ވީއައިއޭއަށް އައި ޓޫރިސްޓުންނަށް އެއާޕޯޓް ރެޕަކު މަރުހަބާ ކިޔައި، ކަންކަން އޮޅުންފިލުވައިދެނީ: އެއާޕޯޓް ރެޕުންނަކީ ޓޫރިޒަމްގެ ވަރަށް މުހިންމު ބައެއް
އާ ޓާމިނަލް ހުޅުވާ ވަގުތު ޖެހޭއިރު އެއާޕޯޓްް ރެޕުން "ވާނުވާގައި"
މުހިންމު ނުކުތާތައް
އެމްއޭސީއެލްއިން ބުނަނީ އެއާޕޯޓްގެ އޮޕަރޭޝަންތަކާ ބެހޭ ހުރިހާ ފަރާތްތަކާ ވެސް މިހާރު ބައްދަލުކުރަމުން އަންނަ ކަމަށް
އެއާޕޯޓް ރެޕުންގެ ކަންބޮޑުވުމަކީ ޖުލައި މަހު އާ ޓާމިނަލް ހުޅުވާ ވާހަކަ އިވޭ އިރު ރަސްމީކޮށް އެއްވެސް މައުލޫމާތެއް އެ މީހުންނަށް ނުލިބުން
އެއާޕޯޓް ރެޕުންނަކީ ދިވެހި ޓޫރިޒަމްގައި ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ބައެއް
ދޮރުން ބޭރަށް ނުކުތުމާ އެކު އެ ތިބެނީ އެމީހުންނެވެ. ހިނިތުންވުމާ އެކު ސަލާންކޮށްފައި، ފޮށިތަކާ ހަވާލުވެ އެވެ. ރިސޯޯޓް ކައުންޓަރު ކައިރިއަށް ގެންދެ އެވެ. ކުރިއަށް ހުރި ކަންކަމުގެ މައުލޫމާތު ދެ އެވެ. ލޯންޗު އޮތީ ތައްޔާރަށް ކަމެވެ. ނުވަތަ ކުޑައިރުކޮޅެއް ވެދާނެ ކަމެވެ. އަރަން ޖެހޭ ފްލައިޓްގެ ގަޑި އެވެ. އޭގެ ކުރިން އެތަނަށް ގެންގޮސްދޭނެކަމެވެ.
މިއީ ރާއްޖެއަށް ހާއްސަ މެހެމާންދާރީއެކެވެ. އެއާޕޯޓްގައި ތިބޭ ރެޕުންގެ މި ހިދުމަތް ދުނިޔޭގެ އެހެން ތަނަކުން ނުލިބޭނެ އެވެ. ގޫގުލް އެކަމަށް ހެކިވެ އެވެ. 'އެއާޕޯޓް ރެޕް' ޖަހައިފި ނަމަ އޭއައިގެ ފުރަތަމަ ޖަވާބަކަށް ވާނީ ވެސް "މޯލްޑިވްސް" އެވެ. ރާއްޖޭގައި އެ ނަން ނިސްބަތްވާ މީހުންނާއި އެ މީހުން އުފުލަމުން އަންނަ ޒިންމާތަކެވެ.
"މިއީ ޓޫރިސްޓުންނާ އެންމެ ފުރަތަމަ ބައްދަލުވާ މީހާ އެވެ. ދަތުރުގެ ހުރިހާ ކަމެއް އޮމާންކޮށް ގެންދިއުމުގައި މިއީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ،" ރާއްޖޭގެ އެއާޕޯޓް ރެޕުންނާ ބެހޭ ގޮތުން ގޫގުލްއިން ޖަވާބު ދިނެވެ.
ޓާމިނަލްގެ ވަކި ހިސާބެއް އޮންނަނީ ރެޕުންނަށް ހާއްސަކޮށްފަ އެވެ. ރިސޯޓްތަކަށް ކައުންޓަރުތައް ހުރެ އެވެ. ބައެއް ރިސޯޓްތަކުން ކުޑަކުޑަ ލައުންޖު ވެސް އެ ހުންނަނީ ހަދައިފަ އެވެ. ގެސްޓްހައުސްތައް އައުމާ އެކު އެކި ގެސްޓްހައުސްތަކުން ވެސް އެއާޕޯޓްގައި ރެޕުން ބައިތިއްބަ އެވެ. ސަފާރީ އުޅަނދުފަހަރުގެ މުވައްޒަފުން ވެސް އެ ތިބެނީ ގެސްޓުން ބަލާ ގޮހެވެ.
މިއީ ބައި ގަރުނުގެ ދިގު މުއްދަތެއްގައި ރާއްޖޭގެ ޓޫރިޒަމުން ތަރައްގީކުރި ނަމޫނާ މަރުހަބާކިޔުމަކާއި ވަދާއީ ސަލާންކުރުމެއްގެ ތެރެއިން ޓޫރިސްޓުންނަށް ދޭ އަގުުހުރި ހިދުމަތެކެވެ. މި ހިދުމަތް ނުލައި ދިވެހި ޓޫރިޒަމް ފުރިހަމައެއް ނުވާނެ އެވެ. އެގޮތަށް ވިސްނާ ބަޔަކަށް ރާއްޖޭގެ މައި އިންޑަސްޓްރީގެ މުހިންމު ގުނަވަންތަކުގެ އަސްލު ނޭނގެނީ އެވެ.
އެކަމަކު މިއަދު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ދުވަސް ކައިރިި ވަމުން އަންނަ އިރު އެއާޕޯޓް ރެޕުން އެ ތިބީ "ވާނުވާގަ" އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މި ވާން އުޅޭ ގޮތެއް އެ މީހުންނަކަށް ނޭނގެ އެވެ. އާ ޓާމިނަލްގައި އެ މީހުންނަށް ހާއްސަ ތަނެއް ހުރިތޯ އާއި އެތަނުން ކައުންޓަރެއް ލިބޭނެތޯ ފަދަ އެތައް ސުވާލެއް އުފެދި، ޖަވާބެއް ނުލިބި މިއޮތް ދަނީ އެވެ.
"މިވާ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގިގެން މި އުޅެނީ. ރިސޯޓްގެ މެނޭޖްމަންޓުން އެބަ އަހާ ބަޖެޓް ހަދާއިރު އިތުރު މުވައްޒަފަކު ބޭނުންވާނެހޭ، ކިހިނެއްހޭ އެއާޕޯޓްގައި ކަންކަން ހުރީ،" މި ނޫހުގެ ރިޕޯޓަރުންނާ ބައްދަލުކުރި ރެޕުންގެ ތެރެއިން މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
އެއް ބަޔަކު ބުނަނީ އާ ޓާމިނަލްގެ ހުރިހާ ކަމެއް އެކީގައި ނުނިމުނަސް ޖުލައި މަހު ރިބަން ކަނޑާނެ ކަމަށެވެ. އެކަމުގެ ތައްޔާރީތައް، ރެޕުން ދެއްކީ، މިހާރުގެ ޓާމިނަލްގައި ހިންގަމުން އައި 'ތައި އެކްސްޕްރެސް' ރެސްޓޯރެންޓް ބަންދުކުރުމެވެ. އެތަން ހުސްކުރަނީ ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވާލަން ކަމަށް، އެ މީހުން ބުނެ އެވެ.
"އަހަރެމެންނަކަށް ނޭނގޭ މި ކައުންޓަރުތަކަށް ވާނެ ގޮތެއް ވެސް. ލައުންޖުތަކަށް ވާނެ ގޮތެއް ވެސް. ހަމަ އެއްވެސް މައުލޫމާތެއް އަދި ނުދޭ،" ކަންބޮޑުވުން ފާޅުކުރަން 'ދައުރު'ގެ ޓީމާ ބައްދަލުކުރި ރެޕުންގެ ތެރެއިން އެހެން މީހަކު ބުންޏެވެ.
"އެއާޕޯޓްގައި މި ތިބެނީ އަހަރެމެން، ގެސްޓުންގެ ކަންކަމާ ހަވާލުވެގެން. އަހަރެމެންނަށް އެ މީހުންގެ ޝަކުވާތައް ވެސް އަންނާނީ."
ރާއްޖޭގެ އެއާޕޯޓް ހުރިހާ ގޮތަކުން ވެސް ތަފާތު
ރާއްޖެއަކީ މުޅިން ތަފާތު ޓޫރިޒަމެއް ހިންގާ ގައުމެކެވެ. އަހަރެމެން ބޭރު ގައުމެއްގެ ޓާމިނަލުން ނުކުމެ ޓެކްސީއެއް ހޯދަން އޮންނަ އިހުތިޔާރެއް ރާއްޖެ އަންނަ ޓޫރިސްޓުންނަކަށް ނޯންނާނެ އެވެ. މާލެ އާއި ހުޅުމާލޭގެ ގެސްޓްހައުސްއަކަށް އަންނަ ބަޔަކު ތަފާތުވެދާނެ އެވެ. އެކަމަކު އާންމުކޮށް ޓޫރިސްޓުން އަަރަން ޖެހޭނީ ލޯންޗަށެވެ. ނުވަތަ ދާން ޖެހޭނީ ސީޕްލޭން ޓާމިނަލަށެވެ. ނޫން ނަމަ ޑޮމެސްޓިކް ޓާމިނަލަށެވެ.
މިއިން އެއްވެސް ކަމަކަށް ބޭނުންހާ ވަގުތެއް ނުލިބެ އެވެ. ރެޕުން ބިޒީކޮށް އުޅޭނީ އަވަހަށް ލޯންޗު ފުރުވާލާށެވެ. ކަނެކްޓިން ފްލައިޓް ކަޓާފާނެތީ އެތެރޭގެ އުދުހުންތަކުގެ ޓާމިނަލްތަކަށް ޓޫރިސްޓުން ގެންދާށެވެ.
ރިސޯޓްތަކުން ރެޕުންނަށް އެތައް ތަމްރީނެއް ދެ އެވެ. ޓޫރިސްޓުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު، ރިސޯޓްތަކުން ކައިރިން ބަލަ އެވެ.
"އަހަރެމެންނަށް ބޯނަސް ވެސް ލިބޭނެ ވަކި ވަރަކަށް ހިދުމަތް ދެވުނީމާ. ޓޫރިސްޓުންގެ ހިތްހަމަޖެހުން އަހަރެމެންގެ މި މަސައްކަތުގެ އެންމެ މުހިންމު ބަޔަކީ،" މަޝްހޫރު ރިސޯޓެއްގެ ރެޕަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާ ޓާމިނަލަކީ މުޅި އިންޑަސްޓްރީގެ ވެސް އުއްމީދެކެވެ. އެހެންކަމުން އާ ޓާމިނަލްގެ ދޮރު ހުޅުވާލާ އިރު އެތަނުގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތިބޭނެ އެންމެ މުހިންމި ބަޔަކަށް ވާނީ ވެސް ރެޕުން ކަަމަށް އޭނާ ބުންޏެވެ. ރެޕުންނަށް ދުރާލައި މައުލޫމާތު ދީ، އެ މީހުންނަށް ލިބޭނެ ފުރުސަތުތަކަކީ ކޮބައިތޯ، އެމްއޭސީއެލުން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ހުޅުވެން ދެ ދުވަހަށް ވީމައެއް ނޫން ދޯ އަަހަރެމެންނާ ބައްދަލުކުރަން ވާނީ. އަހަރެމެންގެ ވެސް ހުންނާނެތާ ހިޔާލުތަކެއް. މިހެން ހެދީމާ ޓޫރިސްޓުންނަށް ފަސޭހަވާނެއޭ، އެހެން ހުރީމާ ވަރަށް އުނދަގޫވާނެއޭ. މިކަހަލަ ހިޔާލުތައް ދެވޭނީ ކުރިން އެކަންކަން އެނގުނީމާތާ،" އޭނާ ބުންޏެވެ.
'ދައުރު'އާ ވާހަކަ ދެއްކި ރެޕުން ދެކޭ ގޮތުގައި ޖުލައި މަހު ހުޅުވަން ތައްޔާރުވާ ނަމަ ރެޕުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓަށް އާ ޓާމިނަލްގެ ކަންކަން ހުންނާނެ ގޮތުގެ މައުލޫމާތު ދިނުން މިހާރު ވެސް ލަސްވެއްޖެ އެވެ. ރިސޯޓްތަކަށް ކައުންޓަރު ދޫކުރާ ނަމަ ނުވަތަ ނުދޭ ނަމަ އެކަން ވެސް ދުރާލައި އެންގުމަކީ، އެމްއޭސީއެލްއަށް ކުރެވިދާނެ "ވަރަށް ކުޑަކުޑަ ކަމެއް" ކަމަށް، ރެޕުން ދެކެ އެވެ. އޭރުން މިހާރު އެ ތިބޭ ގޮތަށް "ވާނުވާގައި' ނުތިބޭނެ ކަމަށް، އެ މީހުން ބުންޏެވެ.
ރެޕުންގެ މި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އެމްއޭސީއެލްއިން ދިން ރަސްމީ ޖަވާބުތަކަށް ބަލާއިރު މައި އެއާޕޯޓް ހިންގާ ކުންފުންޏަށް އެއްވެސް މައްސަލައެއް ފެންނަހެން ހިއެއް ނުވެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަނީ އެއާޕޯޓުގައި އޮޕަރޭޝަންތައް ހިންގާ ސަރުކާރުގެ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ ވެސް މަޝްވަރާ ކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެއާޕޯޓުގައި މަސައްކަތްކުރާ އެންމެންގެ ކަންބޮޑުވުންތަކަށް ވެސް ރިއާޔަތްކުރާނެ އެވެ.
"މިދިޔަ އަހަރުން ފެށިގެން އެކިއެކި ސްޓޭކްހޯލްޑަރުންނާ އެކީގައި މީޓިންތައް ބާއްވަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް، އެކި ލެވެލްގައި މީޓިންތައް ބާއްވަމުންދާނެ. އޭގެ ތެރޭގައި ވީއައިއޭގައި މަސައްކަތްކުރާ އެކި އިދާރާތަކާއި އެއާޕޯޓް ރެޕުން ވެސް ހިމެނޭ."
ނަމަވެސް ރެޕުން ބުނަނީ ޓާމިނަލްގެ މައިގަނޑު ކަސްޓަމަރުންނަކީ ޓޫރިސްޓުންނަށް ވާއިރު އެ މީހުންގެ ހުރިހާ ކަމަކާ އެއާޕޯޓުން ހަވާލުވާ ބަޔަކަށް ކަންކަން އެނގެން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށެވެ.
"މިސާލަކަށް ކައުންޓަރެއް ހަދަން ޖާގަ ދެނިއްޔޯ، އެވެސް ދުރާލައި އެނގެން ވާނެތާ. ނުވަތަ ނުދެނިއްޔޯ އެކަން ވެސް އަންގަން ޖެހޭނެތާ ދުވަސް ނުޖެހެނީސް،" އެކަކު ބުންޏެވެ.
"ވާނުވާގައި" ތިބުމަކީ ކަމަކާ ބެހޭ އެއްވެސް އެއްޗެއް ނޭނގި ތިބުމެވެ. އެ ލަފުޒު ނިސްބަތްވާ ޖަލު މީހުންނަށް ނަމަ އެއީ އެ މީހުންގެ ޝަރީއަތް ކުރިއަށް ދާނެ ގޮތަކާއި ހުކުމެއް އަންނާނެ އިރަކާއި ބަންދުން ދޫވާނެ އިރެއް، ނުވަތަ ޖަލުގައި ހޭދަކުރަން ޖެހޭނެ ސީދާ މުއްދަތެއް ނޭނގުމެވެ. އެއާޕޯޓް ރެޕުންނަށް ބަލާ ނަމަ އެއީ އާ ޓާމިނަލްގައި އެ އެމީހުންނަށް ހުރި ފުރުސަތުތަކާއި އެމީހުން ކަންކުރާނެ ގޮތް ނޭނގުމެވެ.
ރެޕުން ދެމުން އަންނަ ހިދުމަތްތަކަށް ބަލާއިރު އެއީ ހަމަ ވަރަށް ބޮޑު މައްސަލައެކެވެ.
ކޮމެންޓް (8)
ރަދުން
ސައްލާ
ޝަރީފް
ޜެޕު
ނޮންރެޕް
ރެޕްޓޫ
ފީލިންގ
މަބުނީ