ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން: ރޭ ވާހަކަފުޅު ދެއްކެވީ ޖީއެމްއާރު ފޮނުވާލުމާ ބެހޭ ގޮތުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި ގޮތުގެ ވާހަކަ ޔާމީންގެ ދޫފުޅުން
ޖީއެމްއާރު އަތުން ވީއައިއޭ އަތުލައި، އިންޑިއާގެ ކުންފުނި ރާއްޖެއިން ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ ނިންމުން އައީ 27 ނޮވެމްބަރު 2012ގަ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ ޖީއެމްއާރު ފޮނުވާލައި ބަދަލު ދިނުމުގައި ވަހީދުގެ ދައުރެއް ނޯންނާނެ ކަމަށެވެ. އެގޮތަށް މާނަކުރެއްވީ ޖީއެމްއާރު މައްސަލާގައި ވަހީދު ފުރަތަމަ ހުންނެވި ގޮތަށް އިޝާރަތްކުރައްވަ އެވެ.
ރޭ ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ޖީއެމްއާރުގެ މާޒީގެ ތެރެއަށް ޔާމީން ވެންނެވީ އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ތަފުސީލު ދެއްވީ ވަހީދުގެ ވެރިކަމުގައި އޮތް ވަރަށް މުހިންމު ބައްދަލުވުމެއްގައި ކަން ހިނގި ގޮތަށް ބިނާކުރައްވަ އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ޖީއެމްއާރު ފޮނުވާލަން އޭރު އަޑުއުފުއްލެވީ، އެމަނިކުފާނު ވެސް ހިމެނޭ ގޮތަށް، އިދިކޮޅު ލީޑަރުންނެވެ. ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް، ޑީއާރުޕީގެ އަހުމަދު ތަސްމީން އަލީ، ގައުމީ ޕާޓީގެ ޑރ. ހަސން ސައީދު އަދި އަދާލަތު ޕާޓީގެ އިމްރާން އަބްދުﷲ އެވެ.
"އޭރަކު ރައީސް ވަހީދު އެކަމުގައި ބައިވެރިވެވަޑައެއް ނުގަންނަވާ. ފަހަރެއްގައި ވެދާނެ ރައީސް ނަޝީދުގެ ނައިބު ރައީސްއަށް ވީމާ ބައިވެރިވެވަޑައި ނުގަންނަވަނީ ކަމަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 28 ޖޫން 2010ގައި ޖީއެމްއާރަށް ވީއައިއޭ ދިނުމާ އެކު ދެން އުފެދުނު ދެކޮޅުހެދުންތަކަށް އިޝާރަތްކުރައްވާ ޔާމީން ވިދާޅުވި އެވެ.
"އެކަމަކު އޭގެ ފަހުން ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންފައި ވެސް މިކަމަކާ ނޫޅުއްވާ. މިކަމަކާ ނޫޅުއްވާ."
އެ ވާހަކައަށް ބާރު ދެއްވަން ނެންގެވީ ރައީސް އޮފީހުގައި އޮތް ބައްދަލުވުމެެކެވެ. އެ ބައްދަލުވުމުގެ ކުރިން ޕީޕީއެމުން އޮތީ، ޔާމީން ވިދާޅުވި ގޮތުގައި، ދެ ސިޓީއެއް ވަހީދަށް ފޮނުއްވައިފަ އެވެ. ބޭނުމަކީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެ މަސައްކަތް ފައްޓަވާނެ ދުވަހަކާއި އެކަން ނިންމަވާނެ ދުވަހެއް ހޯދުމެވެ.
އެ ބައްދަލުވުމުގައި ޔާމީން، ހަސަން، ގާސިމް އަދި ތަސްމީން ވެސް ބައިވެރިވެވަޑައިގަތެވެ.
ވަހީދު ވާހަކަ ފެއްޓެވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ނިންމަވައި، އެކަން ކުރިއަށް ގެންދަވާނެ ގޮތުގެ މައުލޫމާތު ދެއްވަން ނޫންކަން، ޔާމީންގެ ވާހަކަފުޅުން އެނގެ އެވެ. އޭގެ ބަދަލުގައި ވަހީދު ވިދާޅުވި ކަމަށް ވަނީ އެގްރިމެންޓްގައި ހުރި ރާއްޖެއަށް ގެއްލުންވާނެ ކަންކަން ބަދަލުކޮށްގެން ޖީއެމްއާރު އަތުގައި އެއާޕޯޓް ބާއްވާށެވެ.
އެ ބައްދަލުވުމުގައި އޭރުގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރާއި އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ބަންދު އަހުމަދު ސަލީމް އިންނެވީ ސަރުކާރުން ބޭނުންވާ ގޮތުގެ ޕްރެޒެންޓޭޝަނަކަށް ތައްޔާރުވެގެންނެވެ. ޔާމީންގެ ނަޒަރުގައި ސަރުކާރުން ބޭނުންވާ ގޮތަށް އެއްބަސްވުން ބަދަލުކޮށްފި ނަމަ ނުކުންނާނެ ހިސާބުގެ އަދަދުތައް ދައްކަވާށެވެ.
"އެ ބޭފުޅުން މި ތިއްބެވީ ލެޕްޓޮޕްތަކާ އެއްޗެހި ހިފައިގެން ގޮސް ޕްރެޒެންޓޭޝަނެއް ދެއްވަން ތައްޔާރުވެގެން. އަޅުގަނޑު ދެންނެވިން ނޫނެކޭ ރައީސްއޭ. އަޅުގަނޑުމެން މިތަނަށް މިއައީ އަޅުގަނޑުމެން ފޮނުވި ސިޓީއާ ގުޅިގެން ޖަވާބަކަށް އިންތިޒާރު[ކުރާތީއޭ]. ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން މަސައްކަތް ފައްޓަވާނެ ދުވަހެެއްގެ އިންތިޒަރޭ، ދެން އެ ޕްރެސިޖާ ދާނެ ގޮތެކޭ، އަތުލާނެ ދުވަހެކޭ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު ވަހީދުގެ ވިސްނުންފުޅު ހުރީ އެހެން ގޮތަކަށެވެ. އެއްބަސްވުން އޮތް ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ހުރި ކަަމަށް ވަހީދު ވެސް ގަބޫލުފުޅުކުރެއްވި އެވެ. އެހެންކަމުން ބޭނުންފުޅުވީ އެ ބައިތައް އެގްރިމެންޓުން ބަދަލުކުރާށެވެ.
"އެހެންވީމާ ވޯކަބަލް އެއްޗަކަށް [އެއްބަސްވުން] ހަދައިގެން ޖީއެމްއާރު އަތުގައި އެއާޕޯޓް ބާއްވައިގެން ކުރިއަށް ވަޑައިގަންނަވަން [ވަހީދު] ބޭނުންފުޅުވީ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު ޔާމީން އާއި ހަސަން އެ ހިޔާލާ މުޅިން ދެކޮޅެވެ. ޔާމީން ވިދާޅުވި ގޮތުގައި ގާސިމް އާއި ތަސްމީން ތިއްބެވީ ވަހީދު ބޭނުންފުޅުވާ ގޮތަކަށް ކުރިއަށް ދާން އެއްބަސްވެވަޑައިގެންނެވެ.
"ގާސިމް ވިދާޅުވީ ރައީސަށޭ އެނގިވަޑައިގަންނަވާނީ އެންމެ ރަނގަޅަށް ތިކަން ކުރައްވާނެ ގޮތް. އެހެންވީމާ ރައީސަށް ފެނިވަޑައިނުގަންނަވަންޏާ ތިމަންނައަކަށް ގބޫލެއްނުުރެވެއޭ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ޖެހޭނެ ކަމަކަށް،" ޔާމީން ތަފުސީލު ދެއްވި އެވެ.
"ތަސްމީން ވިދާޅުވީ ފޮރިން އިންވެސްޓްމަންޓަށް ވަރަށް ބޮޑު ގެއްލުމެކޭ އެވަނީ. އެހެންވީމާ ބޮޑު ފޮރިން އިންވެސްޓަރެއް އުޅޭއިރު އެމީހުން އަތުން ތީތި އަތުލައިފިއްޔާ ފޮރިން އިންވެސްޓަރުން ނާންނާނޭ، މިކަހަލަ ވާހަކައެއް."
އިމްރާން ވަޑައިގަތީ ބައްދަލުވުން ނިމުނުތާ 15 މިނިޓް ފަހުން ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނުގެ ނަޒަރުގައި އެއީ ބައްދަލުވުމުގައި ވަކި އެއްޗެއް ވިދާޅުވާން ބޭނުންނުވާތީ އިމްރާން ހެއްދެވި ގޮތެކެވެ.
އެކަމަކު ޔާމީން ވިދާޅުވި ގޮތުގައި ގައުމީ ޕާޓީގެ ފަރާތުން ހަސަން "އަޅުގަނޑަށް ވަރަށް ވަރުގަދައަށް ތާއީދުކުރެއްވި" އެވެ.
ވަހީދުގެ ވިސްނުންފުޅު އެނގިވަޑައިގަތުމުން ޔާމީން ކަން ކުރެއްވި ގޮތް ކިޔައިދެއްވި އެވެ. އެގޮތުން ފުރަތަމަ ހަނދާންކޮށްދެއްވީ ޕީޕީއެމްގެ ފަރާތުން ފޮނުވި ދެ ސިޓީގެ ވާހަކަ އެވެ.
"އަޅުގަނޑު ދެންނެވިން މި ހިސާބުން އަޅުގަނޑު ދަނިއްޔޭ. އަޅުގަނޑު ނެތީމޭ. ތި ހިސާބުތަކަކީ މީހަކު ފިޑްލްކުރެވޭނެ، ބޭނުން ގޮތަކަށް އެޖަސްޓްކުރެވޭނެ އެއްޗިއްސޭ. ތިކަމެއް ނުވާނޭ," ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނެތޭ ސަލާމަތެއް. އެއީ ޖީއެމްއާރު ވާގޮތަކީ ފުރަތަމަ އެގްރިމެންޓްކޮށްފައި އޭގެ ފަހުން ސަރުކާރުން އެތައް ކޮންސެޝަންތަކެއް ހޯދަން މަސައްކަތްކުރި އެމްޑީޕީގައި. އެ ކޮންސެޝަންތައް ސަރުކާރުން ދިން ވެސް މެ. އެހެންވެ އަޅުގަނޑުމެންނަށް ނުކަތާފައި އޮތް ބައެއް ޖީއެމްއާރަކީ. އެހެންވެ އަޅުގަނޑު ދެންނެވީ އަޅުގަނޑު ތެދުވަނިއްޔޭ. އަޅުގަނޑު ޖަލްސާ ރޫޅާލާފައި ތެދުވިން."
އެއީ ރައީސް ވަހީދަށް ކުޑަ މައްސަލައަކަށް ނުވި އެވެ. ޔާމީން ވިދާޅުވި ގޮތުން ނަމަ ރައްޔިތުންގެ މަޖިލިހުގައި ވަހީދުގެ އެންމެ ގޮނޑިއެއް ވެސް ނެތެވެ. މަޖިލިހުގެ މެޖޯރިޓީ އޮތީ ޕީޕީއެމްއަށެވެ. މެޖޯރިޓީ ލީޑަރަކީ ޔާމީން އެވެ. ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު އެމްޑީޕީގެ ރުޅިގަނޑު އޮތީ ވަހީދަށެވެ. އެހެންކަމުން ވެރިކަން ދަމަހައްޓަވަން ބޭނުންފުޅު ނަމަ ވަހީދަށް އޮންނާނީ ޕީޕީއެމް ވެސް ބޭނުންވާ ގޮތަށް ކަންކަން ކުރެއްވުންކަން، ޔާމީންގެ އެ ވާހަކަފުޅުން އެނގެ އެވެ.
"އެހާ ހިސާބުން ރައީސަށް މަޝްވަރާ ދެއްވި ބޭފުޅުން މަޝްވަރާ ދެއްވީމާ ރައީސް ވަހީދު ގަބޫލުފުޅުކުރެއްވީ. އަޅުގަނޑު ވަރަށް އުފާވޭ ރައީސް ވަހީދު ގަބޫލުކުރެއްވީމާ މަޝްވަރާ،" ޔާމީން ވިދާޅުވި އެވެ.
"އެ ހިސާބުން ދެން ނިިންމެވީ މިއައިގެން ކުރިއަަށް ނުގެންދެވޭނެކަން. އޮތް ގޮތަކީ ހަމަ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުން ކަމަށް."
ނަމަވެސް ޔާމީން ވިދާޅުވި ގޮތުގައި ޖީއެމްއާރު ފޮނުވާލުމުން ދެން އޮތް އާބިޓްރޭޝަން މަރުހަލާގެ ހުރިހާ ކަމަކާއި ބަދަލުދިނުން ކުރިއަށް ގެންދިޔައީ އެމަނިކުފާނުގެ ސަރުކާރުންނެވެ. އެހެންވެ ޖީއެމްއާރު ފޮނުވާލުމުގައި ވަހީދަށް މާ ބޮޑު ކްރެޑިޓެއް ޔާމީން ނުދެއްވަ އެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވަނީ އެއްބަސްވުން އުވާލީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމެވެ.
"ދެން އޮތީ ރައީސް ވަހީދުގެ ހިއްސާއަކީ ކޮބައިތޯ [މިކަމުގައި]. ރައީސް ވަހީދުގެ ހިއްސާއެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހު 26ގައި ހުޅުވާނެ އެވެ. އެއީ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭގެ މުޅި ތަަރައްގީގެ އެއް މަންޒަރެވެ. އެހެން ބައިތައް ކަމަށްވާ އާ ރަންވޭ އާއި އާ ސީޕްލޭން ޓާމިނަލާއި އާ ފިއުލް ފާމް އާއި އާ ކާގޯ ޓާމިނަލްގެ އިތުރުން އާ ސީއައިޕީ މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. މި ހުރިހާ މަޝްރޫއުއެއްގެ އަގު 1 ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ)އަށް ވުރެ ބޮޑެވެ.
އެކަމަކު ޔާމީން، މަލާމާތެއްގެ ގޮތަށް، ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މާ ގިނަ ކަންކަން ކުރެވިފައި ނެތް ކަމަށެވެ.
"މުޅިން ވެސް އެހެން ކޮންމެވެސް މީހަކު ކޮށްފައި ހުންނަނީ،" ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް (10)
ބޭފުޅިސްމް
ހަސަނު ގެނޭ
ބޮޅު
ތޯރިގް
އިއްބޭ
ދިއްދާ
ހުސެން ސައީދު
ތެފައާސާ.
އަސްލުވެސް
ހަހަ