެއްގަމާއި ކަނޑުގެ ލައިސެންސް ދޫކުރެވެން ޖެހޭ.
- ހެދިފައިވާ ޤަނޫނުތައް އުވާލާ ހަރުކަށި ޤަނޫނުތައް ހެދެން ޖެހޭ.
އަހް
16 ސެޕްޓެމްބަރު 2024
06:53
ގަވައިދާ ހިލާފަށް ބާރަށް ދުއްވުން އާންމުވެއްޖެ-އެކަން ނުހުއްޓުވާ
އެކްސިޑެންޓު ހިގުން އިތުރުވިޔަސް، ދުއްވާ ސްޕީޑަކަށް ބަދަލެއް ނާދޭ! އާދަޔާ ހިލާފަށް ބާރަށް ދުއްވާ މީހުން ނުވެސް ހުއްޓުވާ! ތިބެގެން ކިޔަނީ ފަރުދީ ޒިންމާއޭ. ބަަލަ ގާނޫނު ހަދަނީ ފަރުދީ ޒިންމާ އަދާ ނުކުރާތީ. ބުރިޖު މަތީގައި ވެސް ހެލުމެޓު އެޅީމާ ނިމުނީ- ދުއްވާނެ ސުޕީޑް ނިންމާނީ ދުއްވާމީހާ- އެކްސިޑެންޓް ނުވަންޏާ ވަރިހަމަ. އެކްސިޑެންޓު ވެއްޖިއްޔާ ފަރުދީ ޒިންމާ އަދާނުކުރަނީ.