ގްރީންހައުސް ގޭސް އެންމެ ގިނަ މިންވަރަކަށް ޖައްވަށް ބޭރުކުރާ ދެ ގައުމަކީ ޗައިނާ އަދި އެމެރިކާ: ޗައިނާގެ ގްރީންހައުސް ގޭސް އެމިޝަން އިތުރުވާންފެށީ، ސިނާއީ މަސައްކަތްތައް، 2000ން ފެށިގެން ފުޅާވާންފެށުމުން.
ޖައްވު އެންމެ ބޮޑަށް ކިލަނބުކުރާ ދެ ގައުމަކީ ޗައިނާ، އެމެރިކާ
ގްރީންހައުސް ގޭހުން ޖައްވު އެންމެ ބޮޑަށް ކިލަނބުކުރާ ދެ ގައުމަކީ ޗައިނާއާއި އެމެރިކާއެވެ. އެހެންކަމުން މޫސުމަށް ރަގަޅު ބަދަލުތަކެއް ގެނައުމުގެ އަމަލީ ކޮންމެ މަސައްކަތެއްގައި މި ދެ ގައުމުގެ ފުރިހަމަ ބައިވެރިވުން ވަރަށް މުހިންމެވެ. ވޭތުވެދިޔަ ދިގު މާޒީއަށް ބަލާއިރު ގްރީންހައުސް ގޭސް ޖައްވަށް އެންމެ ބޮޑު މިންވަރަކަށް ބޭރުކޮށްފައިވަނީ އެމެރިކާއިންނެވެ. ނަމަވެސް ނަމަވެސް 2006ން ފެށިގެން ޗައިނާގެ ހިއްސާ އެމެރިކާއަށްވުރެ ދެގުނަ މައްޗަށް ގޮސްފައިވެ އެވެ.
އާދީއްތަ ދުވަހު އ.ދ.ގެ މޫސުމާބެހޭ ސަމިޓް، ކޮޕް26، އިނގިރޭސިވިލާތުގެ ގްލާސްގޯގައި ފަށާއިރު ޗައިނާއާއި އެމެރިކާއިން ހުށަހަޅާ ކަންތައްތަކަށް ހުރިހާ ގައުމުތަކުން ސަމާލުކަން ދޭނެ އެވެ. އެއީ ކާބަންޑާއޮކްސައިޑް އަދި މީތޭން ފަދަ ގްރީންހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު އެކަށީގެންވާ ވަރަކަށް ދަށްކުރުމަށް މި ދެ ގައުމުގެ އެއްބާރުލުން ނުލިބި ކާމިޔާބު ނުވާނެތީ އެވެ.
-
އެނގުންމުހިންމު - 2006ން ފެށިގެން އެންމެ މަތީ މިންވަރަކަށް ކާބަންޑާއޮކްސައިޑް ޖައްވަށް ބޭރުކުރާ ގައުމަކީ ޗައިނާ އެވެ. ކާބަންޑާއޮކްސައިޑަކީ އެންމެ އާންމު ގްރީންހައުސް ގޭހެވެ. 2019 ގައި ޗައިނާގެ ގްރީންހައުސް ގޭސް ޖައްވަށް ބޭރުކުރި މިންވަރު އެމެރިކާއަށްވުރެ 2.5 ގުނަ އިތުރެވެ. މިއީ ތަރައްގީވެފައިވާ ހުރިހާގައުމުތަކުގެ ޖުމްލައާ ނުބައްދަލު މިންވަރެކެވެ. 2019 ގައި ޗައިނާއިން 14.1 ބިލިއަން ޓަނުގެ ގްރީންހައުސް ގޭސް ޖައްވަށް ފޮނުވާލާފައި ވެއެވެ. އެއީ މުޅިދުނިޔޭގެ ގްރީންހައުސް ގޭސް އެމިޝަންގެ %25 އަށްވުރެ އިތުރު މިންވަރެކެވެ. އެމެރިކާގެ ހިއްސާއަކީ 5.7 ބިލިއަން ޓަނެވެ. އެއީ ދުނިޔޭގެ ޖުމްލަ އެމިޝަންގެ %11 އެވެ. އެއަށްފަހު އަންނަީ އިންޑިއާ (%6.6) އަދި ޔޫރަޕިއަން ޔޫނިއަން (%6.4) އެވެ.
ޗައިނާއިން ގްރީންހައުސް ގޭސް އެމިޝަން އިތުރުވާންފެށީ، ސިނާއީ މަސައްކަތްތައް، 2000ން ފެށިގެން ފުޅާވާންފެށުމުންނެވެ. އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ތަރައްގީވެފައިވާ ގައުމުތަކުގެ ސިނާއީ މަސައްކަތާއި ތަކެތި އުފެއްދުމުގެ ދިގު ތާރީޚް ވަނީ ސިނާއީ އިންގިލާބާ ގުޅިފައެވެ. އެހެންކަމުން ވޭތުވެދިޔަ 200 ވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުތަކުންވަނީ މޫސުމަށް ބަދަލު އަންނަފަދަ ގޭސް ޖައްވަށް ބޭރުކޮށްފަ އެވެ.
-
ޖައްވަށް ބޭރުކުރާ ގޭހާބެހޭ ދިރާސާކުރާ އިނގިރޭސިވިލާތުގެ ޖަމާއަތެއްކަމުގައިވާ ކާބަން ބްރީފުން ބުނާގޮތުގައި 1850ން ފެށިގެން ޗައިނާއިން 284 ބިލިއަން ޓަނުގެ ކާބަންޑާއޮކްސައިޑް ޖައްވަށް ބޭރުކޮށްފައިވެ އެވެ. ޗައިނާއަށްވުރެ މާކުރިން ސިނާއީ ގޮތުން ކުރިހޯދި އެމެރިކާއިން އެ މުއްދަތުގައި 509 ބިލިއަން ޓަނުގެ ކާބަންޑާއޮކްސައިޑް ޖައްވަށް ބޭރުކޮށްފައިވެ އެވެ.
މި ދެގައުމަށް ބަލާއިރު ޗައިނާއަކީ 1.4 ބިލިއަންގެ އާބާދީއެއް އޮތް ގައުމެކެވެ. މީހެއްގެ ބޮލަކަށް ޖެހޭ މިންވަރަށް ބަލާއިރު ޗައިނާގެ މިންވަރު އެމެރިކާއަށްވުރެ މާދަށެވެ.2019ގައި ޗައިނާގެ މީހެއްގެ ބޮލަކަށް ޖެހިފައިވަނީ 10.1 ޓަނެވެ؛ އެމެރިކާގެ މިންވަރަކީ 17.6 ޓަނެވެ.