އާ ޓާމިނަލްގެ ބޭރު ޖާލިތައް: މިއީ ދިވެހިންގެ މުހިންމު ރަސްކަލެއް ކަމަށްވާ އިސްކަންދަރު ރަސްގެފާނުގެ ނިޝާންފުޅުން ހިޔާލު ނަގައިގެން ހެދި ފަރުމާކުރުމެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިސްކަންދަރު ރަސްގެފާނުގެ ނިޝާންފުޅުން ރީތި މަންޒަރެއް

އާ ޓާމިނަލްގެ ޖާލިތަކުން އެ އާކޮށްދެނީ ރާއްޖެ ދުށް ވަރުގަދަ ރަސްކަލެއްގެ ހަނދާންތައް. ހުކުރު މިސްކިތާއި މުންނާރު ވެސް ހެއްދެވީ އެމަނިކުފާނު
23 ޖުލައި 2025
9

ރާއްޖޭގައި ހަދާ މުހިންމު ބިނާއެއްގައި ތާރީހާއި ސަގާފަތާއި ދިވެހިވަންތަ ސިފަތަކުން ހެދުން ލައްވައިފި ނަމަ އެތައް ވާހަކައެއް ކިޔައިދެ އެވެ. އާ ޓާމިނަލްއަކީ އޭގެ ވާހަކައެކެވެ. މިހާތަނަށް ރާއްޖޭގައި ހެދި ޒަމާނީ އެއްވެސް އިމާރާތަކުން ދިވެހިންނާއި ބޭރު މީހުންނާ ހަމައަށް ވެސް ގެެނެސްދީފައިނުވާ ވާހަކައެކެވެ.

އިމާރާތެއްގައި ފުރަތަމަ ފެންނާނީ އޭގެ ބޭރު ސިފަ އެވެ. ވީއައިއޭގެ އާ ޓާމިނަލްގެ މޫނުމަތީގެ އަސްކަނީގައި އެ ހުރި ޖާލިތަކުން އެ އާކޮށްދެނީ ދިވެހިންގެ މުހިންމު ރަސްކަލެއްގެ ހަނދާންތަކެވެ. އާދައިގެ ރަސްކަލެއް ނޫންމެ އެވެ. އިބްރާހިމް އިސްކަންދަރު އެކެކެވެ.

އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި ހުކުރު މިސްކިތު މުންނާރުގައި ޖަހާފައި އެވަނީ އެމަނިކުފާނުގެ ނިޝާންފުޅު

މާލޭގެ ހުކުރު މިސްކިތް މިހާރު އެހުރި ގޮތަށް އަލުން ހެދީ އިސްކަންދަރު ރަސްގެފާނުގެ ވެރިކަމުގަ އެވެ. މުންނާރު ބިނާކުރެއްވީ ވެސް އެމަނިކުފާނެވެ. އެ ހިޔާލު އައީ 1668ގައި ކުރެއްވި ހައްޖު ދަތުރުފުޅުގައި ހަރަމްފުޅުގެ މުންނާރުތައް ފެނިވަޑައިގެންފަ އެވެ.

ތަހުތުގައި ގާތްގަނޑަކަށް 40 އަހަރު އިންނެވި އިސްކަންދަރު ރަސްގެފާނު ފަސްދާނުލާފައި ވަނީ ވެސް ހުކުރު މިސްކިތު ގަބުރުސްތާނުގަ އެވެ. އެމަނިކުފާނުގެ ނިޝާންފުޅު ފެންނަން ހުރީ މުނާރުގަ އާއި އެ މަގުބަރާގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މަގުބަރާގައި ވެސް ހަމަ އެ ނިޝާންފުޅު ކަނޑާނަގާފައި އެބަ ހުއްޓެވެ.

އިސްކަންދަރު ރަސްގެފާނުގެ މަގުބަރާގައި އެމަނިކުފާނުގެ ނިޝާންފުޅު

އާ ޓާމިނަލްގެ ބޭރު ޖާލިތައް ފަރުމާކޮށްފައި އެ ހުރީ އެ ނިޝާންފުޅުން ހިޔާލު ހޯދައިގެންނެވެ. ޓާމިނަލްގެ އެތެރޭގައި ހުރި ބައެއް މަންޒަރުތަކުން ވެސް ނިޝާންގެ އެކި ބައިތައް ސިފަކޮށްދެ އެވެ.

ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވީއައިއޭއަކީ ރާއްޖޭގެ މިނިވަންކަމާ ވަރަށް ބޮޑަށް ލާމެހިފައި ހުރި ތަނަކަށް ވާތީ އެ ނަޒަރުން ވިސްނާލާއިރު ވެސް އިސްކަންދަރު ރަސްގެފާނުގެ ހަނދާންތައް އެތަނާ ގުޅުވާލުން 'ގައުމީވަންތަ' އެވެ. ސަބަބަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އެވަރުގެ ހިތްވަރެއް ކުރެއްވި ރަސްކަލުންނާއި ވެރިން މަދުކަމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކުން ރާއްޖޭގެ ރަށްރަށަށް ތަފާތު ނުރައްކަލާ އޭރު ކުރިމަތިވެ އެވެ. އިސްކަންދަރު ރަސްގެފާނުގެ ވެރިކަމުގައި ލަސްކަރެއް ފޮނުއްވައި، އިންޑިއާގެ ހަނގުރާމަވެރިން ބަލިކޮށް މަލިކު ދިވެހިރާއްޖޭގެ ދަށަށް ގެނަ އެވެ. އެހެންކަމުން ބޭރު ގައުމަކަށް ދިވެހި ލަސްކަރެއް ފޮނުއްވައިގެން ހަނގުރާމައެއް ކާމިޔާބުކުރެއްވި ހަމައެކަނި ރަސްކަލަކަށް އެމަނިކުފާނު ވެ އެވެ.

ޓާމިނަލްގެ އެކި ހިސާބުތަކުން ފެންނަ ކުރެހުންތަކުގައި ވެސް އިސްކަންދަރު ރަސްގެފާނުގެ ނިޝާންގެ ސިފަތައް ހިމެނޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިއަދުގެ ޖީލަށް ދިވެހި ތާރީހު ކިޔައިދޭ ނަމަ އާ ޓާމިނަލްގެ ޖާލިތަކުން އެ ސިފަކޮށްދޭ ކުރެހުން ގުޅިފައި އެވަނީ އެވަރުގެ ވަރުގަދަ ދިވެހި ޝަހުސިއްޔަތަކާކަން ބުނެދޭން ވަރަށް ފަސޭހަވާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން، ރާއްޖޭގެ މައި އެއާޕޯޓަށް ދީފައި އެވަނީ އިނގިރޭސިންގެ ދަށުން ރާއްޖެ މިނިވަންކުރެއްވި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އާއިލާއަށް ނިސްބަތްކޮށެވެ. ދަގަނޑު ފިލާ ބޭނުންކޮށްގެން ހުޅުލޭގައި އިނގިރޭސިން އަޅާފައި އޮތް ރަންވޭ ހަލާކުކޮށްލައި، އިނގިރޭސި ބޯޓުތަކަށް ނުޖެއްސޭ ގޮތް ހެދީ، ނާސިރުގެ ބޮޑުވަޒީރުކަމުގައި ހިންގި މިނިވަންކަމުގެ ހަރަކާތެއްގެ ގޮތުގަ އެވެ.

ފަހުން ހުޅުލޭ އެއާޕޯޓް ހެދީ މުޅި ރާއްޖެ ބައިވެރިވެގެން ހިންގި ގައުމީ އެހާމެ ބޮޑު ރޫހެއްގައި، ދިވެހިންނެވެ.

މިއަދު އެއާޕޯޓްގެ ނަން ނާސިރުގެ އާއިލާއަށެވެ. އާ ޓާމިނަލްގެ ރީތިކަން އެ ގެނެސްދެނީ އިސްކަންދަރު ރަސްގެފާނުގެ ތާރީހީ ނިޝާނަކުންނެވެ.

ރާއްޖޭގެ މިކަހަލަ އިމާރާތެއްގައި ދިވެހިންގެ ތާރީހާ ގުޅޭ ބައިތައް ހިމެނުމަކީ މުހިންމު ނިންމުމެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދިވެހި ތާރީހު ދިރާސާކުރައްވާ އެމްއެންޑީއެފްގެ ސާޖަންޓް މޭޖާ އަބްދުﷲ ސައީދުގެ ނަޒަރުގައި އިސްކަންދަރު ރަސްގެފާނުގެ ނިޝާންފުޅު ރަމްޒުކޮށްދޭ ފަރުމާކުރުމަކުން ޓާމިނަލް ފެނުމަކީ، ދިވެހި ތާރީހާއި ސަގާފަތަށް ލޯބިކުރާ މީހުންނަށް ވެސް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޒުވާން ޖީލާ ހަމައަށް ވެސް ތާރީހީ މުހިންމު ވާހަކައެއް ތިލަކޮށްދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ވަރަށް މުހިންމު ކަމެއް އަސްލު. އަޅުގަނޑަށް ހީވަނީ ތުއްތު ކުދިންނާއި ޒުވާނުންނަށް އެއީ ކޮން އެއްޗެއްކަން އެނގުނީމާ ސަގާފަތާއި ތަރިކައަށް ލޯބި ބޮޑުވާނެހެން،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.

"ޒަމާނާ އެއްގޮތަށް އެކަން އެއޮތީ ކުރައްވާފައި. އެއީ އެ ނިޝާނުން ހިޔާލު ލިބިގެން ޒަމާނީ ފަރުމާކުރުމަކުން."

ތާރީހާ ގުޅިފައި ހުރި ކަންކަން ޒަމާނަށް ފައްތާއިރު ގެންނަ ބަދަލުތައް ބައެއް ފަހަރަށް ވަރަށް ރީތިވެ އެވެ. އެގޮތުން އިސްކަންދަރު ރަސްގެފާނުގެ ނިޝާންފުޅު އަސްލަކަށް ބަލައިގެން ޓާމިނަލްގެ ޖާލިތައް ފަރުމާކޮށްފައި ހުރީ، އެކަހަލަ ހިތްގައިމު ބަދަލުތަކާ އެކުގަ އެވެ.

އާ ޓާމިނަލަކީ މިހާތަނަށް ސަރުކާރުން ހިންގި އެންމެ އަގުބޮޑު މަޝްރޫއު އެވެ. އެތަނުގެ އަގު ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެވަރުގެ އިމާރާތަކުން ދިވެހިވަންތަ ސިފަތަކާއި ތާރީހީ ހަނދާންތައް ގުޅުވާލުމަކީ ޕްލަސް ޕޮއިންޓެކެވެ. 

ކޮމެންޓް (9)

ޜޒްމުރި

24 ޖުލައި 2025
ނިޝާނުން ބުނެދެނީ ކޮންލަފުޒެއްކަން ހާމަކޮށްލަދިންނަމަ ބެލެވެނީ އަރަބިން ލިޔެފައޮތް ނަމެއްކަން އެއީ ދިވެހިންނަކީ ކުރިން އަރަބި އަކުރު ވަރަށްގިނައިން ބޭނުން ކުރަމުންއައިބައެއް ނަމަވެސް ޒަމާން ބަދަލުވެ ދިވެހި ބަހުގެ އަގުވެސް ވެއްޓި ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ނަންވެސް އެއޮތީ ލެޓިނުންލިޔެފަ ދެން މިވަރަކަށްދޯ ދިވެހިވަންތަވާނީ.
2 0

ޑިޒައިން

23 ޖުލައި 2025
މި ބަދަލު ޑިޒައިން އަށް ގެންނެވީ ރަޢީސް ސޯލިހު. މިލިއުމުގައި އެކަން ފާހަގަ ކުރަން ޖެހޭ ކަމަށް ދެކެން. އެއީ މިކަން މިހާ މުހިއްމު ވިއިރު މިގޮތަށް ކަންކުރެއްވީ ކޮންމެބޭފުޅެއް ކަމުގަވިޔަސް އެކަން ފާހަގަ ނުކުރެވުން އެއީ ލިޔުންތެރިޔާގެ އުނިސިފައެއް
5 1

ކުންނު ހަސަނު

23 ޖުލައި 2025
އަޅޭ! މޫސާ.ތެންކިޔޫ.ތެންކިޔޫ.ތެންކިޔޫ.އަސްލު ހުކުރު މިސްކިތުގައި އެހުރި އިސްކަންދަރު ރަސްގެފާނުގެ ނިޝާނުން ދައްކައިދެނީ އެމަނިކުފާނުގެ ނަންފުޅެވެ.1668 ހިސާބުގައި އެވިސްނުމަށް އެ އާޓަށް ފަރުމާއެއް ހަދާލާނީ އޭރުވެސް ދިވެހިންގެތެރޭގައި އަރާތިބި ފަންނުވެރީންނާއި ހުނަރުވެރީން ތިބީމަތާއެވެ.
1 0

ހުސެން ރަހާ

23 ޖުލައި 2025
@ކުންނު ހަސަނު މި ރިޕޯޓް ފުރިހަމައެވެ. ނަމަވެސް ރިޕޯޓްގެ އުނިކަމަކީ، ތިޔަ ރީތި ފަރުމާ، އެއާޕޯޓުގައި ހިމެނިގެން އައީ ކިހިނެއްކަން ބުނެދީފައި ނެތީމައެވެ. އެންމެ ފުރަތަމަ އެއާޕޯޓް ފަރުމާކޮށް ބިންގާ އެޅި މަޝްރޫއުގައި އެއާޕޯޓްގެ ބޭރުގެ ފަރުމާ ހުރީ ތިޔަ ގޮތަކަށް ނޫނެވެ. އެ ބަދަލު ގެނައި ގޮތް ހިމެނި ނަމަ ރަނގަޅުވީހެވެ.
2 0

ސޮލިޑޭ

23 ޖުލައި 2025
ދައުރުގެ އެޑިޓޯރިއަލް ޓީމުން ކިޔުންތެރިންގެ ފާޑު ބަލައިގަނެއެވެ.އިއްޔެ ކުންނު ހަސަނުގެ ނަމުގައި މީހަކު ކުރި ކޮމެންޓެއްގައި މިޚިޔާލުއޮތެވެ.މިއަދު މިއޮތީ އެޑިޓޯރިއަލް ޓީމުގެ ފުންނާބުއުސް އެއް ލިޔުންތެރިޔަކު އެކަމާއި ގުޅުވާލައިގެން ލިޔުމެއް ލިޔެފައެއެވެ.މިއީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ.އޯޑިއަންސް ބިލްޑްކޮށް އަދި ކިޔުންތެރިން ބޮޑަށް އެންގޭޖް ކުރުމަށެވެ.
4 0

ތެފައާސާ.

23 ޖުލައި 2025
އާ ޓާމިނަލްގެ ރީތިކަން ގެނެސްދޭ އިސްކަންދަރު ރަސްގެފާނުގެ ތާރީހީ ނިޝާން، ޓާމިނަލްގެ ޑިޒައިނަށް ފަހުން އިތުރުކުރެއްވިކަން އެއީ ރައީސް ސޯލިހު ކުރެއްވި ވަރަށް ރަނގަޅު ކަމެއް. ޝުކުރިއްޔާ!
6 0

ދޮންތުއްކަލާ

23 ޖުލައި 2025
އިސްކަންދަރު ރަސްގެ ފާނުގެ ވާހަކަ،އައުޓާމިނަލާއި ގުޅުވާލަދީ ލިޔުމެއް ލިޔެދިނީތީ ލިޔުންތެރިޔާއަށް ތެންކިޔު.ޓާމިނަލް ހުޅުވުމުގެ ކަންކަމުގައި ހުރި މިޒާތުގެ ދިވެހި ތާރީޚާއި،ޘަޤާފަތާއި ގުޅޭކަންކަން އަދިވެސް އެބަހުއްޓެވެ.އެކަންކަމަށް ނޫސްވެރިން ލޯ ހުޅުވައިގެން ކިޔުންތެރިންނާއި ހަމައަށް ތިލަ ކޮށްލަދޭން އެބަޖެހެއެވެ.ލިޔުންތެރިޔާގެ ލިޔުންތަކުގައި ތިކިތެޅިތާނަ ނުލިޔާކަން މިހާރަކަށްއައިސް ފާހަވެއެވެ.މިއީ ރަގަޅު ގޮތެއްނޫނެވެ.މިކަން ރަގަޅުކޮށްލާއްޗެވެ.
5 0

ފުރަތަމަ

23 ޖުލައި 2025
@ދޮންތުއްކަލާ ފުރަތަމަ އާއްމުކުރި ޑިޒައިންގަ ތިއެއް ނެތް، ފަހުން ތި ބަދަލު ގެނައީ ކޮންބައެއްކަން ސާފުކޮށްދޭން ޖެހޭ
5 0

މީހެއް22

24 ޖުލައި 2025
@ދޮންތުއްކަލާ މޫސައަކީ ދުނިޔޭގެ އެންމެ ދެކުނުގެ ހިސާބެއްގައި އިންޑޯ އާރިޔަން ބަހަކުން ވާހަކަ ދައްކާ ފަހުރުވެރި ދުވީޕެކެވެ (ސަންސްކުރިތު) ދީޕެކެވެ (ހިންދީ) ދިވެނިޔެކެވެ (ސިންގަޅަ) ދިވެއްސެކެވެ (އަނެއްހެން ބުނަންޏާ ރަށެއްގައި އުޅޭ މީހެކެވެ)! އަހަރެމެންގެ ލިޔެ ގަލު ވަޑާންކޮށް އުޅޭތާ ހަތަރުހާސް އަހަރުވީއެވެ! ތިކި ތަޅައި ނަސްލު އޮޅުވައި އުޅެން ފެށިތާ އަދި މިވީ 900 ވަރަކަށް އަހަރެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް