ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓްތައް | ދައުރު ފޮޓޯ

ބޯހިޔާވަހިކަން

ކޭ-ޕާކްއާ ގުޅިފައިވާ ތުހުމަތުތަކަށް އިދާރާތަކުން 'ލޯ މަރާލައިގެން' އޮންނަތާ ކިތައްމެ ދުވަހެއް

ތަން ނުނިންމާ ފަސް އަހަރު ވީ އިރު އެއީ އެތައް ދިވެހިންނަކަށް މާލީ ގޮތުން ލިބެމުން ދާ ބޮޑު ގެއްލުމެއް

ހިމޭންކޮށް އޮތް އެކަމަކު ވަރަށް ބޮޑު މައްސަލައެއް، އޭގެ އަސްލު ސިއްރުތަކާ އެކު މިދިއަ ހަފުތާގައި އާންމުންނާ ހަމައަށް ތިލަވި އެވެ. އެކަމަކު މި ތިލަވުން އައީ، ދިވެހި އެތައް ބަޔަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފަހަތުގައި އޮތް ދެ ކުންފުންޏަކުން ނެރުނު ތަފާތު ދެ ނޫސްބަޔާނަކުންނެވެ.

ކޭ-ޕާކްގެ ނަމުގައި ހަދަން ފެށި އިމާރާތާ ގުޅިފައި ހުރި ރެކޯޑްތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން އެއީ މިހާތަނަށް ރާއްޖޭގައި އެންމެ އަވަހަށް ކޮންކްރީޓް މަސައްކަތް ނިންމާލި އެ އުސްމިނުގެ ފުރަތަމަ އިމާރާތެވެ. ނަމަވެސް އެހާ އަވަހަށް އޮނިގަނޑު ނަގާ ކޮޅަށް ޖަހާލެވުނަސް ބޮޑު އަގުގައި ފްލެޓް ގަތް މީހުންނަށް އެތަނަށް ވަދެވޭނެ ތާރީހެއް އަދިވެސް ނޭނގެ އެވެ.

މިދިއަ މުއްދަތުގައި އާންމުންނަށް ފެނުނީ 'މާ މުއްސަނދިކޮށް' އުޅެމުން އައި މީހެކެވެ. އޭނާގެ އަސްލު ނަމަކީ ހަސަން މަމްދޫހް އެވެ. ވަނަމަކީ 'މަންޑޭ" އެވެ. އެކަމަކު މި މަޝްރޫއުއާ ހަވާލުވި މައިގަނޑު ކުންފުންޏަކީ ދެކުނު ކޮރެޔާއަށް ނިސްބަތްވާ ހަންބޯ ޓެކް ކޮރެއާ އެވެ. މަމްދޫހްއަކީ އޭރުގެ އެޗުޑީސީއާ ގުޅިގެން ބިން ހޯދުން ފަދަ ކަންކަމަށް މެދުވެރިވި މީހާ އެވެ.

ހަސަން މަމްދޫހު، މަންޑޭ: އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފައި

އެކަމަކު ފަހުން މި މަޝްރޫއުގެ މޫނުމަތީގެ ގޮތުގައި ފެނުނީ ހަމްބޯ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެވެ. މިދިއަ ހަފުތާގައި ފުރަތަމަ ނޫސް ބަޔާން ނެރުނީ އެ ކުންފުނިންނެވެ. އެ ނޫސްބަޔާނުގައި އޮތް ގޮތުން ކުންފުނީގައި ޗައިނާގެ ރައްޔިތެއްގެ %95 ހިއްސާ ހިމެނެ އެވެ. މަމްދޫހުގެ ހިއްސާގެ މިންވަރަކީ %5 އެވެ.

އޭގެ ފަހުން ދެން ނުކުތީ ކޮރެޔާ ކުންފުނީގެ ނޫސްބަޔާނެވެ. އެ ބަޔާނުގައި އޮތް ގޮތުން ވިއްޔާ ހަންބޯ މޯލްޑިވްސްއަކީ މަޝްރޫއުގައި ރާއްޖޭގެ އެކި ކަންކަން ފަސޭހައިން ކުރުމުގެ ގޮތުން އުފެއްދި ކުންފުންޏެކެވެ. މިހާރު އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން ވެސް އުވާލައިފި ކަމަށް ހަންބޯ ޓެކް ކޮރެއާއިން ބުނެ އެވެ.

މިހާރު އެތެރޭގެ މަސައްކަތް ކުރަމުން އަންނަ އިމާރާތް ނުނިމި އެތައް އަހަރެއް ވީ ފަހުން ކުއްލިއަކަށް ދެ ކުންފުންޏަކުން ދެ ނޫސްބަޔާން ނެރެ، ތަނުގެ މިލްކުވެރިކަމަށް ދައުވާކޮށް، އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރީ އެވެ. މަމްދޫހް ހިންގި ކަމަށް ތުހުމަތުކުރެވޭ މަކަރާއި ހީލަތުގެ މައްސަލަ ބަލަން ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ފުލުހުން އިއްޔެ ބުނީ އޭނާގެ ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓައިފި ކަމަށެވެ.

މައްސަލައަކީ އެތައް ބައެއްގެ ޝަކުވާ ބޮޑުވެފައި އޮތް މަޝްރޫއެއްގެ ހަގީގަތް ހޯދައި، ފިޔަވަޅު އަޅަން އެޗުޑީސީ، މިހާރު ނަމަ، އާބަންކޯ އާއި ދައުލަތުގެ އެހެން އިދާރާތަކުން ފެއިލްވުމެވެ. އިމާރާތަށް ބިން ދޫކޮށް، އިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާ އިރު އޭގައި ސޮއި ވެސް ކުރާ އާބަންކޯއިން މިހާ ދުވަސް ވީ އިރު ވެސް، އަސްލު މައްސަލައިގެ ހަގީގަތް ނުހޯދުމުގެ ގެއްލުން ބޮލުގައި އަޅަން މި ޖެހެނީ ތަން ގަން ރައްޔިތުންނެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް: އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ނޫނަސް ބޯހިޔާވަހިކަން ހޯދަން އެތައް ދިވެހިންނެއް ގުރުބާނީތަކެއް ވޭ

ކޭ-ޕާކްގެ މަޝްރޫއުގައި އޮޅުވާލުމާއި މަކަރާއި ހީލަތާ ގުޅޭ ޝަކުވާތައް އާންމުންނަށް އަޑުއިވޭތާ ކިތައްމެ އަހަރެކެވެ. ކޮންމެ ފަހަރަކު ވެސް ކޭ-ޕާކްގެ 'ވެރިން' ބުނަނީ ކުރިއަށް އޮތް ހަ މަސް ނުވަތަ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލުކުރާނެ ކަމަށެވެ. އެގޮތުން މިދިއަ އަހަރުގެ ފަހުކޮޅު ވެސް އާބަންކޯއިން އިންތިޒާމްކޮށްގެން ކޭ-ޕާކަށް ނޫސްވެރިން ގެންދިޔަ އެވެ. އެތަނުން އޭރު މައުލޫމާތު ދިން މީހުން ވެސް ބުނީ މި އަހަރުގެ މާޗު މަހު ތަން ހަވާލުކުރެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް މާޗު ނިމުނީ އެވެ. އެއްވެސް އެޕާޓްމަންޓެއް ހަވާލުކުރެވޭ ވަރެއް ނުވެ އެވެ.

މި ދައްކަނީ އާންމުންގެ އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ އެވެ. މަތީ ފަންތީގެ އެޕާޓްމަންޓްތަކާ ގުޅޭ ވާހަކައެއް ލިޔަލާ އިރު ބައެއް އާންމުން ދެކެނީ އެއީ ސަރުކާރުން ވަންނަން ޖެހޭނެ މުއާމަލާތްތައް ނޫން ކަމަށެވެ. އެތަންތަނުން އެޕާޓްމަންޓް ގަންނާނީ މުއްސަނދިންކަމުގެ ވިސްނުން ގިނަ މީހުންގެ އޮވެ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ބައެއް މީހުންގެ މުޅި ހަޔާތުގައި އެއްކުރި ފައިސާކޮޅު، ބޭންކަށް ދައްކާފައި، ދިގު މުއްދަތަށް ދެމިގެންދާ ބޮޑެތި ލޯނުތައް ނަގަނީ އެވެ. އިމާރާތެއް ނިންމަން ދޭ ތާރީހުގައި ނުނިންމައިފި ނަމަ، އޭގެ ގެއްލުން، އާންމު މީހާއަށް ހީކުރެވޭ ވަރަށް ވުރެ ވެސް، ބޮޑެވެ. ބައެއް މީހުން ކުއްޔަށް އުޅެމުން، ލޯނު ދައްކަން ޖެހި، ދިރިއުޅުމުގެ ހުރިހާ އުފަލެއް، އެތައް އަހަރަކަށް ގެއްލިދެ އެވެ.

ކޭ-ޕާކްގެ މަސައްކަތް ފެށިތާ ވެސް މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. ބޭންކްތަކުން އާންމުކޮށް ލޯނު ދެނީ އަހަރެއްހާ ދުވަހުގެ މުއްދަތެއް ތެރޭގައި ލޯނު ދައްކަން ފަށާ ގޮތަށެވެ. ކޭ-ޕާކް އިން އެޕާޓްމަންޓް ގަންނަން ލޯނު ނެގި މީހުން ބޭންކަށް ފައިސާ ދައްކާތާ ވެސް މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. 

ކޭ-ޕާކް، ވާތް ފަރާތުގައި: މި މަޝްރޫއުތަކުގައި ފޮރުވިފައި ހުރި ކަންކަން ހޯދަން މާ ބޮޑު މަސައްކަތެއް ނުކުރެވޭ

އިޖުތިމާއީ ބޯހިޔާވަހިކަމުގައި ފްލެޓް ލިބޭ އާންމު ރައްޔިތުންނަށް ތަނަށް ނުވަދެވި، މަހެއްހާ ދުވަސް ވުމުން ވެސް ކުރި ޝަކުވާތައް، 'ހިޔާ' މަޝްރޫއުގެ 7،000 ފްލެޓް ލިބުނު މީހުންގެ ފަރާތުން ކުރިން އޮތީ ފެނިފަ އެވެ. ކޮންމެ ދުވަހެއްގެ މީޑިއާ ފުރެނީ އެފަދަ ޝަކުވާތަކުންނެވެ. ކޭ-ޕާކް ފަދަ މަޝްރޫއުތަކުން ވެސް ތަންތަން ގަންނަނީ ދިވެހިންނެވެ. އޭގެ ތެރޭގައި މުއްސަނދިން ހިމެނުނަސް ގިނައީ، މާލީ ގުރުބާނީއެއް ވެގެން ތަންތަން ގަތް މީހުންނެވެ. އެކަމަކު އެ މީހުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކު ނުވެ އެވެ. ފިޔަވަޅު އަޅާނެ ބަޔަކު ނެތެވެ. 

ކޭ-ޕާކްގެ ވެރިންނަށް އެކަން އެނގެ އެވެ. އެހެންވެ އެ މީހުން އުޅުނީ ދައުލަތުގެ ހިންގުމުގެ ތެރެއިން ފެންނަ އެ އުނިކަން ހިމާޔަތަކަށް ހަދައިގެންނެވެ. އެ މަޝްރޫއުގައި ހުރި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ތުހުމަތުތައް ބަލަން ދައުލަތުގެ ކަމާ ބެހޭ އިދާރާތައް އޮތީ ފެއިލްވެފަ އެވެ. ކުރިން އުޅުނު ނަމަ އެތެރޭގެ ހާލަތު ވަޒަންކުރެވުނީހެވެ. އަދި ފިޔަވަޅު އަޅަން ވެސް ދުރާލާ ފުރުސަތު ލިބުނީހެވެ. 

މިއަދު މި ފެންނަނީ ދެ ކުންފުންޏަކުން، ސަލާމަތްވާން އުޅޭ ތަނެވެ. އެކަމަކު އެހާ ހިސާބުން މި މައްސަލަ ނިމުމަކަށް ނާދެ އެވެ. ކުރިން 'ނިދާފައި' ތިބި ދައުލަތުގެ އިދާރާތަކަށް މަސައްކަތް މި އޮތީ ފަށަން ޖެހިފަ އެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާށެވެ. އޮޅުވާލުންތަކުން ހޯދާ މަޝްރޫއުތަކުގެ ހަގީގަތް ދެނެގަންނާށެވެ. މަޝްރޫއުތައް ކުރިއަށް ދާ އިރު ވެސް، އެތައް މަކަރަކާއި ހީލަތް ހަދާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ މަޅިތަކުން ރައްޔިތުން ސަލާމަތްކޮށްދޭށެވެ.

ކޮމެންޓް (1)

އައްޑާ

10 މޭ 2023
ހުޅުމާލެއިން ބިންތައް މިގޮތަށް ދޫކުރަނީވެސް އާބަންކޯގެ އެތެރެއިން ބައި އެޅިގެން ކަމަށްވާއިރު، ކިހިނެތްތޯ ތިކަން ކުރާނީ. މައްސަލައަކީ ޕްރޮޖެކްޓް އެވޯޑް ކުރެވެނީވެސް މަކަރާ ހީލަތާއި ފަސާދައިގެ ބިންގަލުން ކަމަށްވުމެވެ. ހުރިހާ ދެރައެއް ނިކަމެތި ރައްޔިތު މީހާއަށެވެ. ފޭރުނު މީހުން އުފަލުގައެވެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް