ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ހައި ކޯޓު

ސީލައިފް އަހްމަދު މޫސާ އަނެއްކާވެސް ފުރުން މަނާކޮށްފި

ގޭބަންދެއްގައި ހުރި އަހްމަދު މޫސާގެ ޕާސްޕޯޓް ދޫކޮށްލީ، ޝަރީއަތް ނިމެންދެން ފުރުން މަނާކޮށްފައިވާ އަމުރު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29ގައި އެދުމުން

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގި ކަމަށް ބުނާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރަން ހުއްދަ ދީފައި އޮތް އޮތުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟ - މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާން އޭނާ އެދިފައިވާތީ މި މަހުގެ 26ގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުން މި މަހުގެ 7ގައި ވަނީ އަމުރުކޮށްފަ އެވެ. އެއާ އެކު، ޕީޖީން ވަނީ އޭނާ ފުރުން މަނާކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހަމަ އެ ދުވަހު ހައި ކޯޓަށް ހުށަހަޅާފަ އެވެ. 

ބުނީ ކީކޭ - އޭނާ ފުރުން ހުއްޓުވުމުގެ ގޮތުން، ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި އެ މައްސަލާގައި މިއަދު އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އަހުމަދު މޫސާ ފުރަން ހުއްދަ ދިން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު، އެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އޭނާ ފުރައިގެން ހިނގައްޖެ ނަމަ، އެ އިސްތިއުނާފްގެ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

އެހެންވެ، އޭނާ ފުރުން މަނާކުރުމަށް އިމިގްރޭޝަނުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އެނގުން މުހިންމު - އަހްމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ.

މައްސަލަ ތަހުގީގު ކުރަން ފެށުމުން ލަންކާއަށް ގޮސް، ފިލާފައިވާތީ، އޭނާ ހައްޔަރުކޮށްފައިވަނީ ރެޑްނޯޓިސް ނެރެގެން 2021 ވަނަ އަހަރުގަ އެވެ. އެއަށް ފަހު ވެސް އޭނާ ބަންދުން ދޫކޮށްލުމުން ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ޕާސްޕޯޓް މިހާތަނަށް ހިފަހައްޓާފައި އޮތީ، ފިލާފާނެ ކަމުގެ ބިރު އޮތުމުން ނެވެ. 

ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން އެ ކޯޓުން ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ 16 ޖޫން 2021ގަ އެވެ. 

މި ވަގުތު ގޭބަންދެއްގައި ހުރި އަހްމަދު މޫސާގެ ޕާސްޕޯޓް ދޫކޮށްލީ، އެ އަމުރު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29ގައި އެދުމުންނެވެ.

އެ އަމުރު މުރާޖައާކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރި ސަަބަބެއް ކަމަށް އޭރު ބުނެފައިވަނީ:

  • ސިއްހީ ލިޔެކިޔުންތަކަށް ބަލާއިރު، އަހްމަދު މޫސާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވޭ

  • މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އާއި އަހްމަދު މޫސާގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް

  • އަހްމަދު މޫސާގެ މައްޗަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އޭނާ ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވޭ؛ އަދި މިހާރު ހާލަތު ބަދަލުވެފައިވާތީ

ކޮމެންޓް (1)

ދޮންބެ

19 ޑިސެމްބަރު 2023
ގޭބަންދު ނަމެއްގަ. ތި އަހުމަދު މޫސާ މުޅި މާލެތެރޭގަ އުޅޭ. ރެސްޓޯރަންޓު ތަކުގަ ކޮފީގަ އަބަދު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް