ކޭ-ޕާކް މައްސަަލާގައި އެތަނުން ފްލެޓް ގަނެފައިވާ ފަރާތްތަކުން މިއަދު އެޗްޑީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ އިބްރާހިމް ނަސީމް ރިޒާ)
ކޭޕާކް ފްލެޓްތައް ނުނިިމިގެން ގަތް މީހުން އެންމެ ފަހުން އެޗްޑީސީއަށް
ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފެންވަރުގެ ކޭ-ޕާކް ރެޒިޑެންސް ފްލެޓް މަޝްރޫއުގެ ތެރޭ މަކަރާއި ހީލަތްހެދުމުގެ މައްސަލަތަކެއް ކުރިމަތިވެ އެ މަޝްރޫއު ހުއްޓިފައި ހުންނާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް އެތަނުން ފްލެޓް ގަތް ފަރާތްތަކުން މިއަދު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފަސްމަންޒަރު - ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން، ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތަކެއް މަކަރާ ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރު މެއި މަހު އެވެ. އެ މައްސަލާގައި:
-
މިދިޔަ ޑިސެމްބަރުގައި އެ ކުންފުނީގެ ކުރީގެ މަނޯރިޓީ ހިއްސާދާރު މުހައްމަދު މަމްދޫހު (މަންޑޭ)ގެ މައްޗަށް 200އަށް ވުރެ ގިނަ ދައުވާ ކޯޓަށް ވަނީ ހުށަހަޅާފަ
-
އޭގެ ތެރެއިން 100އަށް ވުރެ ގިނަ ދައުވާ ކޮށްފައިވަނީ، އެ ހިޔާނާތުގައި އިސްކޮށް އޭނާ ހުރި ކަމަށް ތުހުމަތުކުރެވޭ
މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާ ކުރަން ޕީޖީ އޮތީ ނިންމާފަ އެވެ.
ސްކޭމްގެ މައްސަލަ ކުރިމަތިވި ނަމަވެސް ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫއު ނުހުއްޓޭނެ ކަމުގެ ޔަގީންކަން އެ މަޝްރޫއު ހިންގައި މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ މީގެކުރިްނ ދީފަ އެވެ. އެ ކުންފުނިން ބުނީ މައްސަލަ ޖެހުނީ ރާއްޖޭގެ އެޖެންޓް ކުންފުނި، ހަންބޯ މޯލްޑިވްސްއާ ދެމެދު ކަމަށާއި ދެ ކުންފުނިން ހަދާފައިވާ އެގްރިމަންޓް، ސްކޭމް ފެންމަތިވުމާ އެކު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ފްލެޓް ގަނެފައިވާ ފަރާތްތަކުން ވަނީ މިއަދު އެޗްޑީސީއާ އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އިބްރާހިމް ނަސީމް ރިޒާ، ފްލެޓް ގަތް މީހުންގެ ފަރާތުން ވާހަކަ ދައްކަމުން 'ދައުރު'އަށް ބުނީ، އެ މައްސަލާގައި އެޗްޑީސީގެ އިހުމާލު ބޮޑު ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއަދުގެ ބައްދަލުވުމަކީ، އެމީހުން މިދިޔަ ޖެނުއަރީގައި އެފަދަ ބައްދަލުވުމެއް ބާއްވަން އެދިގެން ސިޓީ ލައިގެން ބޭއްވުނު ބައްދަލުވުމެކެވެ.
ބުނީ ކީކޭ؟ - ފްލެޓް ގަތް މީހުންގެ ތެރެއިން 25އަކަށް ބައިވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނަސީމް ފާހަގަކުރި ގޮތުގައި:
-
މިއަދުގެ ބައްދަލުވުމުން އެނގިގެން ދިޔައީ އެޗްޑީސީން ކޭ-ޕާކުގެ މަސައްކަތް ނިންމަން ދިން ޑެޑްލައިން މިހާރު ފަހަނަ އަޅައި ގޮސްފައިވާ ކަން
-
އެޕާޓްމަންޓް ވިއްކަން އެޗްޑީސީން ހަންބޯއަށް ދޫކުރި ލައިސަންސް މިއަދާ ހަމައަށް ވެސް ސަސްޕެންޑްކޮށްފަ އެއް ނުވޭ؛ މައްސަލަތައް ބަލާ ނިމެންދެން ކޭ-ޕާކުގެ އިތުރު އެޕާޓްމަންޓްތައް ނުވިއްކޭ ގޮތް ހަދައިދިނުމަށް އެމީހުން މީގެ ކުރިން ވެސް ވަނީ އެޗްޑީސީގައި އެދިފައި
-
ހަންބޯގެ މައި ހިއްސާދާރު އަދިވެސް ކޭ-ޕާކުގެ ބައެއް އެޕާޓްމަންޓްތައް ވިއްކަން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބޭ
-
މިއަދުގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން އެޗްޑީސީއާ ސުވާލުކުރުމުން އެޗްޑީސީން ބުނެފައިވަނީ އެކަމުގެ މައުލޫމާތު ނެތް ކަމަށް؛ އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާއި، ލާރި ދައްކާފައިވާ ފަރާތްތަކާއި ނުދައްކާ ފަރާތްތަކުގެ ލިސްޓެއް ހޯދަން އެދުމުން އެ މައުލޫމާތު ވެސް ނެތް ކަމަށް އެޗްޑީސީން ބުނި
-
ހަންބޯ ކުންފުންޏާއެކު ފްލެޓް ގަތް ފަރާތްތަކުން ހަދާފައިވާ ކޮންޓްރެކްޓުތަކާ ބެހޭގޮތުން މައުލޫމާތު ދެވޭނެ ގާނޫނީ ބޭފުޅެއް ވެސް އެޗްޑީސީގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވޭ
"އެހެންވީމަ މިއަދުގެ މީޓިންގައި އަޅުގަނޑުމެންނާ ބައްދަލު ކުރީ ޕްރޮޖެކްޓް މެނޭޖަރާއި އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް މުވައްޒަފުން. [ބައްދަލުވުމުން] މާބޮޑު ނަތީޖާއެއް ނުނުކުމޭ،" ނަސީމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއްގެ ގޮތުގައި އޭނާ ގަބޫލުނުކުރާ ކަމަށެވެ.
"އެޗްޑީސީ އިން މާބޮޑަކަށް ނެތް އަދި މިކަމުގައި، އަޅުގަނޑުމެންނާ އެކު އެރޭންޖްމަންޓަކަށް އައިސް މާބޮޑު ކުރިއެރުމެއް ލިބޭ ގޮތަކަށް އެއްވެސް [ކަމެއް ކޮށްފަ އެއް]. އަޅުގަނޑުމެންނަށް އުފާވެރި ހަބަރެއް ނޫން ލިބިގެން މި ދިޔައީ."
ނަމަވެސް، އީދު ބަންދުގެ ފަހުން އަދި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބައިވެރިވާނެ ކަމުގެ ޔަގީންކަން އެޗްޑީސީގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ދީފައިވާކަން އޭނާ ފާހަގަކުރި އެވެ.
"ބައްދަލުވުން ނިންމާފައި އަޅުގަނޑުމެން މަސައްކަތް ކުރާ ސައިޓަސް ވެސް ޒިޔާރަތް ކުރިން. 2021 ވަނަ އަަހަރުން ފެށިގެން އެތަނުގައި އެއްވެސް މަސައްކަތެއް ނުހިނގާ. އެތަން ހުރީ ހަމަ ހުރި ގޮތަށް،" އޭނާ ވިދާޅުވި އެވެ.
"އޭރު [2021 އާ ހަމައަށް] ހަދާފައި ހުރި ކޮޓަރިތައް، އެއީ ދެވަނަ އަދި ތިންވަނަ ބުރީގައި އެކަނި ކޮޓަރިކޮޅެއް ހަދާފައި ހުރީ. ދެން ހަމަ ނެތް އެއްވެސް ކަމެއް ކޮށްފައެއް."
އޭނާ އިތުރަށް ބުނި ގޮތުގައި، އެޕާޓްމަންޓްތައް އަދިވެސް ނުނިމޭތީ ވިއްކާފައިވާ އެއްވެސް ފަރާތަކާ އަދި އެޕާޓްމަންޓް ހަވާލުކޮށްފައެއް ވެސް ނުވެ އެވެ. އެތަނުގެ ބައެއް އެޕާޓްމަންޓުތަކުގައި ހަންބޯ ކުންފުނީގެ ބައެއް މުވައްޒަފުން ބައިތިއްބާފައި ތިބޭ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ނަސީމް ވަނީ، ކޭ-ޕާކުގެ ފްލެޓްތައް ގަނެފައިވާ މީހުން އެޗްޑީސީގެ ފަރާތުން އެދޭ ކަންކަން ވެސް 'ދައުރު'އާ ހިއްސާކޮށްފަ އެވެ. އޭގެތެރޭގައި އޭނާ މައިގަނޑު ގޮތެއްގައި ފާހަގަކުރީ:
-
އެޗްޑީސީން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން ވިއްކި އެޕާޓްމަންޓްތައް ގަންނަން ހަންބޯ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ މައްސަލަ ކޯޓުގައި ނިންމުމަށް ބޭނުންވާ ލިޔެކިޔުންތައް އެެއްކުރުމުގައި އެޗްޑީސީން އެހީތެރިވުން
-
ކޭ-ޕާކުގެ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކާފައިވާ މައްސަލާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭން އެޗްޑީސީން މަސައްކަތް ކޮށްދިނުން
އެ ސްކޭމުގެ ޒިންމާ މަމްދޫހު ނުނެގި ނަމަވެސް، ކޭ-ޕާކް މަޝްރޫއަކީ އެޗްޑީސީގެ ބެލުމުގެ ދަށުން ހިންގާ ޕްރޮޖެކްޓަކަށް ވުމުން، އެޗްޑީސީގެ ފަރާތުން އެކަމުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ލިބެން ޖެހޭ ކަމަށް ފްލެޓް ގަނެފައިވާ ގިނަ ފަރާތްތަކުން ގަބޫލުކުރާ ކަމަށް ނަސީމް ވިދާޅުވި އެވެ.
"100 އެޕާޓްްމަންޓުން މިއުޅެނީ 87 އެޕާޓްމަންޓު ވިއްކައިގެން. 87 އެޕާޓްމަންޓް ވިއްކާފައި ހުރި އިރު، އޭގެތެރެއިން 30 އެޕާޓްމެންޓް އެބައޮތް މަތިމައްޗަށް ވެސް ވިއްކާފައި. އެހެންވީމަ، މިހާ ބޮޑު ޖަރީމާއެއް ހިންގާފައި އޮތް އިރު، ކިތައް އާއިލާތޯ މަގުމަތިވެފައި ތިބީ، ކިތައް އަހަރުތޯ އޭ މިވީ؟ ކީއްވެތޯއޭ ތިބޭފުޅުން ކޭ-ޕާކު މައްސަލާގައި ރައްޔިތުންނާ އެކީގައި މަސައްކަތް ނުކުރަނީ؟ ކޭ-ޕާކު މައްސަލާގައި ހަމަ އިހުމާލުވަމުން އިހުމާލުވަމުން ދަނީ؟" ނަސީމް ސުވާލު އުފެއްދެވި އެވެ.
އެޗްޑީސީގެ ބަސް - އެކަމާ ގުޅިގެން އެޗްޑީސީގެ އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖުއާ 'ދައުރު'އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ:
-
އެޗްޑީސީން ދަނީ އެމައްސަލާގައި ގެއްލުން ލިބުނު މީހުންނަށް އެއްބާރުލުން ދެމުން
-
މިއަދު ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައި، އަދި އިތުރު ބައްދަލުވުމެއް ވެސް މިހާރު ވަނީ ޝެޑިއުލްކޮށްފައި