ސުޕްރީމް ކޯޓު

ރާއްޖޭގައި އުއްތަމަ ފަނޑިޔާރެއް އެބަ ހުންނެވިތަ؟

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލިއަކަށް ސަސްޕެންޑްކޮށް، މަގާމުން ވަކިކުރުމުގެ މަސައްކަތް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހުން ކުރަމުން ދާއިރު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ހުންނެވީ ހަނު

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން މިދިއަ ނޮވެމްބަރު މަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ވަޑައިގެންފައި އަލީ ހުސެއިން އެންމެ ފުރަތަމަ ވެސް ވިސްނެވި އެއް ކަމަކީ، އެ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބެހޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ނުކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުގެ އަމުރެއް ހޯއްދެވުމެވެ.

އެހެން އެކަން ކުރަން ޖެހޭ ގޮތް ވަރަށް ސާފެވެ. ރާއްޖޭގައި ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮވެއްޖެ ނަމަ ދައުލަތުގެ އެހެން ބާރުތައް ހުއްޓުވާލުން ފަސޭހަ އެވެ. މިނިވަން މުއައްސަސާތައް 'ގޮނޑިކޮއްކޮތަކަކަށް' ހަދަ އެވެ. އެ މުއައްސަސާތައް ބޭނުންކޮށްގެން، ސަރުކާރުން ނިވަލުގައި އޮވެ، ބޭނުން ގޮތަކަށް ސުޕްރީމް ކޯޓަށް ވެސް، އަދި އެހެން ކޯޓުތަކަށް ވެސް ހަދާލަނީ ހަދާނެ ގޮތެކެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަ ކަމަށް ވާ މިނިވަން ރައްޔިތުންގެ މަޖިލިހެއް އޮތުމުގެ ބޭނުން ކެނޑޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީން އެންމެ ދުވަހަކުން ފާސްކުރި އިސްލާހު ބާތިލްކުރަން އަލީ ފިޔަވަޅު ނެންގެވި އިރު އޭނާގެ އަވަސް ނިޔަތަކީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމެވެ. ނަމަވެސް އެ އަމުރު ހޯއްދަވަން 13 ފެބްރުއަރީ 2025ގައި އޭނާ ހުށައެޅުއްވުމުން ފެނުނީ ސުޕްރީމް ކޯޓު ފަހަތަށް ޖެހިފައި އޮތް ތަނެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު (ކ) ފަނޑިޔާރު މަހާޒު (މ) އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ފޮޓޯ/ ރައީސް އޮފީސް)

ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރެއްގައި ކުރެއްވި ގާނޫނު ވަކީލު އަލީއަށް އޭރު އެނގިވަޑައިގެންފައި އޮތީ ސުޕްރީމް ކޯޓުގެ ބެންޗާ ކުޅެން ސަރުކާރުން އުޅޭ ކަމެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރެއް އެވަގުތަށް ވަރަށް މުހިންމެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު އެންމެ މަތީ ކޯޓުން ގޮތެއް ނިންމަންދެން، އޭނާ ހުށައެޅުއްވި އެ މައްސަލާގައި ފާހަގަކުރެއްވީ: 

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުން ކުރިއަށް ނުގެންދިއުން

  • ޖިނާއީ ތަހުގީގުތައް ހިންގުމާއި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަސައްކަތް ނުކުރުން 

  • އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ދޭހަވާ އެއްވެސް އަމަލެއް ނުހިންގުން

ރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު އެބަ ހުންނަވަ އެވެ. އެމަނިކުފާނުގެ ނަންފުޅަކީ އަހުމަދު މުއުތަސިމް އަދުނާން އެވެ.

ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ފުލް ބެންޗުން ނިންމުމާ އެކު އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރާއި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ތީރުތައް އަމާޒުކުރާނެ ކަމެއް ކަން، ރާއްޖޭގެ ވެރިންގެ އަމަލްތައް އެނގޭ އެންމެންނަށް ވެސް ރޭކާލާނެ އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗު ބަލާ މައްސަލައެއްގެ ރިޔާސަތުގައި އިންނަވާނީ އުއްތަމަ ފަނޑިޔާރެވެ. އެހެންކަމުން ވަގުތީ އަމުރުގެ މި މައްސަލަ ތާވަލްކުރުމުގެ ހުރިހާ ޒިންމާއެއް އޮތި އެމަނިކުފާނުގެ އިސްތަށިފުޅުގަ އެވެ. އެކަން ނުކުރެވި ލަސްވުމުގެ ސަބަބަކީ އެމަނިކުފާނެވެ.

ވަގުތީ އަމުރާ ބެހޭ ގޮތުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ ބެންޗުން އަޑުއެހުމެއް ބާއްވަން ނިންމީ، 12 ދުވަސް ފަހުން، 25 ފެބްރުއަރީގެ ހެނދުނު 11:00 އަށެވެ. ނަމަވެސް އޭގެ ކުރިން ޖޭއެސްސީގެ ބޮން ގޮއްވާލި އެވެ. ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ސުޕްރީމް ކޯޓާ ބެހޭ މައްސަލަތައް ނިންމާލެއް ވަރަށް އަވަސް (ފައިލް ފޮޓޯ/ މަޖިލިސް)

ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލިހުން ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރުމުގެ ބިލް ވެސް ފާސްކުރި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ޒިންމާ، ސުޕްރީމް ކޯޓުގެ ހިމާޔަތުގައި ނެންގެވިތޯ ސުވާލު އުފެދެނީ، ސިޔާސީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނު ލަސްކަމާ ހެދި އެވެ.

އަޅުގަނޑުގެ ޕޮޑްކާސްޓް "މޫސާ ލަތީފް"ގައި ވާހަކަ ދައްކަމުން އަލީއަށް އެ ސުވާލު ދެންނެވީމެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު އެބަ ހުންނެވިތޯ އޭނާއަށް ވެސް މިހާރު ސުވާލުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑު މި ވާހަކަދައްކަން ވަރަށް ދެރަވޭ. ބައެއް ފަހަރު އަޅުގަނޑަށް ވެސް އަހާލެވޭ މީހުން ކައިރީގައި ދިވެހިރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު އެބަ ހުންނެވި ހެއްޔޭ. އުއްތަމަ ފަނޑިޔާރަކު ހުންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެން މިކިޔާ ޕްރިންސިޕަލް އޮފް ނެޗުރަލް ޖަސްޓިސް، ސަސްޕެންޑްކުރެވުނު ފަނޑިޔާރުންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެެވެން ޖެހޭނެ،" އަލީ ވިދާޅުވި އެވެ.

"އެއީ މީހަކާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން އެމީހަކަށް ނޯޓިސް ދީ އެމީހަކާ މެދު ފިޔަވަޅު އަޅަންވީތޯ، ނާޅަންވީ ކީއްވެތޯ ބަލައި އެމީހާގެ ނަފުސުގެ ދިފާއުގައި ވާހަކަ ދެއްކުން."

ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާކަމަށް ޖޭއެސްސީއަށް ކުއްލިއަކަށް އެންގި އެންގުމަކަށް، ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ތުހުމަތުތަކާ މެދު އެންމެ ލަފުޒެއް ވިދާޅުވުމުގެ ފުރުސަތު ވެސް، ސަސްޕެންޝަންގެ އެންގުން ނެރުމުގެ ކުރިއަކުން، ޖޭއެސްސީން، ނުދިނެވެ. އެހެންކަމުން އަލީ އެ ވިދާޅުވާ އިންސާފު ގާއިމްކުރުމުގެ އެންމެ އަސާސީ އުސޫލާ ވެސް ހިލާފުވާ ގޮތަށް ތިން ފަނޑިޔާރުންގެ ހައްގު އޮތީ ޖޭއެސްސީން ގެއްލުވާލައިފަ އެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރު މުއުތަސިމް ހުންނެވީ ހިމޭނުންނެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި ކުރީގެ މެމްބަރު އަލީ ހުސެއިންގެ ފަރާތުން މަހުފޫޒް ސައީދު ކޯޓުގައި ވާހަކަދައްކަވާއިރު އަލީ ކައިރީގައި

އަލީއާ ސުވާލުކުރުމުގެ ކުރިން އަޅުގަނޑު މިސާލަކަށް ދެއްކީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. އޭނާއަކީ މި ވަގުތު އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ވިސްނުން އެއްގޮތް ކޮންސަވޭޓިވް ހަތް ފަނޑިޔާރުންގެ ތެރެއިން ބޭފުޅެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް ފިކުރުތަކާ އެއް ވިސްނުމުގެ ފަނޑިޔާރެކެވެ. ނަމަވެސް އެމެރިކާގެ ޝައުރީ ނިޒާމާ ބެހޭ ގޮތުން ޓްރަމްޕް ގޯސް އެއްޗެއް ވިދާޅުވިޔަސް، އުއްތަމަ ފަނޑިޔާރު ރޮބަޓްސް މަޑަކުން ނުހުންނަވަ އެވެ. ދިފާއުގައި އެއްޗެހި ވިދާޅުވެ އެވެ.

އަލީ ނެންގެވީ އެހެން މިސާލެކެވެ. އެއީ ހަތް މީހަކު ކޮފީއެއްގައި ތިބީ އެވެ. އެތަނަށް އެވަގުތު ގޭންގަކުން ނުވަތަ އެހެން ވެސް ބަޔަކު ވަދެ އޭގެ ތެރެއިން ތިން މީހަކު ދަމާފައި ނެރެނީ އެވެ. ދެން ތިބި ބައިވެރިން އެކަމާ މެދު އެއްވެސް އެއްޗެއް ހަމަ ނުބުނާނީ ހެއްޔެވެ؟ ހަމަ އެއްވެސް ކަމެއް ނުކުރާނީ ހެއްޔެވެ؟

ކުޑަވެގެން "އަހާލާނެ ކީއްވެގެންހޭ ގެންދަނީ. ތިހެން ގެންދެވޭނެހޭ ކަލޭމެންނަށް؟ ކޮބައިހޭ އެމީހުންގެ ކުށަކީ. [އެމީހުން] ހިމާޔަތްކުރަން ނޫނަސް، އެއީ ނެޗުރަލް ސެންސް،" އަލީ ވިދާޅުވި އެވެ. 

"މޫސާ ލަތީފް" ޕޮޑްކާސްޓްގައި އަލީ ހުސެއިން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު ބޭނުންހާ ގޮތަކަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހުން ސުޕްރީމް ކޯޓާ ކުޅެމުން ދާ އިރު އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އެ "ނެޗުރަލް ސެންސް" ނުފެނެ އެވެ. އެހެންކަމުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވަން ކެރިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރަކު އެބަ ހުންނެވިތޯ، ސުވާލުކުރެވިދާނެ އެވެ.

"އަޅުގަނޑުގެ ރިޒަވޭޝަންސް އެބަ ހުއްޓޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި [މިއީ] މިހާތަނަށް އައި އެންމެ ރަނގަޅު ސުޕްރީމް ކޯޓޭ. މިނިވަންކަމާ އެކު މަސައްކަތްކުރާ ސުޕްރީމް ކޯޓޭ،" އަލީ ވިދާޅުވި އެވެ.

"އެހެންވެ ހަގީގަތުގައި މިއީ އުއްމަތަ ފަނޑިޔާރު މަޑުން ހުންނަވަން ޖެހޭ ދަނޑިވަޅެއް ނޫން. އުއްތަމަ ފަނޑިޔާރު ބަސް ވިދާޅުވާން ޖެހޭނެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަމިއްލަ ނަފުސުގެ ދިފާއުގައި މަސައްކަތްކުރުމާއި އެ ބޭފުޅުންގެ ވަކީލުން މެދުވެރިކޮށް ވާހަކަ ދެއްކުމާއި މި ހުރިހާ ކަމެއް ހަގީގަތުގައި ގޯހުން ގޯހަށް ދާ ވާހަކަ އެ ބޭފުޅުން ފާޅުގައި ވިދާޅުވާއިރު، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސީދާ ސަރުކާރުން ނުފޫޒު ފޯރުވައި، ސަރުކާރުގެ ފަރާތުން މީހުން ފޯނުން ގުޅާ ބިރުދައްކައި ހެދިއޭ ވިދާޅުވާ ކަމަށް ވަންޏާ އުއްތަމަ ފަނޑިޔާރު ހަމަ އަނގައިން ބަހެއް ވެސް ވިދާޅެއްނުވޭ."

"ހަމަ އެއްވެސް ކަަމެއް ނުހިނގާ ކަމަށް ހައްދަވައިގެން ކަހާތަން ހިރުވާނުލައި އެހެން ހުންނެވީމާ އަޅުގަނޑަކަށް ކަމަކުނުދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މިނިވަންކަމާ އެކު ފާޅުކުރެވެން ޖެހޭނެ ހިޔާލެއް. އެހެންވެ އަޅުގަނޑު މި ހިޔާލު ފާޅުކުރީ."

މިހާރު މި އެނގެނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔަކުރައްވަން ޖޭއެސްސީއަށް ހުށައެޅުއްވި ކަމެވެ. އެއް ބަޔަކު ބުނާ ގޮތުގައި އާދައިގެ ރަށެއްގެ ހިމޭން މާހައުލުގައި ވަގުތު ހޭދަކުރެއްވުމަކީ އެމަނިކުފާނުގެ ހާއްސަ ލޯތްބެކެވެ. އެއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނެވެ. އެކަމަކު ކޮންމެ ދިވެއްސަކަށް ވެސް އަހާލެވޭނެ ސުވާލެއް އެބަ އޮތެވެ: މުޅި އުމުރަށް ދެމިގެންދާނެ ރިޓަޔަމެންޓް ޕެކޭޖެއް ހޯއްދަވައިގެން ރާއްޖޭގެ އެންމެ ބާރުގަދަ އެއް މަގާމުން ދުރުވެވަޑައިގަންނަވާއިރު އެ މަގާމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުއްލެވުނުތޯ އެވެ.

އެ ސުވާލާ މެދު އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް ވެސް ވިސްނާލެއްވުން ހުއްޓެވެ. އަވަހާރަފުޅު ނުލެއްޕެވިގެން އުޅުއްވަން ޖެހޭނީ ވަކި ކަހަލަ ހުކުމަކާ މެދު ފިކުރު ބޮޑުވެގެން އެކަނި ނޫންތާ އެވެ. މުޅި ޖުޑިޝަަރީގެ މިނިވަންކަން، އެންމެ މީހެއްގެ މައްޗަށް އަންނަ ހުކުމަކަށް ވުރެ، މާ ބޮޑެވެ.

ކޮމެންޓް (17)

އަލިރާދހޱހޱހ

11 މޭ 2025
ހެއްވާ ކަމަކީ އަލީ ހުސައިން މެންނަށްވެސް މަޖިލީހުގެ މެޖޯރިޓީ ލިބި މެންބަރުންގެގޮތުގަ ތިބެ ކަމެއް ކުރެވޭ ހާލަތުގަ ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރަން ވަކާލާތެއް ނުކުރެވޭ. މަޖުލީހާ ރައީސްގެ ތަންފީޒީބާރުގެ މެޖޯރިޓީ ޖޭއެސްސީގަ އޮތްހާދުވަހު އުއްތަމަ ފަނޑިޔާރު އެއްޗެއް ބުނުމާ ނުބުނުންވެސް ހަމަހަމަކަން އަލީމެނަށް އެނގެންޖެހޭނެ! ބަސްނުވިކޭ ތަނެއްގަ ބޭކާރު އަނގަތަޅަނީ ކީއްކުރަންދޯ. މޫސަ މެން ފުރަތަމަ އަސްލު މައްސަލައަށް ލިޔެބަލަ. ރާއްޖެކަހަލަ ތަންފީޒީ ނިޒާމް ބޮއްސުންލައި ކޮރަޕްޓްވެފަ އޮތް ގައުމަކާ އަޅާ ތިކިޔަނީ އެމެރިކާ!!! ގަލަން އޮތިއްޔާ ލިޔެވިދާނެ. އެކަމަކު އަސްލު މައްސަލަ ހައްލުކުރަން ފުރަތަމަ މޫސަ ކަހަލަ ދުވަސްވީ ލިޔުންތެރިންވެސް އެބަޖެހޭ ޕްރެސަރ ކޮށްދޭން ގައުމަށް ނޫނީ ޖުޑިޝަރީއަށް ހެވެއް އެދެންޏާ. އުއްތަމަ ފަނޑިޔާރުގެ މަގާމަކީ މިހާރު މި ރާއްޖޭގަ ހަމަ ރަމްޒީ މަގާމެއް ޖޭއެސްސީގެ ގާނޫނަށް އެއައިބަދަލުގެ ސަބަބުން. ބާރުގަދައޭ ލިޔުނަކަސް ބާރުގަދަކަމަކަށްނުވާނެ.
3 0

ޅޮހީ ސައީދު

11 މޭ 2025
ކުރީގެ ފަނޑިޔާރުންގެ ވާހަކަ ޕީއެންސީ އިން އަބަދު ދައްކާ. ކުރީގެ ކޮން ފަނޑިޔާރުން ތަކެއް ދައުލަތުން ފްރޭމް ކުރީ؟ ހަމަ ގައިމުވެސް އޭރަކު އެެއްވެސް މީހަކު ތުހުމަތު ނުކުރޭ ފްރޭމްކުރި ކަމަށް.
4 3

ކުރިބޯށި

11 މޭ 2025
މޫސ ލަތީފުއަށް ވެދުން ސަލާމް މިހާރު މިހިނގާ ކަންކަމަކީ ނުހަނު ކަންބޮޑުވާ ކަންކަމެވ. އަދުލު އިންސާފުގެ އެންމެމަތީ ކޯޓާ ކުޅޭލަނީ ބޭނުން ގޮތަކަށެވެ. މިއީ މިއަދު އަލަށް ހިނގި ކަމެއް ނޫނެވެ. 2013ގެ ފަހުން 03 އުތަމަ ފަނޑިޔާރު ހިމެނޭހެން ސްޕރީމް ކޯޓުގެ އެތަށް ފަނޑިޔާރުން ބޭރުކޮށްފިއެވެ. ކުށަކީ އެވަގުތު އޮންނަ ސަރުކާރު ބޭނުންވާ ގޮތަށް ކޯޓުތަކުގެ ތެރެއިން ކަންކަން ނިންމުމެވެ. މިއީ ހަމައެކަނީ ކަން އޮތްގޮތެއް ނޫނެއެވެ. މިވަރަކު ނުވެސް ފުދެއެވެ. އަބަދުވެސް ކަން ހިނގާނީ ބަސްކިޔަން ތިބޭ މީހުން ބޭނުންވާ ގޮތަށެވެ. މީގެ އެއްމިސާލަކީ އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓަށް އަޔަން ކުރި ޤާޟީނަކީ އަލީ ހުސެއިންގެ ފަރާތުން ވަކާލަތުކުރައްވާ ވަކީލު މަހުފޫޒް ސައީދުގެ ލޯ ފާމްއިން ޔެސް ޖަހާފަ އަންނަމީހުންނެވެ. އެކަން ހިނގާ ދަނީ އެންމެގެ ކުރިމަތީގައެވެ. ސިވިލް ކޯޓަށް އަޔަން ކުރަނީ އޭޖީ ރިއްފަތު ބުނާ މީހުންނެވެ. ކުރިމަތިލާ އިލްމީ ތަޖުރިބާ ހުރި މީހުން ބޭރުކޮށްފަ އަޔަން ކުރަނީ ވަކިފިކުރެއްގެ މީހުންނެވެ. ހަމައެކަނި އެއްކޮޅުގެ ވާހަކަ ނުދައްކާ ދެކޮޅުވެސް ބަލާފަ ލިޔާށެވެ. އޭރުވެސް ކަން ހިނގަނީ މިހެންނެވެ. ދެންވެސް
2 2

ދިއްދޫމީހާ

11 މޭ 2025
އަލީ ހުސޭނުމެން އުޅުނީ 1ފެބްރުއަރީގައި އަލީ ހަމީދުމެން ލައްވާ ނެރުނު އަމުރު މިހާރުގެ ބެންޗް ބޭނުންކޮއްގެން ނެރެން ބަލަ ސްޕްރިމް ކޯޓަކަށް ޖޭއެސްސީގެ އަދި މަޖިލިސްގެ ބާރެއް ދުއްވާ ނުލެވޭނެ މިދިޔަ ސަރުކާރުން ކިތައް ފަނޑިޔާރުން ދުއްވާލިތޯ؟އެއިރު ތިޔަ އަލީ ކޮބައިތޯ؟މިހާރު ތިޔަ އުޅެނީ ގެއްލުނު އެތި ބޮޑުކަމުން އަލީ ހުސޭނަކީ އިތުބާރު ހިފޭ މީހެއް ނޫން އެމްއެމްޕީއާރްސީގެ ލިސްޓުގައި ނަން އޮތް މީހެއްތީ..
4 2

ތެފައާސާ.

11 މޭ 2025
އެހެންވީމާ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު މަނިކުފާނު އާދައިގެ ރަށެއްގެ ހިމޭން މާހައުލުގައި ވަގުތު ހޭދަކުރެއްވުމަށް ހާއްސަ ލޯތްބެއް ކުރަށްވާތީ އެމަގު ކޮށްޓަވަންވެގެން، އަދާކުރައްވަންޖެހޭ ޒިންމާއިން ފަހަތަށް ޖެހިވަޑައިގަތުމުގެ ނަތީޖާއަކަށް މިވީ އަހަރެމެން އާންމު ރައްޔިތުންގެ ދިރިއުޅުމާއި ހައްގުތަކާއި މުޅިގައުުމުގެ ޑިމޮކްރަސީގެ ހިމޭން މާހައުލު ގުރުބާންކުރެއްވުންތާއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
5 2

އަފުން

11 މޭ 2025
މުއިއްޒުގެ ވެރިކަމުގައި ފަނޑިޔާރުން ވަކިކުރުން އަނިޔާވެރި، އިންސާފުން ބޭރު އަމަލަކަށްވެފައި އިބްރާހީމް މުޙައްމަދު ޞާލިގުގެ ވެރިކަމުގައި ފަނޑިޔާރުން ވަކިކުރުން، ސަސްޕެނޑް ކުރުން އަދުލުވެރިވީ ކޮން ހަމަޔަކުންތޯ. މި ގައުމުގައި ނޫސްވެރިންވެސް، ރައްޔިތުންވެސް ސިޔާސީ ފިކުރުގައި ވާހަކަދައްކާއުޅެނީ ދެ އަނގައިން.
5 2

އަފުންގެ ކަލޯ

11 މޭ 2025
@އަފުން އެބޭފުޅުންނަށް ދިފާޢުގައި ބަސް ވިދާޅުވާން ފުރުޞަތު ލިބިވަޑައިގަތް. ލައިވްކޮށް އަޑުއެހުންތައް ބަލައިލުމުގެ ފުރުޞަތު އޮތް ޢާއްމުކޮށް.
4 1

އައްޕަތުރޭ

11 މޭ 2025
@އަފުންގެ ކަލޯ ހައިކޯޓުގެ ފަނޑިޔާރުންތައް ވަކިކުރި މައްސަލަތައް އަދި އެއްފަހަރު ބަލާލަން ފެނޭ. އެފަނޑިޔާރުންނަށް ޖަވާބުދާރީވާންވެސް ފުރުސަތު ނުދީ ވަކިކޮށް އެއްލާލީ.
2 1

އަފުން

11 މޭ 2025
@އަފުންގެ ކަލޯ ފުރުޞަތު ދިނަސް ނުދިނަސް އެއިރެއްގައި ބާރު އޮންނަ ބަޔަކު ބޭނުންގޮތެއް ހަދަނީ. މޫނުމަތި ރީތިކޮށްލަން ފުރުޞަތު ދިނަސް އެ ދައްކާ ވާހަކަޔަކަށް ރިޔާޔަތްކޮށް ކޮން ނިއްމުމެއް ނިއްމީ؟
0 1

ތާމެން

11 މޭ 2025
@އަފުން ކަންކަން ތިހާ އޯވާރ ސިމްޕްލިފައި ކޮށްގެންވެސް އޮޅުވާލެވޭނީ ވަކިބަޔަކަށް. އިބޫގެ ވެރިކަމުގައިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި، އެއީ ރަނގަޅު ވާހަކައެއް. އެކަމަކު އިބޫ ފަނޑިޔާރުން ވަކިކުރީއަކީ އިބޫގެ މަސްލަހަތުއޮތް ދުސްތޫރީ މައްސަލައެއް ބަލަން ބެންޗަށް އަރައި ތިއްބައެއްނޫން. ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަ އުފައްދައިގެނެއްވެސް ނޫން. ޖަވާބުދާރީވާން ފުރުސަތު ނުދީއެއްވެސް ނޫން. އަނެއްކާ އޭރުގެ ބެންޗުގައި ތިބީ އިންޓެގްރިޓީނެތް ކޮމްޕްރޮމައިޒްވެފައިތިބި ފަނޑިޔާރުންކަން ގިނަބަޔަކު އަދި ބައިނަލް އަގްވާމީ ގިނަ ޖަމާއަތްތަކުންވެސް ގަބޫލްކުރޭ. އެހެންވެގެން ބައިނަލްއަގްވާމީ ތަނަކުންވެސް އެއާއި އިދިކޮޅަށް އޭރު ބަހެއް ނުބުނީ. މިހާރު އެހެންތަ؟ އަނެއްކާ ތިޔަ ބުނާހެން އިބޫ ފަނޑިޔާރުން ވަކިކުރިނަމަ، ޔާމީނުގެ މައްސަލާގައި އިބޫމެން ބޭނުންވިގޮތްނޫން ގޮތަށް ހުކުމް ކުރި ފަނޑިޔާރު މަހާޒު (މިހާރު މިހަދާހެން) ނަގާ ހޫރާލާނެ. އެހެން ހެދިތަ؟
5 0

އަފުންގެ ބައްޕަ

11 މޭ 2025
@އަފުން ހައިކޯޓު މީހުންނަށް މައްސަލައެއް ފްރޭމް ނުކުރޭ. އެމީހުން ވަޒީފާއިން ވަކިކުރީ ކާނަލް ނާޒިން ޖަލަށްލީ ދުވަހު ނޫން އަނެއް ދުވަހު އެމީހުންނަށް ރިޝްވަތު ފުލެޓު ދޭން ދިޔާމަ. ހިނގާ ސްޕޮޮޓް ދަ ޑިފެރެންސް ގޭމްއެއް ކުޅެން ސިކުންޑި ތޫނުފިލިވޭތޯ.
4 0

ވިލް

11 މޭ 2025
@ތާމެން ފަނޑިޔާރުން ޖަވާބުދާރީ ވާނީ ޖޭއެސްސީ އަށް. އެފުރުސަތު ދިން. ދެން ކޮންކަމެއް އޮޅުވާލަން ތިއުޅެނީ؟
0 2

ތާމެން

11 މޭ 2025
@ވިލް ދިފާއުގައި ހުށައެޅި އެއްވެސް ހެއްކެއް ބަލައިނުގަތް، ހެކިބަސްދޭންތިބި އެއްވެސް ފަރާތެއް ހާޒިރެއްނުކުރޭ. ކާކަށް ކޮންއެއްޗެއް އޮޅުވާލާނަމޭ ހިތާ ތިއުޅެނީ؟؟
2 0

އަދުލު

11 މޭ 2025
ރައީސް މުއިއްޒު އަކީ އަދުލުވެރި ވެރިއަކަށް ވާނެކަމަށް އުންމީދު ކުރިން. މިގައުމުގެ ނޫސް ތަކުގެ ހެޑްލައިންތަކުން ފަނޑިޔާރުން އިންސާފު ލިބޭތޯ ކުރާ މަސައްކަތް އެބަ ހާމަވޭ. އެކަމަކު ދީންވެރި ވެރިޔާއަށް ފެންނަ ކަމަކަށް ނުވޭ. ސަބަބަކަށް ފެންނަނީ ވެރިޔާ ރުހޭ ބަޔަކަށް ނުވުން. އެކަމަކު ކީރިތި ޤުރުއާނާއި އެއްގޮތަށޭ މިސަރުކާރުހިންގާނީ ބުނާއަޑު ވެސް އިވޭ. ކީރިތި ޤުރުއާނުގައި އަދުލުވެރި ވާން އޮތް ބަސްފުޅު ހަނދާން ނެތުނީތޯ؟
5 2

ވިލް

11 މޭ 2025
@އަދުލު އަދުލުވެރިކަމޭ ތިކިޔަނީ ކޮންކަމަކަށް؟ ފަނޑިޔާރުން އިދިކޮޅޭމެންނާ ގުޅިގެން ޖުޑިޝަރީ ތެރޭން ބަގާވާތް ހިންގާ ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅުމަކީ ޢަދުލުވެރިކަންތަ؟
0 3

ވިލް

11 މޭ 2025
@އަދުލު އަދުލުވެރިކަމަކީ ކޮބާ؟ އެޔެއް ބުނެބަލަ؟
1 1

ވައލަ

11 މޭ 2025
@އަދުލު ފަނޑިޔާރުން އިދިކޮޅޭމެންނާ ގުޅިގެން ބަގާވާތް ހިންގުމަކީ ޢަދުލުވެރިކަންތަ؟
0 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް