ކޮޕް26ގެ ހަވާސާގައި ރޭ ބޭއްވި ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް (ވ-3)އާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ދިވެހިން ކްލައިމެޓް ރެފިއުޖީންނަށް ވެދާނެ؛ ކާރިސާއެއްގެ ބިރާ ނުލާ އުޅެވެން ޖެހޭ: ރައީސް

ފައިސާ ހޯދަން މިހާރު ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ވަނީ އެކަން ހައްލުކުރަން ކޮމަންވެލްތުން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައި
3 ނޮވެމްބަރު 2021

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ދިވެހިން ކްލައިމެޓް ރެފިއުޖީންނަށް ވެދާނެ ކަމުގެ އިންޒާރު ދެއްވައި، ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާ ނުލާ އުޅުމުގެ ހައްގު ދިވެހިންނަށް އޮންނަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސްކޮޓްލަންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް26ގެ ހަވާސާގައި ކުރިއަށްގެންދިޔަ ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑަސް ސަމިޓުގައި ރައީސް ސޯލިހް ވަނީ ތަގުރީރުކުރައްވައިފަ އެވެ. އެ ތަގުރީރު ފެއްޓެވީ، ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކާ އެއްގޮތަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައްވަމުންނެވެ.

ކޮޕް26ގެ ހަވާސާގައި ރޭ ބޭއްވި ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - އެގޮތުން، ރައީސް ސޯލިހް ފާހަގުރެއްވި ކަންކަމުގެ ތެރޭގައި:

  • މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން

  • ރާއްޖޭން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދު ނަމަވެސް، ރާއްޖޭން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަކަން 

  • އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ގައުމުތަކަށް ރާއްޖޭން ނަމޫނާ ދައްކަމުން އަންނަކަން

  • 2030 އަންނަން ވާއިރަށް ނެޓް ޒީރޯ ގައުމަކަށް ވުމަށް އަޒުމް ކަނޑައަޅައި އެކަން ހާސިލްކުރަން މަސައްކަތް ކުރަމުން އަންނަކަން

"ދިވެހިން ކްލައިމެޓް ރެފިއުޖީންނަށް ވުމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވި އެވެ. "އެހެން ގައުމުތަކުން އެކަހަލަ [ނެޓް ޒީރޯއަށް ވާސިލްވުން ފަދަ] އަޒުމެއް ކަނޑަނާޅަނީ ކީއްވެތޯ؟"

ކޮޕް26ގެ ހަވާސާގައި ރޭ ބޭއްވި ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ކޮޕް26ގެ ހަވާސާގައި ރޭ ބޭއްވި ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެދެވޭ ނިންމުންތަކެއް ނުނިންމައިފި ނަމަ ރާއްޖެއަށް ގެއްލުން ބޮޑު

ކޮޕް26ގައި ނިންމާ ނިންމުންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާކަން ފާހަގަކުރައްވައި ރައީސް ވަނީ ގައުމުތަކުގެ ލީޑަރުން ކޮޕް26ގައި ރަނގަޅަށް ގޮތް ނިންމެވުމަށް ތަކުރާރުކޮށް ބާރުއަޅުއްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ، ކޮޕް26ގައި ރަނގަޅު ނިންމުންތައް ނުނިންމައިފި ނަމަ، އިތުރު އެތައް ބިލިއަން މީހުންނަށް މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ،" އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ބޮޑުވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ކޮޕް26ގެ ހަވާސާގައި ރޭ ބޭއްވި ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންއާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ކޮޕް26ގެ ހަވާސާގައި ރޭ ބޭއްވި ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފައިސާ ހޯދަން މިހާރު މާ އުނދަގޫ؛ ފަސޭހަކޮށްދޭން ޖެހޭ

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެ ފަދަ ނާޒުކު ގައުމުތަކުން ފައިސާ ހޯދަން މިހާރު ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެ މަނިކުފާނު ވަނީ، ފަސޭހަކަމާ އެކު ފައިސާގެ އެހީތެރިކަން ލިބޭނެ މަގުފަހިކޮށްދިނުމަށް ކޮމަންވެލްތުން ވެސް މަސައްކަތްކޮށްދިނުމަށް އެ ބައްދަލުވުމުގައި ބާރުއަޅުއްވައިފަ އެވެ.

"ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުގެ މަސައްކަތް އިތުރަށް ފުޅާކުރަން އަޅުގަނޑު އެދެން،" އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ދިވެހިން ކްލައިމެޓް ރެފިއުޖީންނަށް ވުމުގެ ބިރު އެބައޮތް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކޮޕް26 އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް