ޖޭއެސްސީގެ އޮފީސް: ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަށް އެ ކޮމިޝަނުން ދިން މާކްސް ސިއްރުކޮށްފި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަށް ދިން މާކްސް ސިއްރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލެއްވި؛ ވަކިވަކި ބޭފުޅުންނަށް ޖޭއެސްސީން ދިން މާކްސްގެ ތަފްސީލް ހާމަނުކުރެވޭނެ ކަމަށް ބުނެ ކޮމިޝަނުން ޖަވާބު ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވުމުން އެ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މާކްސް ސިއްރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ފަހު އެންމެ ގިނަ މާކްސް ދިނީ އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމަށެވެ. ދެ ބޭފުޅުން ވެސް މިހާރު ސުޕްރީމް ކޯޓަށް ވަނީ އައްޔަންކޮށްފަ އެވެ.

މާކްސްތަކުގެ ތަފްސީލް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ތަފްސީލްތައް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޖޭއެސްސީގައި 'ދައުރު'އިން އެދުމުން އެ ހުށަހެޅުމަށް ޖަވާބު ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ތަފްސީލް - ޖޭއެސްސީން ފޮނުވި ޖަވާބުގައިވާ ގޮތުން އެ މައުލޫމާތު ފޯރުކޮށްދެވެން ނެތީ ވަކިވަކި ބޭފުޅުންނަށް ލިބިފައިވާ މާކްސްއަކީ އެ ފަރާތުގެ ޒާތީ މައުލޫމާތަށް ވާތީ އެވެ. އަދި ގާނޫނުގެ 23 ވަނަ މާއްދާއަށް ކޮމިޝަނުން ހަވާލާދީފައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 23 ވަނަ މާއްދާގައި އޮންނަނީ:

  • (ހ) ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާ ނަމަ، އެ މައުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާ އެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެން ނުވާނެ

  • (ށ) އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެ ނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި އެ ސަބަބަށް އެ ނިސްބަތަށް ދޫކުރެވިދާނެ؛ އެކަމަކު އެ އިދާރާއެއްގައި އެކުލަވާލާ މުރާޖައާ ކޮމިޓީގެ ހުއްދަައާ އެކު

ފަސްމަންޒަރު - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ. އެގޮތުން:

  • އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށް

  • އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި

  • އެއާ އެކު، ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ

  • މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފައި

  • ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި

އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން އޮންނަ އިޖުރާއަތްތަކަކީ:

  • ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން

  • ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ވެސް ފޮނުއްވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް