ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން އެ ތަނުގެ ކުރިމަތީގައި މީގެ ކުރިން ކުރި އިހުތިޖާޖެއް.
ޖާހުގެ ފްލެޓުތައް ނިންމަން އަލްޓްރާ ގްރޫޕަށް؛ ފްލެޓު ގަތް މީހުން ވާނުވާގައި
ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ 'ދަ ގާޑެންސް' ފްލްޓްތައް ނިންމުމުގެ މަސައްކަތްތަކާ އާބަންކޯއިން ހަވާލުވުމަށް ފަހު، އެ ފްލެޓްތައް ނިންމަން އިތުރު އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. އެހެން ނަމަވެސް އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ނިންމާފައެއް ނުވެ އެވެ.
ތަފްސީލު - 'ދަ ގާޑެންސް'ގެ މަސައްކަތް ނިންމަން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމުގެ ގޮތުން އާބަންކޯއިން، އެތަނުން އެޕާޓްމަންޓް ގަތް ފަރާތްތަކަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
އާބަންކޯގެ ޑައިރެކްޓާ، ރިއަލް އެސްޓޭޓު މެނޭޖްމަންޓް ޝާޒިމް ސައީދު ސޮއިކުރައްވައި، 26 ސެޕްޓެމްބަރު 2023 ވަނަ ދުވަހު ފޮނުވި އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި:
-
ގާޑެންސްގެ ނުނިމި ހުރި މަސައްކަތް އަލުން ފެށުމުގެ މަސައްކަތް ކުރިއަށް ގެންދަން އާބަންކޯއިން 'އަލްޓްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑު' ނަމަކަށް ކިޔާ ކުންފުންޏެއް ވަނީ ހަމަޖައްސާފައި
-
އޮކްޓޫބަރުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ގާޑެންސް މަޝްރޫއު ނިންމާނެ ކަމަށް އަލްޓްރާ ގްރޫޕުން ވަނީ އެއްބަސްވެފައި
-
ގާޑެންސްގެ ކަސްޓަމަރުންނާ އެކު ބައެއް މުއާމަލާތްތައް ދެން ކުރާނީ ވެސް އަލްޓްރާ ގްރޫޕުން
'ދައުރު'އަށް ލިބުނު ސިޓީގެ ސައްހަކަން، އާބަންކޯއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެނގުން މުހިންމު - އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީއިން ދައްކާ ގޮތުގައި އަލްޓްރާ ގްރޫޕުގެ ދަށުން ހަތަރު ވިޔަފާރިއެއް ކުރެ އެވެ. އެއީ؛
-
ޕްރިންޓު ކުރުމާ ގުޅޭ ސާމާނު ވިއްކާ ކުންފުންޏެއް
-
ކޮމްޕިއުޓަރު ސާމާނު ވިއްކާ ވިޔަފާރިއެއް
-
ކޮން ބާވަތެއްގެ ވިޔަފާރިއެއް ކަން ނޭނގޭ އިތުރު ދެ ކުޑަ ވިޔަފާރިއެއް
ބުނީ ކީކޭ؟ - މިކަން ހިނގަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ގާޑެންސްއިން އެޕާޓްމަންޓް ގަތް ބައެއް މީހުން ވަނީ 'ދައުރު'އާ ހިއްސާކޮށްފަ އެވެ.
އެ މީހުން ބުނާ ގޮތުގައި މިވަރުގެ މަޝްރޫއެއް އަލްޓްރާ ގްރޫޕާ ގަވާލުކުރީ ކޮން ކަންތައްތަކަކަށް ބެލުމަށް ފަހުކަން ބުނެދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަކީ މިވަރުގެ ބޮޑު މަސައްކަތެއް ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏެއް ކަމާ މެދު އެ މީހުންނަށް ސުވާލު އުފެދޭ ކަމަށް ބުންޏެވެ.
އަލްޓްރާ ގްރޫޕާ ގުޅޭނެ ފޯނު ނަންބަރެއް ވެސް ހިއްސާ ނުކުރާ ކަމަށާއި، މި ކަމުގައި ފަހުން ފަހުން އައިސް އާބަންކޯ، އަލްޓްރާ ގްރޫޕު އަދި ޖާހުން ވެސް، ކަސްޓަމަރުންނާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށް އެ މީހުން ބުނެ އެވެ.
"މިނިވަން ކޮންސަލްޓެންޓެއް ހޯދައިގެން އޮޑިޓެއް ކުރާ ކަމަށް އާބަންކޯއިން ބުނެފައި، މުޅި ޕްރޮޖެކްޓު މި އޮތީ އޮޑިޓް ކުރި މީހުންނާ ހަވާލުކޮށްފައި. އެ މީހުން އަދި ކޮންސްޓްރަކްޝަން ކުންފުންޏެއް މި ހޯދަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި، ގާޑެންސްއިން އެޕާޓްމަންޓު ގަތް މީހަކު ބުންނެވެ.
"އާބަންކޯއަށް ފޮނުވި މެއިލްތަކަށް ޖަވާބު ނުދޭތީ އަޅުގަނޑުމެން ބައްދަލުކުރަން ދާނީ. މުޅި ޕްރޮޖެކްޓު ހަވާލުކުރި ކުންފުނީގެ ހައިސިއްޔަތަކީ ކޮބައިތޯ ބަލަން. އަދި ކޮންޓްރެކްޓަރު ބަދަލުކުރާއިރު ވެސް އެނގެން އެބަޖެހޭ ކިހާވަރެއްގެ ބަޔަކާ ތޯ ހަވާލު ކުރަނީ."
އެ މީހުން ތުހުމަތު ކުރަނީ، އޮޑިޓު ކުރުމާއި އެހެން ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ، މިކަމުގައި ޝާމިލުވާ ކުންފުނިތަކުގެ އިސްވެރިންނަށް މާލީ ގޮތުން ބޮޑު ފައިދާއެއް ވާ ގޮތަށެވެ.
މައްސަލައިގެ ފެށުން - ގާޑެންސް ނުނިމި ދިގުލައިގެން ދިޔުމުން އާބަންކޯއިން ވަނީ އެ ތަން ނިންމުމަށް ޖާހުއަށް 30 ދުވަހުގެ ނޯޓިހެއް މިދިޔަ ޖޫން މަހު ދީފަ އެވެ. އެ މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނުނިންމުމުން އެ މަޝްރޫއު ނިންމަން 17 ޖުލައިގައި އާބަންކޯއިން ވަނީ ހަވާލުވެފަ އެވެ.
އާބަންކޯއިން އޭރު ބުނި ގޮތުގައި:
-
އާބަންކޯ އާއި ޖާހު ކުންފުންޏާއި އެ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީހާ ވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފައިވޭ
-
އަމާޒަކީ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ޖާހުއަށް ވެސް ގެއްލުން ނުވާނެހެން މަޝްރޫއު އަވަހަށް ނިންމުން
-
އެ މަޝްރޫއުގެ %91 މަސައްކަތް ވަނީ ނިމިފައި
-
ޑިވެލޮޕަރު ބަދަލުކޮށް، އެހެން ކުންފުންޏެއް ހޯދައިގެން މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވޭ
އޭގެ ފަހުން 28 އޮގަސްޓުގައި އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެ މަޝްރޫއު ނިންމަން ލަފާ ހޯދަން މިނިވަން ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ކޮންސަލްޓެންޓުގެ މަސްއޫލިއްޔަތަކަށް ވާނީ، އާބަންކޯއިން ބުނި ގޮތުގައި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުމެވެ.
އެ ހޯދުންތަކަށް ބިނާކޮށް، ކޮންސަލްޓެންޓުގެ ލަފާގެ މަތިން އާ ކޮންޓްރެކްޓަރަކާ މަސައްކަތް ނިންމަން ހަވާލުކުރާނެ ކަމަށާއި އެ ކަން ހިނގަމުންދާއިރު ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހު ކުންފުނިން ކަމަށް ވެސް އޭރު އާބަންކޯއިން ބުނެފައިވެ އެވެ.
ގުޅުންހުރި ކަމެއް - ގާޑެންސްގެ އިތުރުން ކުރިއަށް ނުގޮސް ހުއްޓިފައި އޮތް ކޭ-ޕާކު ފްލެޓުތަކުގެ މަސައްކަތް ވެސް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (2)
އެސް
ވަސީމް