ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ ފަނޑިޔާރު ޝަހީދު ކުރައްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވާ ފަނޑިޔާރުގެ ޖާގަ ހުސްވީ ކުރިން އެ ޖާގަ ފުރުއްވި ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން
7 އޭޕްރީލު 2025

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް އެ ކޯޓުން ކަނޑައެޅި ފަނޑިޔާރު ހުސައިން ޝަހީދު އެ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޝަހީދު ޖޭއެސްސީއަށް އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ރައީސް އޮފީހުގައި ބޭއްވި އެވެ. އެގޮތުން:

  • ޝަހީދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް

  • ހުވާ ކުރެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީ

  • ހުވާގެ އިގުރާރުގައި ޝަހީދު ސޮއިކުރެއްވި

  • ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ޝަހީދަށް ރައީސް ހަވާލުކޮށްދެއްވި

ތަފްސީލް - ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވާ ފަނޑިޔާރުގެ ޖާގަ ހުސްވީ ކުރިން އެ ޖާގަ ފުރުއްވި ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ޝަހީދަކީ، ސުއޫދު އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގައި ހުސްވި ފަނޑިޔާރުގެ މަގާމަށް ވެސް ރައްޔިތުންގެ މަޖިލީހުން ރުހުންދީ، އައްޔަންކޮށްފައިވާ ފަނޑިޔާރެވެ.

ސުއޫދުގެ ބަދަލުގައި ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވާނީ ޝަހީދު ކަމަށް އެ ކޯޓުން ނިންމީ މިދިޔަ މަހު 26 ގަ އެވެ. މިދިޔަ މަހު 4ގައި ސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އެވެ.

އޭގެ ކުރިން ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގަ އެވެ. ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން:

  • ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި

  • ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ 30 އޮކްޓޯބަރު 2023ގައި

އެނގުން މުހިންމު - ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ. ކޮމިޝަނުގައި މިހާރު ތިއްބެވީ:

  • ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް (ކޮމިޝަނުގެ ރައީސް)

  • ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު (ކޮމިޝަނުގެ ނައިބު ރައީސް)

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

  • ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ މެންބަރު

  • ޑރ. އާމިނަތު ކުލްސޫމް (އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު)

  • ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު

  • ޔަޒްމީދު މުހައްމަދު (ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ މެންބަރު)

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • ގާނޫނީ ވަކީލު އަލީ އަބްދުއްލަތީފް (ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ، ވަކީލުން ތަމްސީލްކުރައްވާ މެންބަރު)

ގުޅުން ހުރި - ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ގިނަ ތުހުމަތުތަކެއް ކުރެއްވުމަށް ފަހުގަ އެވެ.

ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މުއްދަތެއް ނެތް ގޮތަށް މި ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގައި އިތުރުކުރި ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން އުޅެނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް