ސީލައިފުން ލަނޑު ލިބުނު މީހުން 8 ޖޫން 2023 ގައި ކުރި މުޒާހަރާ. (ފޮޓޯ/ޓުވިޓާ)

ސީލައިފް ސްކޭމުން ގެއްލުންވި ބައެއް މީހުންނަށް ބަދަލުގެ ގޮތުގައި ހިޔާ އާއި ވިނަރެސްއިން ފްލެޓް ދީފި

އެޗުޑީސީގެ ސީއީއޯ ފަޒުލް ވިދާޅުވީ ސީލައިފް ސްކޭމުން ގެއްލުންވި ގާތްގަނޑަކަށް 375 ވަރަަކަށް މީހުންނަށް ބަދަލުގެ ގޮތުގައި އެޗްޑީސީން މިދިޔަ ސަރުކާރުގައި ވެސް ފައިސާ ދޫކޮށްފައިވާ ކަމަށް. މި ސަރުކާރުން ބަދަލު ދިން މީހުންގެ އަދަދެއް ހާމައެއް ނުކުރޭ

ސީލައިފް ގްލޯބަލްއިން މީގެ ނުވަ ވަރަކަށް އަހަރު ކުރިން ނަމެއްގައި ހިންގި ހައުސިން މަޝްރޫއުގެ ތެރެއިން ގެއްލުންވި ބައެއް މީހުންނަށް ބަދަލުގެ ގޮތުގައި ހިޔާ ފްލެޓާއި، ވިނަރެސް އިން ފްލެޓު ދީފި އެވެ.

ވީ ކިހިނެއް؟ - ސީލައިފުގެ ހައުސިން މަޝްރޫއު އިއުލާންކުރުމުން އެ ތަނުން އެތައް ސަތޭކަ ބަޔަކު ފްލެޓު ގަންނަން ފައިސާ ދެއްކީ 2014 ގަ އެވެ. އެއިން ކޮންމެ މީހަކު، ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ. ބައެއް މީހުން ޑައުޕޭމަންޓްގެ އެކި މިންވަރު ވެސް އަދި އަނެއް ބަޔަކު އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ.

ފައިސާ ދައްކާފައި އޮއްވާ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ހައުސިން ސްކޭމެއްގެ ގޮތުގައި މަޝްރޫއު ހުއްޓާލި އެވެ. މީގެ ކުރިން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި އެ ސްކޭމުން ގެއްލުންވި މީހުންގެ އަދަދު 381 އަރަ އެވެ. 

ބުނީ ކީކޭ؟ - ރައީސް މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ފެލިދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފް ސްކޭމުން ގެއްލުންވި ގާތްގަނޑަކަށް 375 ވަރަަކަށް މީހުންނަށް ބަދަލުގެ ގޮތުގައި އެޗްޑީސީން މީގެ ކުރިން ވެސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އޭރު އެޗްޑީސީން ފައިސާއިން ބަދަލުދިނީ ހިޔާ އަދި ވިނަރެސް މަޝްރޫއިން ފްލެޓު ދެވެން އޮއްވާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ބަދަލުގެ ގޮތުގައި ފްލެޓު ހަވާލުކޮށްގެން ކަމަށެވެ.

"203 މީހެއްގެ ތަންފީޒުކުރުމުގެ ހުކުމެއް އެޗްޑީސީގެ މައްޗަށް އޮތް އަޅުގަނޑު ހަވާލުވިއިރު. އެ 203 މީހުންގެ ތެރެއިން މިއަދު އަޅުގަނޑު ފަހުރުވެރިކަމާ އެކު، ރައީސް އެދެއްވި ލަފަޔާއި އިރުޝާދުގެ އަލީގައި އެކަން ކޮށް ނިންމައިފިން. މިއަދު އަޅުގަނޑުމެންގެ ބޯޑުން ނިންމާފައިވަނީ އެ 203 މީހުންނަށް ހައްގު ހޯދައިދިނުމަށް،" ފަޒުލް ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ:

  • ހިޔާ ފްލެޓުން ބާކީވެފައިވާ 60އެއްހާ ޔުނިޓުން ސީލައިފް ސްކޭމުން ގެއްލުންވި މީހުންނަށް ޖާގަ ދިން

  • ވިނަރެސް އިން 130 ފްލެޓުން ބައެއް މީހުންނަށް ފްލެޓުދީ ލިއުން ހަވާލުކުރި 

ފަޒުލް ވިދާޅުވީ ބަދަލު ދިނުމަށް ކޯޓުން އަންގާފައިވާ 203 މީހުންގެ ތެރެއިން ބަދަލުގެ ގޮތުގައި އިއްޔެ ފްލެޓުގެ ލިއުން ދީފައިވަނީ ބައެއް މީހުންނަށް ކަމަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ފްލެޓު ދިން މީހުންގެ ޖުމްލަ އަދަދެއް އޭނާ ވިދާޅެއްނުވެ އެވެ.

މި މީހުންނަށް ބަދަލުގެ ގޮތުގައި ދިން ވިނަރެސް ފްލެޓުތަކަކީ މިދިޔަ ސަރުކާރުގެ ފަހުކޮޅު ވިއްކަން ހުޅުވާލި 130 ފްލެޓެވެ. އެ ފްލެޓުތައް ދިނުން އޭރު މަޑުޖައްސާލީ، ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ކުރިމަތިލާން ހުޅުވާލުމާ އެކު، ދިމާވި މައްސަަލަތަކަކާ ގުޅިގެން ގިނަ ބަޔަކަށް ފްލެޓަށް އެޕްލިކޭޝަން ލުމުގައި ދަތިތައް ދިމާވެ، ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ. އެ ޝަކުވާތައް ބަލައި އަލުން ހުޅުވާލަން ނިންމި ނަމަވެސް، މިހާތަނަށް އެ ފްލެޓުތައް ދިނުން އޮތީ ހުއްޓިފަ އެވެ.

ފަސްމަންޒަރު - ސީލައިފްގެ ސްކޭމަށް ފަހު:

  • ފްލެޓު ގަތް 203 މީހަކު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި

  • ކޯޓުން ބޭރުން އެ މައްސަލަ ނިމުނީ އެޗުޑީސީން އެ މީހުންނަށް ބަދަލު ދޭ ގޮތަށް

  • އެޗުޑީސީއިން ނިންމީ ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ވެސް ބަދަލު ދިނުމަށް

  • ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންގެ ތެރެއިން އެޗުޑީސީއާ މައުލޫމާތު ހިއްސާކުރީ 174 މީހުން؛ އެހެންކަމުން ސީލައިފުން ފްލެޓު ގަތް މީހުންގެ ޖުމްލަ އަދަދު 381 އަށް އަރާ ކަމަށް އޭރު އެޗްޑީސީން ބުނި

ކޮމެންޓް (1)

ހަސަން

7 މާރިޗު 2024
ސީލައިފް އައްމަޓީ އަށްވެސް ވިނަރެސް 4 ފްލެޓް ދޭންވާނެ ގެއްލުމުގެ ބަދަލަށް، އެއިރުން އިންސާފު ވަށާޖެހޭނީ. ސާބަހޭ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް