ގަނީ އުއްތަމަ ފަނޑިޔާރުގެ ލިޔުމާ ހަވާލުވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސުޕްރީމް ކޯޓު

ގަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ 21 ޖުލައިގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުން
6 އޯގަސްޓު 2025

އަބްދުލްގަނީ މުހައްމަދު އުއްތަމަ ފަނޑިޔާރަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދިން ގަނީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ގަނީއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ތަފްސީލް - އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ 21 ޖުލައިގައި ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.

ގަނީގެ ތައާރަފެއް

މިހާތަނަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސަކަށް ހުންނެވި ގަނީއަކީ 2000 އިން 2004އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި 2004 އިން 2018އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ވެސް ހުންނެވި އެވެ.

ގަނީ ވަނީ މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެ މަނިކުފާނު އައްޔަންކުރީ 2018ގަ އެވެ. ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ބަދަލުވި ފަހުން ވަކިކުރީ 2019ގަ އެވެ. އެ ގޮތުން:

  • ގަނީ ސުޕްރީމް ކޯޓަށް އައްޔަންކުރީ މަޝްހޫރު 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން ހުސްވި މަގާމަކަށް

  • އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، ކުރީގެ ސުޕްރީމް ކޯޓުން ހިންގި ގޯސްތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓަކާ އެކު މުޅި ބެންޗު ބަދަލުކުރި އިރު ގަނީ ވެސް ވަކިކުރި

ގަނީ ވަނީ:

  • 2000ގައި އަލް-އަޒްހަރު ޔުނިވަސިޓީން އެލްއެލްބީ (އޮނާސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވާފައި 

  • 2022ގައި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ ފުރިހަމަކުރެއްވި

  • ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި 2024ގައި ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން ފުރިހަމަކުރެއްވި 

  • ޑޮކްޓަ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުން

އެނގުން މުހިންމު - އާ އުއްތަމަ ފަނޑިޔާރު ގަނީގެ އިތުރުން، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ:

  • 1-

    އަބްދުﷲ ހަމީދު؛ މުއުތަސިމް ރިޓަޔާކުރެއްވުމުން ސުޕްރީމް ކޯޓުގެ ހިންގެވީ ހަމީދު

  • 2-

    އާއިޝާ ޝުޖޫން މުހައްމަދު

  • 3-

    އަލީ ރަޝީދު ހުސައިން

  • 4-

    ޑރ. މުހައްމަދު އިބްރާހިމް

  • 5-

    ހުސައިން ރަޝީދު

  • 6-

    މުހައްމަދު ސަލީމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް