ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)
ދަ ގާޑެންސް އާއި ކޭޕާކު ފްލެޓްތައް ހަ މަސް ތެރޭ ނިންމައިދޭނަން: ރައީސް
އަމިއްލަ ދެ ކުންފުންޏަކުން ހުޅުމާލޭގައި ތަރައްގީކުރާ 'ދަ ގާޑެންސް' އާއި ކޭ-ޕާކް ރެސިޑެންސް ފްލެޓުތައް ހަ މަސް ތެރޭގައި ހަދައި ނިންމައި، އެ ގަތް މީހުންނަށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ޖާހުގެ ގާޑެންސް ފްލެޓްތަކާއި ބޭރު ބައެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން ހަދާ ކޭ-ޕާކް ފްލެޓްތައް ހަތް އަހަރު ވީއިރު ވެސް ނުނިންމެ އެވެ. މަތީ ފެންވަރުގެ މި ދެ އިމާރާތުން ފްލެޓް ގަތް މީހުންނަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.
ބުނީ ކީކޭ؟- ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ، އެ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތަށް ވައުދުވެވަޑައިގަތީ، ގުޅިފަޅުގައި ހެދި ފްލެޓްތަކުން މީހުން ނެރެ ޕީޕީއެމްގެ ކުރީ ސަަރުކާރުން އެ މީހުން މަގުމަތިކުރުމުން އެހީތެރިވީ ވެސް މި ސަރުކާރުންކަން ފާހަގަކުރައްވަމުންނެވެ.
ގާޑެންސްގެ ފްލެޓްތައް ނިންމުމަށް، މިދިޔަ ޖުލައި މަހު އާބަންކޯއިން ވަނީ ހަވާލުވެފަ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެތަން ނިންމައި، މީހުންނާ ހަވާލުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ވިދާޅުވީ:
-
ކޭ-ޕާކް ފްލެޓް ލިބުނު މީހުންނަށް ވެސް އެގޮތަށް ކަން ކޮށްދޭނެ ކަމަށް
-
ކޭ-ޕާކް ފްލެޓްތައް ދީފައި ހުރީ ވެސް، ކުރީގެ ސަރުކާރުން ރިސޯޓު ހަދަން ރަށްތައް ދޫކުރި ގޮތަށް
-
އެ ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކަށް، ޝަރީއަތް މެދުވެރިކޮށް ފައިސާ އަނބުރާ ހޯދައިދޭނެ
އެ މަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދޭން ކުރި ކިތަންމެ މަސައްކަތެއް ދެކޮޅު ނުޖެހި، ރައްޔިތުންތަކެއް މަގުމަތިވެފައިވާ ކަމަށެވެ. ގާޑަން އާއި ކޭ-ޕާކްގެ އިތުރުން، ސީލައިފް ފްލެޓްތަކާއި ގާކޮއްޓާއި އަރަބިއްޔާ ހުރި އިމާރާތުގައި އެޅި ފްލެޓްތަކުގެ މައްސަލަ ވެސް ފާހަގަކުރެއްވި އެވެ.
"މި ހުރިހާ ކަމެއް މިއީ ރައްޔިތުންނަށް ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނު ކަންކަން. މިކަންކަމަށް އަޅުގަނޑުމެން މި އަންނަނީ ހައްލު ހޯދައިދެމުން،" ސީލައިފް ފްލެޓަށް އެޑްވާންސްކޮށް ފައިސާ ދެއްކި މީހުންނަށް، ސަރުކާރުން ބަދަލު ދީ، އެހެން ހައުސިން މަޝްރޫއުތަކުން އެ މީހުންނަށް ފުރުސަތު ދިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި:
-
ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުން ފްލެޓް ދީފައިވަނީ، ދޭން ނިންމި އަގަށްވުރެ ބޮޑުކޮށް
-
އަދި އެކަން ކުރެއްވީ، ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުހިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު