އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް، ޓީވީއެމްގެ 'ހޭޔަންބޯ' ޕްރޮގްރާމްގައި، އާ ޓާމިނަލްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ: މި ޕްރޮގްރާމް ނަގާފައި ވަނީ ވެސް އާ ޓާމިނަލް ތެރޭގައި (ފޮޓޯ/އެމްއޭސީއެލް)

ދިވެހި ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނެތް، އެމްއޭސީއެލްއަށް ލޯނު ދެއްކޭނެ: ޝަރީފް

ވީއައިއޭގެ ތަރައްގީއަށް ނަގާފައިވާ ލޯނުތަކާ މެދު ދިވެހިން ކަންބޮޑުވާ ނަމަ އެމްއޭސީއެލްގެ އެމްޑީގެ އޮތީ އެންމެ ޖަވާބެއް: އެމްއޭސީއެލްގެ ހިސާބުކިތާބު ރަނގަޅު
19 ޖުލައި 2025
1

ވީއައިއޭގެ ތަރައްގީއަށް ނަގާފައި ހުރި ބޮޑެތި ލޯނުތައް ދެއްކޭނެ ގާބިލްކަން އެމްއޭސީއެލްގެ އެބަ ހުރި ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވީއައިއޭއަށް ގެނެސްފައިވާ ޒަމާނީ ބަދަލުތަކުގެ އަގު ބިލިއަން ޑޮލަރަށް ކައިރިކުރެ އެވެ. އެއީ ދިވެހި ރައްޔިތުން ދަރުވާލުން ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ތަފްސީލު - އެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޓީވީއެމްގެ 'ހޭޔަންބޯ' ޕްރޮގްެރާމްގައި ސުވާލުކުރުމުން ޝަރީފު ޖަވާބުދެއްވީ ވަރަށް ހަމަޖެހިވަޑައިގެން އިންނަވަ އެވެ.

"މި ލޯނުތައް ދެއްކުމުގެ ގާބިލްކަން [އެމްއޭސީއެލްގައި] ފުރިހަމައަށް އެބަ އޮތޭ. އެއްވެސް ބޭފުޅަކު ހާސްވެވަޑައިގަންނަވާނެ ކަމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

"އެމްއޭސީލްއިން މި ލޯންތައް ދައްކާ ނިންމާލާނެ."

އޭނާ ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުން އެއާލައިންތަކަށް ދޭ ހިދުމަތްތައް ވެސް އަވަސްވާނެ ކަމަށެވެ. އެހެންކަމުން މިހާރު އޮތް 'ޕްރައިމް ޓައިމް'ގައި އިތުރު ފްލައިޓްތަކަށް ފުރުސަތު ލިބުމުން އެމްއޭސީއެލްއަށް ވެސް އޭގެ ފައިދާ ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ 'ޕްރައިމް ޓައިމް' ކަމަށް ބަލަނީ ހެނދުނު 6:00 އިން ހަވީރު 3:00އާ ދެމެދެވެ. އެއީ އެންމެ ގިނަ ފްލައިޓް ޖައްސާ/ފުރާ ވަގުތެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި ވީއައިއޭ ބޭނުންކުރާ ދަތުރުވެރިންގެ ގާތްގަނޑަކަށް %85 އައުމާއި ފުރުން އޮންނަނީ އެ ވަގުތުތަކުގަ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ އެއިރޯބްރިޖް އާއި މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ގުޅުވާލި އިރު އެ ޓެސްޓްތަކުގައި ބޭނުންކުރި މޯލްޑިވިއަންގެ އޭ330 އަދި އޭ320 ބޯޓު: އާ ޓާމިނަލްއާ އެކު ފްލައިޓްތައް އިތުރުވާނެ (ފޮޓޯ/އެމްއޭސީއެލް)

އާ ޓާމިނަލްއަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް ބޮޑަށް ގުޅިފައި ހުރި ތަނަކަށް ވާތީ އާއި  މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ފަދަ ހިދުމަތް ވެސް މިހާރު ޒަމާނީކޮށްފައި އޮތުމުން ޕްރައިމް ޓައިމްގައި އިތުރު ފްލައިޓްތަކަށް ފުރުސަތު ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނުނީ އާ ސީޕްލޭން ޓާމިނަލާއި އާ ރަންވޭ އާއި އާ ފިއުލް ފާމް އާއި އާ ކާގޯ ޓާމިނަލް އާއި އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އަދި ސީއައިޕީ އެވެ. މީގެ ތެރެއިން ނުނިމި ގިނަ ދުވަސްވީ އާ ޓާމިނަލް އެވެ. އެކަމަކު، ނުވަ އަހަރު ފަހުން، އެތަން ކުރިއަށް އޮތް މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާނެ އެވެ.

އާ ޓާމިނަލް ހުޅުވުމާ ބެހޭ ގޮތުން 'ހޭޔަންބޯ'ގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ ހިސާބުކިތާބު ރަނގަޅު ކަމަށެވެ. އެއާޕޯޓްގެ ތަރައްގީއަށް ބޭންކްތަކާއި މާލީ އިދާރާތަކުން ލޯނު ދެނީ އެ ހިސާބުތަކަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު 8.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި އެމްއޭސީއެލްގެ ފައިދާ 1.1 ބިލިއަން ރުފިޔާއަށް އެރި އެވެ.

ޝަރީފް ވިދާޅުވީ މި އަހަރުގެ ފައިދާ އެއަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށެވެ.

ކޮމެންޓް (1)

ހުސޭނުބެ

19 ޖުލައި 2025
އެއާޕޯޓް ހިންގަން 15 އަހަރުގެ ކުއްޖަކު ހުއްޓަސް ލޯނު ދެއްކޭނެ. އެއާޕޯޓް ޓެކްސް ބޮޑުކޮށްލީމާ އެކަން ނިމުނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް