Majlis 2024

ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ތިމާވެށި ވަރަށް ނާޒުކު. (ފޮޓޯ/ އަލީ ރަފީގު)

މޫސުމަށް އަންނަ ބަދަލުތަކުން ކުދި ގައުމުތަކަށް ދިމާވާނެ ތިމާވެށީގެ މައްސަލަތަކަށް ދުނިޔޭގެ ސަމާލުކަން މީގެ 34 އަހަރު ކުރިން ގެނައީ ރާއްޖެ އިން

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ، އެ ދުވަސްވަރު އާންމުކޮށްފައިވާ ދިރާސާތަކާ ހަވާލާދީ، ރާއްޖެ އިން ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެނައީ 1987ގައި.
1 ނޮވެމްބަރު 2021
2

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކަލަށް ބޮޑެތި ގައުމުތަކުގެ ސަމާލުކަން ހޯދީ ރާއްޖެއިންނެވެ. މޫސުމާއި ތިމާވެށްޓާ ބެހޭ ސައެންސްވެރިންގެ ހޯދުންތަކުން ލަފާކުރެވޭ ހާލަތަކީ، ފިނިހޫނުމިން މައްޗަށް ދާ ނަމަ، ބިން ތިރި ގައުމުތަކާއި ރަށްތަކަށް ގެއްލުންވެ ނެތިގެން ހިނގައިދާނެ ކަމެވެ. އޭޕްރިލް 1987ގައި ރާއްޖޭގެ ބައެއް ރަށްރަށަށް، ޚާއްސަކޮށް މާލެއަށާއި އެއާޕޯޓް ހިމެނޭ ހުޅުލެއަށް، އުދަ އެރުންވީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތު ދުނިޔެ އަށް ހާމަކޮށްދޭން ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ފުރުސަތު ވަރަށް ފުރިހަމައަށް ބޭނުންކުރެއްވި އެވެ. އެ އަހަރު އޮކްޓޫބަރުގައި އޮތް މުހިންމު ދެ ބައްދަލުވުން ކަމުގައިވާ ކޮމަންވެލްތު ސަމިޓާއި އދގެ ޖެނެރަލް އެސެމްބްލީގައި، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ފަދަ ގައުމުތަކަށް އޮތް ނުރައްކާ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވި އެވެ.

ޖައްވު ހޫނުވެ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ފަދަ ބިން ތިރި ކުދި ގައުމުތަކަށް އޮތް ނުރައްކާ ބޮޑު. (ފޮޓޯ/އަލީ ރަފީގު)

އދގެ ޖެނެރަލް އެސެމްބްލީގެ 42 ވަނަ ބައްދަލުވުން ޚާއްސަކޮށްފައިވަނީ ތިމާވެށްޓާއި ތަރައްގީ އަށެވެ. އެ ބައްދަލުވުމުގައި، 19 އޮކްޓޫބަރު 1987ގައި، ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން މައުމޫން ވާހަކަދެއްކެވި އެވެ. ޚާއްސަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ، އެ ދުވަސްވަރު އާންމުކޮށްފައިވާ ދިރާސާތަކާ ހަވާލާދެއްވައި، ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ސަމާލުކަމަށް ގެންނެވި އެވެ. މައުމޫންގެ ތަގްރީރުގައި  ފާހަގަކުރެއްވި ބައެއް ކަންތައްތަކަކީ:

  • ދުނިޔޭގެ ބިމުގެ %35 ހަނަފަސްވުމުގެ ނުރައްކާ އޮތްކަން

  • އަހަރަކު 20 މިލިއަން ހެކްޓަރުގެ ޓްރޮޕިކަލް ފޮރެސްޓް ނެތެމުންދާކަން

  • ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރޭގައި ގަސްގަހާގެހި މަދުވުން، ފެން ތަޣައްޔަރުވުން، ވިހަ ގްރީންހައުސް ގޭސް ޖައްވަށް ބޭރުވުން، ނުރައްކާތެރި ކުނި އިތުރުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން ހިމެނޭކަން

  • ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ސައެންސްވެރިން ވިދާޅުވާކަން

  • ގްރީންހައުސް ގޭހުގެ ސަބަބުން އޯޒޯން ފަށަލަ ތުނިވެ ދުނިޔޭގައިވާ ދިރުންތަކަށް އެތަކެއް މައްސަލަތައް ކުރިމަތިވާނެކަން

  • ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދާނެކަން. އޭގެ ސަބަބުން ދުނިޔޭގެ އުތުރާއި ދެކުނު ޕޯލްގެ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު އުފުލޭނެކަން

  • ކަނޑުގެ ލޮނުގަނޑު 1 މީޓަރަށް އަންނަ ގަރުނުގެ (2000) ތެރޭގައި އުފުލޭނެ ކަމަށް ސައެންސްވެރިން ވިދާޅުވާކަން. އަދި އައްސޭރިފަށުގެ ގައުމުތަކަށާއި ޖަޒީރާ ގައުމުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެކަން

ގދ. އަތޮޅުގެ ފަޅު ރަށްތަކެއް ދުރުން ފެންނަ ގޮތް: ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ އަކިރި އާއި ވެލިން (ފޮޓޯ/އަލީ ރަފީގް)
ގދ. އަތޮޅުގައި، ގާ ހުދުވުމުގެ ސަބަބުން މަރުވެފައިވާ މުރަކައިގެ ފަރެއް: (ފޮޓޯ/އަލީ ރަފީގް)

 ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރާނެ ނޭދެވޭ އަސަރާ ބެހޭގޮތުން ވަރަށް ގިނަ ސައެންސްވެރިންނާއި ޖަމްއިއްޔާތަކުން ވަނީ ނެދަލެންޑްސް، އެމެރިކާ، މިސުރު، ބަންގްލަދޭޝް އަދި ރާއްޖޭގައި ދިރާސާތައް ކޮށްފައިކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވިގޮތުގައި ބިންި ތިރި، އައްސޭރިފަށުގެ ގައުމުތަކަށް އުދަ އެރުމާއި ފެން ލޮނުވުމުގެ މައްސަލަތައް ކުރިމަތިވާނެ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖެއަށް ދިމާވާނެ މައްސަލަތަކާ މެދު ވަރަށް ދިގުކޮށް މައުމޫން ވާހަކަ ދެއްކެވި އެވެ.

  • "ކަނޑުގެ ލޮނުގަނޑު 2 މީޓަރަށް އުފުލިއްޖެ ނަމަ، 1190 ރަށް ހިމެނޭ އަޅުގަނޑުގެ ގައުމު، ދިވެހިރާއްޖެ، ފެތިގެން ހިނގައިދާނެ،" މައުމޫން ވިދާޅުވި އެވެ. 

ރާއްޖޭގެ ގިނަ ރަށްތަކުގެ އުސްމިނަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2 މީޓަރު ކަމަށް ވުމާއެކު، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ "ގައުމެއްގެ ނެތިދިއުން" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

19 އޮކްޓޫބަރު 1987ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އދގެ ޖެނެރަލް އެސެމްބްލީގައި އިނގިރޭސި ބަހުން ދެއްވި ތަގްރީރުގެ ތަންކޮޅެއް.

މައުމޫން ވިދާޅުވިގޮތުގައި ހުޅަނގު މޫސުމުގައި ކަނޑު ގަދަވެ އުދަ އެރުމުގެ މައްސަލަތައް، ރާއްޖޭގެ އޭރުގެ 195،000 މީހުންގެ އާބާދީ އަށް ކުރިއަކުން ނުފޯރަ އެވެ. ނަމަވެސް އުދަ އެރުމުގެ މައްސަލަތައް ވަނީ އެ އަހަރު (1987) އިތުރުވެފަ އެވެ. މިސާލެއްގެ ގޮތުން މައުމޫން ވިދާޅުވީ 10-12 އެޕްރީލްގައި، ދުވަހަކު ވެސް ތަޖުރިބާކުރެވިފައި ނުވާ ވަރަށް، ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އެރުމެވެ.

  • މާލެއަށް އުދަ އަރައި، ބިމުގެ ހަތަރުބައިކުޅަ އެއްބައިގައި ފެން ބޮޑުވި ކަމަށާއި އަދި ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ އެއާޕޯޓަށް ވެސް އުދަ އެރުމުގެ ސަބަބުން ގެއްލުންވި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ލޮނު ފެނުގެ ސަބަބުން ދަނޑުތައް ހަލާކުވެ ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ވެސް މައުމޫން ފާހަގަކުރެއްވި އެވެ. ސޯޅަ ރަށަކަށް އުދައަރައި 300 މީހުން ހާލުގައި ޖެހުނެވެ.

ކެނެޑާގެ ވެންކޫވާގައި 13-14 އޮކްޓޫބަރު 1987ގައި އޮތް ކޮމަންވެލްތު ސަމިޓްގައި ވެސް މައުމޫން ވަނީ ރާއްޖެއަށް ދިމާވި އާދަޔާޚިލާފަށް އުދައެރުމުގެ ހާދިސާއަށް ދުނިޔޭގެ ސަމާލުކަން ގެންނަވައިފަ އެވެ. ޖަލްސާގައި ދެއްވި ތަގްރީރުގައި މައުމޫން ވިދާޅުވީ އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ރާއްޖޭގެ ކުދި، ބިން ތިރި ރަށްތަކަށް ލިބިފައިވާ ކަމަށެވެ. މައުމޫންގެ ތަގްރީރާ ގުޅިގެން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ ވެރިން ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

  • އެނގުން މުހިންމު - ވެންކޫވާ ސަމިޓްގައި ނެރުނު ގުޅިފައިވާ ބަޔާނުގައި، ތިމާވެށީގެ މައްސަލަތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ހާދިސާތަކާ މެދު ރާއްޖޭގެ ކަންބޮޑުވުން ފާހަގަކޮށްފައިވެ އެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ކޮމަންވެލްތުގެ ގައުމުތަކަށް ފޯރާ ވަރު ބެލުމަށް އެކްސްޕާޓުންގެ ގްރޫޕެއް އުފެއްދުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަށް ދެންނެވި އެވެ. މިގޮތުން އުފެއްދި 'ކޮމަންވެލްތު އެކްސްޕާޓް ގްރޫޕް އޮން ކްލައިމެޓް ޗޭންޖު އެންޑް ސީލެވެލް ރައިޒް'ގެ ފުރަތަމަ ބައްދަލުވުން އޮތީ މޭ 1988ގަ އެވެ.

ފުވައްމުލަކު ތުނޑި: ރާއްޖެ ފަދަ ކުދި ޖަޒީރާތަކުގެ ހާލަތު މީގެ 34 އަހަރު ކުރިން ދުނިޔޭގެ ސަމާލުކަމަށް އައި ނަމަވެސް، ބޮޑެތި ގައުމުތަކުގެ ޒިންމާ އަދައެއް ނުކުރޭ.

އޭގެ އެއް އަހަރު ފަހުން، ނޮވެމްބަރު 1989ގައި ރާއްޖޭގައި ބޭއްވި 'ސްމޯލް ސްޓޭޓްސް ކޮންފަރެންސް އޮން ސީލެވެލް ރައިޒް' އަކީ  މޫސުމަށް އަންނަ ބަދަލުތަކުން ކުދި ގައުމުތަކަށް ދިމާވާނެ ތިމާވެށީގެ މައްސަލަތަކާ މެދު މަޝްވަރާކުރި މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުން، 'އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް' ގާއިމްކުރުމަށް މަގުފަހިވެގެންދިޔަ އެވެ. ނޮވެމްބަރު 14-18އަށް ބޭއްވި ބައްދަލުވުމުގައި އެކުލަވައިލި 'މާލޭ ޑެކްލަރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީލެވެލް ރައިޒް' ގައި، ޖައްވު ހޫނުވެ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ފަދަ ބިން ތިރި ކުދި ގައުމުތަކަށް އޮތް ނުރައްކާ ބަޔާންކޮށްފައިވެ އެވެ. ތިން ސަފުހާގެ މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ތިމާވެށީގެ މައްސަލަތައް އުފެދުން ގުޅިފައިވަނީ މާއްދީ ތަރައްގީއަށްޓަކައި، ވޭތުވެދިޔަ 200 އަހަރު، ތަރައްގީވެފައިވާ ގައުމުތަކުން ކޮށްފައިވާ ސިނާއީ މަސައްކަތްތަކާ އެވެ. އެހެންކަމުން ތިމާވެށީގެ މައްސަލަތައް ހަމައަކަށް އެޅުވުމަށްޓަކައި މަސައްކަތްކުރުމަކީ އެ ގައުމުތަކުގެ ޒިންމާއެއް ކަމުގައި ގަރާރުގައި ބުނެފައިވެ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތު މީގެ 34 އަހަރު ކުރިން ސަމާލުކަމަށް އައި ނަމަވެސް، މޫސުމީ ބަދަލުތަކުގެ އަސްލު ކަމުގައިވާ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެ އެވެ. އިނގިރޭސިވިލާތުގެ ގްލާސްގޯގައި އިއްޔެ ފެށި ކޮޕް26 ސަމިޓުގައި ވެސް، ހަގީގީ ރަނގަޅު ބަދަލުތަކެއް އަންނާނެ ފިޔަވަޅުތަކެއް، ތަރައްގީވެފައިވާ ގައުމުތަކުން އަޅަން އެއްބަސްވާނެކަމުގެ ޔަގީންކަމެއް ނެތެވެ. ނަމަވެސް، އޮތް ނުރައްކަލުގެ ވާހަކަ އެކި ފެންވަރުގައި ދެކެވޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ކިޔާލަން

ކޮމެންޓް (2)

ތިބާބެ

1 ނޮވެމްބަރު 2021
ފުރިހަމަ ލިޔުމެއް. އަލީމެން ގިނައިން ލިޔަންވީ، ސިޔާސީގޮތުން ގައުމު މިދާހާލަތުވެސް ދިރާސާކޮށްފަ ލިޔެލަބަލަ ނިކަން.
3 2

ހަންބެ

1 ނޮވެމްބަރު 2021
މައުމޫން މިކަމުގަ ކުރިން އިސްނަގާފަ އިންކަމެށް މަށަށް އަދިކިރިޔާ މި އެނގުނީ. އަންނި މާ މެޑަލް ޖަހަނީ މަ ހީކުރީ އަންނިކަމަށް މީގެ މޭސްތިރިއަކީ. އެކަމަކު އަންނިގެ ޕީއާރު މާބޮޑުނުވާގޮތަށް ރަނގަޅަށް ކުރީމަ ރަނގުޅުވާނެ ހެން ހީވަނީ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް