ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޑޮމެސްޓިކް ޓާމިނަލްގައި އެއާޕޯޓް ރެޕެއް ފަތުރުވެރިންތަކަކާ އެކު: މިއީ ތަފާތު ހިދުމަތެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މި މެހެމާންދާރީއަކީ ދިވެހި ޓޫރިޒަމްގެ ހާއްސަ ސިފައެއް، އެކަމަށް ހުރަސް އެޅުން ގޯސް

އާ ޓާމިނަލް ހުޅުވާއިރު އެއާޕޯޓް ރެޕުންގެ ދައުރު ކުޑަކުރަން އެމްއޭސީއެލްއިން މަސައްކަތްކުރާ ކަމަށް ބުނެ، ޓޫރިޒަމް ދާއިރާއިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން
15 ޖުލައި 2025
6

ދިވެހި ޓޫރިޒަމްގެ ތަޖުރިބާކާރަކަށް 'ދައުރު'ން ސުވާލުކުރީމެވެ.

އެއާޕޯޓް ރެޕުންނަކީ ޓޫރިޒަމްގެ ކިހާ މުހިންމު ބައެއް ހެއްޔެވެ؟

"އެއީ ދިވެހިންގެ ފުރަތަމަ މަރުހަބާ. ރާއްޖޭގެ ޓޫރިޒަމްގެ މެހެމާންދާރީ ފެށިގެން އަންނަނީ އެ ރެޕުންގެ ފަރާތުން،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ރެޕުންނަށް ޓޫރިސްޓުން ގޮވައިގެން ޗެކިން ކައުންޓަރުތަކާ ހަމައަށް ނުދެވޭ ގޮތެއް ހަދައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

"ފުރަތަމަ ވިސްނާލާ، ރާއްޖޭގެ ޓޫރިޒަމަކީ އެހާ މަތީ ފެންވަރުގައި ވެސް އޮތް ދާއިރާއެއް. އެހެންވީމާ އެހެން ގައުމުތަކުގެ އެއާޕޯޓްގައި ހަދާހެން، ދޫކޮށްލައިގެން ކަމަކުނުދާނެ. އެ މީހުންނަށް އެހީތެރިވާނެ ގޮތްތައް އަހަރެމެންގެ ޓޫރިޒަމުން އުފަންކުރުވީ. އެހެންވެއެއްނު މެހެމާންދާރީ ރަނގަޅޭ ބުނަނީ."

ދިވެހި ޓޫރިޒަމާ ގުޅިފައި ހުރި ތިޔަ ކަހަލަ ތަފާތު ސިފަތައް އެމްއޭސީއެލްގެ ވެރިންނަށް އެނގިވަޑައިނުގަންނަވާނެ ހެއްޔެވެ؟

"ސިޔާސީ ގޮތުން މަގާމު ދޭ މީހުން ނުވިސްނާނެ އެކަންކަމަކަށް. އެ މީހުންގެ ނޯވޭ ގިނަ ބަޔަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއް. އެމީހުންނަށް ފެންނަ ގޮތް އެއީ ރަނގަޅު ގޮތް."

ވީއައިއޭއިން ރިސޯޓަކަށް ނައްޓާލި ޓޫރިސްޓުންތަކަކަށް އެއާޕޯޓް ދެ ރެޕަކު ސަލާމުގެ އިޝާރާތެއްގައި: އެއާޕޯޓް ރެޕުންނަށް ރިސޯޓްތަކުން ހާއްސަ ތަމްރީން ވެސް ދޭ (ފޮޓޯ/ދައުރު)

އެ ތަޖުރިބާކާރުގެ ނަން ޖަހާނެ ކަމެއް ނެތެވެ. އޭނާ ހުންނެވި މަގާމުގެ ގޮތުން ޒާތީ ނުރުހުންތެރިކަމެއް އަމާޒުވެދާނެތީ އެވެ. އަނެއްކާވެސް ޓޫރިޒަމް ދާއިރާގެ މައްސަލައެއް ނަގައިގެން ސަރުކާރަށް ފާޑުކިޔަނީ ކަމަށް ސިޔާސީ ވެރިން ވިދާޅުވާނެކަން ޔަގީންވާތީ އެވެ. 

މީގެ ކުރިން ވެސް 'ދައުރު'ން ވާނީ އެއާޕޯޓް ރެޕުންގެ ވާހަކަ ލިއެފަ އެވެ. އާ ޓާމިނަލްގައި އެ މީހުންނަށް އޮތް ފުރުސަތަކީ ކޮބައިތޯ، ނޭނގުމުގެ ޝަކުވާ އެވެ. އެ މީހުންނަށް އެނގެ އެވެ. އެމްއޭސީއެލްގެ ބައެއް ވެރިން އެމީހުންނާ މެދު އަބަދުވެސް ގެންގުޅުއްވަނީ ގޯސް ވިސްނުމެކެވެ. އެއީ އެއްވެސް ބައެއް ނޫންކަމަށް ގަބޫލުކުރުމުގެ ސިފަ އެވެ.

އެކަމަކު އެއާޕޯޓް ރެޕުންނަކީ ދިވެހި ޓޫރިޒަމްގެ ވަރަށް މުހިންމު ރަމްޒެކެވެ. އެއީ ހަމައެކަނި ރާއްޖެއަށް ހާއްސަ ހިދުމަތެއް ވެސް މެ އެވެ. އެމީހުން އެ ތިބެނީ ވަކި ޔުނީފޯމެއްގަ އެވެ. ނަން ޓެގް ޖަހައިގެންނެވެ. ޓޫރިސްޓުންނަށް މަރުހަބާ ކިޔާށާއި ވަދާއީ ސަލާންކުރާށެވެ. ޓޫރިސްޓްމީހާ ފެނުމާ އެކު ފޮށިތަކާ ހަވާލުވެ، ދެން ހަދަންވާ ގޮތުގެ ހުރިހާ މައުލޫމާތެއް އެހެރަ ދެނީ އެވެ. އަރަން އޮތް ލޯންޗުގެ ވާހަކަ އެވެ. ޑޮމެސްޓިކުން ނަގަން ޖެހޭ ފްލައިޓްގެ މައުލޫމާތެވެ. ސީޕްލޭންގެ ގަޑި އެވެ.

ވީއައިއޭއަށް އަންނަ ޓޫރިސްޓުން އެމީހުންގެ ޗުއްޓީގެ މަންޒިލަށް ދާން ހިޔާރުކުރަން ޖެހޭހާ ގިނަ ވައްތަރުގެ ދަތުރުފަތުރެއް، ދުނިޔޭގެ އެހެން ތަނެއްގައި ނޯންނާނެ އެވެ. އެއް ބަޔަކު ލޯންޗުގަ އެވެ. އަނެއް ބަޔަކު ޑޮމެސްޓިކް ފްލައިޓެއްގަ އެވެ. އަނެއް ބަޔަކު ސީޕްލޭންގަ އެވެ. މާލޭ އޭރިޔާ ނަމަ ކާރުގަ އެވެ.

ޓޫރިސްޓުންތަކެއް ސީޕްލޭން ޓާމިނަލްގައި: ރާއްޖެ އަންނަ ޓޫރިސްޓުން ތިން ވައްތަރެއްގެ ދަތުރުފަތުރު ބޭނުންކުރޭ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ކަމެއް ނޫން (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ވީއައިއޭ ހިންގަން ކޮންމެ ބަޔަކު ތިބި ނަމަވެސް މިފަދަ ތަފާތު ހިދުމަތްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޓޫރިޒަމްއާ ގުޅިފައި ހުރި އެހެން ހިދުމަތްތަކާ މެދު ވެސް ވިސްނަން ޖެހޭނެ އެވެ. ވީއައިއޭގެ އާ ޓާމިނަލްއަށް އެހާ ބޮޑު ހޭދައެއް ކުރެވެނީ ވެސް ރާއްޖޭގެ ޓޫރިޒަމް ވަރުގަދަކަމުންނެވެ. އެމްއޭސީއެލްގެ މައިގަނޑު އާމްދަނީ އަންނަނީ ދިވެހި ދަތުރުވެރިންގެ ފަރާތަކުންނެއް ނޫނެވެ. މިދިއަ އަހަރު 8.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފައިދާވީ، ޓޫރިޒަމްގެ ސަބަބުންނެވެ.

އެ ޓޫރިސްޓުންނަށް، ފަރުވާތެރި، ފެންވަރުމަތީ ހިދުމަތެއް އެއާޕޯޓްގައި ފޯރުކޮށްދެނީ ރެޕުންނެވެ. ރިސޯޓްތަކުން އެ މީހުން ތަމްރީންކުރެ އެވެ. އެ މީހުން ދޭ ހިދުމަތާ މެދު ޓޫރިސްޓުންގެ ފަރާތުން ލިބޭ ކޮމެންޓަށް ބިނާކޮށް ބޯނަސް ދެ އެވެ. ވަޒީފާގެ ކުރިއެރުން ލިބެ އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅެއްގެ ވާހަކަ ހިމަނާލަމާ ހިނގާށެވެ. އޭނާގެ އެ ވާހަކަ ނަގަންވީ ގޯސް ނިޔަތެއްގައެއް ނޫނެވެ. އިއްޔެ ރޭ އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ހަރުގެ ޖަލްސާގައި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ފަހުން ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު މަލީހު ޖަމާލް، އެއާޕޯޓް ރެޕުންގެ ހައްގުގައި ވާހަކަ ދެއްކެވި އެވެ.

"އެ ކުދިންނަކީ [އެއާޕޯޓް ރެޕުންނަކީ] ޓްރިޕް އެޑްވައިޒާގައި ސެވަން ސްޓާ އެމްބެސެޑަރުންގެ ގޮތުގައި ގައުމު ރަމްޒުކޮށްދޭ [ބައެއް]. [ޓޫރިސްޓުންނަށް] ފުރަތަމަ މަރުހަބާކިޔަނީ ރިސޯޓްތަކުގެ ޖީއެމްއެއް ނޫން. އެއާޕޯޓްގެ ރެޕުން،" މަލީހު ވިދާޅުވި އެވެ.

"ރަން ބިސް އަޅާ ކުކުޅު [ނުވަތަ] ފަތުރުވެރިންގެ ލަގޭޖާ އެއްޗެހި ހިފައިގެން މި ކުދިންނަށް [އާ ޓާމިނަލްގެ] ޗެކިން ކައުންޓަރާ ހަމައަށް ނުދެވޭ. ކޮން ކަހަލަ އައުޓް ޑޭޓެޑް ބޯދާ ވިސްނުންތަކެއްތޯ." 

ކަންބޮޑުވުން ފާޅުކުރި އެއާޕޯޓް ރެޕަކު، ނަން ނުޖަހާ ގޮތަށް، ބުނީ އާ ޓާމިނަލް ހުޅުވުމުގެ އިންތިޒާމްތައް ހަވާލުކޮށްފައިވާ ބޭރުގެ ކުންފުންޏަށް ދިވެހި ޓޫރިމަކީ ކޮބައިކަން ނޭނގޭނެ ކަމަށެވެ. އެ މީހުން ދެކެނީ ވީއައިއޭއަކީ ވެސް ދުނިޔޭގެ އެހެން އެއާޕޯޓްތައް ފަދަ ތަނެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އެ މީހުންގެ ލަފަޔާ އެއްގޮތަށް އެމްއޭސީއެލް ދީލައިލުން ގޯސް ކަމަށް އޭނާ ދެކެ އެވެ.

އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މިހާރު އުޅުއްވަނީ އަވަދިނެތި (ފޮޓޯ/އެމްއޭސީއެލް)

"ތަފާތަކީ ރާއްޖޭގެ ޓޫރިޒަމް. ޓޫރިސްޓުންނަށް އަހަރެމެން ވެދޭ އެހީތެރިކަން. އެއެއް ނޭނގޭނެ މި ދާއިރާގައި އުޅޭ މީހަކަށް ނޫނީ. ރާއްޖެއަކީ މުޅިން ތަފާތު ތަނެކޭ. މިދެނީ މުޅިން ތަފާތު ހިދުމަތެކޭ،" އޭނާ ބުންޏެވެ.

"ޓިޕްސްއެއް ނޫނޭ މީގައި މުހިންމީ. އަހަރެމެން މި ދޭ ހިދުމަތޭ. އޭގެ އަގުވަޒަންކުރާކަށް ނޭނގޭނެ އަހަރެމެން މިކުރާ މަަސައްކަތް ނޭނގޭ ބަޔަކަށް. އެކަހަލަ މީހުން ވިސްނާކަށް ވެސް ބޭނުމެއް ނުވާނެ."

އެއާޕޯޓް ރެޕުންނާއި އެމްއޭސީއެލްއާ މެދު މި ފަހުން އުފެދުނު ހިތްހަމަނުޖެހުންތަކާ މެދު އެ ކުންފުނިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. ސޯޝަލް މީޑިއާގައި އެމްއޭސީއެލްގެ ބައެއް ވެރިންގެ ނަން ފާހަގަކޮށް ފާޑުކިޔާފައި އެބަ ހުއްޓެވެ.

މީގެ ކުރިން 'ދައުރު'އާ ވާހަކަ ދެއްކެވި އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެއާޕޯޓުގައި މަސައްކަތްކުރާ އެންމެންގެ ކަންބޮޑުވުންތަކަށް ވެސް ރިއާޔަތްކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް، އެކި ލެވެލްގައި މީޓިންތައް ބާއްވަމުންދާނެ. އޭގެ ތެރޭގައި ވީއައިއޭގައި މަސައްކަތްކުރާ އެކި އިދާރާތަކާއި އެއާޕޯޓް ރެޕުން ވެސް ހިމެނޭ،" އޭނާ އޭރު ވިދާޅުވި އެވެ.

އެކަމަކު މަދު ބައެއް ރެޕުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި މިހާތަނަށް މައުލޫމާތު ދީފައި ހުރީ، ރެޕުންގެ ހިދުމަތްތަކަށް ބުރޫއަރާ ގޮތަށް ކަމަށް، ބައެއް ރެޕުން ބުންޏެވެ.

މިހާރު ވަކި ގޮތެއް ނިންމާފައި އޮތަސް އެކަންކަން ބަދަލުކުރުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖެ އަންނަ ހުރިހާ ފްލައިޓަކުން އާ ޓާމިނަލް ބޭނުންކުރަން ފަށާނީ ސެޕްޓެމްބަރުގަ އެވެ. އެހެންކަމުން އޭގެ ކުރިން ޓޫރިޒަމް ދާއިރާ އާއި އެމްއޭސީއެލް މިހާރަށް ވުރެ ފުންކޮށް ވާހަކަ ދެއްކޭނެ ފުރުސަތު ހޯދަން އެބަ ޖެހެ އެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ސީދާ މި މައްސަލައިގެ ތެރެއަށް ވަންނަން ޖެހެ އެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މަޑުން ނުހުންނަވައި، އެއާޕޯޓް ރެޕުންނާއި ރިސޯޓްތަކުގެ ވެރިންގެ ހިޔާލު ހޯއްދަވަން ޖެހެ އެވެ.

މިއީ ސިޔާސީ ކަމެއް ނޫނެވެ. އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ފާޑުކިޔަސް އެއީ ސިޔާސީ މައްސަލައެއް ކަމަށް ސަރުކާރުންނާއި އެމްއޭސީއެލްއިން ބަލައިގެން ނުވާނެ އެވެ. އެއާޕޯޓް ރެޕުންނަށް އެ މީހުންގެ ގެސްޓުންނަށް ހިދުމަތް ދޭން އާ ޓާމިނަލުން ލިބޭނެ ފުރުސަތުތައް ގުޅެނީ ސީދާ ރާއްޖޭގެ ޓޫރިޒަމްގެ މެހެމާންދާރީއާ އެވެ. ރެޕުންގެ ފަރާތުން އެ ދޭ މެހެމާންދާރީއަކީ ދިވެހި ޓޫރިޒަމްގެ ރަމްޒެކެވެ. ދުނިޔޭގެ އެހެން ތާކުން ނުފެންނަ ހިދުމަތެކެވެ.

ކޮމެންޓް (6)

ރަދުން.

15 ޖުލައި 2025
ރެޕުން ގެސްޓުން ބާލަން ފްލައިޓަށް ވެސް އަރަންވީނު ދެން. އަލަށް ހަދާ ޓާރމިނަލް އާ އެކީ ވެސް ރެޕުން ދޭންޖެހޭ ޚިދުމަތެއް ދެވޭނެ އެންމެ އެތެރެއަށް ނުވަދުނަކަސް. މިހާރަށް ވުރެ ފުރިހަމަކޮށް ދެވޭނެ. މި މީހުން މިއުޅެނީ މޮޔަވެގެން އުޅޭ ބައެއް ހެން.
2 3

ތެފައާސާ.

15 ޖުލައި 2025
އަދަދު ހާމަކުރަންވެސް ނުކެރޭވަރަށް ޑެޕިއުޓީންނާއި ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްގެން ތިބޭއިރު މިވަރުގެ ބުއްދިއެއް ހުރި ހަމަ އެންމެ ބޭކަލަކުވެސް ނެތީ؟ ދެން އެހެންވިއަސް ނޫސްވެރިއާ ރަނގަޅު ވާހަކައެއް ދައްކާފައި އޮތީމާ އެކަން ބަލައިގަނެ ކަންކަން ރަނގަޅުކުރާނެ ކަމަށް އުންމީދު ކުރަން.
3 1

ހުވަދޫ އަހައްމަދޭ

15 ޖުލައި 2025
އުނހު. މަލްޝާއާ ޝިއުނާއާ ދެންވެސް ތިބި ސިޔާސީ ބޮޓުންނަށް ބޮޑަށް އެނގޭނީ. އެމީހުންގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއަމަ ރަނގަޅަށް ހުންނާނީ.
4 0

ކޮސް

15 ޖުލައި 2025
@ހުވަދޫ އަހައްމަދޭ ތިޔައީ ވެރިމީހާެއަށް ބަލަދު އަރާފައި ތިބި ދެމީހުން.
2 0

ބެއްޔާގެ ދަރި

15 ޖުލައި 2025
ވެރިން މި ބުނަނީ އެހެން ގައުމުތަކުގައި ޓުއަރިސްޓުން ޓާމިނަލަށް ގޮސް ނުކުމެ ހަދައޭ އެކަނި. ރާއްޖޭގައި ކީއްވެހޭ ނުވަނީ. ބަލަ އެއްފަސްގަނޑަކަށް އޮންނަ ގައުމުތަކުގައި އެރައިވަލުން ނުކުންނަ ގޮތަށް ޓެކްސީ ނޫނީ ބަސް ނޫނީ މެޓްރޯ އޮވޭ. ރާއްޖޭގައި އެ ގޮތަށް ދޫކޮށްލެވިފައެއް ނޫން ޓުއަރިޒަމް ދާއިރާ އޮންނަނީ. ބޭރު ގައުމުތަކުގައި އޮންނަ ގޮތަށް ދޫކޮށްލެވިދާނެ. ދާތަނަކަށް ދިއުމަކީ ޓުއަރިސްޓުގެ ޒިންމާއެއް ގޮތަށް، ނޫނީ އެ ގެންނަ ބަޔަކު އިރުސާދު ދޭ ގޮތަކަށް ދާން. ނަމަވެސް ސުވާލަކީ އެއީ ހޭ ރާއްޖޭގެ ޓުއަރިޒަމަކީ.
1 1

ސަލީމު

15 ޖުލައި 2025
ސްރީލަންކާ، މެލޭސިޔާ އެއާޕޯޓުގައި ވެސް ޗެކިން ކައުންޓަރަށް ދެވޭ ދޯ ކޮންމެ މީހަކަށް ވެސް. ފުރާ މީހުން ނޫނަސް.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް