ޖުޑިޝަރީގެ ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަނީ - (ފޮޓޯ/ ޖޭއެސްސީ)
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ސެކްރެޓޭރިއަޓަށް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މީގެ ކުރިން ވެސް ދެއްވާފައިވަނިކޮށް، ރިޓަޔަމަންޓްގެ ސަބްމިޝަން ހުށަހެޅުއްވީ މިއަދެވެ.
ތަފްސީލް - "އަޅުގަނޑުގެ އަޑު ވެސް މިހާރު މި ހުރީ ވަރަށް މަޑުކޮށް. އެކަމަށް މާފަށް ވެސް އެދެން. އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާލާނީ އަޅުގަނޑަކީ މިހާރު ވަރަށް ދުވަސްވީ މީހެކޭ. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" މީގެ ކުރިން ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި މުއުތަސިމް ވިދާޅުވެފައިވެ އެވެ.
މުއުތަސިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. އެފަހަރު ފަރުވާ ދިނީ އެ މަނިކުފާނުގެ މައިބަދައަށް އެރި ތަދަކާ ގުޅިގެނެވެ.
ފާހަގަކޮށްލެވޭ - މުއުތަސިމް ފަނޑިޔާރުކަން ރިޓަޔާކުރައްވަން ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓަށް ހުށަހެޅި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ކޯޓުގައި ވަނީ ހުއްޓިފަ އެވެ.
އެއީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުންނެވެ. އެ ގޮތުން:
-
ތިން ފަނޑިޔާރަކު 26 ފެބްރުއަރީގައި ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމަށް ފެށުމަށް ފަނޑިޔާރުން ކޯޓު ރޫމުގައި ތިއްބަވަނިކޮށް
-
އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މާޗު 4ގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައި
-
ސުލޫކީ މައްސަލައެއްގައި ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި؛ އެ ކަން މިހާރު އޮތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަރުހަލާގައި
-
ދުސްތޫރީ މައްސަލައެއް ބެލެނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށް، މިހާރު ސަސްޕެންޝަންގައި ނެތީ ވެސް ފަސް ފަނޑިޔާރުން
-
މައްސަލައެއް ފެށުމަށް ފަހު ބެންޗު ބަދަލުކުރެވެނީ ވެސް އެއިން ފަނޑިޔާރަކު އަމިއްލައަށް ބެންޗުން ވަކިވުމުން ނުވަތަ ފަނޑިޔާރުކަން ގެއްލުމުން
މުއުތަސިމްގެ ތައާރަފެއް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މުއުތަސިމް އަދާކުރައްވާ މިއީ ދެވަނަ ފަހަރެވެ. އެގޮތުން:
-
ފެހި ގާނޫނުއަސާސީއާ އެކު، އެންމެ ފުރަތަމަ އެކުލަވާލި 'ދާއިމ'ީ ސުޕްރީމް ކޯޓުގެ ބެންޗުގައި މުއުތަސިމް ހިމެނިވަޑައިގަންނަވާ
-
މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހިދުމަތް އޭރު ކުރެއްވީ، 10 އޮގަސްޓު 2010 އިން 2014ގެ ނިޔަލަށް
-
މުއުތަސިމަށް ފަނޑިޔާރުކަމުގެ މަގާމު އޭރު ގެއްލުނީ ބެންޗުން ދެ ފަނޑިޔާރަކު މަދުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކުން
-
އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ދެވަނަ ފަހަރަށް މުއުތަސިމް ސުޕްރީމް ކޯޓަށް އައްޔަންކުރީ 8 ޑިސެމްބަރު 2019ގައި
މުއުތަސިމް އަދާކުރެއްވި އިތުރު މަގާމުތަކަކީ:
-
1994 އިން 2001ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަންގެ ޑިރެކްޓަރެއްގެ މަގާމު
-
2001 އިން 2005ގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމު
-
2005 އިން 2010ގެ ނިޔަލަށް ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނާއެއްގެ ގޮތުގައި
މުއުތަސިމް ހާސިލްކުރެއްވި ތައުލީމު:
-
ބަޗެލާ އޮފް ލޯ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިން 1992ގައި
-
މާސްޓާސް ހާސިލްކުރެއްވީ ފިލޮސޮފީގެ ދާއިރާއިން؛ ސްކޮޓްލޭންޑްގެ ޔުނާވިސިޓީ އޮފް ގްލެސްގޯއިން 1994ގައި