ފޭސް 2ގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް: އެތަނުގައި ނުވިކި ހުރި ތަންތަން ވިއްކަން ހުޅުވާލި ގޮތުން ވަނީ ޝަކުވާ ބޮޑުވެފައި (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ވިނަރެސް ފްލެޓު

ވިނަރެސް ފްލެޓްތައް މިނެޓްކޮޅެއް ތެރޭ ވިކި ހުސްވުމުން ޝަކުވާ ބޮޑުވެއްޖެ

ސަތޭކައަށް ވުރެ ގިނަ ފްލެޓްތައް ގަންނަން ފޯމު ހުށަހަޅަން ހުޅުވާލީ މިއަދު ހެނދުނު 10 ޖެހިއިރު؛ އެވަގުތުން ފެށިގެން ވެސް ޕޯޓަލް ޑައުންވެ ފޯމް ހުށަހަޅަން އުޅުމުން ދެއްކީ ފްލެޓްތައް ވިކި ހުސްވެފައިވާ ކަމަށް

ވިނަރެސް މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓުތައް ވިއްކަން މިއަދު އޮންލައިންކޮށް ހުޅުވާލުމުން މަދު މިނެޓްކޮޅެއް ތެރޭ އެ ފްލެޓްތައް ވިކި ހުސްވުމުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު 288 މީހަކާ އެކު މީގެ ކުރިން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި ބައެއް އެޕާޓުމެންޓުތަކުގައި މީހުން ދިރިއުޅެން ވެސް ވަނީ ފަށާފަ އެވެ.

  • ނުވިކި ހުރި ޔުނިޓުތައް ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީ މިއަދު 10 ޖެހިއިރު އާބަންކޯގެ އޮންލައިން ޕޯޓަލްއިން 

  • އެކަމަށްޓަކައި ފޯމު ލުމަށް ފުރުސަތު ދޭން އޮތީ ވިކި ހުސްވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 3 ޖަހަންދެން

ފްލެޓު ގަންނަން އެޕްލިކޭޝަން ހުށަހަޅަން މިއަދު ހެނދުނު 10 ޖެހިއިރު ފުރުސަތު ހުޅުވާލިތަނާ މަސައްކަތްކޮށް އެ ފުރުސަތު ނުލިބުނު ބައެއް މީހުން 'ދައުރު'އަށް ބުނިގޮތުގައި މިއަދު ހެނދުނު 10 އިން ފެށިގެން ޕޯޓަލް އަށް ވަންނަން މަސައްކަތްކޮށް ވަދެވޭގޮތެއް ވެސް ނުވެ އެވެ. އަދި ޕޯޓަލްއިން ފޯމް ފުރިހަމަކޮށް ވަކި ހިސާބަކަށް ގޮސް ފޯމް ހުށަހެޅޭ ގޮތެއް ވެސް ނުވި އެވެ. 

"ވަރަށް މަސައްކަތް ކޮށްގެން 11 ޖަހާކަަށްހާއިރު ވަދެވޭގޮތްވީ. އޭރުވެސް ބައެއް ޔުނިޓުތައް ހުރިކަމަށް ދައްކާ ސައިޓުން. ފޯމު ފުރިހަމަކޮށްފައި ހުށަހަޅާ ހިސާބަށް ދިޔައިރު ޔުނިޓުތައް ވިކި ހުސްވެފައިވާ ކަމަށް ދައްކަނީ،" އާންމުންގެ މީހަކު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި 10 ޖެހިއިރު ފޯމް ހުށަހަޅަން މަސައްކަތްކުރި ނަމަވެސް ކުރިއަށް ދާ ގޮތެއް ނުވެ ޕޯޓަލް ހުރީ ހުއްޓިފަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެހާ އަވަހަށް 100 އެއްހާ ފްލެޓް ވިކިގެނެއް ނުދާނެ އެވެ. 

"މީގައި އެބައުޅޭ އަޑި ނޭނގޭ ކަންތައްތަކެއް. މިކަން ބަލަން ޖެހޭނެ. މިނެޓްކޮޅެއްގެ ތެރޭ އެތައްހާސް ފްލެޓެއް ވިކުނު ވާހަކަ މި ދައްކަނީ،" މީހަކު ޝަކުވާ ކުރަމުން ބުންޏެވެ. 

ތަފްސީލް - ޕޯޓަލް އިން ދައްކާގޮތުގައި 1344 ޔުނިޓް ހިމެނޭ ވިނަރެސް ފްލެޓުތަކުގެ 123 ޔުނިޓް މިއަދު ވިއްކަން ހުޅުވާލިއިރު ޕޯޓަލުން ދައްކާގޮތުގައި އެ ޔުނިޓުތައް އެއްކޮށް މިހާރު ވަނީ ވިކި ހުސްވެފަ އެވެ. 

އާބަންކޯގެ ބަސް - ވިނަރެސް ފްލެޓްތައް ވިއްކަން ޕޯޓަލް ހުޅުވާލި ވަގުތު ޕޯޓަލް ޑައުންވެ ގިނަ ބަޔަކަށް ފޯމް ނުލެވުނު މައްސަލައިގައި އާބަންކޯއަށް ވަރަށް ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި ޝަކުވާތަކާ ގުޅިގެން އާބަންކޯއިން ބުނީ އެ ކަމާ ބެހޭ ގޮތުން ފަހުން މައުލޫމާތު އާންމުކުރާނެ ކަމަށެވެ. 

އެހެން ނަމަވެސް އެ ކުންފުނިން ބުނީ ހުރިހާ ޔުނިޓްތަކެއް ކުޑަ ވަގުތުކޮޅެއް ތެރޭ ވިކި ހުސްވީ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ހުރި ޝަކުވާތައް ބަލާނޭ ކަމަށް ވެސް ބުންޏެވެ. 

އެނގުން މުހިންމު - ވިނަރެސް އަކީ ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން ހިންގާފައިވާ މަޝްރޫއެކެވެ. ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލިއިރު ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓްރަސްޓު %9 އިން %6 އަށް މި ފަހުން ވަނީ  ކުޑަކޮށްފަ އެވެ. އެއާ އެކު އެ ފްލެޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް