3 މޭ 2025: ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން: މިފަދަ ބައްދަލުވުމެއް ރައީސް މި ބާއްވަނީ ވަރަށް ގިނަ ދުވަސްފަހުން (ފޮޓޯ/ރައީސް އޮފީސް)
ޖުޑިޝަރީ އަށް ދުވަހަކު ވެސް ނުފޫޒު ނުފޯރުވަން، ނުވެސް ފޯރުވާނަން: ރައީސް
ޖުޑިޝަރީ އަށް ދުވަހަކު ވެސް ނުފޫޒު ނުފޯރުވާ ކަމަށާއި ދުުވަހަކު ވެސް އެކަން ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުދާނު އައްޔަންކޮށްފައި ތިބި ބަޔަކު ތަނެއްގައި ތިބުމަކީ އެބޭފުޅުންލައްވާ ކަމެއް ކުރުވާނެ ކަމެއް ނޫން ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި އެހެން މިނިވަން މުވައްސަސާއަކަށް އައްޔަން ކުރާ މީހުން އައްޔަަން ކުރަނީ ގާނޫނުން ލާޒިމްކުރާތީ ކަމަށެވެ.
"އައްޔަންކޮށްފައި ވެސް އެ ބޭފުޅުންނަށް މި ދަންނަވަނީ ތިޔަ ބޭފުޅުންގެ ޒިންމާ ގާނޫނުގައި އޮތްގޮތަށް އަދާކުރާށޭ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ނުފޫޒުފޯރުވައިގެން ކުރާ އެއްވެސް ކަމެއް އެއްވެސް މިނިވަން މުވައްސަސާއެއްގައި ނުކުރާނެ. އަޅުގަނޑު މި ބަލަނީ ގާނޫނުގައި އޮންނަ ޒިންމާ އަޅުގަނޑު އަދާކުރަން. އެހެންވީމާ މިއަދާ ހަމައަށް އައިއިރު އަޅުގަނޑެއް މިނިވަން މުވައްސަސާއަކަށް އައްޔަން ކުރި މީހެއް ނޫނީ ޖުޑިޝަރީ އަށް އައްޔަން ކުރި މީހެއް މެދުވެރިވެގެން ކުރިކަމެއް ނޯންނާނެ. ދުވަހަކު ވެސް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޯޓަކުން މައްސަލައެއް ތާވަލު ކުރުމަށް އަދި ހުކުމެއް ކުރުމަކީ އެމަނިކުފާނު ބައްލަވާކަންތައް ނޫޫން ކަމަށެވެ.
"މިސާލަކަށް އަޅުގަނޑަކަށް ނޭނގޭ މިވެނި މީހަކާ ބެހޭ މައްސަލައެއް ތާވަލުކޮށްފި ކަމެއް ނޫނީ އޭނަ އަށް ކުރަނީ ކޮން ހުކުމެއް ކަމެއް ނޫނީ ކުރީ ކޮން ހުކުމެއް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން އަޑުއެހުން ބާއްވަން ކުޑަތަން ވެފައިވަނިކޮށް ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑުކުރި އެވެ.
އެ ދަނޑިވަޅަކީ ޖޭއެސްސީ އަށް ރައީސް އައްޔަނު ކުރައްވާފައި ހުންނަ މެންބަރު ބަދަލު ކުރި ދަނޑިވަޅު ވެސްމެ އެވެ. ޖުޑިޝަރީ އަށް ނުފޫޒު ފޯޯރުވާކަމަށް ޝައްކު ކުރެވެނީ އެގޮތަށް އެކަން ދިމާވުމުންކަމަށް ނޫސްވެރިޔަކު ފާހަގަކުރުމުން ރައީސް ވިދާޅުވީ "އެއީ އިއްތިފާގެއް" ކަމަށެވެ.
"ކުރިއަކުން އަޅުގަނޑަކަށް ނޭނގޭ އެކަން އެގޮތަށް އަންނަ ކަމެއް. އެއްގޮތަކަށް ވެސް އަޅުގަނޑު އެހެން ވިސްނާފައި ކުރި ކަމެއް ނޫން. އެބޭފުޅާ ބަދަލު ކުރަން އަޅުގަނޑު އެވަގުތަށް ނިންމާފައި އޮތް ނިންމުމެއް ތަންފީޒު ކުރީ،" ރައީސް ވިދާޅުވި އެވެ.
ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމާ ގުޅޭގޮތުން އެހެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވި ދުވަހު ވެސް ވިދާޅުވި ފަދައިން ޖުޑިޝަރީ އަށް ނުފޫޒު ނުފޯރުވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެކަން އޮތީ އެހެން ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވެސް އެކަން އެހެން އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ހުރިހާ މުއައްސަސާތައް ކޮންޓްރޯލު ކުރަނީ ކަމަށް ދެކޭ ދެކުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކޯޓެއްގައި، ޖުޑިޝަރީގައި ހިނގާގޮތް ނޫނީ ވަކި ގޮތަކަށް ހިންގެވުމަކީ އެމަނިކުފާނުގެ ޝައުގުވެރިކަން ހުރި ކަމެއް ނޫން ކަމަށެވެ.
"ޖޭއެސްސީ އަކީ އަޅުގަނޑު ކޮންޓްރޯލު ކުރާ ތަނެއް ނޫން. ޖުޑިޝަރީ އަކީ އަޅުގަނޑުގެ ކޮންޓްރޯލުގައި ހިންގާނެ ތަނެއް ނޫން. އެހެންވީމާ ޖުޑިޝަރީގެ ތެރެއިން ހިނގާ ކަންކަން ޖުޑިޝަރީ އިން އެއަށް ޖަވާބު ދެއްވާނީ. އަޅުގަނޑު އޭގައި ޒިންމާ ނަގަން ޖެހޭނެ ކަމެއް ނޯންނާނެ. ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ނުކުރާނަން އެކަހަލަ ކަމެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖުޑިޝަރީގެ އެއްވެސް ފަނޑިޔާރަކަށް އަދި ގާޒީ އަކަށް ވެސް އެބޭފުޅުންނަށް އެމަނިކުފާނު ނުފޫޒު ފޯރުވިކަމަށް ނުދެންނެވޭނެ ކަމަށެވެ. އެހެން ވިދާޅުވަނީ ގެރެންޓީ އާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (2)
ކޮސް
ތެފައާސާ.