ކޮޕް26 ނިންމާލައި އެއްބަސްވުން އިއުލާނުކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަދައްކަވަނީ. (ފޮޓޯ/އދ.)

ކޮޕް26

'ބަރު ހިތަކައިގެން' ރާއްޖޭން ބުނީ ކޮޕް26ގެ އެއްބަސްވުމުން އުންމީދެއް ނުލިބޭ ކަމަށް

އެއްބަސްވުމުން "ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް" ލިބުނަސް، މޫސުމީ ކާރިސާއާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ ވަރާއި އަވަސް މިނަށް ބަލާއިރު ހައްލެއް ނުލިބޭ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި
14 ނޮވެމްބަރު 2021

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް26ގައި އާދެވުނު އެއްބަސްވުމަކީ ކުރިއަށް އެޅުނު ފިޔަވަޅަކަށް ވިޔަސް، އެއީ ދިވެހިން ފަދަ ނާޒުކު ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އުންމީދެއް ގެނެސްދޭ ވަރުގެ އެއްބަސްވުމެއް ނޫން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސްކޮޓްލަންޑުގެ ގްލާސްގޯގައި ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދިޔަ ކޮޕް26 ބައްދަލުވުން ރޭ ނިންމާލީ، އެ ބައްދަލުވުމުގައި ބައިވެރިވި ގާތްގަނޑަކަށް 200 ގައުމުން އެއްބަސްވުމެއް އެކުލަވާލައިގެންނެވެ. މަޝްވަރާތައް ދިގުލައިގެން ގޮސް، ކުރިން ނިންމާފައި އޮތް ވަރަށް ވުރެ އެއް ދުވަސް އިތުރަށް ހޭދަކޮށްގެން ގައުމުތަކުން އެކުލަވާލި އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:

  • 1-

    ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް 2015ގައި އެކުލަވާލި ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ވަރުގަދަކުރުން؛ ކުރިން އޮތީ ކޮންމެ ފަސް އަހަރަކުން އެކަން ކުރަން

  • 2-

    ބޯޓުދެލި (ކޯލް)އަށް ބަރޯސާވުން ކުޑަކޮށް، ފޮސިލް ފިއުލްއަށް ދޭ ސަބްސިޑީތައް ކުޑަކުރަން ގައުމުތަކަށް ބާރުއަޅާފައިވޭ؛ މިއީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެއްބަސްވުމެއްގައި މިފަދަ ކަމެއް ހިމެނި ފުރަތަމަ ފަހަރު

  • 3-

    މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޮޑެތި ގައުމުތަކުން ނާޒުކު ގައުމުތަކަށް ދޭ މާލީ އެހީ 2025ގެ ކުރިން، 2019ގައި ހުރި ވަރަށް ވުރެ ދެ ގުނަ އިތުރުކުރުން

  • 4-

    "ލޮސް އެންޑް ޑެމޭޖު" ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލުގެ ވާހަކަ ފުރަތަމަ ފަހަރަށް މިފަދަ އެއްބަސްވުމެއްގައި ހިމެނި؛ ނަމަވެސް، ގައުމުތަކުން އެއްބަސްވީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަން

  • 5-

    ޖަންގަލިތައް ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ބޭނުންވާ އެތައް ޓްރިލިއަން ޑޮލަރެއްގެ ފައިސާ ލިބޭނެ ފަދަ ގަވާއިދުތަކެއް ކަނޑައެޅުން

... [މި އެއްބަސްވުމުން] އަޅުގަނޑުމެންގެ ހިތަށް އުންމީދެއް ގެނެސް ނުދޭ ކަމަށް އެއްބަސްވެދީ؛ އެ ވަރު ކޮށްލައިދީ. މިއީ އަނެއްކާ ވެސް އަޅުގަނޑުމެންގެ ގެދޮރު ނުރައްލަަށް ހުށަހަޅައި، ގޮތެއް ނެތް ގައުމުތައް ސަލާމަތްކުރުމަށް މަސައްކަތްކުރާނެ އަވަސް މިން އެހެން ގޮތްތައް ހުރި ފަރާތްތަކުން ނިންމާ މަޝްވަރާތަކެއް ކަމަށް ގަބޫލުކުރައްވާ.

އާމިނަތު ޝައުނާ / އެންވަޔަރްމަންޓް މިނިސްޓަރު
ކޮޕް26ގެ އެއްބަސްވުމަށް އިންޑިއާ އިން އެންމެ ފަހު ވަގުތު ގެންނަން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން އިންޑިއާގެ އެންވަޔަރްމަންޓް މިނިސްޓަރު ބުޕެންދަރު ޔަދަވް (ވ) އެހެން ގައުމުތަކުގެ މަންދޫބުންނާ މަޝްވަރާކުރައްވަނީ. (ފޮޓޯ/އދ.)
ކޮޕް26 ނިންމާލައި އެއްބަސްވުން އިއުލާނުކުރުމަށް ރޭ ބޭއްވި ޖަލްސާ ކުރިއަށްދިޔަ ވަގުތު، އެ ތަނުގެ ބޭރުގައި އެކްޓިވިސްޓުންތަކެއް މުޒާހަރާކުރަނީ. (ފޮޓޯ/އދ.)

އެނގުން މުހިންމު - މިއީ އުންމީދުކުރި ވަރުގެ އެއްބަސްވުމެއް ނޫން ކަމަށް ކޮޕް26ގެ ރިޔާސަތު ބެލެހެއްޓެވި އިނގިިރޭސިވިލާތުގެ އަލޮކް ޝަރުމާ އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭޒް ވެސް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް، ބޯޓުދެލި "އެއްކޮށް ހުއްޓާލަން" ގައުމުތަކަށް ބާރުއަޅަން ހިމެނުމަށް ފަހު، އެ ޖުމްލައިގެ އިބާރާތްކުރުން ބަދަލުކޮށް، ބޯޓުދެލި ބޭނުންކުރުން "މަދުކުރަން" ބާރުއެޅުމަށް ހިމެނުމަށް އެންމެ ފަހު ވަގުތު އިންޑިއާ އިން ހުށަހެޅި ހުށަހެޅުމުން މި އެއްބަސްވުމުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފަ އެވެ.

ކޮޕް26 ނިންމުމުގެ ރަސްމިއްޔާތުގެ ވީޑިއޯ ރެކޯޑިން

'އުންމީދު ގެނެސްނުދޭ ކަމަށް އެއްބަސްވޭ؛ އެ ވަރު ކޮށްލައިދީ'

އެއްބަސްވުން އިއުލާނުކުރުމަށް ފަހު، "ބަރު ހިތަކައިގެން" ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވު ގޮތުގައި، މި އެއްބަސްވުމުން "ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް" ލިބުނަސް، މޫސުމީ ކާރިސާއާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ ވަރާއި އަވަސް މިނަށް ބަލާއިރު މިއީ ހައްލެއް ލިބޭނެ އެއްބަސްވުމެއް ނޫނެވެ.

"މެދުމިނުގެ ގޮތުގައި އެހެން ގައުމުތަކަށް ފެންނަ ކަންކަމުން، ވަގުތު އޮއްވާ ހޭނުމަށް ރާއްޖެއަށް ފުރުސަތެއް ނުލިބޭނެ. އޭރުން ރާއްޖެއަށް އޮންނާނީ ވަގުތު ފާއިތުވެފައި. ގެއްލުމުގެ ބަދަލާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ ބައެއް ފަރާތްތަކަށް މަޝްވަރާތަކުގެ ފެށުމަކަށް ވެދާނެ. ނަމަވެސް، ރާއްޖެއަށް މިއީ ދިރިތިބުމާ ގުޅިފައިވާ ކަމެއް،" ޝައުނާ ވިދާޅުވި އެވެ.

"... [މި އެއްބަސްވުމުން] އަޅުގަނޑުމެންގެ ހިތަށް އުންމީދެއް ގެނެސް ނުދޭ ކަމަށް އެއްބަސްވެދީ؛ އެ ވަރު ކޮށްލައިދީ. މިއީ އަނެއްކާ ވެސް އަޅުގަނޑުމެންގެ ގެދޮރު ނުރައްލަަށް ހުށަހަޅައި، ގޮތެއް ނެތް ގައުމުތައް ސަލާމަތްކުރުމަށް މަސައްކަތްކުރާނެ އަވަސް މިން އެހެން ގޮތްތައް ހުރި ފަރާތްތަކުން ނިންމާ މަޝްވަރާތަކެއް ކަމަށް ގަބޫލުކުރައްވާ."

ކޮޕް26ގެ އެއްބަސްވުން އިއުލާނުކުރި ވަގުތު ރާއްޖޭގެ އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ. (ފޮޓޯ/ ޝައުނާގެ ފޭސްބުކް)

މި އެއްބަސްވުމާ އެކު ކުރިއަށް ދިއުމަށް ރާއްޖޭން އެއްބަސްވިޔަސް، ވަގުތު އޮއްވައި ރާއްޖެ ފަދަ ނާޒުކު ގައުމުތަކުން ސަލާމަތްވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މިނިސްޓަރު ޝައުނާ ވަނީ ބޮޑެތި ގައުމުތަކަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.

"ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ދެ ބައިކުޅަ އެއްބަޔަށް މަދުކުުރުމަށް އޮތީ 98 މަސްދުވަސްކަން އަޅުގަނޑު ހަނދާންކޮށްދެން. [ދުނިޔެ ހޫނުވާ މިންވަރު] 1.5 ޑިގްރީ އާއި 2 ޑިގްރީއާ ދެމެދު ހުރި ފަރަގަކީ އަޅުގަނޑުމެންނަށް މަރުގެ ހުކުމެއް،" އޭނާ ވިދާޅުވި އެވެ.

މެދުމިނުގެ ގޮތުގައި އެހެން ގައުމުތަކަށް ފެންނަ ކަންކަމުން، ވަގުތު އޮއްވާ ހޭނުމަށް ރާއްޖެއަށް ފުރުސަތެއް ނުލިބޭނެ. އޭރުން ރާއްޖެއަށް އޮންނާނީ ވަގުތު ފާއިތުވެފައި. ގެއްލުމުގެ ބަދަލާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ ބައެއް ފަރާތްތަކަށް މަޝްވަރާތަކުގެ ފެށުމަކަށް ވެދާނެ. ނަމަވެސް، ރާއްޖެއަށް މިއީ ދިރިތިބުމާ ގުޅިފައިވާ ކަމެއް.

އާމިނަތު ޝައުނާ / އެންވަޔަރްމަންޓް މިނިސްޓަރު

ކޮޕް26 އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް