މާލެއަށް އުފަން އައިޝަތު ލިއުޝާ، ލ. ގަމުގައި އޭނާ ދަނޑުވެރިކަން ކުރާ ދަނޑުން، ތަރުކާރީގެ ބާވަތެއް ކަމަށްވާ ގިއްސާއެއް ދައްކާލަނީ: މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިކޮށް ދަނޑުވެރިކަން ކުރެވޭނެ ހައްލުތަކެއް އޭނާއަށް ބޭނުންވޭ.

މޫސުމީ ބަދަލުގެ ގެއްލުންތަކުގައި ލިއުޝާގެ ދަނޑުވެރިކަން

އުދަ އެރުމާއި ހުއްޓުމެއް ނެތި ވާރޭ ވެހުމާއި އާދަޔާހިލާފަށް ހޫނުގަދަވުމުގެ ބޮޑެތި ގެއްލުންތައް ރާއްޖޭގެ ދަނޑުވެރިންނަށް ދަނީ ކުރިމަތިވަމުން
29 އޮކްޓޯބަރު 2021

އާއްމުކޮށް ޕްރޮޖެކްޓް މަސައްކަތް ކުރަމުން އައި އަދި މާލެއަށް އުފަން އައިޝަތު ލިއުޝާ، ޔޫއެންޑީޕީގެ ޕްރޮޖެކްޓެއްގެ ދަށުން ލ. އަތޮޅަށް ދަތުރެއް ކުރަން ޖެހުނެވެ. ރާއްޖޭގެ އެންމެ ބިން ބޮޑު އެއް އަތޮޅަށް ކުރި އެ ދަތުރާ އެކު އޭނާގެ ދިރިއުޅުމަށް އައީ ވަރަށް ބޮޑު ބަދަލެކެވެ. މާލެއިން ރަށްފުށުގެ ހިތްފަސޭހަ މާހައުލަށް، ލ. ގަމަށް، ފިރިމީހާއާ އެކު ހިޖުރަކުރީ އެވެ.

އެއީ 2014 އެވެ. ލިއުޝާ ބޭނުންވީ ދަނޑުވެރިކަމަކީ ދިރިއުޅުމެއް ބިނާކުރަން ކުރެވިދާނެ މަސައްކަތެއްތޯ ތަޖުރިބާ ކުރާށެވެ. ހިތްގައިމު ލާމަކީ ދަނޑުވެރި އަތޮޅެކެވެ. ދަނޑުވެރިކަން ކުރާ 400 އެއްހާ މީހުން ދިރިއުޅެ އެވެ.

ލިއުޝާގެ އަމިއްލަ ނަމުގައި 20،000 އަކަފޫޓުގެ ދަނޑު ބިމެއް ކައުންސިލުން ރަޖިސްޓްރީކޮށްދީފައި އެބަ އޮތެވެ. ޕަރީ ފެންގަނޑުގެ އުތުރުން އޮންނަ އޭނާގެ ދަނޑުތަކުގައި ފިިރިމީހާގެ އެހީތެރިކަމާ އެކު އަންނަނީ ތަރުކާރީ އާއި ތަފާތު މޭވާ ގޮވާންކުރަމުންނެވެ. 

އެކަމަކު ލިއުޝާއަށް ކުރިމަތިވެފައި ހުރީ ބޮޑެތި ހުރަސްތަކެކެވެ.

ދުނިޔެ ހޫނުވެ މޫސުމަށް އަންނަ ބަދަލުތަކަކީ ދަނޑުވެރިކަން ކުރަން މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އާދަޔާހިލާފަށް ވާރޭވެހުމާއި ވައި ބާރުވުމާއި ހޫނުގަދަވުމާއި ދަނޑުބިންތަކަށް ލޮނުގެ އަސަރުކުރުމުގެ ގެއްލުންތައް ރާއްޖޭގެ ދަނޑުވެރިންނަށް މިހާރު ވަނީ ކުރިމަތިވެފަ އެވެ.

  • މޫސުމީ ބަދަލާ އެކު ދަނޑުވެރިކަން ކުރުމަށް ގޮންޖެހުން ބޮޑު
  • ލިއުޝާގެ ދަނޑުގައި މިރުސް ގަސްތައް ވިއްސާރައާ އެކު ހަލާކުވެފައި
  • ލިއުޝާގެ ދަނޑުގައި ބޮޑު ރުކެއް ބާރު ވަޔާ އެކު ވެއްޓިފައި

ލިއުޝާ ބުނިގޮތުގައި ހުޅަނގު މޫސުމުގައި، ހުއްޓާނުލާ ވާރޭ ވެހޭއިރު ދަނޑުތަކުގައި ފެން ނުހިނދި މޫތައް ފީވެ އެވެ. ދެން ގަސްތައް މަރުވަނީ އެވެ. އޭނާ ދެކޭ ގޮތުގައި މިއީ ދަނޑުވެރިކަމުގައި ކުރިއަށް ނުދެވޭ މައިގަނޑު އެއް ސަބަބެވެ. ފައިދާ ނުވާ ސަބަބެވެ. އަލުން ބަލުން ފަށަން ޖެހެނީ އެވެ. އޭނާ އިންދި ފަޅޯ، ބަށި، އަދި މިރުސް ގަސްތައް، ހުޅަނގު މޫސުމުގައި ހުއްޓާނުލާ ވެހުނު ވާރޭގެ ސަބަބުން، މަރުވެ ތިން ފަހަރު އަލުން ފަށަން ޖެހުނެވެ.

އޭގެ އިތުރުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިރުވައިގައި ފެން ނުލިބުމެވެ.

"ހެނދުނާއި ހަވީރު ފެން ޖަހަން ޖެހޭއިރު ވަޅުން ފެން ނުނެގޭ،" ލިއުޝާ ބުންޏެވެ.

ދުނިޔޭގެ އެންމެ ތިރި ގައުމު ރާއްޖޭގަައި ދަނޑުވެރިކަން ކުރުމަށް ދިމާވާ އަނެއް ހުރަހަކީ އުދަ އެރުމެވެ. މިހާރު ކުރިއަށް ވުރެ މާ ބޮޑަށް، އާދަޔާހިލާފަށް އުދައަރާ އިރު، ރަށު ތެރެއަށް ލޮނުގަނޑު ވަދެގެން އަންނަ ދުރުމިން ވެސް މިހާރު ބޮޑުކަން ލިއުޝާއަށް ފާހަގަކުރެވެ އެވެ.

އައިޝަތު ލިއުޝާ: ގަމަށް ދިރިއުޅުން ބަދަލުކޮށް، އޭނާ ވަނީ ދަނޑުވެރިކަން ކުރަން ފަށާފައި.
ލިއުޝާ އޭނާގެ ދަނޑުން ބަށި ބިންނަނީ
ލިއުޝާ އޭނާގެ ދަނޑުގައި މަސައްކަތުގައި

ދަނޑު ބިންތަކާ ހިސާބަށް އަދި ރާޅުގެ ސީދާ އަސަރެއް ނުކުރެ އެވެ. ނަމަވެސް ވެލިގަނޑަށް އޭގެ އަސަރު ކުރާނެ އެވެ. ލިއުޝާ ބުނާ ގޮތުގައި ދަނޑުވެރިކަމަށް އެންމެ ރަނގަޅީ ފަސްގަނޑުގެ ޕީއެޗް ލެވެލް 5.5 އާއި 7.5އާ ދެމެދު ހުރުމެވެ.

"އާއްމުކޮށް ރާއްޖޭގައި ޕީއެޗް ލެވެލް ހުންނަނީ 8 ގައި. ބުރަ މަސައްކަތުން ދަނޑު ހައްދާ އިރު، މިކަމުގެ ސަބަބުން، ގޮވާމުގެ މިންވަަރު ދަށްވޭ،" ލިއުޝާ ބުންޏެވެ.

ފަސްގަނޑުގައި ޕީއެޗް ލެވެލް މާ ދަށްވެ ނުވަތަ މާ މަތިވެއްޖެ ނަމަ ނިއުޓްރިއެންޓް ހުންނަ މިންވަރާއި މައިކްރޯބިއަލް އެކްޓިވިޓީ ދަށްވެ، ދަނޑުން ލިބޭ ތަރުކާރީ އާއި މޭވާ މަދުވެ އެވެ. އަދި ފޮސްފޭޓް މަދުވުމުގެ ސަބަބުން ގަސްކާނާއަށް ބޮޑަށް ބަރޯސާ ވާން ޖެހެ އެވެ. އުދަ އަރާ ނަމަ ފަސްގަނޑަށް އެސިޑް ސަލްފޭޓްގެ އަސަރުކުރުން ގާތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ލިއުޝާގެ ދަނޑުގައި ހުރި ގަސްތަކެއް ބާރު ވަޔާ އެކު ވެއްޓިފައި.

މޫސުމަށް އަންނަ ބަދަލުތަކުން ދަނޑުވެރިކަމަށް ހުރި ހުރަސްތައް ބޮޑު ނަމަވެސް، ކާނާގެ ޔަގީންކަމުގެ ކުޑަ އުއްމީދަކަށް، ކޮވިޑްގެ ހާލަތުގައި އެތައް ބަޔަކު ގަސް އިންދުމަށާއި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވި އެވެ. 

ނަމަވެސް ލިއުޝާ ކަންބޮޑުވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ސަބްސިޑީ ނުދޭތީ އެވެ. އިންޓަރެސްޓާ ނުލައި ނުވަތަ އިންޓްރެސްޓް ކުޑަކޮށް ދަނޑުވެރިންނަށް ލޯނު ހޯދައިދިނުމަށް މަސައްކަތް ނުކުރާތީ އެވެ. ބަދަލުގައި ކޯޕަރޭޝަނުން ދެނީ ވަރަށް ކުޑަ އެއްޗެއް ކަމަށް އޭނާ ދެކެ އެވެ. 

މި ސަރުކާރުން އެގްރޯނެޓް ކުންފުނި އުފެއްދީ އިގްތިސޯދީ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރަައްގީކޮށް، ރާއްޖެ އިމްޕޯޓަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށާއި ކާނާގެ ޔަގީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. ފުރަތަމަ ފިޔަވަހީގައި އެގްރޯނެޓުން ވަނީ ދަނޑުވެރިކަން ކުރެވޭނެ 45 ރަށަކާއި ހެއްދޭނެ 17 ބާވަތެއް ކަނޑައަޅައިފަ އެވެ.

އެގްރޯނެޓްގެ ހެޑް އޮފް މާކެޓިން އަހުމަދު ޒަކީ ވިދާޅުވިގޮތުގައި އެ ކުންފުނިން ސަބްސިޑީއެއް ނުދިނަސް ދަނޑުވެރިންނަށް ސްޓާޓާ ޕެކޭޖެއް ދެ އެވެ. އެ ޕެކޭޖުގައި ހިމެނެނީ ދަނޑުވެރިކަން ކުރާނެ 10 އާލާތެކެވެ. ކޮންޓްރެކްޓް ފާމިން އުސޫލުން އެގްރޯނެޓާ ބައިވެރިވާ ދަނޑުވެރިންނަށް ދޭ ސްޓާޓާ ޕެކޭޖް ދޫކުރަނީ ދެ އަހަރު ދުވަހުން ފައިސާ ދައްކާ ގޮތަށެވެ. 

އެގްރޯނެޓާ އެކު ކޮންޓްރެކްޓް ހަދާ ދަނޑުވެރިންނަށް މުޑުވަކާއި މައުލޫމާތު ދެ އެވެ.

"މެނުއަލްއެއް ދޭނެ. އޭގައި ހުންނާނެ ހެެއްދޭނެ ބާވަތްތަކާއި ދިމާވާނެ މައްސަލަތަކާއި ކަންކަން،" ޒަކީ ވިދާޅުވި އެވެ.

ނަމަވެސް އެގްރޯނެޓްގެ ސިޔާސަތާ މެދު ލިއުޝާ ހިތްހަމައެއް ނުޖެހެ އެވެ.

"ކޮންޓްރެކްޓް ފާމިންއޭ ކިޔައިގެން އެމީހުން އުޅެނީ އަސްލު ފްރީ ލޭބަރާސް ގޮތުގައި ދަނޑުވެރިން ބޭނުން ކުރަން. އަހަރުމެން އަތުން މުޅި އަހަރު އެއް އަގެއްގައި ގަނެގެން މާކެޓަށް ވިއްކަން. އަަހަރުމެންނަށް ނުވިއްކެނީ އަހަރެެއްގެ އެންމެ ތިން މަހު. އެހެންވިއްޔާ މުޅި އަހަރު ތެރޭ ކީއްކުރަން ދަށް އަގުގައި އެމީހުންނަށް ވިއްކަންވީ؟" ލިއުޝާ ބުންޏެވެ.

އޭނާ ދެކޭގޮތުގައި ދަނޑުވެރިންގެ ހުރިހާ އުފެެއްދުންތަކެއް ގަތުމަަށް ވުރެ ރަނގަޅު ގޮތަކީ 'ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (ގެޕް)' ބޭނުންކޮށްގެން އުފައްދާ އެއްޗެހި ގަތުމެވެ. ލިއުޝާ ބުނީ ރާއްޖޭގައި ގެޕް ސެޓިފައިޑް ދަނޑެއް އަދި ނެތް ކަމަށާއި އޭނާގެ އުއްމީދަކީ ސަރުކާރުން އެ ސެޓްފިކެޓް ތައާރަފްކުރުން ކަމަށެވެ. ކެމިކަލް ޖަހައިގެން ހައްދާ ތަކެތި ކާން އެންމެ ރަނގަޅު ނޫންކަން އެތައް ދިރާސާ އަކުން ދައްކާ އިރު، ސަރުކާރުގެ ކުންފުންޏަކުން، އެކަމަށް މަގުފަހިވާ ގޮތަށް އިންތިޒާމްތައް ރޭވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ލިއުޝާ ދެކެ އެވެ.

ޒަކީ ވިދާޅުވިގޮތުގައި އެގްރޯނެޓުން ވެސް ހިތްވަރުދެނީ އޯގޭނިކް ދަނޑުވެރިކަން ކުރުމަށެވެ.

ދަނޑު ހެއްދުމަކީ ބުރަ މަސައްކަތެއް؛ ލިއުޝާ އެ މަސައްކަތް ކުރަނީ ކުރާ ހިތުން.
އާއްމުކޮށް ނުހެއްދޭ ބާވަތްތައް ހައްދަން ލިއުޝާ މަސައްކަތް ކުރޭ.

ސަރުކާރުގެ ފަރާތުން ލިއުޝާ ބޭނުންވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެވޭނެ ފަދަ ހައްލުތަކެކެވެ. އޭނާ ބުނިގޮތުގައި، ލިބެމުންދާ ގެއްލުންތަކާ އެކު، ރާއްޖޭގެ ދަނޑުވެރިކަން މިހާރު އޮތީ ވާޓިކަލް ފާމިންއަށް ބަދަލު ކުރަން ޖެހިފަ އެވެ.

'ކްލައިމެޓް ސްމާޓުކޮށް' ދަނޑުވެރިކަން ކުރެވޭ ގޮތެއް ސަރުކާރުން ފަހިކޮށްދޭން ލިއުޝާ އެދެ އެވެ. ފަސްގަނޑުގެ ޕީއެޗް ބަލާ މެޝިނާއި ވާޓިކަލް ފާމިން އަދި ސޯލާ ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ގްރީން ހައުސް، ދަނޑުވެރިންނަށް ހޯދައިދިނުން މާ ރަނގަޅުވާނެ ކަމަށް އޭނާ ދެކެ އެވެ.

އެގްރޯނެޓުން ބުނިގޮތުގައި އެފަދަ ކަންކަމަށް އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނެ އެވެ.

"ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް އަގު ބޮޑު. ދެވަނަ ފިޔަވަހީގައި ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންއަށް ދާނެ،" ޒަކީ ވިދާޅުވި އެވެ.

ކަންބޮޑުވުންތަކާ އެކު ވެސް، ދަނޑު ހެއްދުމުގައި ލިއުޝާ އުޅެނީ ބިޒީކޮށެވެ. އާއްމުކޮށް ނުހެއްދޭ، ޓޮމާޓޯ އަދި ހަނީ މެލަން ފަދަ ބާވަތްތައް ހައްދަން މަސައްކަތްކޮށް ތަޖުރިބާކުރެ އެވެ. 

"މި ތަކެއްޗަށް ބޭނުންވަނީ ކޮންޓްރޯލްޑް މާހައުލެއް. ފަސްގަނޑު އެހާ ރަނގަޅެއް ނޫން،" ލިއުޝާ ބުންޏެވެ. ނަމަވެސް ކާމިޔާބުކުރުމަކީ އަދިވެސް އޭނާގެ އަމާޒެކެވެ.

ލިއުޝާ އޭނާގެ ދަނޑުގައި ގިނަ ވަގުތުތަކެއް ހޭދަކުރޭ
ރައްކާތެރިކޮށް ކާބޯތަކެތި އުފައްދާ 'ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް' އަކީ ލިއުޝާ ތާއީދު ކުރާ ގޮތް.

ކާނާގެ ޔަގީންކަން ނުލިބިގެން އުޅޭ އިރު، ދުނިޔެ ހޫނުވެގެން މޫސުމަށް އަންނަ ބަދަލުތަކާ އެކު، ދިވެހިންނަށް މި އޮތީ ދަނޑުވެރިކަން ކުރުމުގައި އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. ނަމަވެސް އެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މުހިއްމުކަން ވެސް ވަނީ ބޮޑުވެފަ އެވެ. ކާބޯތަކެތީގެ ޔަގީންކަމާއި ރައްކާތެރިކަން ހޯދުމަށެވެ.

ބޭރުން އެތެރެކޮށްގެން ބޭނުންކުރާ ކާބޯތަކެއްޗަށް މުޅިން ބަރޯސާ ނުވެ، ދިވެހިންގެ ފެހި މާޒީން ފިލާވަޅު ނަގައިގެން ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ދަނޑުވެރިކަންކޮށް ނަފާ ހޯދައިގެން އުޅެވޭނެ ގޮތް ވުމަކީ ލިއުޝާ ފަދަ ދަނޑުވެރިންގެ އުއްމީދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް