ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި އަހުމަދު މޫސާ (އައްމަޓީ) ޝަރިއަތެއްގައި: އޭނާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް އޭނާ ވަނީ އަނެއްކާ ބަންދުކޮށްފައި
އަހްމަދު މޫސާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ޕީޖީން އެދިއްޖެ
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރަން ހުއްދީފައިވާތީ، އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ހައި ކޯޓުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދުން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމީ، މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާން އޭނާ އެދިފައިވާތީ އެވެ. އެއާ އެކު ޕީޖީން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދިފަ އެވެ.
-
އިތުރަށް ކިޔާލަން - ބޭސްފަރުވާއަށް ދާން އަހްމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްފި
ތަފްސީލް - ޕީޖީ އޮފީހުން ބުނީ އެ އަމަރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ފުރުން ހުއްޓުވުމުގެ ގޮތުން، ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް މިހާރު ހައި ކޯޓުގައި އެދިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - އަހްމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ.
މައްސަލަ ތަހުގީގު ކުރަން ފެށުމުން ލަންކާއަށް ގޮސް، ފިލާފައިވާތީ، އޭނާ ހައްޔަރުކޮށްފައިވަނީ ރެޑްނޯޓިސް ނެރެގެން 2021 ވަނަ އަހަރުގަ އެވެ. އެއަށް ފަހު ވެސް އޭނާ ބަންދުން ދޫކޮށްލުމުން ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ޕާސްޕޯޓް މިހާތަނަށް ހިފަހައްޓާފައި އޮތީ، ފިލާފާނެ ކަމުގެ ބިރު އޮތުމުން ނެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ްއެ ކޯޓުން ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ 16 ޖޫން 2021ގަ އެވެ.
މިވަގުތު ގޭބަންދެއްގައި ހުރި އަހްމަދު މޫސާގެ ޕާސްޕޯޓް މިއަދު ދޫކޮށްލީ، އެ އަމުރު މުރާޖައާކުރުމަށް އެދި އޭނާގެ ފަރާތުން މިދިޔަ 29 ނޮވެންބަރުގައި އެދުމުން ނެވެ.
އެ އަމުރު މުރާޖައާކޮށް ކްރިމިނަލް ކޯޓުން މިއަދު ޕާސްޕޯޓް ދޫކުރި ސަަބަބެއް ކަމަށް ބުނެފައިވަނީ:
-
ސިއްހީ ލިޔެކިޔުންތަކަށް ބަލާއިރު، އަހްމަދު މޫސާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވޭ
-
މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އާއި އަހްމަދު މޫސާގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް
-
އަހްމަދު މޫސާގެ މައްޗަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އޭނާ ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވޭ؛ އަދި މިހާރު ހާލަތު ބަދަލުވެފައިވާތީ