ސީލައިފުން ލަނޑު ލިބުނު މީހުން 8 ޖޫން 2023 ގައި މުޒާހަރާކުރަނީ (ފޮޓޯ/ޓުވިޓާ)
ސީލައިފް މައްސަލަ: ސަރުކާރުގެ އެއްބަސްވުން ވެސް އޮތް ތަނުގައި
ސީލައިފް ގްލޯބަލްއިން މީގެ ނުވަ ވަރަކަށް އަހަރު ކުރިން ނަމެއްގައި ހިންގީ ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއު 'ނިންމައިލީ' ފާރެއް ވެސް ރާނާ ނުލައި ހައުސިން ސްކޭމެއްގެ ގޮތުގަ އެވެ. ލަނޑު ލިބުނު މީހުންގެ އަދަދު 400 އަށް ވުރެ ގިނަ އެވެ. މިކަން ހިނގިތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އެ މީހުންގެ ހައްގު އޮތީ ނުލިބި އެވެ.
ސީލައިފުގެ ހައުސިން މަޝްރޫއު އިއުލާންކުރުމުން އެ ތަނުން އެތައް ސަތޭކަ ބަޔަކު ފްލެޓު ގަންނަން ފައިސާ ދެއްކީ 2014 ގަ އެވެ. އެއިން ކޮންމެ މީހަކު، ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ. ބައެއް މީހުން ޑައުޕޭމަންޓްގެ އަދަދު ވެސް، އަނެއް ބަޔަކު އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ.
-
ފައިސާ ދެއްކި ފަހުން ސީލައިފް ކުންފުނިން އެ މަޝްރޫއު ކުރިއަށް ނުގެންދެވި ހުއްޓާލި
-
މަޝްރޫއު ހުއްޓާލުމުން ފްލެޓު ގަތް 203 މީހަކު ގެއްލުމުގެ ބަދަލު ހޯދަން މައްސަލަ ކޯޓަށް ހުށަހެޅި
-
ކޯޓުން ބޭރުން އެ މައްސަލަ ނިމުނީ އެޗުޑީސީން (އާބަންކޯއިން) އެ މީހުންނަށް ބަދަލު ދޭ ގޮތަށް
-
އެޗުޑީސީއިން ނިންމީ ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ވެސް ބަދަލު ދިނުމަށް
-
ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންގެ ތެރެއިން އެޗުޑީސީއާ މައުލޫމާތު ހިއްސާކުރީ 174 މީހުން؛ އެހެންކަމުން ސީލައިފުން ފްލެޓު ގަތް މީހުންގެ ޖުމްލަ އަދަދު 381 އަށް އަރާ
-
ފްލެޓު ގަތް މީހުންނަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ޖުމްލަ އަދަދު ހާމަނުކުރިޔަސް އެ އަދަދު 23 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް އެޗުޑީސީއިން އޭރު ބުނި
ސީލައިފުން އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 15 ޖުލައި 2019 ގަ އެވެ. އެއީ އެ މީހުންނާއި އެޗުޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދުގަ އެވެ.
ސެޓްލްމަންޓް އެއްބަސްވުމުގައި އޮތީ ކީކޭ؟
ސީލައިފަށް ދެއްކި ބުކިން ފީ އާއި ޑައުންޕޭމަންޓް އަނބުރާ ދިނުމުގެ އިތުރަށް ސެޓްލްމަންޓް އެއްބަސްވުމުގެ 4.3 ވަނަ މާއްދާގައި ބުނާ ގޮތުން:
"މި އެއްބަސްވުމުގެ 4.2 ގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، މި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައިި، ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައުސިން ޔުނިޓެއް، އެ ހައުސިން ޔުނިޓުތައް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި، އެ ސްކީމްގެ ދަށުން ދޫކުރާ ހައުސިން ޔުނިޓުތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ގަތުމުގެ ފުރުސަތު ލިބޭނެ އެވެ."
އެ މާއްދާގެ ދަށުން ހައުސިން ޔުނިޓު ގަތުމުގެ ފުރުސަތު އެޗުޑީސީ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭން ޖެހެ އެވެ.
އެ އެއްބަސްވުމުގެ 4.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މި ގޮތަށެވެ؛
"މި އެއްބަސްވުމުގެ 4.3 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، އެ މާއްދާގެ ދަށުން އެޗުޑީސީއިން ހަމަޖައްސައިދޭ ހައުސިން ޔުނިޓުތަކުގެ އަގު، ގެއްލުން ލިބުނު ފަރާތްތަކުން ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ގަތުމަށް ނިންމި ހައުސިން ޔުނިޓުގެ އަގަށް ވުރެ ބޮޑުވެގެން ނުވާނެ އެވެ."
ސީލައިފުން ލަނޑު ލިބުނު މީހުން ތަމްސީލުކުރާ ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ފަރާތުން 'ދައުރު'އާ ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އަހްމަދު ހައްޔާން ރަޝީދު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ވެސް އެ އެއްބަސްވުމަށް ސަރުކާރާއި އެޗުޑީސީއިން ހުރުމަތްތެރިކޮށް ހިތާފައި ނުވާ ކަމަށެވެ.
"އެއްބަސްވުމުގައި ސޮއިކުރީމަ ސިވިލް ކޯޓުން ހުކުމްކުރީ، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދެ ފަރާތުން ވެސް،" އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމުގައި މި ބުނަނީ އޮފާކުރާ ތަނުގެ އަގު، ސީލައިފުން ގަތް ތަނަށް ވުރެ އަގުބޮޑޮ ވެގެން ނުވާނޭ. ވިނަރެސް މި އޮފާކުރަނީ ތިން މިލިއަނަށް. އެއީ އެއްބަސްވުމުގައި ބުނާ ފުރުސަތެއް ނޫން އެ ދެވެނީ."
ހައްޔާން ވިދާޅުވި ގޮތުގައި މައްސަލަ ހައްލުކުރުމުގައި އެޗުޑީސީއާ ހިޔާލުތަފާތުވުން އުފެދުނު ފުރަތަމަ ކަމަކީ އެއީ އެވެ. އެކަމާ ބެހޭ ގޮތުން އޭރު ކުރި މަޝްވަރާތަކުގައި، ހައްޔާން ވިދާޅުވީ އެއަށް ވުރެ އަގު ކުޑަކުރުމުން އެޗުޑީސީއަށް ފައިދާ ނުވާނެ ކަމަށް އެ ކުންފުނިން ބުނި ކަމަށެވެ.
"އެއެއް ނޫން [ފައިދާވޭތޯ ނުވޭތޯއެއް ނޫން] ބަލަން ޖެހޭ ކަމަކީ. ހުކުމެއް އެބަ އޮތް ދައުލަތާއި އެޗުޑީސީގެ މައްޗަށް. އެއަށް އަމަލުކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ތަނެއް ދެއްކުމަކީ ހައުސިން މިނިސްޓްރީގެ ކަމެއް
މަޝްވަރާގެ މޭޒުގައި ދެ އަހަރެއްހާ ދުވަސް ވޭތުކުރުމަށް ފަހު ހައްލެއް ނުހޯދުމުން، ހައްޔާން ވިދާޅުވީ ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، ސިވިލް ކޯޓަށް އަނެއްކާވެސް މައްސަލައެއް ހުށަހެޅި ކަމަށެވެ. އެއީ ތަންފީޒީ މައްސަލައެއް ނޫން ކަމަށް ކޯޓުން ނިންމުމުން މުޅިން އާ މައްސަލައެއްގެ ގޮތުގައި، އެއްބަސްވުމަށް ހުރުމަތްތެރިކޮށް ނުހިތާކަމުގެ އާ ދައުވާއަކާ އެކުގަ އެވެ.
ހައްޔާން ވިދާޅުވި ގޮތުގައި:
-
ދައުވާކުރި ފަހުން އެޗުޑީސީއާ ވަކިން ބައްދަލުވުމެއް ބާއްވައި، މައްސަލައަށް ހައްލެއް ހޯދޭތޯ މަސައްކަތްކުރި
-
ސީލައިފުން ލަނޑު ލިބުނު ބައެއް މީހުން އޭރު ތިބީ ހިޔާ މަޝްރޫއިން ވެސް ފްލެޓެއް ލިބޭތޯ؛ އެކަން އެޗުޑީސީއަށް ވެސް އެނގޭ
-
ހިޔާ ފްލެޓުން އެ މީހުންނަށް ފްލެޓު އޮފާކުރަން މަސައްކަތްކުރާ ކަމަށް އެ ބައްދަލުވުމުގައި އެޗުޑީސީއިން ބުނި
-
އެކަން ކުރެވެން ނެތީ، އެޗުޑީސީއިން އެ ބައްދަލުވުމުގައި ބުނި ގޮތުގައި، ތަނެއް ދައްކަން ޖެހެނީ ސަރުކާރުން ކަމަށް ވާތީ؛ ހިޔާ ފްލެޓުން ތަނެއް އޮފާކުރަން ހަވާލުކުރަން އެދި ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވިކަމަށް ވެސް އެޗުޑީސީއިން ބުނި
-
ނަމަވެސް އެ މަރުހަލާ ފުރިހަމަ ނުވެ، އެކަން ކުރިއަކަށް ނުދިޔަ
ވަކީލުންގެ ޓީމުން މި މައްސަލައިގައި ހައުސިން މިނިސްޓްރީ ތަދައްހުލު ކުރީ އެ ހިސާބުންނެވެ. ނަމަވެސް އެއްބަސްވުން ހެދީ މިނިސްޓްރީއާ އެކު ނޫން ކަމަށާއި އެހެންކަމުން މި މައްސަލައަށް ހައުސިން މިނިސްޓްރީ ނުވެއްދޭނެ ކަމަށް ބުނެ، ދައުލަތުން އިޖުރާއީ ނުކުތާއެއް ނެގި ކަމަށް ހައްޔާން ވިދާޅުވި އެވެ.
ދައުލަތުން ނެގި އިޖުރާއީ ނުކުތާގައި ކޯޓުން ނިންމީ އެ މައްސަލައިގައި ހައުސިން މިނިސްޓްރީ ތަދައްހުލު ކުރުވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ޖަވާބުދާރީވުމަށް ހައުސިން މިނިސްޓްރީގެ މައްޗަށް އަމުރުކުރި އެވެ. އެއީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މައްސަލަ މިހާރު ހުއްޓިފައި އޮތީ މި ހިސާބަށެވެ.
ވިނަރެސްއަކީ އެންމެންނަށް ހައްގު ލިބޭ ބަދަލެއް ނޫން
ސީލައިފުން ލަނޑު ލިބުނު އަކުރަމް (އަސްލު ނަމެއް ނޫން)، 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ވިނަރެސްއިން ފުރުސަތު ދިން މީހުންގެ ތެރޭގައި އާބަންކޯއިން ކަނޑައަޅާފައިވާ ޝަރުތު ހަމަނުވާ މީހުން ވެސް އެބަ ތިއްބެވެ. އޭގެ ތެރޭގައި އުމުރުން ދޮށީ މީހުންނާއި އާމްދަނީ ދަށްވެގެން ޑިސްކޮލިފައިކުރި މީހުން ހިމެނެ އެވެ.
އަކުރަމް ބުނީ މިފަދަ މައްސަލަތައް ކުރިމަތިވާތީ ވިނަރެސް ނޫން ތަނެއް ހޯދައިދޭން އެދުނެވެ. އެކަން ކޮށްދޭނެ ކަމަށް ސަރުކާރުން ބުނި ބުނުމަކަށް އިންތިޒާރުކޮށްގެން ތިބި ނަމަވެސް، ކުރިއެރުމެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.
"ތިން އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެއްވެސް ވަރަކަށް ސީލައިފް ވިކްޓިމްސްގެ ތެރެއިން ބާކީ ތިބި މީހުންނަށް [ވިނަރެސްއިން ފްލެޓު ހަމަނުޖެހުނު މީހުންނަށް] ގޮތެއް ހޯދައެއް ނުދެވޭ. އެގްރިމަންޓަށް އޮނާއެއް ނުކުރޭ ސަރުކާރުން. [ވިނަރެސްއިން] ޑިސްކޮލިފައިވާ މީހުންނަށް ދެން އޮންނާނެ ގޮތެއް ވެސް މަޝްވަރާއެއް ނުކުރޭ،" އޭނާ ބުންޏެވެ.
މައްސަލައަށް ހައްލެއް ލިބޭތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން 125 މީހުންގެ ސޮޔާ އެކު ރައީސް އޮފީހަށް، މީގެ ދެ އަހަރެއް ކުރިން ޕެޓިޝަނެއް ވެސް ލި އެވެ. ރައީސް ސޯލިހުގެ ބަދަލުގައި ބައްދަލުކުރެވުނީ އެ އޮފީހުގެ އިސް އެހެން ބޭފުޅަކާ ކަމަށް އަކްރަމް ބުންޏެވެ.
"ބުނީ މުޒާހަރާ ކުރިޔަސް ބޭނުންވާ ކަމެއް ނުވާނޭ، ތިމަންނާމެންނަށް ވެސް އިތުރަށް ޕްރެޝަރޭ އަންނާނީ. އޭރުން ހައްތަހާވެސް ލަހޭވާނީ،" އެ ބައްދަލުވުމާ ބެހޭ ގޮތުން އަކްރަމް ބުންޏެވެ.
ސީލައިފްގެ މައްސަލައަކީ މިހާތަނަށް ހިންގި ހައުސިންގެ އެންމެ ބޮޑު ސްކޭމެވެ. އެ ސްކޭމްގައި ލަނޑު ލިބުނު މީހުންނަށް ސަރުކާރުން ގޮތެއް ހޯދައިދޭން ޖެހޭތޯ މިއީ އޭރު ވެސް އެހެން ބައެއް މީހުން އުފެއްދި ސުވާލެކެވެ. ސަބަބަކީ އަމިއްލަ ބަޔަކު ހިންގަން އުޅުނު މަޝްރޫއުއަކުން ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދައްކަން ޖެހިއްޖެ ނަމަ އެފަދަ ހުރިހާ މައްސަލައެއްގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހޭނެތީ އެވެ. މިހާރުގެ ހާލަތުން މިސާލު ދައްކަންޏާ ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަލްހާން ފަހުމީ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގި ސްކޭމެވެ. ނުވަތަ ބޭންކްތަކުގެ ކަސްޓަމަރުންނަށް އޮޅުވާލައިގެން ހިންގާ ސްކޭމްތަކެވެ. މިއިން އެއްވެސް ކަމެއްގައި ލަނޑު ލިބޭ މީހުންނަށް ސަރުކާރުން ބަދަލު ދޭ ތަނެއް ނުފެނެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ސީލައިފްގެ ކަސްޓަމަރުންނަށް ގޮތެއް ހޯދައިދޭން އެއްބަސްވެފައި އޮތުމުން ދެން ޖެހޭނީ އެގޮތަށް އަމަލްކުރާށެވެ. ސެޓްލްމަންޓް އެއްބަސްވުމަށް އަމަލުކުރަން ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އޮތީ އޮތް ގޮތަށެވެ.
ކޮމެންޓް (4)
މަރިޔަމް
މޭން
ވިނަރެސް
ހުސެން