މިއީ އާ ޓާމިނަލްގެ މަސައްކަތް 2022ގެ ވަކި ހިސާބެއްގައި ކުރިއަށް ގޮސްފައި ހުރި މިންވަރު

އާ ޓާމިނަލް ހަދަން ނުވަ އަހަރު، ބޮޑު ހުރަހަކީ ފައިސާ

ތިން ސަރުކާރުން ވެސް އެންމެ އިސްކަން ދިނީ އާ ޓާމިނަލް ނިންމަން. އެކަމަކު މާލީ އިދާރާތަކުން ފައިސާ ލިބެން ގިނަ ހުރަސްތަކެއް ދިމާވި ކަމަށް މިހާރުގެ މެނޭޖްމަންޓުން ވެސް ގަބޫލުކުރޭ
20 ޖުލައި 2025
2

މަޝްރޫއު ރަސްމީކޮށް ފެށިތާ މި އަހަރުގެ 21 މޭއަށް ނުވަ އަހަރު ވީ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޓާމިނަލްގެ މަޝްރޫއުގެ ބިންގާ، އެ ދުވަހުގެ ރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެޅުއްވި އިރު، ލަފާކުރީ ގިނަވެގެން 3-4 އަހަރުގެ ތެރޭގައި ނިންމައި، ހުޅުވޭނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު ނިމި އަތުން ދޫކޮށްލެވޭ ވަރުވީ އަދި ކިރިޔާ އެވެ. ސުވާލަކީ އެހާ ދިގު މުއްދަތެއް ނެގީ ކީއްވެގެން ހެއްޔެވެ؟ ކުރު ޖަވާބަކީ ފައިސާ ލިބުމުގެ ދަތިތަކެވެ.

މަޝްރޫއުގެ ޒިންމާ ނެންގެވި ކުރީގެ އެކި ވެރިންގެ ބަހަށް ވުރެ މި ވަގުތު ބަލައިލުން އެންމެ ރަނގަޅުވާނީ އެމްއޭސީއެލްގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ ވާހަކައަށެވެ. މިދިއަ ހުކުރުދުވަހު ޓީވީއެމުން ގެނެސްދިން 'ހޭޔަންބޯ'ގައި އޭނާ ވަނީ ޓާމިނަލް ލަސްވި މައިގަނޑު ސަބަބަކީ ފައިސާ ކަމަށް ވިދާޅުވެފަ އެވެ.

"ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި. މިތަނަށް ބޭނުންވާ ޖުމްލަ ފައިސާ ނުލިބުމާއި ފަންޑިން އެޖެންސީތަކުން ޕޭކުރަން ހުރި ދަތިތައް. މިކަހަލަ ވަރަށް ބައިވަރު ދަތިތައް ހުރި،" ޝަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް، ޓީވީއެމްގެ 'ހޭޔަންބޯ' ޕްރޮގްރާމްގައި، އާ ޓާމިނަލްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްއޭސީއެލް)

ޓާމިނަލްގެ މަޝްރޫއުގައި މަސައްކަތްކުރި ބައެއް އެހެން ބޭފުޅުންގެ ފަރާތުން ވެސް އަޅުގަނޑު މައުލޫމާތު ހޯދީމެވެ. އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ އަރަބި ގައުމުތަކާ ގުޅުން އޮތް ހަތަރު އިދާރާއަކުން މާލީ އެހީތެރިކަން ދޭން ނިންމި މަޝްރޫއުއަށް ފައިސާ ހަމަޖެހެން ގިނަ ދުވަސްތަކެއް ނެގި ކަމަށެވެ. ލޯންތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރިޔަސް އޭގެ މާނައަކީ ފައިސާ ލިބުމެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މިހާތަނަށް އާ ޓާމިނަލްއަށް ނެގި ލޯނުތަކުގެ ޖުމްލަ އަދަދަކީ، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ގޮތުގައި 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އެވެ.

އާ ޓާމިނަލްއަށް ލޯނު ދިނީ:

  • ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް

  • ކުވޭތު ފަންޑް ފޯ އަރަބް އެކޮނޮމިކް ޑިވެލޮޕްމަންޓް

  • އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް

  • ދަ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް

ތިރީގައި އެވަނީ އެ ފަންޑްތަކުން ފައިސާ ދިން މިންވަރާއި އެއްބަސްވުން ހެދި އަހަރު

217 މިލިއަން ޑޮލަރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް

  • 100 މިލިއަން ޑޮލަރު (2016)

  • 100 މިލިއަން ޑޮލަރު (2024)

  • 17 މިލިއަން ޑޮލަރު (2025)

100 މިލިއަން ޑޮލަރު، ކުވޭތު ފަންޑް ފޯ އަރަބް އެކޮނޮމިކް ޑިވެލޮޕްމަންޓް

  • 50 މިލިއަން ޑޮލަރު (2016)

  • 50 މިލިއަން ޑޮލަރު (2021)

90 މިލިއަން ޑޮލަރު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް

  • 50 މިލިއަން ޑޮލަރު (2017)

  • 40 މިލިއަން ޑޮލަރު (2024)

50 މިލިއަން ޑޮލަރު، ދަ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (2016)

މަޝްރޫއުގައި އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އަރަބި ގައުމުތަކުގެ މާލީ އިދާރާތަކުން ފައިސާ ހަމަޖެހެން ވެސް ގިނަ ދުވަސްތަކެއް ނަގަ އެވެ. އަނެއްކާ އެކި ގައުމުތަކުގެ ފަންޑުތަކުގެ މެދުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތުމުގެ ހުރަސް ވެސް މި މަޝްރޫއުއަށް ދިމާވި ކަމަށް، މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި 250 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކުރި އެވެ. އޭރު ބެލީ ހަރަދު އުޅޭނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގައި ކަމަށެވެ. ފުރަތަމަ ސޮއިކުރި އެއްބަސްވުންތަކުގެ އިތުރުން ދެން ބޭނުންވާ ފައިސާގެ ކަންކަން، މަޝްރޫއު ކުރިއަށް ދާއިރު ހަމަޖެހޭނެކަމުގެ ޔަގީންކަން، އެ ފަންޑުތަކުން ދިން ކަމަށް، ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"ބައެއް ފަންޑުތަކުގެ ވެރިން ބުނަނީ އެއްފަހަރާ ފައިސާ ނުދޭނަމޭ. އެއީ އެހެން ކަންކަމަށް ބޭނުންކޮށްފާނެތީއޭ. އެހެންވީމާ މަޝްރޫއު ކުރިއަށް ދާ ވަރަކުން އިތުރު އެހީ ދޭނަމޭ،" އޭރުގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.

ޓާމިނަލްގެ މަސައްކަތަށް ސައުދީ ފަންޑުން އެންމެ ފަހުން ދިން 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި 14 އެޕްރީލް 2025ގައި ސޮއިކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ކ) އާއި ސައުދީ ފަންޑްގެ ސީއީއޯ ސުލްތާން އަބްދުއްރަހުމާން އަލްމުރްޝަދު (ފޮޓޯ/ރައީސް އޮފީސް)

އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ޔާމީންގެ ވެރިކަން 2018ގައި ނިމުނު އިރު ވެސް ފުރަތަމަ ދޭން އެއްބަސްވި ފައިސާ ބަރާބަރަށް ލިބޭ ގޮތެއް ނުވި އެވެ. އޭރު މާލީ އިދާރާތަކާ އެކު އެއްބަސްވުންތައް ހެދިތާ ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 17 ނޮވެމްބަރު 2018ގައި ފެށި އިރު ކުރިއަށް ދިޔައީ، ފައުންޑޭޝަންގެ ގޮތުގައި ޖަހާ 1400އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތެވެ.

މަޝްރޫއުއަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސައުދީ އަރަބިއްޔާއިން ކަމަށް ވާތީ މައި ކޮންޓްރެކްޓަރަކީ ސައުދީގެ ބޮޑު ކުންފުންޏެއް ކަމަށްވާ ބިންލާދިން ގްރޫޕެވެ. އެކަމަކު އެ ކުންފުނިން ޓާމިނަލްގެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ދޫކޮށްލީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއަށެވެ. މިއީ ސިނަމާލެ ބްރިޖް ވެސް ބިނާކުރި ކުންފުންޏެވެ.

އާ ޓާމިނަލްގެ އެތެރެ: މި މަހު 26ގައި ހިދުމަތަށް ހުޅުވާލާނެ

އެމްޑީޕީ ސަރުކާރުން ވެސް އެންމެ އިސްކަމެއް ދިނީ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ފަށާށެވެ. އެހެންވެ 2019ގެ ކުރީކޮޅު ސައުދީ ފަންޑްގެ ބޭފުޅުން ރާއްޖެ ވަޑައިގެން ސަރުކާރާ އެކު މަޝްވަރާތައް ބޭއްވި އެވެ. އެ އަހަރުގެ މާޗު މަހު 'މިހާރު'އަށް ސޯލިހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ބިންލާދިން ގްރޫޕަށް ފައިސާ ދިނުން ސައުދީ ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި ވެސް ކަމަށެވެ. 

"ނަމަވެސް ސައޫދީ ސަރުކާރާއި ބިންލާދިން ގުރޫޕާ ދެމެދު އެއްބަސްވުމަކަށް މިހާރު އާދެވިފައި ވާތީ ވެލާނާ އެއާޕޯޓުގެ މަސައްކަތްތައް ޓްރެކަށް އެޅިފައިވާ ކަމަށް" އޭރު އެމަނިކުފާނު ވިދާޅުވި އެވެ.

ޓާމިނަލްގެ ފުރަތަމަ ކުރެހުންތަކަށް އެމްޑީޕީގެ ވެރިކަމުގައި ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި ބޭރުން މިހާރު އެ ފެންނަ ޖާލިތައް ހިމެނޭ ފަސާޑް ނުވަތަ އަސްކަނި ހިމެނެ އެވެ.

މިދިއަ ހުކުރުދުވަހު ޝަރީފް ވިދާޅުވީ މާލީ އިދާރާތަކުން ކޮންޓްރެކްޓަރަށް ފައިސާ ލިބެން ދަތިތައް ހުރި ކަމަށެވެ. 

ޓާމިނަލް ހުޅުވާ ހިސާބަށް މިދިޔައީ ތަފާތު ތިން ސަރުކާރެއްގަ އެވެ. އެއިން ކޮންމެ ސަރުކާރަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ އެ ތަން ނިންމާށެވެ. މިހާރުގެ ޓާމިނަލްއަކީ ރާއްޖޭގެ ޓޫރިޒަމަށް އެކަށީގެންވާ ވަރަށް ވުރެ މާ ކުޑަ، ހިދުމަތްތަކަށް ވެސް ބުރޫއަރާ ތަނެކެވެ. އެހެންކަމުން އިތުރު އެއާލައިންތަކާ އެކު ޓޫރިސްޓުންގެ އަދަދު ގިނަކުރަން ވެސް އާ ޓާމިނަލް މުހިންމެވެ.

"ފައިސާގެ ކަންކަން ފަސޭހައިން ދިޔަ ނަމަ މިއަށް ވުރެ އަވަހަށް ނިންމުނީސް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ކޮމެންޓް (2)

މޯޖޯޖޯޖޯ

20 ޖުލައި 2025
ބޮޑު ހުރަހަކީ ފައިސާ އެކަންޏެއްނޫން. އެކި ހާލަތްތަކުގައި، އެކި މަރުހަލާތަކުގައި، އެކި ސަރުކާރު ތަކުގައި މިޕްރޮޖެކްޓާއި ގުޅިގެން ހިނގި ކޮރަޕްޝަން
3 2

ދިވެހިން ދިވެހިންގެ ގޮތުގައި

20 ޖުލައި 2025
ދިވެހިންގެ ކަންކަން ހުންނަގޮތުން ފަންޑު ލިބުންވެސް ދަތިވަނީ، އެމީހުން އެބުނީއެއްނު އެއްފަހަރާ ފައިސާ ނުދޭނަމޭ، ދީފިނަމަ އެހެން ކަންކަމަށް ބޭނުންކޮށްފާނޭ! އެއީ ހަމަ ހައްޤު ތެދު، އެއްފަހަރާ ފަންޑު ލިބުނު ނަމަ ފަންޑު ބަޖެޓު ސަޕޯޓަށް ބޭނުންކޮށް ދެން އެއަރޕޯޓު ހަދަން ލާރި ނެތި 9 އަހަރު ކީއްކުރަން، 20 އަހަރު ވިޔަސް ނުނިމޭނެ. އޭރުން އޮންނާނީ އަމިއްލަ ބަޖެޓުން ޚަރަދު ކުރަންޖެހިފާ. މިހާރުވެސް ކިތަށް ގޮތަކަށް ބޭރުގެ އެހީ ލިބޭ. އެއްވެސް ޕުރޮޖެކްޓެއް ކުރިޔަކަށް ނުދޭ. ކާމިޔާބު ކަމާ އެކު ނިންމާލެވިފައެއް ނެތް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް