މަމްދޫހު: އޭނާގެ މައްޗަށް އަށްވުރެ ގިނަ ދައުވާ ވަނީ ކޮށްފައި
ކޭޕާކް މައްސަލާގައި 2 މީހަކަށް 200އަށް ވުރެ ގިނަ ދައުވާ؛ މަމްދޫހަށް އެކަނި 104
ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފެންވަރުގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގައި ދައުލަތުގެ ފަރާތުން 200އަށް ވުރެ ގިނަ ދައުވާ އިއްޔެ ކޯޓަށް ހުށަހަޅައިފި އެވެ. އޭގެ ތެރެއިން 100އަށް ވުރެ ގިނަ ދައުވާ ކޮށްފައިވަނީ، އެ ހިޔާނާތުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ އެ ކުންފުނީގެ ކުރީގެ މަނޯރިޓީ ހިއްސާދާރު މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
ވީ ކިހިނެއް؟ - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިއްޔެ އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ފަހު، މިއަދު ވަނީ އެކަމާ ގުޅޭ މައުލޫމާތު އާންމުކޮށްފަ އެވެ.
ތަފްސީލު - މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާ ކުރަން ޕީޖީ އޮތީ ނިންމާފަ އެވެ.
މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
50 ދައުވާ: ޓެކުމުގެ ކުށް
-
50 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް
-
3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް
-
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް
ބާކީ 74 ދައުވާ އުފުލާފައިވަނީ، މިކަމުގައި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝަން ސައީދުގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
47 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް
-
27 ދައުވާ: ޓެކުމުގައި ބައިވެރިވުމުގެ ކުށް
-
20 ދައުވާ: ޓެކުމުގެ ކުށް
-
3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް
"މިހާރު ހުށަހަޅާފައި މިވާ 201 ދައުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް މި ދައުވާތަކުގައި އެދިފައިވާނެ އެވެ،" ޕީޖީ އޮފީހުން މިއަދު ޝާއިއުކުރި ލިޔުމުގައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައި ވާތީ އެވެ.
-
އިތުރަށް ކިޔާލަން - އަގުބޮޑު ދިރިއުޅުމާއި ފައިސާ ތަޅައި ބުރުވާލުން ދެން ހިޔާނާތް
ފުލުހުންނާއި ޕީޖީ އޮފީހުން ގުޅިގެން ކުރިއަށް ގެންދިޔަ މި ތަހުގީގަށް އެމްއެމްއޭގެ ފައިނޭޝަންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިިޔޫ)ގެ ފަންނީ ލަފާ ވެސް ހޯދި ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.
"މި ސްކީމާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގުކުރައްވަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށް ފަހު، މި މައްސަލައިގައި އިތުރު ދައުވާތައް ކުރުމާ މެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މައްސަލައިގެ ކުރު ހުލާސާއެއް:
-
ޖުމްލަ 23 އެޕާޓްމަންޓެއް 50އަށް ވުރެ ގިނަ މީހުންނަށް ވިއްކާފައިވޭ؛ ބައެއް އެޕާޓްމަންޓް ހަ މީހުންނަށް ވެސް ވިއްކާފައިވޭ
-
މި ބޮޑު އޮޅުވާލުމުގެ ތެރެއިން އެ އެންމެންގެ އަތުން ފައިސާ ނަގާފައިވޭ
-
އެ ފައިސާއިން، ހުޅުމާލޭ އެފްޑަބްލިއު ރެސިޑެންސް އިމާރާތުން 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސްއެއް ގަނެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރޭ
-
މަމްދޫހާއި އޭނާގެ އާއިލާ ދިރިއުޅުމެން އައި އެ އެޕާޓްމަންޓް އަހަރެއްގެ މުއްދަތަށް ހިފަހައްޓާފައި ވާއިރު، އެ އެޕާޓްމަންޓުގެ ތެރެއިން ފެނުނު ލަގްޒަރީ ބްރޭންޑުތަކުގެ ދަބަހާއި އަންނައުނާއި އެ ނޫން ވެސް އެފަދަ ތަކެއްޗާއި 200އަށް ވުރެ ގިނަ ސެންޓު ފުޅީގެ ޖުމްލަ އަގު 7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޕީޖީން ބުނެފައިވޭ
-
މަމްދޫހު ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރަނިކޮށް، މިދިޔަ 5 ޖުލައިގައި ހައްޔަރުކުރި؛ ނަމަވެސް، އެ މަހުގެ 30ގައި ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، އޭނާ ވަނީ ބަންދުން ދޫކޮށްލާފައި