އިންޓަރނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ އެނަޖީ ޓްރާންސިޝަން އެކްސެލެރޭޓަ ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް) އިފްތިތާޙުކުރުމަށް 2 ނޮވެމްބަރު 2021ގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިއާދަކުރަނިވި ހަކަތައިގެ އާ ފަންޑަކުން އެހީ ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ

ފުރަތަމަ ފަށާނީ 0.5 މެގަވޮޓްގެ، ކުނިން ހަކަތަ އުފައްދާ ކުޑަ މަޝްރޫއެއް؛ ފަހުގެ ބުރެއްގައި، 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާ މަޝްރޫއެއް އައްޑޫގައި ވެސް ކުރިއަށް ގެންދާނެ
3 ނޮވެމްބަރު 2021

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް ގައުމުތަކަށް އެހީތެރިވުމަށް އަލަށް އުފެއްދި ފަންޑަކުން އެހީ ދޭ ފުރަތަމަ ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ސްކޮޓްލަންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް26ގެ ތެރެއިން ވަނީ އެނަޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް)ގެ ނަމުގައި އާ ފަންޑެއް ގާއިމްކޮށްފަ އެވެ. މި ޕްލެޓްފޯމް އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އީޓީއެފްއަކީ ކޮބާ؟

  • އިއާދަކުރަނިވި ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަދި ޔޫއޭއީ ސަރުކާރު ގުޅިގެން ގާއިމްކުރި ޕްލެޓްފޯމެއް

  • އުފެއްދީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ހޯދުމުގައި އެހީތެރިވުމަށް

  • މި ޕްލެޓްފޯމުން އެހީ ދޭނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ހޮވާލެވޭ ގައުމުތަކަކަށް 

  • މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް އެހީތެރިވެދޭނެ

އީޓީއޭއެފް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ތަން ދައްކައިދޭ ވީޑިއޯއެއް.

ތަފްސީލް - މަޝްރޫއުތަކަށް އެހީ ދޭ މި ޕްލެޓްފޯމްގެ މަންފާ ލިބޭ ފުރަތަމަ ގައުމަކީ ރާއްޖެ އެވެ. އެގޮތުން، މި ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި، 0.5 މެގަވޮޓްގެ، ކުނިން ހަކަތަ އުފައްދާ ކުޑަ މަޝްރޫއެއް ފަށާނެ އެވެ. ނަމަވެސް، މި މަޝްރޫއުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ރާއްޖޭން އެދުނު ދެވަނަ މަޝްރޫއު ހިމަނާފައި ވަނީ ހަތް ވަނަ ބުރުގަ އެވެ. އައްޑޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނިން ހަކަތަ އުފައްދާ އެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ އެވެ. އެ މަޝްރޫއުގެ މަންފާ 35،000 މީހުންގެ އާބާދީއަކަށް ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮޕް26 އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ކިޔާލަން -








އިތުރު އާޓިކަލް

އިތުރު އާޓިކަލް