14 ސެޕްޓެމްބަރު 2024: ހުޅުމާލޭގައިވާ ކޭ ޕާކް ބިލްޑިން. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރިއަލް އެސްޓޭޓް

މިލިއަން ރުފިޔާއިން ވިއްކަނީ އިއްޔެގެ އިރުއޮއްސުނު މަންޒަރު

ރިއަލް އެސްޓޭޓް މާކެޓުގައި ސީ ވިއު، ސަން ސެޓް ވިއު، ޕާކް ވިއު ފަދަ އެކި ވިއުތަކަކީ އެޕާޓްމަންޓުގެ އަގަށް އިތުރުކޮށްގެން ވިއްކާ އެއްޗެކެވެ. ނަމަވެސް ހުޅުމާލޭގައި އަޅާ ގިނަ ތަންތަނުން ބޮޑު އަގު ދީފައި މިފަދަ ވިއުތައް ގަންނަ މީހުންނަށް މާދަމާ އެ ވިއު ފެންނަން އޮންނާނެ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ.
1 ގަޑިއިރު ކުރިން

ދުވާލަށް އިރު މަރުހަބާ ކިޔާ ވަގުތާއި އަލްވަދާއު ކިޔާ ވަގުތުކޮޅުގައި އުދަރެހުގައި އެ ކުރަހައިދޭ ރީތި މަންޒަރާއި ކުޑަ ހިނދުކޮޅަކަށް ދައްކާ ކުލަތަކުން ހާދަ ހިތްހަމަޖެހުމެއް ލިބެ އެވެ. އެއީ ބަލާ ފޫހިނުވާ، ގުދުރަތުގެ ޗާލު މަންޒަރެކެވެ.

މި ރީތި ދެ މަންޒަރަކީ ރިއަލް އެސްޓޭޓު މާކެޓުގައި އަގު ޖަހައިގެން ވިއްކާ މުދާގަނޑެކެވެ. މި ވިޔަފާރީގައި ކިޔާ ގޮތުން ނަމަ އެއީ ސަންރައިސް ވިއު އާއި ސަންސެޓް ވިއު އެވެ. އޭގެ އިތުރަށް ސިޓީ ވިއު، ޕާކު ވިއު މިހެން ގޮސް އެކިއެކި ވިއުތަކަށް އެކި އަގު ޖަހައިގެން ވިއްކަ އެވެ. މި ވިއުތަކުން އެޕާޓްމަންޓުގެ އަގު އުފުލައިދެ އެވެ.

އެކަމަކު މައްސަލައަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން މިކަން ކުރާތީ އެވެ. އޭގެ އެންމެ ފުރިހަމަ މިސާލުތައް ފެންނާނީ ހުޅުމާލެއިންނެވެ.

ރާއްޖޭގެ ރިއަލް އެސްޓޭޓު މާކެޓު ބަދަލުވަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މިހާރު އެޕާޓްމަންޓު ގަނެވިއްކާ ހަމައެކަނި ސަބަބަކީ ބޯހިޔާވަހިކަމުގެ ބޭނުން ފުއްދުމެއް ނޫނެވެ. މިކަން ގުޅުވާފައި އޮންނަނީ ދިރިއުޅުމުގެ ވައްޓަފާޅި ނުވަތަ ލައިފްސްޓައިލްއާ އެވެ. ތަންތަން ވިއްކަނީ ވެސް އެކަމަށް ވައުދުވެ، އެގޮތަށް އިސްތިހާރު ކުރަމުންނެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ވަން ސެންޓްރަލް ޕާކް. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކުންފުނިތަކަށް އެކި ވިއުތަކަކީ އެތަން ވިއްކުމުގައި އިސްތިހާރު ކުރުމުގައި ބޭނުންކޮށްލާ ކުޑަ އިބާރާތްކޮޅަކަށް ވެދާނެ އެވެ.

އެކަމަކު ބޭންކުން ލޯނު ނަގައިގެން ނުވަތަ އުމުރު ދުވަހު އެއްކުރި ފައިސާކޮޅު ދީފައި އެޕާޓްމަންޓެއް ގަންނަ މީހާއަށް އެއީ އެއަށްވުރެ ބޮޑު އެއްޗެކެވެ. މިލިއަނުން އަގު ނަގާ އެޕާޓްމަންޓަކަށް ލައްކައިން ނުވަތަ އިތުރު މިލިއަނެއް އެ މީހުން ދޭ ސަބަބަކީ އެއީ އެވެ. އެ ވިއު ގުޅިފައިވަނީ ކުރިން ބުނި ލައިފްސްޓައިލްއާ އެވެ.

މިސާލަކަށް ދުވަހުގެ ފުރަތަމަ ކޮފީ ތަށި، އިރުއަރާ މަންޒަރާ އެކީގަ އެވެ. ނުވަތަ އާއިލާއާ އެކު އަމިއްލަ ގޭގެ ބެލްކަނީގައި އިރުއޮއްސޭ މަންޒަރު ބަލައިލުމެވެ. މި ހުންނަނީ ތޮއްޖެހިފައި އޮތް މާލޭގައި، ފިތި ބާރުވެގެން އުޅޭ ދިރިއުޅުމުގައި ލިބެން ހުންނަ ހިތްހަމަޖެހުންތަކެއް ނޫނެވެ. މިއީ މިހާރު ބޮޑު އަގު ދީފައި ގަންނަންޖެހޭ ކަންކަމެވެ.

އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެ ވިއު ވިއްކިޔަސް، ފުރަތަމަ ކަމަކަށް އެއީ ޑިވެލޮޕަރުންނަށް ވިއްކޭނެ މުދަލެއް ނޫން ކަމެވެ. މާދަމާ ވާނެ ގޮތެއް ނޭނގޭނެ އެވެ. މިއަދު ހުޅުމާލޭގައި މީހުން ދިރިއުޅޭ ލަގްޒަރީ ފްލެޓުތަކުން ފެންނަމުންދަނީ އެ ހަގީގަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެޅި އަމިން އެވެނިއުގެ ތިން އިމާރާތް: މި ތަންތަނުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ބައެއް ހުސް ބިންތަކުގައި ވެސް އިމާރާތްތަކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީގެ އަހަރުތަކެއް ކުރިން އެކިއެކި ވިއުތަކާ އެކު އެޕާޓްމަންޓުތަކަށް ބޮޑު އަގު ދިން ބައެއް މީހުން މިހާރު ހިތްހަމަޖައްސަން ޖެހޭނީ ޖެހިގެން ހުރި ގޭގެ ބެލްކަނީއަށް ބަލައިގެންނެވެ. ފެންނާނީ އެތަނުގައި ހިއްކަން އަޅާފައި ހުންނަ އަންނައުނެވެ. ދެން ކިޔަން ޖެހޭނީ 'އަންނައުނު ވިއު' އެވެ. ސީ ވިއުގެ ނަމުގައި 'ބަނދަރު ވިއު' އާއި މެރީނާ ވިއުގެ ނަމުގައި 'ކޮންޓެއިނާ ވިއު' އެވެ. މިހެން ގޮސް އެތައް ވިއުތަކެއް ބަދަލުވެއްޖެ އެވެ.

ސޮލިޓެއާ އެޕާޓްމަންޓް ކޮމްޕްލެކްސް: ކުރެހުމުގައި މޫދު ފެންނަން އޮތް ނަމަވެސް މިތަނުގެ ކުރިމަތީގައި އޮތީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރު. (ފޮޓޯ/ސެންޑަލް މޮރިޝަސް

ރާއްޖޭގެ ރިއަލް އެސްޓޭޓު ވިޔަފާރި؛ ގޯސް މޮޑެލްއެއް

އެންމެ ހެއްވާ ކަމަކީ، މިއީ މިދިޔަ 10-15 އަހަރުގެ ތެރޭގައި ތަކުރާރު ވަމުންދިޔަ ކަމަކަށް ވުމެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިކަން ހިނގަން އޮތީ ހަމަ މިގޮތަށެވެ.

ފުރަތަމަ އިވޭނީ މަޝްރޫއެއް އިއުލާންކުރާ އަޑެވެ. ދެން އެތަނާ ބެހޭ ޑިޖިޓަލް ނުވަތަ ޕްރިންޓުކޮށްފައި އޮންނަ ބްރޮޝުއާ އެކެވެ. އެއަށް ފަހު މާކެޓިން ކެމްޕޭން ދާނީ ފުޅާ ކުރަމުންނެވެ. މި ހުރިހާ މަރުހަލާތަކުގައި ވެސް ދައްކާނީ ޖެހިގެން އޮންނަ ރީތި މޫދާއި ފެހި، ހުސް ބިންތަކެވެ. އިރުއޮއްސޭ މަންޒަރެވެ. ދެން ކަމުދާ ބަޔަކު އެތަން ގަންނާނެ އެވެ.

ތަނަށް ވަދެވޭނީ ފަސް ވަރަކަށް އަހަރު ފަހުންނެވެ. އޭރު ވަށައިގެން އޮންނަ މާހައުލު އޮންނަނީ މުޅިން ބަދަލުވެފަ އެވެ. ކުރިން ދެއްކި މަންޒަރާ އެއްގޮތަކަށް ވެސް ދިމަލެއް ނުވާނެ އެވެ. އެކަމަކު ދެން ކުރެވޭނެ ކަމެއް ނޯވެ އެވެ. ގަތީ އެޕާޓްމަންޓެވެ. ވިއުއަކީ އެ ތަން ވިއްކަން ދެއްކި ހުވަފެނެކެވެ.

މީގެ އެންމެ ފުރިހަމަ މިސާލަކީ ފޭސް އެކެއްގެ ސެންޓްރަލް ޕާކު ކުރިމަތީގައި ތަރައްގީކޮށްފައި ހުރި ޖައުސާގެ ދަ ގާޑެންސް އާއި ކޭ-ޕާކެވެ. ތަފާތު ދެ މަޝްރޫއެއް ނަމަވެސް ދެ ތަނުގެ ބެލްކަނީ އެ ހުންނަނީ ޖެހޭނުޖެހޭހާ ކައިރީގަ އެވެ. އެތަނުގައި ދިރިއުޅޭ ބަޔަކަށް ލިބޭނެ ޕްރައިވެސީއެއް ނޯންނާނެ އެވެ.

ހުޅުމާލެ ފޭސް އެކެއްގައި އަޅާފައިވާ ދަ ގާޑެން (ކ) އާއި ކޭ ޕާކް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޑިވެލޮޕަރުންގެ މައްސަލަ އެކަންޏެއް ނޫން

އޮޅުވާލުމެއްގެ ތެރެއިން ހިނގާ ކަމެއް ނަމަވެސް، މިއީ ޑިވެލޮޕަރުންގެ ބޮލަށް ޖަހައިގެން ނިންމާލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މިކަމުގައި ސަރުކާރުގެ އިހުމާލު ވެސް އެބައޮތެވެ. ހުޅުމާލޭގައި ނަމަ އެޗުޑީސީއިން ވެސް ކޮންމެވެސް ވަރެއްގެ ޒިންމާއެއް ނަގަން ޖެހެ އެވެ.

މިސާލަކަށް ދަ ގާޑަންސް އާއި ކޭ-ޕާކުގެ މައްސަލައަށް ބަލަމާ ހިނގާށެވެ. އެޗުޑީސީއިން މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ގައިޑްލައިންތަކުގައި ބަޔާންކޮށްފައި އޮންނަނީ ދެ އިމާރާތުގެ ދެމެދުގައި އެންމެ ކުޑަވެގެން 10 މީޓަރު (32 ފޫޓު) ހުންނަން ޖެހޭނެ ކަމަށެވެ.

ދަ ގާޑަންސް އާއި ކޭ-ޕާކު އެ ހުރީ ގައިޑްލައިންއާ ވެސް ހިލާފަށެވެ. މިކަމާ ބެހޭގޮތުން މީގެ ކުރިން ވެސް 'ދައުރު'އިން ރިޕޯޓެއް ޖެހި އެވެ. ނަމަވެސް އޭރު ވެސް އެޗުޑީސީއިން ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދެ ތަން ހަދާފައިވަނީ އެއް ޕްލޮޓެއް ދެ ފަޅި ކުރުމަށް ފަހު ދެ ކުންފުންޏަކަށް ދީގެންނެވެ. މި މުއާމަލާތުގައި އޭރު އޮތް ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އަތެއް ވެސް ވާ ކަމަށްވެ އެވެ.

ކަމުގެ ހަގީގަތް ރަސްމީ ސިފައެއްގައި އެނގެން ނެތް ނަމަވެސް، ފެށުމުގައި ވެސް ގޯސްތަކެއް ހިނގާފައި އޮތްކަން އެ ދެ އިމާރާތުގެ މަސައްކަތް ކުރިއަށްދިޔަ ގޮތުން އެ އޮތީ ފެންނާށެވެ. ނިންމަން ކަނޑައެޅި ތާވަލާ ގާތްކުރާ ދުވަހަކަށް ވެސް ނުނިންމުނެވެ. އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މީހުން ހައްގު ހޯދަން ނުކުންނަން ޖެހުނީ މަގުމައްޗަށެވެ.

  • ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން އިއްޔެ އެ ތަނުގެ ކުރިމަތީގައި ކުރި އިހުތިޖާޖު.
  • ކޭ-ޕާކް މައްސަަލައިގައި އެތަނުން ފްލެޓް ގަނެފައިވާ ބައެއް މީހުން އެޗްޑީސީ އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ އިބްރާހިމް ނަސީމް ރިޒާ)
  • ސީލައިފުން ލަނޑު ލިބުނު މީހުން 8 ޖޫން 2023 ގައި ކުރި މުޒާހަރާ. (ފޮޓޯ/ޓުވިޓާ)

ފަހުން ސަރުކާރާއި އެޗުޑީސީ އެ ދެ މަޝްރޫއުގެ ތެރެއަށް ވަންނަން މަޖުބޫރުވެ، އެޕާޓްމަންޓަށް ފައިސާ ދައްކާފައި ތިބި މީހުންނަށް ބަދަލު ދޭން ޖެހުނެވެ. އެއީ މާލީ ގޮތުން ވިޔަސް ނުވަތަ ސަރުކާރުން އަޅާ އެހެން ފްލެޓަކުން ތަނެއް ހޯދައިދީގެން ވިޔަސް އެވެ. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް އެ ދެ މަޝްރޫއުގެ ކަންކަން ހިނގަމުންދަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ އެވެ.

މައްސަލައަކީ މިކަން ކުރިއަށްގެންދާ މޮޑެލް އެވެ. މިއީ ބަޔަކު ނާޖާއިޒު ގޮތުގައި ފައިދާ ހޯދުމުގެ ގޮތުން ވިޔަފާރި ކުރާ މޮޑެލްއެކެވެ. ފެށުނީއްސުރެ އަދިވެސް ރާއްޖޭގެ ރިއަލް އެސްޓޭޓު މާކެޓުގެ ގިނަ މަޝްރޫއުތަކުގެ ކަން ހިނގަމުން އަންނަނީ އެއް ގޮތަކަށެވެ.

އާންމުކޮށް ކަން ހިނގާ ގޮތަކީ ބިމެއް ހޯދުމަށް ފަހު އިމާރާތެއް ޑިޒައިންކޮށްފައި އާންމުންނަށް ދައްކާނީ އެވެ. ދެން ގަންނަން ބޭނުންވާ ބައެއްގެ އަތުން ކުރީބައިގައި ބުކިން ޕޭމަންޓު ވިޔަސް، އަދި އެހެން ނަމެއް ކިޔަސް ކޮންމެވެސް ފީތަކެއް ނަގާނީ އެވެ. ތަން އިމާރާތް ކުރަން ފަށާނީ އަދި އޭގެ ފަހުންނެވެ.

އެހެންވީމާ ހަގީގަތުގައި މިއަށް އިންވެސްޓު ކުރުމެކޭ ނުކިޔޭނެ އެވެ. އެ އިމާރާތް ހަދަނީ އެޕާޓްމަންޓު ގަންނަން ބޭނުންވާ މީހުން ދޭ ފައިސާއިންނެވެ. ޑިވެލޮޕަރުގެ ފައިސާއަކުން ނޫނެވެ.

އާހިރުގައި ހުރިހާ ގެއްލުމެއް އޮތީ އެޕާޓްމަންޓު ގަންނަ މީހުންނާއި ސަރުކާރަށެވެ. މަޝްރޫއު ނުނިންމާ ޑިވެލޮޕަރުން ފިލައިފި ނަމަ ޒިންމާ ނަގަނީ ސަރުކާރުން ނުވަތަ އެޗުޑީސީއިންނެވެ.

ދޭން ބުނި ވިއު ނުލިބުނަސް، އަދި ގެއްލުނަސް އެޕާޓްމަންޓު ގަންނަ މީހާއަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. އަރާމު ނިންޖެއްގައި އޮއްވާ އޭނާއަށް އެއް ދުވަހު ހޭލެވޭނީ ބޭރުން ތަޅާ އަޑުފަށްގަނޑަށެވެ. ބޭރު ބަލައިލާއިރު ސިމެންތި ބަސްތާތަކެއް ފެނިދާނެ އެވެ. ދެން ފެންނާނީ ފައުންޑޭޝަނެއް އަޅާފައި އޮއްވާ އެވެ. އިސާހިތަކު އުސް އިމާރާތެއް އަޅައި ނިންމާނެ އެވެ.

ބަލަބަލާ ހުއްޓާ ސަންސެޓް ވިއުއަށް މަޑުމަޑުން އިރުއޮއްސުނީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް