ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެންސް'ގެ އިމާރާތް (ކ). (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)
ޖާހުގެ ގާޑެންސް ފްލެޓުތައް ނިންމަން އާބަންކޯއިން ހަވާލުވެއްޖެ
ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ 'ދަ ގާޑެންސް' ފެލްޓްތައް ނިންމުމުގެ މަސައްކަތްތައް ދެން ކުރާނީ އާބަންކޯ އިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖާހުން ހުޅުމާލޭގައި ތަރައްގީ ކުރާ 'ދަ ގާޑެންސް' ފްލެޓްތައް ނުނިމި ދިގުލައިގެން ދިއުމުން އެ ފްލެޓުތައް ނިންމުމަށް ޖާހުއަށް 30 ދުވަހުގެ މުއްދަތެއް އާބަންކޯ އިން ދިނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް 30 ދުވަސް ހަމަވި އިރު ވެސް އެ މަސައްކަތް ނިންމާފައެއް ނުވެ އެވެ.
ތަފްސީލު - އާބަންކޯ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖާހުގެ ފްލެޓުތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، މިކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށް ވާ ގެއްލުންތައް ކުޑަކޮށް، ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އާބަންކޯއިން މަސައްކަތް ކުރުމަށް މިހާރު ވަނީ ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އާބަންކޯ އިން ބުނީ:
-
އާބަންކޯ އާއި ޖާހު ކުންފުންޏާއި އެ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީހާ ވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފައިވޭ
-
އަމާޒަކީ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ޖާހުއަށް ވެސް ގެއްލުން ނުވާނެހެން މަޝްރޫއު އަވަހަށް ނިންމުން
-
އެ މަޝްރޫއުގެ %91 މަސައްކަތް ވަނީ ނިމިފައި
-
ޑިވެލޮޕަރު ބަދަލުކޮށް، އެހެން ކުންފުންޏެއް ހޯދައިގެން މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވޭ
އެނގުން މުހިންމު - އެ މަޝްރޫއު ނިންމުމަށް ހަރަދުކުރާނީ އާބަންކޯ އިން ކަމެއް ނުވަތަ އެހެން ގޮތަކުން ކަމެއް ނޭނގެ އެވެ. ޖާހު ކުންފުނިން އާބަންކޯއަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.
މައްސަލައިގެ ފެށުން - ގާޑަންސް އިމާރާތްކުރަން، ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހުއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެގޮތުން:
-
އެ މަސައްކަތް ހަވާލުކުރީ ދެ އަހަރުން ނިންމާ ގޮތަށް
-
އަދިވެސް އެ ތަނުގެ މަސައްކަތް ހުރީ ނުނިންމާ
-
ޖާހުން ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތާއި މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ފަދަ ސަބަބުތަކާ ހެދި މަސައްކަތް ލަސްވީ ކަމަށް
-
މަސައްކަތް ހުއްޓިފައި އޮތް އިރު، ޖާހު ކުންފުނީގެ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދިނުމާއި އެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުން ފަދަ ބޮޑެތި މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައި އެބަހުރި
ކޮމެންޓް (1)
މުހައްމަދު