ޖެނުއަރީ 25، 2023: ފޭސް 2 ، ވިނަރެސް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ވިނަރެސް ފްލެޓު

ވިނަރެސް ފްލެޓް ވިއްކުން ޝަކުވާތަކާ ގުޅިގެން މަޑުޖައްސާލައިފި

އާބަންކޯއިން ބުނީ މަޑުޖައްސާލީ ޓެކުނިކަލް މައްސަލަތަކާ ގުޅިގެން ފްލެޓަށް ފޯމު ހުށަހަޅަން ދަތިތަކާ ކުރިމަތިވިކަމުގެ ޝަކުވާތައް ލިބެމުންދާތީ އެ މައްސަލަ ހައްލުވަންދެން ކަމަށް

ވިނަރެސް މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓުތައް ވިއްކަން މިއަދު އޮންލައިންކޮށް ހުޅުވާލި ވަގުތު ދިމާވި ޓެކުނިކަލް މައްސަލަތާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާތީ އެކަން ހައްލުކުރެވެންދެން ފްލެޓުތައް ވިއްކުން މަޑުޖައްސާލާފައިވާ ކަމަށް އާބަންކޯއިން މިރޭ ބުނެފި އެވެ.

ބުނީ ކީކޭ؟ - އާބަންކޯއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ:

  • ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު އޮންލައިން ފޯޓަލަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ވަނީ ލިބިފައި

  • ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ އެޕާޓުމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލުމަށް ވަނީ ނިންމާފައި

  • ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ފަހު ވިނަރެސް މަޝްރޫއުއިން އެޕާޓުމަންޓު ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއްް ފަހުން އިއުލާން ކުރާނަން

އެނގުން މުހިންމު - ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު 281 މީހަކާ އެކު މީގެ ކުރިން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި ބައެއް އެޕާޓުމެންޓުތަކުގައި މީހުން ދިރިއުޅެން ވެސް ވަނީ ފަށާފަ އެވެ.

ފްލެޓު ގަންނަން އެޕްލިކޭޝަން ހުށަހަޅަން މިއަދު ހެނދުނު 10 ޖެހިއިރު ފުރުސަތު ހުޅުވާލުމުން އެ އެޕާޓްމަންޓްތައް ގަންނަން ފޯމްލާން މަސައްކަތް ކުރި ގިނަ ބަޔަކަށް ވަނީ ފޯމް ނުލެވިފަ އެވެ. އެގޮތަށް ދިމާވީ އެޗްޑީސީގެ ޕޯޓަލް ޑައުންވުމާ ވިދިގެންނެވެ. 

އާބަންކޯއިން މިއަދު 'ދައުރު' އަށް މައުލޫމާތު ދިން ގޮތުގައި، 1344 ޔުނިޓް ހިމެނޭ ވިނަރެސް ފްލެޓުތަކުގެ ތެރެއިން މިއަދު ވިއްކަން ހުޅުވާލީ ނުވިކި ހުރި 123 ޔުނިޓެވެ. ޕޯޓަލުން ދައްކާގޮތުގައި އެ ޔުނިޓުތައް ކުޑަ ވަގުތުކޮޅެއްތެރޭ މިއަދު ހެނދުނު ވަނީ އެއްކޮށް ވިކި ހުސްވެފަ އެވެ. 

އެނގުން މުހިންމު - ވިނަރެސްގެ ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލިއިރު ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓްރަސްޓު %9 އިން %6 އަށް މި ފަހުން ވަނީ  ކުޑަކޮށްފަ އެވެ. އެއާ އެކު އެ ފްލެޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް