ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑަންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން ކުރިން ބޭއްވި މުޒާހަރާއެއް
ދަ ގާޑަންސް ނިންމަން އާބަންކޯއިން ހަވާލުވިޔަސް ބައެއް މީހުންގެ އޮތީ ޝައްކާއި ޝަކުވާ
"ޖާހުން ކުރީ ވައްކަން، އާންމުންނަށް އޮޅުވާލީ، އާބަންކޯ އިން ދިފާއު ކުރަނީ ޖާހުގެ ހައްގުތައް،" މި ވާހަކަ މިގޮތަށް ދައްކާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ހުޅުމާލޭގައި ޖާހުން ހަދަމުން އަންނަ ދަ ގާޑަންސް ފްލެޓް ގަތް މީހުންގެ ޝަކުވާ މިހާރު ވެސް ހުރީ އެހެންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން މިއަދު ދަތި ހާލަތުގައި އުޅެން ޖެހެނީ ޖާހުގެ ސަބަބުންނެވެ. ދިރިއުޅުމަށްޓަކައި ގޭގެ ކުލި ދައްކަމުން އަދި ބޮލުގައި އެޅިފައިވާ ބޮޑު ލޯނަށް ފައިސާ ދައްކަމުން، އޭގެ ތެރެއިން އެތައް ބަޔަކު މިއަދު އެ އުޅެނީ ވަރަށް ދަތިކޮށެވެ.
ޖާހުގެ މައްސަލައިގައި ކުރިއެއް، މެދެއް އަދި ކޮޅެއް ފެންނާކަށެއް ނެތެވެ. އެނގޭހާ ވެސް ކަމަކީ އެ ޕްެރޮޖެކްޓުގެ %91 ނިމިފައިވާ ކަމަށް އާބަންކޯ އިން ބުނާ ބުނުމެވެ. އެކަމަކު އެ ވާހަކަތައް، އެޕާޓްމަންޓް ގަތް މީހުން ގަބޫލެއް ނުކުރެ އެވެ.
އެމީހުން ބުނާ ގޮތުން %91 މަސައްކަތް ނިމުނު ނަމަ، އިމާރާތުގެ ޕްރޮގްރެސް ރިޕޯޓް ނުލިބެން ޖެހޭ ސަބަބެއް ނެތެވެ. މިކަހަލަ ކޮންމެ މަޝްރޫއުއެއްގައި ޕްރޮގްރެސް ރިޕޯޓް، މަހުން މަހަށް ފޮނުވަން ޖެހެ އެވެ.
ޖާހުން އެޕާޓްމެންޓް ގަތް ބައެއް މީހުން ވަނީ 'ދައުރު'ގެ ނޫސްވެރިންނާ މި ފަހުން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ފައިސާ ދައްކާ ހަލާސްކޮށްފަ އެވެ. ނުދައްކާ އޮންނާނީ، ބައެއް މީހުން ބުނި ގޮތުގައި، އެޕާޓްމަންޓްގެ ތަޅިދަނޑި ހަވާލުކުރުމުން ދޭން ޖެހޭ ފައިސާ އެކަންޏެވެ.
"އަޅުގަނޑު ހަމައެކަނި މިހާރު ނުދީ ހުންނާނީ ތަޅުދަނޑި ހަވާލުކުރުމުން ދޭން ޖެހޭ 81،000 އެއްހާ ރުފިޔާ. އެ ނޫން ހުރިހާ ފައިސާއެއް އަޅުގަނޑު ޖާހުއަށް ދައްކައިފިން،" އެޕާޓްމެންޓް ގަތް އަލީ ރަޝީދު ބުންޏެވެ.
މި ދެކެވެނީ 2 މިލިއަން ރުފިޔާއިން ފެށިގެން 12 މިިލިއަނެއްހާ ރުފިޔާގެ މުއާމަލާތުގެ ވާހަކަ އެވެ. އެހާ ބައިވަރު ފައިސާ އާންމުންގެ އަތުން ނަގައި، އެކަން ކުރިއަށް ނުދިޔުމަކީ ބޮޑު ގެއްލުމެކެވެ.
ޖާހު އާއި އެޕާޓްމަންޓް ގަތް މީހުންނާ ދެމެދު ކުރި އެއްބަސްވުމުގެ 9.1ގެ ދަށުން ޖާހުން އެމީހުންނަށް ލިބެން ޖެހޭ ފައިސާ ވެސް އެބަ ހުއްޓެވެ. އެކަމަކު އޭގެ އެންމެ ލޯ ލާރިއެއް ވެސް އަދި ލިބޭ ގޮތެއް ނުވެ އެވެ.
އެ މާއްދާގައި އޮތީ:
-
އެންމެ ލަސްވެގެން ޑިސެމްބަރު 2019ގެ ކުރިން އިމާރާތްކޮށް ނިންމުމަށް ފަހު ގަންނަ ފަރާތާ ހަވާލުކުރުން
-
އިހުމާލެއް ނެތި ތަން ހަވާލުކުރުން ލަސްވެއްޖެ ނަމަ، ލަސްވާ ކޮންމެ އަހަރަކަށް ގަންނަ ފަރާތުން ވިއްކާ ފަރާތަށް އަދާކޮށްފައިވާ ފައިސާގެ %10 ރޭޓުން ޖާހުން ބަދަލު ދިނުން
"އަޅުގަނޑުމެންނާ އެކު ޖާހުން ވި އެއްބަސްވުމުން ވެސް، ޖާހުން ދޭން ޖެހޭ ފައިސާ އަހަރަކު. އެ ވެސް އެކަމު އަދި ނުދޭ،" އަލީ ބުންޏެވެ.
ނަމަވެސް އިމާރާތުގެ މަސައްކަތް، ކޮވިޑް-19އާ މަތިކޮށް ޖާހުން ވަނީ، ބައެއް މީހުން ބުނި ގޮތުގައި، 'ފިލައިފަ' އެވެ. ޖާހުއާ އެކު، ހުޅުމާލޭގެ އެންމެ ރީތި ސަރަހައްދުގައި އެކި ކުންފުނިތަކުން ހިންގި އަމިއްލަ ހުރިހާ މަޝްރޫއުތަކެއް، ކޭ-ޕާކް ފިޔަވައި، ވަނީ ނިމިފަ އެވެ. ޖާހުގެ އިމާރާތާއި ކޭ-ޕާކް ހުންނަނީ ޖެހިޖެހިގެންނެވެ.
ޖާހުން އެޕާޓްމަންޓް ގަތް ބައެއް މީހުންގެ ސުވާލަކީ އެ ކުންފުނިތަކަށް ވެސް ކޮވިޑުގެ ދަތިތައް ކުރިމަތިނުވަނީ ހެއްޔެވެ؟ ނޫނީ ޖާހުން އެ ދައްކަނީ ބަހަނާއެއް ހެއްޔެވެ؟
ޖާހުން ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ އިތުރުން މަޝްރޫއުއަށް ދެން ދިމާވި މައްސަލައަކީ އެޕާޓްމަންޓް ގަތް ބައެއް މީހުން ބަރާބަރަށް ފައިސާ ނުދެއްކުމެވެ.
ކޮވިޑުގެ ސަބަބުން ހުރިހާ ކުންފުންޏަކަށް ވެސް މާލީ ގޮތުން ބޮޑު ބުރަތަކެއް ކުރިމަތިވި އެވެ. ނަމަވެސް ގިނަ ކުންފުނިތަކުން އެ ބުރަތަކުން އަރައިގަނެ ހިދުމަތްތައް އަންނަނީ ދެމުންނެވެ. ކޮވިޑުގެ އަޑިގަޑުން އަރައިގަނެ އިގްތިސާދު ހަމަޔަކަށް އެޅުނު އިރު ވެސް، ޖާހު އޮތީ ހާލުގަ އެވެ.
"މާ ބޮޑު ކުރިއެރުމެއް އުމީދެއް ނެތް އަދި، މިކަމުގައި [ފެންނަނީ] ޒިންމާ ނަގަން ޖެހޭ މީހުން އަތް ސާފުކޮށްލައިގެން ކަމުން ބޯ ދަމައިގަނަން އުޅޭ ކަހަލަ ގޮތަކަށް،" ދަ ގާޑަންސް އިން ބޮޑު އެޕާޓްމެންޓެއް ގަތް މީހަކު ބުންޏެވެ.
މިދިއަ މަހު އާބަންކޯ އިން ވަނީ ޖާހު އާއި ދަ ގާޑެން އިން ފްލެޓް ގަތް މީހުންނާ އެކު ވާހަކަ ދައްކައިގެން، ތަން ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް ހާލުގައި ޖެހުނު މީހުންގެ އިތުބާރެއް އާބަންކޯއަކަށް ވެސް ނެތެވެ.
އާބަންކޯއިން ބުނާ ގޮތުގައި އިމާރާތް ނިންމަން ބޭނުންވާ އެއްޗެހި ޖާހުއަށް ލިބިފައިވެ އެވެ. އަދި %91 މަސައްކަތް ނިންމާފައި ވުމަކީ، އާބަންކޯއިން ތަނާ ހަވާލުވާ އިރު އޮތް ލުޔެއް ކަމަށް، އެ ކުންފުނިން ގަބޫލުކުރެ އެވެ.
އެޕާޓްމަންޓް ގަތް ބައެއް މީހުން ބުނި ގޮތުގައި އާބަންކޯއަށް އެ މަސައްކަތް ނިންމިދާނެކަމާ މެދު އަދިވެސް އޮތީ ޝައްކުތަކެވެ.
އެންމެ ފަހުން، މި މަހުގެ ތެރޭގައި އާބަންކޯ އިން އެމީހުންނާ ބައްދަލުކުރި އެވެ. އެމީހުންގެ ވާހަކަތައް އަޑު އަހައި، އެ މައްސަލަ ހައްލުކުރުމަށް އާބަންކޯގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅި އެވެ. ނުނިމި ހުރި މަސައްކަތްތައް ނިންމަން އިތުރު ކޮންޓްރެކްޓަރެއް ހޯދަން އެ ކުންފުނިން އިއުލާންކުރީ އެ ދުވަހު އެވެ.
އެގޮތުން އެ ދުވަހު އާބަންކޯ އިން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
ނުނިމި ހުރި މަސައްކަތްތައް ނިންމަށް އާ ކޮންޓްރެކްޓަރެއް ހޯދަން
-
ބާކީ ހުރި ހުރިހާ މަސައްކަތެއް ނިންމަން ބޭނުންވާ ދެ މިލިއަން ޑޮލަރަށް އެޗްޑީސީން ފައިނޭންސް ކުރަން
-
މަސައްކަތް ނިންމާނެ ސީދާ ތާރީހެއް މި މަހުގެ 20ގެ ކުރިން އަންގަން
-
މަސައްކަތް ނިންމާނެ ކަމަށް އަންދާޒާ ކުރަނީ ތިން މަހާއި ހަތަރު މަހާ ދެމެދު
-
ފްލެޓް ގަތް ފަރާތްތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް އެދެވޭނެ
އެކަމަކު ފްލެޓް ގަތް އެންމެން ތިބީ އިތުބާރުކޮށްގެންނެއް ނޫނެވެ. ބައެއް މީހުން ބުނި ގޮތުގައި ކުރިއަށް ރިޔާސީ އިންތިހާބެއް އޮތުމަކީ ވެސް ހުރަހެކެވެ.
"އަޅުގަނޑަކަށް ނޭނގެ ކިހާ ފަސޭހައިން އެ މަސައްކަތް ކުރިއަށް ދާނެ ކަމެއް. އިންތިހާބާ މި މަސައްކަތަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު އަޅުގަނޑުމެން ކަންބޮޑުވުން ފާޅުކުރިން،" އެ ބައްދަލުވުމުގައި ބައިވެރިވި އެކަކު ބުންޏެވެ.
އާބަންކޯއިން އެ މީހުންގެ ވާހަކަތައް އަޑުއެހި އެވެ. އެކަމަކުޖާހުން އެހެން މީހުންނަށް ބޭނުންހާ ގޮތެއް ހަދާއިރު އާބަންކޯ އިން ޖާހުއަށް ދޭ ފުރުސަތުތައް މަދު ނޫން ކަމަށް، ފްލެޓް ގަތް ބައެއް މީހުން ބުނެ އެވެ. ހައްގު ނުލިބެނީ އެމީހުންނަށެވެ.
ކޮމެންޓް (1)
ކަމާލުއްދީން