ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން.

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

އެނގިފައިވާ ގޮތުގައި، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ފައިސަލް އާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވީ ދެ ފަނޑިޔާރެއްގެ މަގާމެވެ. އެއީ ފަނޑިޔާރު ކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.

ހުސްވި ދެ މަގާމަށް ކުރިމަތިލާން މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލީ މިއަދުގެ މެންދުރު 12 ޖަހަންދެނެވެ. މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ފައިސަލް އާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.

ކުރީގެ ބައެއް ފަނޑިޔާރުން ވެސް ކުރިމަތިލެއްވި އެވެ. ކުރިމަތިލެއްވި ބޭފުޅުންނަކީ:

  • 1-

    މުހައްމަދު ފައިސަލް، ވީނަސް/ބ. ފުޅަދޫ (ހައި ކޯޓުގެ އިސް ފަނޑިޔާރު)

  • 2-

    މުހައްމަދު ވަހީދު އިބްރާހީމް، މއ. އައިވަރީހައުސް (ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު)

  • 3-

    އިބްރާހީމް އަލީ، އަންމޮލް

  • 4-

    މުހައްމަދު އިބްރާހީމް، ދާރުއްސަލާމް/ގއ. ކޮނޑޭ

  • 5-

    އަބްދުﷲ ހަމީދު، ނޫރާނީމާގެ /ނ. ހެނބަދޫ (ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު)

  • 6-

    އަބްދުއްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް (ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު)

  • 7-

    އަހުމަދު ހައިލަމް، އޯޝަންލީޑް /ސ. ހިތަދޫ (ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ)

  • 8-

    ޝުޖާއު އުސްމާން، ހިލިހިލާއާގެ/ގއ. ވިލިނގިލި (ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު)

  • 9-

    މުހައްމަދު ސަލީމް، މޯނިންވިލާ /ފ. ބިލެތްދޫ (ހައި ކޯޓުގެ ފަނޑިޔާރު)

  • 10-

    މުހައްމަދު ރާގިބު އަހުމަދު (ކުރީގެ ފަނޑިޔާރެއް؛ މި ސަރުކާރުގެ ސިޔާސީ މަގާމެއް ކުރިން ފުރުއްވި)

  • 11-

    އައިޝަތު ފަޒުނާ އަހުމަދު، ދަފްތަރު ނަންބަރު ރސ 5514 (ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލް)

  • 12-

    މަރިޔަމް ނިހާޔަތު (ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް؛ ސިވިލް ކޯޓުގެ ކުރީގެ ގާޒީ)

ފަަސްމަންޒަރު - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެގޮތުން:

  • ވަކިކުރީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު

  •  އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ އަމީންއާންމާއި ގާނޫނީ އެތައް ބޭފުޅުންނެއް ފާޑުކިޔުން އަމާޒުކޮށްފައިވަނިކޮށް

  • ދެ ފަނޑިޔާރުން ހިމެނޭހެން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން ސަސްޕެންޑް ކުރީ، މިދިޔަ ފެބްރުއަރީ މަހު

  • އެއާ އެކު ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަނީ ކަމަށް ވިދާޅުވެ، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ

  • މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގައި އިތުރުކުރި ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ ވެސް މިހާރު އޮތީ ހުއްޓިފައި

  • ހުސްނުއްސުއޫދުގެ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި

ކޮމެންޓް (6)

މަރްޔަމް

25 މޭ 2025
ޝުޖާއު އުސްމާނަކީ ތި ފެންވަރުގެ މަޤާމަކަށް ލާއިގު މީހެއްނޫން. ތިޔައީ ވަރަށް
0 0

ފޮރި

22 މޭ 2025
ހައިލަމްއާއި ޝުޖާއު އުސްމާނު ފަދަ މީހުން ފަޑިޔާރުކަމަށް ލައިގެން ކިހިނެތް ޖުޑިޝަރީއަތް އިތުބާރު ކުރާނީ، މީހަކު މޮޔައެއް ނުވާނެތަ. މަހާޒާއި އަޒުމިރާލްޑާ ފަދަ އިލްމީ ގާބިލް ވަކި އަތަކަށް ގުޑުވާ ނުލޭފަދަ ބޭފުޅުން ދުރުކޮށް "ހައްޕުޑު" ތޯ ސުޕްރީމް ކޯޓަށް ލާންވީ؟!
3 2

އުސްތާޒް

22 މޭ 2025
މީގެތެރޭން ވަރަށް ރަގަޅަށް ދަންނަން މުހައްމަދު ވަހީދު އިބްރާހީމް( ވައްޑޭ) އަކީ އެއްވެސް އިންޓާރގްރިޓީއެއް އޮތް މީހެއްނޫން، މިއޮތީވާ ގައުމެއް.
5 1

ހދހފހފހ

22 މޭ 2025
ހެހެހެހެހެ މޮއޮއްކަމެއް މާކުރިންވެސް ތިމަގާމަށް ހޮވާނީ ފައިސަލް ކަމަށް އެބަކިޔާ. ގެރެންޓީ ނަމެއްކަމަށްވޭ. އަނެއް މަގާމަށް ޝުޖާއު އުސްމާނު ނޫނީ ހައިލަމް. ހެހެހެ
3 1

ގުއްދޫސީ

22 މޭ 2025
@ހދހފހފހ އޭނަ ދޫކުރި ޗެކްތަކެއް ބައުންސް ވެގެން އެ މައްސަލަ އެބަ ބަލާ ފުލުހުން މިހާރުވެސް
1 0

ތެފައާސާ.

22 މޭ 2025
ތިޔަ 12 ބޭކަލުން އެއްކުރީމާވެސް ހިއެއްނުވޭ ވަކިކުރި 2 ފަނޑިޔާރުންނާއި ގާބިލްކަމުގެ ގޮތުންނާއި އިންޓެގްރިޓީގެ ގޮތުން އެއްހަމަ ވާނެހެނެއް.
10 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް