ގަލޯއީ އަހަރު ފެށުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަތުމުން އުއްތަމަ ފަނޑިޔާރު މަރުހަބާ ވިދާޅުވެ، ސަލާން ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ޖުޑިޝަރީ

ޖުޑިޝަރީ 'މިނިވަންކުރުމު'ގެ ކްރެޑިޓް ރައީސަށް؛ އެކަމަކު ހައްގުތަ؟

އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު ކުރީ ރޭ ވިދާޅުވީ ބަޖެޓްގެ ވަކި ޕަސެންޓެއް ޝަރުއީ ދާއިރާއަށް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމަކީ ޖުޑިޝަރީގެ މިނިވަންކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށް
10 ފެބްރުއަރީ 2026
4

މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު، ގަލޯއީ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ފަހަރު ދެއްކެވި ވާހަކަފުޅެވެ. މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް އުއްތަމަ ފަނޑިޔާރު ޝުކުރު އަދާކުރެއްވި އެވެ.

ރައީސް މުއިއްޒަށް އުއްތަމަ ފަނޑިޔާރު ދެއްވީ، މިނިވަން ޖުޑީޝަރީއެއް ގާއިމުކޮށްދިނުމުގެ ކްރެޑިޓެވެ. އެ ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއް ވީތީ، އެ ކަމުގެ ޝުކުރެވެ. ދައުލަތުގެ ބަޖެޓްގެ ވަކި ޕަސެންޓެއް ޖުޑީޝަރީއަށް ވަކިން ހާއްސަކުރުމުންނެވެ. ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމާއި، ވަސީލަތްތައް އިތުރުކޮށްދިނީތީ އެވެ.

މި ފިޔަވަޅުތަކުން ގާނޫނުއަސާސީން ތަސައްވުރުކުރާ ފަނޑިޔާރުގެ ހަގީގަތަކަށް ހެދިދާނެ ކަމެވެ.

"މި ނިންމެވުން އަޅުގަނޑުމެން ސިފަކުރަނީ ގާނޫނުއަސާސީން ތަސައްވުރު ކޮށްދީފައިވާ މިނިވަން، ނަޒާހަތްތެރި ފަނޑިޔާރުގޭގެ ތަސައްވުރު ހަގީގަތަކަށް ހެއްދުމަށް މަނިކުފާނު އެޅުއްވި ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. މަނިކުފާނުގެ މި ނިންމުން ފަނޑިޔާރުގެއިން ބަލައިގަންނަނީ ޝުކުރުވެރި ހިތްތަކައިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެެވެ.

ނަމަވެސް ރައީސް މުއިއްޒަށް އުއްތަމަ ފަނޑިޔާރު މި ދެއްވީ ހައްގު ކްރެޑިޓެއް ހެއްޔެވެ؟

ގްރާންޓަކުން އަދި މާލީ މިނިވަންކަމެއް ނުލިބޭ

ފުރަތަމަ މި އޮތީ އިލްމީ ވާހަކައެކެވެ. ޖުޑިޝަރީގެ ބަޖެޓް މިވީހާ ދުވަހު ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން ބެލުމަށް ފަހު ފާސްކުރާ ގޮތެއްގެ މަތިންނެވެ.

ޖުޑީޝަރީ ބަރޯސާވެފައި އޮތީ ސަރުކާރުން ކަނޑައަޅާ ބަޖެޓަކަށެވެ. ފައިސާ ފޯރުކޮށްދޭ ބަޔަކަށް ބަރޯސާވާން ޖެހުމަކީ ނުފޫޒެކެވެ. އެއީ ތޮބީއީ ކަމެކެވެ. ޖުޑީޝަރީގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ޝަކުވާއާ އެކު، ދާއިރާގެ މަސްލަހަތުވެރިން ގޮވާލަމުން ދިޔަ އެއް ކަމަކީ ޖުޑީޝަރީއަށް އަމިއްލަ ބަޖެޓް ކަނޑައެޅުމުގެ މިނިވަންކަމެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓްގެ ވަކި ޕަސެންޓެއް ގްރާންޓްގެ ގޮތުގައި ޖުޑީޝަރީއަށް ދިނުމަށް ނިންމުމަކީ ކުރިއެރުމެކެވެ. ތަސައްލީއެކެވެ. ނަމަވެސް އިލްމީ ނަޒަރަކުން ބަލާއިރު އޭގެ އަނެއްކޮޅުގައިވާ ކަމަކީ ޖުޑީޝަރީގެ މުޅި ކޮންޓްރޯލް ސިޔާސީ މީހުންގެ އަތުގައި އޮތް ކަމެވެ.

ބަޖެޓް މެނޭޖުކުރުން ހިމެނޭ ގޮތަށް ޖުޑީޝަރީގެ އިދާރީ ކަންކަން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. ޑީޖޭއޭ ހިންގަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުންނެވެ. ޖޭއެސްސީގެ ކޮންޓްރޯލް އަބަދުވެސް އޮންނަނީ ސިޔާސީ މީހުންގެ އަތުގަ އެވެ. ވެރިކަންކުރާ ޕާޓީ އާއި، މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެއް ޕާޓީއެއް ނަމަ، ޖޭއެސްސީގެ ކޮންޓްރޯލް އަބަދުވެސް އޮންނަނީ އެ ޕާޓީއަކަށެވެ.

މިހާރު ޖޭއެސްސީގެ ކޮންޓްރޯލް އޮތީ ޕީއެންސީއަށެވެ. ޖޭއެސްސީގައި 10 މެންބަރުން ތިބި އިރު، ސަރުކާރާއި މަޖިލީހުގެ ހަ މެންބަރުން ހިމެނެ އެވެ. ޖުޑީޝަރީން ތިބެނީ ތިން މެންބަރެކެވެ. ދެން އިންނަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުުކުރާ އެކެކެވެ.

ސަރުކާރާއި މަޖިލީހުން ޖޭއެސްސީގައި ތިއްބެވި ބޭފުޅުން:

  • ހުސްނީ މުބާރަކް، ކޮމިޝަނުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު 

  • ޔަޒްމީދު މުހައްމަދު، ކޮމިޝަނުގެ ނައިބު ރައީސް، ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރު 

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް، ރައީސް ސީދާ އައްޔަންކުރެއްވުމުގެ ބާރު އޮންނަ މަގާމެއް. ބަންޑާރަ ނައިބު ރައީސްގެ ކެބިނެޓުގައި ވެސް އިންނަވާ

  • އަބްދުއްރަހީމް އަބްދުﷲ،ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން

  • އިދުރީސް ފައުޒީ، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައްޔިތުންގެ މަޖިލީހުގައި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ

  • މުހައްމަދު މުޖުތާޒު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ފޮނުއްވައިގެން، ރުހުން ހޯދުމަށް ފަހު އައްޔަންކުރައްވާ މަގާމެއް

ގަލޯއީ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ހުސްނީ (ވ) އާ ރައީސް މުއިއްޒު ސަލާމްކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ޑީޖޭއޭއަކީ ޖޭއެސްސީގެ ދަށުން ހިނގާ ތަނެކެވެ. އެހެންކަމުން އިލްމީ ނަޒަރަކުން މި މައްސަލައަށް ބެލި ނަމަވެސް، ބަޖެޓްގެ ކޮންޓްރޯލް އަދިވެސް މި އޮތީ މި ވަގުތަށް ޕީއެންސީއަށެވެ.

މާލީ މިނިވަންކަމަކީ ޖުޑިޝަރީ މިނިވަންކުރުން ހެއްޔެވެ؟

މީގެ 11 އަަހަރު ކުރިން ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ނެޓްވޯކް އޮފް ކައުންސިލްސް ފޮ ޖުޑިޝަރީ (އީއެންސީޖޭ)އިން އެކުލަވާލި ދިރާސާއިން ވެސް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް ލަފާދީފައިވަނީ އަހަރީ ބަޖެޓުން ޕަސެންޓެއް ހާއްސަކުރާކަށެއް ނޫނެވެ. އެއަށް ވުރެ ފުޅާ ދާއިރާއެއްގައި މާލީ ބާރުވެރިކަން ޖުޑީޝަރީއަށް ދިނުމަށެވެ. އެ ގޮތުން:

  • ސަރުކާރުގެ އެއްވެސް މެދުވެރިވުމެއް ނެތި ސީދާ ޖުޑީޝަރީން ގާނޫނު ހަދާ މަޖިލީހަށް ބަޖެޓު ފޮނުވޭ ގޮތަށް އޮތުން

  • ދައުލަތުގެ ބަޖެޓުގެ ވަކި ނިސްބަތެއް ޖުޑިޝަރީއަށް ހާއްސަކުރުން، އެ ބަޖެޓުގެ އެލޮކޭޝަންތައް ޖުޑީޝަރީގެ އިދާރާއިން ނިންމުން (އެއީ ސިޔާސީ މީހުންގެ ކޮންޓްރޯލް ނެތް އިދާރާއަކަށް ވާން ޖެހޭ)

  • ކޯޓުތަކަށް އަހަރީ ބަޖެޓެއް އޮތުމުގެ ބަދަލުގައި ދިގު މުއްދަތުގެ "ފިސްކަލް" ސޭވިން ނުވަތަ ފައިސާ ރައްކާކޮށްފައިވާ ފަންޑެއް ޖުޑިޝަރީއަށް އޮންނަން ޖެހޭނެ (މި ސަރުކާރުން އަދި ނިންމީ ދައުލަތުގެ އަހަރީ ބަޖެޓުން ޕަސެންޓެއް ގްރާންޓްގެ ގޮތުގައި ދޭން)

ޖުޑީޝިއަލް ކޮންފެރެންސްގައި ޖޭއެސްސީގެ ރައީސް ހުސްނީ (ވ)، އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ (މ)، އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު (ފޮޓޯ/ ޑީޖޭއޭ)

ޖޭއެސްސީގެ އެކުލެވުން ދިރާސާކުރައްވަމުން ގެންދަވާ، ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައިވާ ވާހަކައެކެވެ؛ ޖުޑީޝަރީ އިސްލާހުކުރަން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ ޖޭއެސްސީގެ އެކުލެވުމެވެ.

ކޮމިޝަނުގައި ތިއްބަވާ ބޭފުޅުން ރަނގަޅު ނިޔަތުގައި ކަމެއް ކުރިޔަސް، ރައްޔިތުންގެ އިތުބާރު ނޯންނާނެ ކަމަށް މައުމޫން ހަމީދު ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ ކޮމިޝަނުގައި ތިއްބަވާނީ ކޮންމެވެސް ޕާޓީއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ކަމަށް ވާތީ އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުން ރެގިއުލޭޓްކުރަން އޮތް މުއައްސަސާ އެވެ. ޖުޑީޝަރީގެ އިދާރާ، ޑީޖޭއޭ ވެސް ހިންގަނީ ޖޭއެސްސީގެ ދަށުންނެވެ. އެހެންކަމަށްވާ ނަމަ ޖޭއެސްސީގެ އެކުލެވުން ރަނގަޅު ނުކޮށް، އެހެން ކަންކަން ރަނގަޅުކުރެވޭނެ ކަމަކަށް މައުމޫން ގަބޫލެއް ނުކުރައްވަ އެވެ.

"ޖޭއެސްސީގެ ތެރޭގައި ހުރި އެކިއެކި ކްރައިޓީރިއާ ހަދަން ތިބި ބަޔަކީ ވެސް ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުން، އިސްލާހު ކުރަންވީ ކަމަކީ ޖޭއެސްސީ،" މައުމޫން ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ރައީސަށް ދިން ކްރެޑިޓުން ގެއްލުނީ އުއްތަމަ ފަނޑިޔާރުގެ ކްރެޑިބިލިޓީ؟

އިލްމީ ވާހަކަތަކަށް ފަހު ދެން އޮތީ ކުރިމަތީގައި ފެންނަން އޮތް މަންޒަރެވެ. ޖޭއެސްސީއަކީ ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ވައްދަން ގާނޫނުއަސާސީންނާއި ގާނޫނީ ނިޒާމުގެ ތެރެއިން ހުޅުވާފައިވާ ދޮރެކެވެ. އެ ދޮރުން މިހާރުގެ ރައީސް މުއިއްޒު ވެސް ވަނީ ޖުޑީޝަރީގެ ތެރެއަށް ވަންނަވައިފަ އެވެ.

މީގެ އަހަރެއް ކުރިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަނީ ރައީސް އާއި ޕީއެންސީގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއްގެ އަޑުއެހުމެއް އެ ކޯޓުން ފަށަން އުޅެނިކޮށެވެ. ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންނަށް ކަމަށް ވާތީ، ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން ދެން ތިއްބަވާނީ ހަތަރު ފަނޑިޔާރުންނެވެ.

އެ ކަމުގައި ކަންކަން ހިނގި ގޮތަކީ އިއްތިފާގެއް ނޫން ކަން، ޓައިމްލައިނަށް ބެލުމުން ވެސް ސާފުވެ އެވެ:

  • ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމެންދެން، ގާނޫނުއަސާސީއަށް އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅި

  • އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް ފޮނުވީ މިދިޔަ 25 ފެބްރުއަރީގެ ރޭގަނޑު 9 ޖަހާއިރު؛ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ތާވަލުކުރީ 26 ފެބްރުއަރީގެ ހެނދުނު 11 ޖަހާއިރަށް

  • ތިން ފަނޑިޔާރެއްގެ މައްސަލަ، ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ ފަރުދަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅީ އެ ދުވަހުގެ ރޭ ދަންވަރު 1 ޖަހާކަށް ހާއިރު

  • އޭސީސީގެ ރައީސް އާދަމް ޝާމިލްގެ ސިޓީއެއް ޖޭއެސްސީއަށް ފޮނުވީ 26 ފެބްރުއަރީގެ ހެނދުނު 10 ޖަހަން އުޅެނިކޮށް

  • ސުޕްރީމް ކޯޓުގެ އަޑުއެހުން ފަށަން ފަނޑިޔާރުން ތައްޔާރުވެފައި ވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ކޮމިޝަނުން ނިންމި

ސުޕްރީމް ކޯޓުން ބަލަން ފެށީ ޕާޓީން މެންބަރަކު ވަކިކުރުމުން އޭނާގެ ގޮނޑި ގެއްލޭނެކަމަށް ގާނޫނުއަސާސީގެ އާ އިސްލާހުގައި އޮތުމުން އެ މައްސަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ރައީސް މުއިއްޒުގެ ޕީއެންސީއަށެވެ. ޕީއެންސީން މެންބަރަކު ކަނޑާލުމުން އެ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވެސް ރައީސްގެ މަސްލަހަތު ހިމެނޭ ކަމެކެވެ. އަދި އެ ގޮތަށް މަޖިލީހުން ގާނޫނުއަސާސީ ބަދަލުކުރީ ވެސް ރައީސް އަންގަވައިގެން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވޯޓް ދީގެންނެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުއްގަނީއަށް ސުޕްރީމް ކޯޓަށް ވެންނެވުނީ، ގޮނޑި ގެއްލޭ އިސްލާހާ ދެކޮޅަށް ހުށައެޅި މައްސަލަ ބަލަން ފެށުމުން ކުއްލިއަކަށް ވަކިކުރި ތިން ފަނޑިޔާރުންގެ އިތުރުން އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔަކުރެއްވުމުންނެވެ.

އާ އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުން ނަމަވެސް، މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް އަދި ނުބާއްވަ އެވެ. މި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާފައިވާ ގިނަ ދުސްތޫރީ މައްސަލަތައް ވެސް އޭގެ ފަހުން، ނުހިނގާކަން ވަރަށް ސާފެވެ. މި ކަންކަމުންގެ އެނގެނީ ސަރުކާރުގެ ސިޔާސީ ނުފޫޒު ޖުޑީޝަރީގައި އެބަ އޮތް ކަމެވެ. ޖުޑީޝަރީ މިނިވަން ނުވާ ކަމެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރު ގަނީގެ ޝުކުރު އޮތީ ރައީސް މުއިއްޒުއަށެވެ. ސުވާލަކީ އެފަދަ ވާހަކަތަކުން ރައްޔިތުންގެ ކުރިމަތީގައި، އުއްތަމަ ފަނޑިޔާރުގެ ހަމަހަމަކަމާއި ނަޒާހަތްތެރިކަން ނުގެއްލޭނެ ހެއްޔެވެ؟

ކޮމެންޓް (4)

ކިއްލި

16 ފެބްރުއަރީ 2026
ފޮޓޯގަނޑުން ފެންނަނީ ރައީސްއާއި ސަލާން ކުރިއިރު އަމައްޔާއިވެފައިވާ މަންޒަރު.މީހާއަށްވުރެ މާ ބޮޑު ގޮނޑިއެއްގައި އިށީންފެވުނީމަ އުފަލުން ކަމަށްވާނީ....
1 0

ތެފައާސާ.

10 ފެބްރުއަރީ 2026
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފްރޭމްކުރި ވާހަކަ އިހަށް ބާއްވާފައި، މީގެ 2 ދުވަސް ކުރިން ނޫންތޯ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން އެ ކުރެއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރެއްވި ބޭފުޅާ؟ އޭގެ 3 މަސް ކުރިން ނޫންތޯ ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވީ ޕީއެންސީގެ ތ. ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅާ؟ އެހެންވީމާ އުއްތަމަފަނޑިޔާރު އެ ވިދާޅުވީ ހެޔޮކޮށް، ފަނޑިޔާރުގެ އޮތީ މިނިވަންވެ ނިމިފައި. އަތާ ފަޔާ މިހާރު ނުބާނާނެ. ރައީސަށް ކްރެޑިޓް ދެވޭވަރު އަސްލު އަދިވެސް މަދު!!
4 0

ބޮޑުބެގެ ބެއްޔާ

10 ފެބްރުއަރީ 2026
@ތެފައާސާ. އެންޑިޕީ ވަކި ސަހަލުތަ؟ ގާސީ މީހާ އައްޔަނުކުރީ ވެރިކަން ލިބިގެން ސިޔާސީ މަގާމު ބަހާހެއް. އެއެއް މިއެއް ނުބަލާ.
0 3

ޕޮއް

10 ފެބްރުއަރީ 2026
ކަލޯ ވަރަށް ބޯކޮށް ބޮޑުކޮށް ދިނީ. ބޮޑުކަމުން އަދިވެސް އޭއެއް ނުފެނޭ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް