ސުޕްރީމް ކޯޓް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސުޕްރީމް ކޯޓު

ސުޕްރީމު ކޯޓުން ރައީސަށް ތައުރީފު ކުރުމުން ފާޑު ކިޔަނީ

ބައެއް ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ރައީސްގެ ޕޯސްޓު ޝެއާކޮށް، ސުޕްރީމު ކޯޓުން ކުރި ޕޯސްޓުގައި ބޭނުންކޮށްފައި ހުރި ބައެއް ބަސްތަކަކީ ޖުޑިޝަލް އެތިކްސް އާ ފުށޫ އަރާ ބަސްތަކެއް
12 ސެޕްޓެމްބަރު 2025

އާމްދަނީން ކަނޑައެޅޭ ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ނިންމެވިކަން އިއުލާންކޮށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓާ ގުޅިގެން ސުޕްރީމު ކޯޓުން ތައުރީފު ކުރުމުން އެ ކޯޓަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ބުދަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމެވުން އިއުލާނު ކުރައްވާ ރައީސް އިއްޔެ އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓު ޝެއާކޮށް، ސުޕްރީމު ކޯޓުގެ އެކައުންޓުން ވަނީ ރައީސަށް ޝުކުރު އަދާކޮށް ތައުރީފުގެ ޕޯސްޓެކޮށް ކޮށްފަ އެވެ.

ތަފްސީލް - ސުޕްރީމު ކޯޓުގެ އެ ޕޯސްޓަށް ފާޑު ކިޔާ، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ރައީސްގެ ޕޯސްޓަކަށް ސުޕްރީމު ކޯޓުގެ އެކައުންޓުން އެންގޭޖުވުމަކީ އެތިކަލް ކަމެއް ނޫން ކަމަށެވެ.

ޝަރުއީ ދާއިރާ އިން ކުރާ މުއާމަލާތްތައް ކުރަންވާނީ، އެ ނިޒާމުގެ ނަޒާހަތްތެރިކަމަށް ބުރޫ ނާރާނެހެން، އާންމުކޮށް ކުރާ ޕޯސްޓެއްގެ ބަދަލުގައި އެކަމަށް އެންމެ އެކަށީގެންވާ ޗެނަލްތައް މެދުވެެރިކޮށް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ ސުޕްރީމު ކޯޓުގެ ޕޯސްޓަށް ފާޑު ކިޔައިފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުގެ ނިންމުން ކޯޓުގެ ފަރާތުން ފާހަގަ ކުރުމުގައި ގޯހެއް ނެތެވެ.

ނަމަވެސް ރައީސްގެ ޕޯސްޓު ޝެއާކޮށް، ބޭނުންކޮށްފައި ހުރި ބައެއް ބަސްތަކަކީ ޖުޑިޝަލް އެތިކްސް އާ ފުށޫ އަރާ ބަސްތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އުފާކުރައްވައި މަރުހަބާ ދަންނަވައި ރައީސަށް ޝުކުރުދަންނަވައި މި ބަސްފުޅުތަކުން ސްޕްރީމް ކޯޓުން ޓްވީޓްކުރެއްވުމަކީ ޖުޑިޝަލް އެތިކްސް އާ ފުށުއަރާކަމެއް ކަމަށް ދެކެން." ގާނޫނީ ވަކީލު އިމްތިޔާޒުގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ.

އެނގުން މުހިއްމު - އިއްޔެ ރައީސް މުއިއްޒު ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިން ކަނޑައެޅޭ ވަކި ޕަސެންޓެއް ވަކި އުސޫލެއްގެ ގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއާ އެކު ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

  • ބަޖެޓުން ދޭން ކަނޑައަޅާ އަދަދަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިން ތަކަށްވުރެ ބޮޑު އަދަދަކަށް ވާނެ

  • މިކަމަށްޓަކާ ގާނޫނީ، ފަންނީ އަދި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓް ސުޕްރީމް ކޯޓުގެ ރަސްމީ ހޭންޑަލްއިން ރީޕޯސްޓްކުރުމަށް ފަހު ރައީސަށް ޝުކުރު އަދާކޮށްފައިވެ އެވެ. 

ރައީސް މުއިއްޒުއަށް ޝުކުރުއަދާކޮށް ސުޕްރީމް ކޯޓުން ކުރި ޕޯސްޓްގައި ބުނެފައިވަނީ މި ނިންމުން ދެމެހެއްޓެނިވި ނިންމުމަކަށް ހެދުމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ނިންމީތީ ޝުކުރު އަދާކުރާ ކަމަށެވެ. 

އެ ނިންމުން ވެގެން ދާނީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ވަރަށް ތާރީހީ ނިންމުމަކަށް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ. 

"މާލީ ގޮތުން ޖުޑީޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް އުއްމީދުކުރަން،" ސުޕްރީމް ކޯޓުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް