ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި މިރޭ ތަގުރީރުކުރެއްވުމަށް ރައީސް ސޯލިހް ޕޯޑިއަމް ކައިރިއަށް ވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކޮޕް26

އެއްބަސްވި ފައިސާ ނުދޭތީ ހިތާމަކުރަން؛ ފައިސާ ދޭތޯ ޔަގީންކުރަން އުސޫލުތަކެއް ގާއިމްކުރަން ޖެހޭ: ރައީސް

ބޮޑެތި ގައުމުތައް ގުޅިގެން ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް އެހީތެރިވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި
1 ނޮވެމްބަރު 2021

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވުމަށް ރާއްޖެ ފަދަ ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް 2015ގައި ވެފައިވާ ވައުދު ނުފުއްދާތީ ބޮޑެތި ގައުމުތަކަށް ފާޑުވިދާޅުވެ، މޫސުމީ ކާރިސާއާ ދެކޮޅަށް މަސައްކަތްކުރުމަށް ދޭން އެއްބަސްވާ ފައިސާގެ އަދަދުތައް ދޭތޯ ބެލޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ކޮންފަރެންސް ނުވަތަ ކޮޕް26 ސްކޮޓްލަންޑުގެ ގްލާސްގޯގައި މިއަދު ފެށި އިރު، މިއަދާއި މާދަމާ ގައުމުތަކުގެ ވެރިން ތަގުރީރުކުރައްވާނެ އެވެ. ކޮޕްގެ ބައްދަލުވުމަކަށް ރާއްޖޭގެ ރައީސަކު ވަޑައިނުގަންވާތާ 12 އަހަރަށް ފަހު މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރައީސް ސޯލިހް ތަގުރީރުކުރެއްވީ މި ރެ އެވެ.

ހަމައެކަނި ބުނެލާ ބަހަކުން، ވާ ވައުދަކުން ނުފުދޭ.

ރައީސް ސޯލިހް

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެއް ގައުމަކަށް ނުވަތަ ބަޔަކަށް މޫސުމީ ކާރިސާއަށް ހައްލެއް ނުގެނެވޭނެ ކަމަށެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމަށް ހާއްސަކޮށް ބޮޑެތި ގައުމުތަކުން މިހާރަށް ވުރެ ވެސް ބޮޑެތި އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގައުމުތައް ގުޅިގެން ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް އެހީތެރިވާން ވެސް ޖެހޭ ކަމަށެވެ.

"[އެކަމަކު] ހަމައެކަނި ބުނެލާ ބަހަކުން، ވާ ވައުދަކުން ނުފުދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް ސޯލިހް މިރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާތަނަށް ސޮއިކުރި އެންމެ މުހިންމު މުއާހަދާ ކަމަށްވާ ޕެރިސް އެގްރީމެންޓުގެ ދަށުން ރާއްޖެ ފަދަ ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ބޮޑެތި ގައުމުތަކުން ވަނީ ވައުދު ވެފަ އެވެ. ނަމަވެސް، މިދިޔަ ހަ އަހަރުދުވަހުގެ ތެރޭގައި އެ އަދަދާ ގާތްކުރާ ވަރަށް ވެސް ފައިސާ ދީފައެއް ނުވެ އެވެ.

"މިކަން ހާސިލުކުރުމާ ގާތަށް ވެސް އަދި މަސައްކަތް ނުކުރެވޭތީ އަޅުގަނޑު ހިތާމަކުރަން،" ރައީސް ވިދާޅުވި އެވެ.

"ނާޒުކު ގައުމުތަކަށް ފުރުސަތެއް ދިނުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދޭން އެއްބަސްވާ ފައިސާގެ އަދަދުތައް ދޭތޯ ކަށަވަރުކުރެވޭނެ އުސޫލުތަކަކަށް އެއްބަސްވާން އެބަޖެހޭ."

ކޮޕް26ގެ ހަވާސާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހް (ވ)، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ ފައިސާގެ އެހީ ދޭ ފަހަރުތަކުގައި ވެސް އެ އެހީން ހަރަދުކުރަން ޖެހެނީ ރިޕޯޓާއި ދިރާސާތައް ފަދަ ލިޔެކިއުންތައް ތައްޔާރުކުރަން ކަމަށެވެ. އޭގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް އެފަދަ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރަން ފުރުސަތު ނުލިބޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ބައެއް ކަންކަން:

  • ޖަންގަލިތަކުގައި ރޯވުމާއި ފެންބޮޑުވުން ފަދަ ގުދުރަތީ ކާރިސާތަކުގެ އަދަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އިތުރުވެ، އެ ކަންކަމުން ލިބޭ ގެއްލުން ބޮޑުވަމުންދާކަން

  • ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް، އެ މީހުންގެ ދިރިއުޅުމާއި ސިއްހަތު ސަލާމަތްކުރުމަށް މަސައްކަތް ކުރުމުގެ ގާބިލުކަން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުޑަވަމުންދާކަން

ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް ސޯލިހް މިރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކޮޕް26 އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް