ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް ސޯލިހް މިރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހާލަތު ބަދަލު ނުވާ ނަމަ ދިވެހިންނަށް އޮތީ މަރުގެ ހުކުމެއް؛ އިޖާބަދޭނީ ކިހާ ވަރެއްވީމާތޯ: ރައީސް

ކޮޕް26 އަކީ މޫސުމީ ކާރިސާ ހައްލުކުރަން ލިބޭ އެންމެ ފަހުގެ ފުރުސަތަށް ވުން އެކަށީގެންވާ ކަމަށް ރައީސް ވިދާޅުވި
1 ނޮވެމްބަރު 2021
2

ދިވެހިން މިހާރު ވެސް އުޅެމުން އަންނަނީ ރާއްޖެ ނެތިދިއުމުގެ ތުންފަތްމަތީގައި ކަމަށް ވިދާޅުވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރަން ގޮވާލާ އަޑުތަކަށް އިޖާބަދެއްވާނީ ކިހާ ވަރެއް ވީމާތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދުނިޔޭގެ ލީޑަރުންނާ ސުވާލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދގެ ކޮންފަރެންސް ނުވަތަ ކޮޕް26 ސްކޮޓްލަންޑުގެ ގްލާސްގޯގައި މިއަދު ފެށި އިރު، ރައީސް ސޯލިހް ވަނީ މިރޭ ތަގުރީރުކުރައްވާފަ އެވެ. އެ ތަގުރީރުގައި އެ މަނިކުފާނު ވަނީ، ދުނިޔެ ހޫނުވުމާ ގުޅޭ ގޮތުން ސައެންސް ހެކިދޭ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރަމުންދާ މިންވަރު ސިފަކޮށްދެއްވާފަ އެވެ.

އާދޭސްކޮށްފައި ބުނަން، މި ފުރުސަތު ނަގާނުލައްވާ.

ރައީސް ސޯލިހް

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މިރޭ ވެސް ދައްކަންޖެހިފައިވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު، އެކި ތަންތަނުގައި އެ މަނިކުފާނު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް، އެ ވާހަކަތައް ތަކުރާރުކޮށް ދައްކަވަން ޖެހިވަޑައިގަންނަވަނީ، ރައީސް ވިދާޅުވި ގޮތުގައި، އިތުރު ގޮތެއް ނެތިގެންނެވެ.

"މި ހާލަތުގެ ނުރައްކާތެރިކަން ބޮޑުކަމުން. އަޅުގަނޑުމެން ދިރިތިބުން ނުރައްކަލަށް ހުށަހެޅިފައިވާތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން މި ވާހަކައަށް އިޖާބަދެއްވާނީ ކިހާ ވަރެއްވީމާތޯ؟"

ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް ސޯލިހް މިރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހާލަތު ބަދަލު ނުވާ ނަމަ މި ގަރުނު ނިމޭއިރު ރާއްޖެ ނޯންނާނެ

ރައީސް ވިދާޅުވީ، މޫސުމީ ކާރިސާގެ ސަބަބުން ދުނިޔޭގެ ޗާޓުން ފުހެވުމުގެ ބިރު އޮތް ގައުމެއްގެ މިސާލެއްގެ ގޮތުގައި ރާއްޖޭގެ ވާހަކަ އަބަދު ވެސް ދެކެވޭ ކަމަށެވެ. ނަމަވެސް، އެއީ މިހާރު ވެސް ދިވެހިން އުޅެމުންދާ ހަގީގަތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަނިކުފާނު މިފަހުން ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެނިވަޑައިގެންނެވި މިސާލެއް ނަންގަވާފަ އެވެ. 

"އަޅުގަނޑު ދިޔަ ހަ ރަށުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ވެސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑު،" ރަށަކަށް ފަހު ރަށެއް ގިރަމުންގޮސް ނެތިގެންދިއުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިދިޔަ މަހުގެ ފަހުކޮޅު އއ. ބޮޑުފޮޅަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ގިރާ ސަރަހައްދު ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ ދުނިޔޭގެ ހޫނުމިން 1.5 އިން 2 ޑިގްރީއަށް އަރައިފި ނަމަ، އެއީ ރާއްޖެއަށް "މަރުގެ ހުކުމެއް" ކަމަށެވެ. އެ ގޮތަށް ވެއްޖެ ނަމަ، އެއީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ހާލަތުގެ މިސާލަކަށް ވާނެ ކަމުގެ އިންޒާރު އެ މަނިކުފާނު ދެއްވި އެވެ.

"އެހެން ނުވާނެކަން ކަށަވަރުކުރަން އަޅުގަނޑުމެންގެ ރައްޔިތުންގެ ތިބީ އަޒުމު ކަނޑައަޅައިގެން،" ރައީސް ވިދާޅުވި އެވެ.

މިއީ ފަހު ފުރުސަތަށް ވެދާނެ

ރާއްޖެ އަކީ، މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލްކޮށް، ދުނިޔެ ހޫނުވުން ދަށްކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތުގެ ބައިވެރިއެއް ކަމުގެ ޔަގީން ވެސް މިރޭ ރައީސް ދެއްވި އެވެ. ރާއްޖޭން މަސައްކަތް ކުރާނީ މިސާލު ދަައްކައިގެންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މޫސުމީ ކާރިސާއަށް ތައްޔާރުވެފައިވާ މުސްތަގުބަލެއް ބިނާކުރަން ރާއްޖޭން މަސައްކަތްކުރާނެ ކަމަށެވެ.

"ވަކިވަކި ގައުމުތަކަށް އެކަނި މޫސުމީ ކާރިސާ ހައްލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ކޮޕް26ގެ ހަވާސާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހް (ވ)، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ އެކު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ދުނިޔޭގެ ލީޑަރުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އެއް އަމާޒަކަށް ވާސިލުވުމަށެވެ. އަދި ކޮޕް26 އަކީ މިކަން ހައްލުކުރަން ލިބޭ އެންމެ ފަހު ފުރުސަތަށް ވުން އެކަށީގެންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އާދޭސްކޮށްފައި ބުނަން، މި ފުރުސަތު ނަގާނުލައްވާ،" ރައީސް ވިދާޅުވި އެވެ.

ކޮޕް26 އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ކިޔާލަން 

ކޮމެންޓް (2)

އަހްމަދު އަބޫބަކުރު

2 ނޮވެމްބަރު 2021
އަޅުގަނޑު ހިތަށް އަރާ ތެދުވެރި ވެވޭނީ ކިހާވަރަކަށް ބާއޭ؟ ވާހަކަ ދެއްކުމާއި އަމަލުކުރުމާއި ހުރި ތަފާތުކަންވެސް ހިތަށް އަރާ. ގައުމުގެ އެންމެ ތައުލީމު ލިބިފައިވާ އަދި އެންމެ މަސައްކަތްތެރި ޒުވާނުންތައް ގައުމު ދޫކޮށް ދާން އުޅޭ ވާހަކަ ފަތިފައްޗަށް އަޑުއެބައިވޭ. އެމީހުންގެ ބޭކާރު ކޮށްލުމުން. ދެން ތިބި މީހުން ލައިގެން ކޮންމެ ސަރުކާރެއް މަސައްކަތް ކުރަން އުޅުނަސް ވާހަކަ ގިނަކޮށްފައި ކޮފީ ބޮއެފައި ކުރެވޭނެ ކަމެއް ދައްކަން އުނދަގޫވާނެ. މަނިކުފާނަށް މިކަން އިހްސާސް ހަމަ ނުކުރެވެނީތޯ؟ ކަންކަން ދާގޮތް ބައްލަވާލަން މޮޓޯކޭޑު ނޫން ގޮތަކަށް ނުކުމެލަން ކެރޭނެތޯ؟ އާދޭހާއެކު. ދިވެހި ޒުވާނެއް.
2 0

ހުކުމް

1 ނޮވެމްބަރު 2021
ދިވެހި ކޯޓުތަކުން ވަރަށް މޮޅުވާނެ ތިކަމަށް. މަރުގެ ހުކުމް ބަދަލުވާނެ ޖަލު ހުކުމަކަށް. ދުނިޔޭގަ ހުރިއްޔާ ދުވަސްކޮޅަކުން މިނިވަން ވާނެ. އެހެން ވީމަ މޫސުމީ މައްސަލަ ވެސް މާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް