ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ އެތެރެ: ފަރުމާކުރުންތެރިން ބަލާފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާ ޓާމިނަލްގެ ރީތި ފަރުމާކުރުމުގެ ފަހަތުގައި ފްރާންސްގެ ސެޓެކް

ސައުދީ ބިންލާދިން ގްރޫޕްއާ މަޝްރޫއު ހަވާލުކުރީ ފަރުމާކުރުން ވެސް ހިމަނައިގެން. ބިންލާދިން ގްރޫޕުން ޓާމިނަލްގެ އެ ޒިންމާ ނަގަން ހޮވީ ފްރާންސްގެ ސެޓެކް
22 ޖުލައި 2025
9

އާ ޓާމިނަލްގެ އެތެރޭގެ ފޮޓޯތަކާއި ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. ޓާމިނަލްގެ ބިންގަލުގެ ގޮތުގައި ޖެހި 1،400އަށް ވުރެ ގިނަ ބޮޑެތި ހޮޅިތަކާ ބެހޭ ގޮތުން އާންމުން ސުވާލެއް ނުކުރާނެ އެވެ. ސުވާލު އުފެދޭނީ ލޮލަށް ފެންނަ ރީތިކަމާއި ހުތުރު ސިފައެއް ހިމެނޭ ނަމަ، އެކަމަށެވެ.

އަންނަ ހޮނިހިރުދުވަހު ދިވެހިންނާ ބައްދަލުކުރާ 60 ވަނަ މިނިވަން ދުވަހު އާ ޓާމިނަލްގެ ދޮރު ރަސްމީކޮށް ހުޅުވާލެވޭވަރު މިވީ ނުވަ އަހަރަށް ފަހު އެވެ. ދެ ސަރުކާރެއްގެ ރިޔާސީ ދައުރު ނިމި، ތިން ވަނަ ސަރުކާރެއްގެ ދެވަނަ އަހަރު ވެސް މި އޮތް ފާއިތުވަނީ އެވެ.

މިނިވަން ދުވަހު ޓާމިނަލް ހުޅުވަން އެމްއޭސީއެލުން ގެންދަނީ އެކި ހަރަކާތްތަކަށް ފަރިތަކުރަމުން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދިމާވި މައްސަލަތަކާއި ލަސްވި ލަސްވުމުގައި އެތައް ސަބަބެއް އެބަ ހުއްޓެވެ. އެކަމަކު އެއިން އެއްވެސް ކަމަކާ ދެން ވިސްނުމުގެ ބޭނުމެއް ނެތެވެ. މިހާރު އެންމެންނަށް ވެސް މި ފެންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސިފަތަކުން މުއްސަނދިކޮށްފައި އޮތް އާ ޓާމިނަލްގެ ފޮޓޯ/ވީޑިއޯ އެވެ. އެހެންކަމުން ސުވާލަކީ މި ޓާމިނަލް ފަރުމާކުރީ ކޮން ބައެއް ހެއްޔެވެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 21 މޭ 2016ގައި ފެށި މަޝްރޫއުގެ މައި ކޮންޓްރެކްޓަރަކީ ސައުދީ ބިންލާދިން ގްރޫޕް އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ  ޑިޒައިންގެ ހުރިހާ ޒިންމާއެއް ވެސް ނަގާ ގޮތަށެވެ. ބިންލާދިން ގްރޫޕުން އެ މަސައްކަތް ދިނީ ފްރާންސްގެ ސެޓެކްއަށެވެ.

ސެޓެކްއަކީ އެއާޕޯޓް ފަދަ ތަންތަން ފަރުމާކުރުމާއި ޓެކްނިކަލް އެތައް މަސައްކަތެއްގައި ފާހަގަކޮށްލެވޭ އަދި ބޮޑެތި އެތައް މަޝްރޫއުއެއް ހިންގާ ކުންފުންޏެކެވެ.

އާ ޓާމިނަލް މަޝްރޫއު، 21 މޭ 2016ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާ އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ (ވ)ގައި (ފޮޓޯ/މިހާރު)

'ދައުރު'ން ވަނީ ކުރީ ދެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ވާހަކަ ދައްކައި، ޓާމިނަލްއާ ބެހޭ ގިނަ މައުލޫމާތުތަކެއް ހޯދައިފަ އެވެ. 

އާ ޓާމިނަލްގެ ފަރުމާކުރުމާ ބެހޭ ގޮތުން ޔާމީން ދައުރުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދިލް މޫސާ އޭރު ވެސް ވިދާޅުވެފައި ވަނީ ދިވެހިވަންތަކަން ވަރަށް ބޮޑަށް ފެންނާނެ ކަމަށެވެ.

ނަމަވެސް ޔާމީން ސަރުކާރު ނިމުނު އިރު ފަރުމާކުރުމުގެ ހުރިހާ ކަމެއް ނިމުމަކަށް ނާދެ އެވެ. މުޅި މަޝްރޫއު ވެސް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އެހެންކަމުން ދެން އެ މަސައްކަތް ކުރިއަށް ގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އެމްޑީޕީ ސަރުކާރުންނެވެ.

މިހާރު އެ ފެންނަ ގޮތަށް އެތެރޭގެ ޑިޒައިންތައް ބަދަލުކުރީ، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުގަ އެވެ.

"އަޅުގަނޑުމެންނަށް ކަމަކުނުދިޔަ އޭރު ހުރި ކުރެހުންތަކެއް. ރައީސް ސޯލިހު ވިދާޅުވީ މިއީ ގިނަ ދުވަހަށް ބޭނުންކުރާ ތަނަކަށް ވާނެ ނޫންހޭ، އެހެންވީމާ އެ ރީތިކަން ވެސް ފެންނަންވާނެއޭ،" އެމްޑީޕީ ސަރުކާރުގައި ޓާމިނަލްގެ މަސައްކަތް ދިޔަ ގޮތް ކައިރިން ދެކެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

"ދެން އަނެއްކާ މަޝްވަރާކޮށްގެން ގެނައި ބަދަލުތައް އެ ފެންނަނީ. ކުރީގައި އޮތް ކުރެހުމަށް ބޮޑެތި ބަދަލުތަކެއް ގެނައީ."

އާ ޓާމިނަލްގެ ޑިޒައިނަށް ގެންނަ ބަދަލުތަކާ ގުޅޭ އެއްބަސްވުމުގައި 27 ޖޫން 2019ގައި، ސައުދީ ބިންލާދިން ގްރޫޕްގެ ސީއޯއޯ ޕައުލޯ ބީޖީ (މ)، އެމްއޭސީއެލްގެ އެކްޓިން ސީއީއޯ މޫސާ ސޯލިހު ސޮއިކޮށް އެއްބަސްވުން ބަދަލުކުރައްވަނީ (ފޮޓޯ/މިހާރު)

އެތެރޭގެ ފަރުމާކުރުން ވެސް ހިމެނޭ ގޮތަށް ޓާމިނަލްގެ މުޅި ޑިޒައިންއަށް ބަދަލު ގެންނަން ބިންލާދިން ގްރޫޕްއާ އެކު އެމްއޭސިއެލްއިން 27 ޖޫން 2019ގައި ސޮއިކުރި އެވެ. އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭރު އެމްއޭސީއެލްގެ ވެރިއެއް ކަމަށްވާ މުހައްމަދު ސޮލާހު ވިދާޅުވީ "ޓާމިނަލް ނިމޭ އިރު އެތަން ފެންނާނީ ދިވެހިވަންތަ ގޮތަކަށް" ކަމަށެވެ. 

އެ ގެނައި ބަދަލުތަކުގެ ތެރޭގައި މިހާރު ޓާމިނަލްގެ ބޭރުން އެ ފެންނަ އަސްކަނި ވެސް ހިމެނެ އެވެ. ހުދު ކުލައިގެ އަސްކަނީގައި ބޭނުންކޮށްފައި އެވަނީ ހުކުރު މިސްކިތުގެ ހިރިގަލުގެ ކަނޑާނެގުންތަކުން ފެންނަ ރީތި ފަރުމާކުރުމެކެވެ.

ރާއްޖޭގެ ރީތިކަން ގުޅިފައި އޮތީ މޫދާ އެވެ. މޫދުގެ ރާޅުބާނީ އާއި މޫދުގެ އެކި ހިސާބުތަކުން ފެންނަ އެކި ކުލަތަކާ އެވެ. ހުދު ކުލައިގެ ދޮންވެލިގަނޑެވެ. އުޑުމަތީގެ ވިލާތަކާއި އަބަދުވެސް ފެންނަ އަލިކަމެވެ. ސާފު ޖައްވުން އިންސާނާގެ ސިކުނޑި ތާޒާކޮށްލަ އެވެ.

މަތިންދާބޯޓުން ފައިބައިގެން ޓާމިނަލްއަށް ވަނުމާ އެކު އެ މަންޒަރު ދައްކައިދިނުމަކީ، ފުރަތަމަ ފަރުމާކުރުމުގައި ވެސް ހިމެނޭ އެއް ހިޔާލެވެ. އެކަން އޮތީ ހަމައެހެންނެވެ. މަތިންދާބޯޓުން ނުކުމެގެން ގޮސް އިމިގްރޭޝަން ކައުންޓަރުތައް ހުންނަ ބުރިއަށް ފައިބަން ހިނގަން ޖެހޭނީ ޓާމިނަލްގެ ހުޅަނގު ފަރާތުން މޫދަށް ބަލަމުންނެވެ.

އާ ޓާމިނަލްގެ އަސްކަނީގެ ފަރުމާކުރުމުގައި ބޭނުންކުރީ އީދު މިސްކިތުގެ ހިރިގަލުގައި ހުރި ކުރެހުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ފްރާންސްގެ ސެޓެކްގެ ފަރުމާކުރުންތެރިންގެ ހިޔާލަށް ދިވެހި ސިފަތަކުގެ މައުލޫމާތު އަޅައިދިނީ ދިވެހި ބައެއް އާކިޓެކްޓުންނެވެ. އެހެންކަމުން ސެޓެކްގެ ފަހުގެ ކުރެހުންތަކުގައި ދިވެހި ބައެއް ފަންނުވެރިންގެ ހިޔާލު ހިމެނޭނެ އެވެ.

"އަސްލު މިހާރު އެ ފެންނަނީ އެ މަސައްކަތް. ރާއްޖޭގެ ރީތިކަން ޓާމިނަލުން ފެންނާނީ. އެއީ ކުރެހުމަށް ބަދަލުތައް ގެންނަން ވިސްނިކަމަކީ ވެސް،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ހިތްގައިމުވާނެ. ބޭނުންކުރާ މީހުންނަށް ވަރަށް ގިނަ ކަންކަން ފަސޭހަކޮށް ހުންނާނީ."

އާ ޓާމިނަލް ހުޅުވަން ތައްޔާރުވުމުގެ ގޮތުން ޗެކިންވާ ފުރަތަމަ ރަމްޒީ ޕެސިންޖަރަކަށް ވެވަޑައިގެން ހުންނެވި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް، ބޯޑިން ފާސް ހޯއްދަވަން ކައުންޓަރުގައި: ޓާމިނަލް ހުޅުވަން އެމްއޭސީއެލްގެ މުވައްޒަފުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން (ފޮޓޯ/އެމްއޭސީއެލް)

ޓާމިނަލްގެ ކޮންމެ ހިސާބަކުން ވެސް އެތެރޭގެ ކުރެހުންތަކުގެ މައިގަނޑު އޮންނަނީ ރާޅު ބާންޏަކާ ގުޅިފަ އެވެ. ތަޅުންގަނޑުގެ ކުލަތަކުން މޫދު ސިފަކޮށްދެ އެވެ. ދިއްލުންތަކުން ރާއްޖޭގެ އަލިކަމެވެ.

މިއީ އެތައް ބައެއްގެ ހިޔާލާއި އެތައް ބައެއްގެ މަސައްކަތެވެ. ދިގު މުއްދަތެއް ނެގި އެކަމަކު ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމްއާ އެއް ހަމަޔަކުން ގުނާލެވޭނެ ނިންމުމެކެވެ. ސިޔާސީ ހިޔާލު ތަފާތުވުމުގެ ތެރޭގައި ދިވެހިން އުޅުނަސް، ޓާމިނަލް އާއި ވީއައިއޭގެ މުޅި ތަރައްގީއަކީ ގައުމީ ފަހުރެއް ކަމަށް، ބަލަމާ ހިނގާށެވެ. 

ކޮމެންޓް (9)

ބޮބް

24 ޖުލައި 2025
މިޒަމާނުގަ މަގުފުޅާ ޓިނު ޖަހައިގެން ޓާމިނަލް ހިޔާ ކުރޭތަ. ތިޔަ ތަން މަތިން ބަލާއިރު ހީވަނީ ތިލަފުށީ ޓިނު ގުދަނެއްހެން.
1 1

އެކަމަކު

22 ޖުލައި 2025
ވެރިކަމަށް އަންނާނީ ޕީއެންސީކަން އެނގޭނަމަ ތިޑިޒައިން އިރުއަރާ ނުވަަތަ އޮއްސޭ މަންޒަރަށް ބަދަލުކޮށް ރީނދޫކުލައަށް ބަދަލުކުރީސް. ކުރިންވެސް އޮތްގޮތަށްތިއޮތީ.
5 3

ފެކްޓް

22 ޖުލައި 2025
@އެކަމަކު ، ތިބޭފުޅާ ޙަސަދައިން ފުރިގެންވާ ޙާލު، ނޭނގޭ ވާހަކަ ނުދެއްކުން އެދެން.
4 3

މަބުނީ

22 ޖުލައި 2025
ދެން އިބޫ ކީއްވެހޭ ތިހާހަޑި އެއިރޯ ބުރިޖުތަކެއް ބަހައްޓާގޮތަށްހެދީ.
4 0

ވެލާނާބޯއި

22 ޖުލައި 2025
ރަނގަޅު. ބޭރުގަ ޖާލިގަނޑެއްޖަހާފަ ތިޔަހެންބުނީމަ ގަބޫލުުރާނެމީހުންތިބޭނެ.
1 0

ފިތިފަ

22 ޖުލައި 2025
ހާދަ ހަޑިއޭ މަށަށް. ފުރާޅު ތިކަމުން ހީވަނީ ފިތިފަ ހެން. ދަރަނިން ފިތިފަ.
1 4

ޙަކީމް

22 ޖުލައި 2025
ރާއްޖޭގެ މެޕް ވެސް ދައްކާ ނުލެވުނުު ކަލޭމެންނަށް.
4 2

ނޫން

22 ޖުލައި 2025
@ޙަކީމް އޭތި ކެންސަލް
1 1

ކުންނު ހުސައިން

22 ޖުލައި 2025
އަޅެފަހެ ކަލޭމެން ކުދިން ހުކުރު މިސްކިތުގެ ފަރުމާއޭ ނުކިޔާ "އެއީ އިސްކަންދަރު ރަސްގެފާނުގެ" ސިއްކައިގެ ފަރުމާއެކޭ ލިޔެބަލަ.އަދި އެރަސްގެފާނުގެ ދުވަސްވަރާއި މިހާރާއި އެރަސްގެފާނުގެ ދުވަސްވަރު ދިވެހިންނަށްޓަކައި ކޮށްދެއްވި ތަރައްޤީގެ މަސައްކަތްތައް ހިމަނައިގެން ކިޔާހިތްވާ ކަހަލަ މޮޅު ސްޓޯރީއެއް ލިޔެދީބަލަ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް